އިންތިހާބު ފަސްކުރުމަށްޓަކައި ހުށަހެޅީ ބުރަދަނެއް ނެތް ވާހަކަތެއް: އިއްތިހާދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމަށްޓަކައި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅީ އެއްވެސް ބުރަދަނެއް ނެތް ހުސް ވާހަކަތަކެއް ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫޔޯ) އިން އިއްޔެ ބުނެފި އެވެ.


އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސް ކުރުމަށް ހުކުމް ކުރުމާ ގުޅިގެން، އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީ އާއި ގާނޫނުތައް ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ބޭނުން ކުރުމަކީ ރައްޔިތުންނަށް ކުރިމަތިކުރުވާ ބޮޑު ނުރައްކަލަކާއި ބިރުވެރިކަމެއް ކަމަށެވެ. އަދި މިއީ މުސްތަގުބަލުގައި ބާއްވާ އިންތިހާބުތަކަށް ދައުލަތުން ނުފޫޒު ފޯރުވުމަށް ހުޅުވިގެންދާ ދޮރެއް ކަމަށް އިދިކޮޅު އިއްތިހާދުން ބުންޏެވެ.

"ސިޔާސީ ޕާޓީކުގެ ތެރޭގައި ހިމެނޭ ޕީޕީއެމާއި އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި އިލެކްޝަންސް ކޮމިޝަނުން އެއް އަޑަކުން އިންތިހާބު ފަސްކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރި ނުވާ ކަމަށް ބުނެފައިވާއިރު، ކައުންސިލް އިންތިހާބު މަދު ބައެއްގެ މަސްލަހަތު އިސްކޮށް، ފަސްކުރުމަކީ ރައްޔިތުންގެ އިންތިހާބީ ހައްގުތަކަށް ލިބޭ ބޮޑު އުނިކަމެކެވެ." އިއްތިހާދުން ބުންޏެވެ.

ގާނޫނުގައި ބުނާ ތާރީހުތަކަށް ބެލުމެއް ނެތި، ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި އިންތިހާބީ ނިޒާމު ބޭނުން ކުރުމުން ވެރިކަމުގެ ނިޒާމު ގަޑުބަޑުވެގެންދާނެ ކަމަށް އިއްތިހާދުން ބުންޏެވެ. މިކަމާ ގުޅިގެން ފިތުނަ ފަސާދަ އުފެދި، ދައުލަތުގެ ކަރާމާތް ގެއްލި، ރައްޔިތުންގެ މުދަލަށާއި ހަށިފުރާނަ ރައްކާ ކުރުމަށް ހުރަސް އެޅި އަދުލުވެރި ދައުލަތުގެ ނިޒާމް ފުނޑުފުނޑުވެގެންދާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އިއްތިހާދުން ބުނީ އިންތިހާބު ފަސް ކުރަން ހުށަހެޅި ކަންކަމުގެ ތެރޭގައި ޕީޕީއެމްގެ ޑޭޓާ ބޭސް ނެތް ކަމަށް ބުނި ނަމަވެސް، ޕާޓީތަކުގެ ދަފްތަރަކީ އިލެކްޝަންސް ކޮމިޝަނުން ލިބެން ހުރި މައުލޫމާތުތަކެއް ކަމަށެވެ. އަދި މުދާތައް ގެއްލިފައިވާ ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ބުންޏަސް، އެ ފެކްޝަނަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ލިބެމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިންތިހާބު ފަސްނުކޮށްފިނަމަ، ގައުމުގައި ހަމަނުޖެހުން އުފެދިދާނެ ކަމުގައި ދައުވާ ކުރި ފަރާތުން ބުންޏަސް، އެފަދަ ހާލަތަކުން ގައުމު ސަލާމަތް ކުރުމުގެ ގާނޫނީ ޒިންމާ އެޅުވިފައިވާ ހުރިހާ ފަރާތެއްގެ ބެލެނިވެރިޔަކީ ދައުލަތުގެ އެންމެ އިސް ވެރިޔާ ކަމަށާއި މިއީ އެއްވެސް ހާލަތެއްގައި ގާނޫނުގައި ބުނެފައިވާ އިންތިހާބުގެ ތާރީހު ބަދަލުކުރުމަށް ހުއްޖަތްތަކެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.

އެހެންވެ، އިދިކޮޅު އިއްތިހާދުން ވަނީ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ނުފޫޒުން އެއްކިބާވެފައިވާ އިންތިހާބެއް ބާއްވައި ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފަ އެވެ.