ހިޔާ ފްލެޓެއްގެ އެއްބަސްވުުމެއްގައި މީހަކު ސޮއި ކުރަނީ: ދެން ސޮއި ކުރުން އަލުން ފަށާނީ އަންނަ އާދީއްތަ ދުވަހު -- ފޮޓޯ: ނިޝާން އަލީ/މިހާރު
21 ޖުލައި 2021 - 11:21
އީދު ބަންދަށް ފަހު ހިޔާ ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހު ކަމަށް އެޗްޑީސީން ބުނެފި އެވެ.
ހިޔާ ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރަން ފެށީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް، އީދު ބަންދާ ދިމާކޮށް ސޮއިކުރުމުގެ ކަންކަން ވަނީ މެދުކަނޑާލައިފަ އެވެ.
އެޗްޑީސީން މީގެ ކުރިން އިއުލާނުކޮށްފައިވާ ގޮތުން، ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން އަލުން ފަށާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. ނަމަވެސް، އެއީ އީދު ބަންދުގެ ފަހު ދުވަސް ކަމުން ސޮއި ކުރުން މި މަހުގެ 25 ވަނަ ދުވަހަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
އެޗްޑީސީން ބުނީ، އަލުން ސޮއިކުރަން ފަށާ ތާރީހު ބަދަލުވި ނަމަވެސް، ސޮއިކުރުން ކުރިއަށް ގެންދާނީ ކުރިން ވެސް އިއުލާނު ކުރި ގޮތަށް ޓަވަރު ތަރުތީބުން ކަމަށެވެ.
ސާވިސް ފީއާ އެކު މަހު ކުލީގެ ގޮތުގައި 8،500ރ. ދައްކަން ޖެހޭ ހިޔާ ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ދާއިރު ސޮއިކުރާ މީހާގެ އިތުރުން ހެކިވެރިއަކު ގެންދަން ޖެހޭނެ އެވެ. ހެކިވެރިއެއްގެ ގޮތުގައި ދާ މީހާގެ އައިޑީކާޑުގެ ދެ ފަރާތް ފެންނަ ސާފު ކޮޕީއެއް ވެސް ގެންދަން ޖެހެ އެވެ.
ފްލެޓްގެ ވެރިފަރާތުގެ ބަދަލުގައި "ޕަވާ އޮފް އެޓާނީ" އެހެން މީހަކަށް ދީފައިވާ ނަމަ، އޭނާގެ އިތުރުން ހެކިވެރިއަކު ގެންދަން ޖެހެ އެވެ.
ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޑީސީން މީގެ ކުރިން އެދިފައި ވަނީ ސޮއިކުރަން ދާއިރު ގަލަމާއި އިނގިލީގެ ނިޝާން ޖަހަން ބޭނުންކުރާ "އިންކް ޕެޑް" ކޮންމެ މީހަކު ވެސް އަމިއްލައަށް ގެންދިއުމަށެވެ.
ފިނިޝިން މަސައްކަތް ނުނިންމާ ހަވާލުކުރާ މި ފްލެޓްތަކުގެ ފިނިޝިން ނިންމަން ތިން މަސް ދުވަހުުގެ މުއްދަތެއް ފްލެޓް ލިބުނު މީހުންނަށް ދޭން ވަނީ ނިންމައިފަ އެވެ. އެ ތިން މަސް ދުވަހުގެ މުއްދަތު ތެރޭގައި ފްލެޓަށް ދައްކަން ޖެހޭ ކުއްޔެއް އަދި ފީއެއް ނުނަގާ ގޮތަށް ވަނީ ނިންމައިފަ އެވެ.
ނަމަވެސް، އެ މުއްދަތު މާ ކުރު ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރެ އެވެ. މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ މުއްދަތު ނުވަ މަހަށް އިތުރު ކޮށްދޭން އެދިފަ އެވެ. ނަމަވެސް، މިހާތަނަށް އެ ނިންމުމަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
21 July 2021
ބަލަކުރިން ނޭނގޭބާ އީދު އަންނަކަމެއް ދުވަސްތައް ކަނޑައަޅާގެސެޓު ކުރާއިރު ނޭނގޭބާ ތަފާތު ކަންކަމުގަ އެކިރައްރަށައް ބޭރައް ދިވެހިން ދާންެޖެހޭކަމެއް އެއްބަޔަކު ރިސޯޓު ތަކުގަ އަނެއްބަޔަކު ކަނޑުބޯޓުފަހަރުގަޗުއްޓީ ދުރާލާ ރާވަނީ ސޮއެކުރަން ތިވީގޮތުން އަނެއްކާ ބޮޑުކުލިދީފަ ތަންތަން ހިފައިގެންވެސް ޖެހޭ ބައެއްމީހުނައް ދުވާލަކު 500 ރުފިޔާދީފަ ތީކިހާބޮޑެތި އަނިޔާތޯ