ކޮލަމްް 27: ހަ ފުށް ކީއްކުރަން، ދެ ފުށް ވެސް ނުފެނެ އެވެ!

މި ސަރުކާރުގެ މަޝްރޫއުތައް ހިންގަނީ ވަރަށް ހާމަކަން ބޮޑު ގޮތަކަށް ކަން ސިފަކުރައްވަމުން ރައީސް އަބްދުﷲ ޔާމީން މިދިޔަ ބުދަ ދުވަހު އިދިކޮޅު މީހުންނަށް ވަރަށް ބޮޑަށް ޖޯކު ޖެއްސެވި އެވެ. ވަރަށް އުފާވެރި މޫޑެއްގައި ހުންނަވައި، އަދި ބައެއް ފަހަރު ހިނިފުޅުވަޑުވަމުން، ޕީޕީއެމްގެ ހަފުލާއެއްގައި ވިދާޅުވަނީ އެމަނިކުފާނުގެ ސަރުކާރުގެ މަޝްރޫއުތަކުގައި ފެންނާނީ އެންމެ ދެ ފުށް ނޫން ކަމަށާއި ހަ ފުށް ފެނިގެންދާނެ ކަމަށެވެ. އެގޮތުން ވިދާޅުވި އެއް ވާހަކަފުޅުގައި، އައިޖީއެމްއެޗުގައި ހަދާ އިމާރާތަށް ބަލާލިޔަސް ހަ ފުށް ފެންނަން ހުންނާނެ ކަމަށާއި ހުޅުލެ/މާލެ ބްރިޖަށް ބަލާލިޔަސް ފެންނާނީ އެންމެ ދެ ފުށް ނޫން ކަމަށާއި ހަ ފުށް ފެންނާނެ ކަމަށް ވިދާޅުވި އެވެ.


މަލާމާތަކަށް ވިޔަސް، ނުވަތަ މަޖާޒީ ގޮތުން އެ މިސާލު ޖެއްސެވިޔަސް، ނުވަތަ ކޮންމެ ގޮތަކަށް އެ މާނަ ނެންގެވިޔަސް ރައީސް ޔާމީން އެ ވިދާޅުވާ ދެ ފުށް ފެންނަ ސިޔާސަތަކީ މި ސަރުކާރުގެ ވަރަށް ބޮޑު މައްސަލައެކެވެ. ހަގީގަތް އޮތީ ދެ ފުށް ފެންނަ ސިޔާސަތެއްގައެއް ނޫނެވެ. އެ އަށް ވުރެ ބޮޑަށް މި ސަރުކާރުގެ ވަރަށް ގިނަ ކަންކަން ކުރަމުން ދަނީ އަޑި ނޭނގޭ ގޮތަށެވެ. މި އުޅެނީ އޭގެ ތެރެއިން އެއް ވާހަކަ ދައްކާށެވެ.

މިހާރު އެންމެ އާންމީ ފ. އަތޮޅު ވިއްކާލާ ވާހަކަ އެވެ. އަޅުގަނޑުމެންނަށް އޮތީ ރާވާލަން ޖެހިފައިވާ އަރަތެކެވެ. ފެންނަން އޮތީ ދެ ހަގީގަތެކެވެ. އެއް ހަގީގަތަކީ ބޭރު ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ހަމަ ކުއްލިއަކަށް ގާނޫނުއަސާސީ ބަދަލުކުރި ކަމާއި އެ ދުވަސްވަރު ދިވެހި ވަރަށް ގިނަ ވަފުދުތަކާއި އިސް ބޭފުޅުން ސައުދީ އަރަބިއްޔާ އަށް ވަޑައިގެންނެވި ކަމެވެ. އަނެއް ހަގީގަތަކީ ފ. އަތޮޅަށް މާސިންގާ ބިޔަ މަޝްރޫއެއް އަންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅެވެ. މި ދެ ވާހަކައިން އަރަތް ރާވާލާއިރު، ޖުމްލަ އަންނަނީ މިހެނެވެ؛ ފ. އަތޮޅު ސައުދީ އަށް ވިއްކާލަނީ އެވެ. މިގޮތަށް މި ޖުމްލަ ހެދިއިރު، އެއަށް ބާރު ލިބޭ އަނެއް ކަމަކީ ސައުދީ އާއި ރާއްޖެއާ ދެމެދު އާދަޔާޚިލާފު ބަދަހި ގުޅުމެއް އުފެދުމާއި ސައުދީ ސަފީރު ވެސް މާ ގިނައިން ފެނިދެނިވެ ތަފާތު އެހީތައް ވެދެއްވައި، އަދި މީޑިއާ ބައިވެރިކޮށްގެން ތަފާތު އެކި ހަރަކާތްތައް ބާއްވަވަމުން ގެންދެވުމެވެ. އަދި ރައީސް ޔާމީން ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ގައުމެއްގެ ވެރިޔަކާ ބައްދަލު ނުކުރައްވާހާ ގިނައިން ސައުދީ ރަސްގެފާނާ ބައްދަލުކުރެއްވި ކަމާއި އިތުރު ބައްދަލުވުމެއް އަންނަ މަހުގެ ތެރޭގައި އޮތް ކަމެވެ. މިއީ ތިން އަހަރުގެ ތެރޭގައި ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ފަހަރަށް ކަމެވެ.

ފ. އަތޮޅު ވިއްކާލުން މި އަންނަނީ އެ ކަންތައްތަކާ ހެދި އެވެ. އާންމުން ބޭނުންހާ ވާހަކައެއް މި ފަތުރަނީ މި ކަންކަމަށް ރިއާޔަތްކޮށް ކަން ޔަގީނެވެ.

ފ. އަތޮޅު ކަރުނަ އަޅަމުންދާ ކަން ދައްކައި، އެ އަތޮޅު ވިއްކުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓަރެއް

މައްސަލައަކީ އެހެން ކަމެކެވެ؛ މި ވަނީ ކިހިނެއްކަން ސަރުކާރުން އޮޅުންފިލުވައިނުދޭތީ އެވެ. ސަރުކާރުގެ ސީނިއަ ބޭފުޅަކު ވެސް މިކަމާ ވާހަކަ ދައްކަވާކަށް ބޭނުމެއް ނުވެ އެވެ. މިހާ ބޮޑު މަޝްރޫއެއް ރާއްޖެ އަންނަ އިރު، ރައްޔިތުންނަށް އެއީ އުފާވެރި ކަމެއް ކަމަށް ވަންޏާ، އެ އުފާވެރި ހަބަރު ނުދޭންވީ ހަމަ އެއްވެސް ސަބަބެއް ނުފެނެ އެވެ. އެ ވާހަކަ ނުދައްކާ ތިބެންޏާ، އަޑިން ކޮންމެވެސް އެހެން ކަންތައްގަނޑެއް އުޅޭ ކަމަށް ތުހުމަތު ކުރެވިދާނެ އެވެ. ފ. އަތޮޅު ވިއްކާލާ ނަމަ، ނުވަތަ އެ އަތޮޅުގެ ރަށެއް ނުވަތަ ފަޅެއް ނުވަތަ އެހެން އެއްޗެއް ވިޔަސް ނުވިއްކަންޏާ އެ ވާހަކަ މިހާރު މިއޮތީ ސާފުކޮށް ބުނެދޭން ޖެހޭ ހިސާބަށް ގޮސްފަ އެވެ. ރައީސް ޔާމީން ވިދާޅުވާ ގޮތުން، އެހާ ދެ ފުށް ފެންނަ ސިޔާސަތެއް އޮތް ނަމަ މި ވާހަކައިގެ ހަގީގަތް އެބަ ތިލަކޮށްދޭން ޖެހެ އެވެ. މިކަމާ އަޅާނުލައި ސަރުކާރުން ތިބޭ ނަމަ މިހާރު އިވޭ ވާހަކަތަކުން ފ. އަތޮޅުގެ ރައްޔިތުން ބިރުން ހިތް ފަޅައިގެން ދިއުން ގާތެވެ.

އެއީ ހަގީގަތެއް ނެތް ކަމެއް ނަމަ އެ ވާހަކަތައް ދެއްކުމާއި ފެތުރުން ހުއްޓުވަން ޖެހެ އެވެ. އެކަން ކުރުން ލާޒިމް ވަނީ ސަރުކާރުގެ މައްޗަށެވެ. ފ. އަތޮޅުގައި މަޝްރޫއުއެއް ހިންގަން ރާވާފައި އޮތް ނަމަ އެ ހަގީގަތް ހާމަކުރުން އަވަސްވާންވީ އެވެ. އޭގެ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ.

މައިގަނޑު އެއް ސަބަބަކީ، ފ. އަތޮޅަކީ ރައްޔިތުންގެ މިލްކަކަށް ވުމެވެ. ދެވަނަ ކަމަކީ، އެ އަތޮޅުގައި ވެސް އެތަކެއް ބައިވަރު ބަޔަކު އިންވެސްޓްކޮށްފައި ހުރުމެވެ. އަނެއް ކަމަކީ، މުޅި ދިރިއުޅުމާއި ކުރިމަގު އެ އަތޮޅެއްގައި ބިނާކޮށްގެން ބަޔަކު ދިރިއުޅެމުން ދާތީ އެ މީހުންގެ ހައްގަށް ޓަކަ އެވެ. މި މައްސަލާގައި ސަރުކާރުން ހަދާ ގޮތެއް އާންމުންނަށް އެނގިފައި އޮންނަން ޖެހޭ މައިގަނޑު ތިން ސަބަބަކީ މިއީ އެވެ. ރައްޔިތުންގެ ތަރިކަ މުދަލެއް، ޚާއްސަކޮށް ބިމެއް ބޭރުގެ ބަޔަކަށް ވިއްކާލާ ނަމަ މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. އެއީ ސައުދީ އަރަބިއްޔާ ވިޔަސް، އެމެރިކާ ވިޔަސް، ޗައިނާ ވިޔަސް، އިންޑިޔާ ވިޔަސް އަދި ލަންކާ ވިޔަސް މިކަން އޮތީ މިގޮތަށެވެ.

ފ. އަތޮޅުގެ މައްސަލާގައި ރައްޔިތުންގެ ދުލުގައި ހިފައި ދެމުން މިހާރު ހުއްޓާލަން ވެއްޖެ އެވެ. ވާނުވާ އެނގެން ވެއްޖެ އެވެ. ޑީލް ނިމި، ދިރިއުޅޭ ގޯތީގައި އެހެން ބަޔަކު ކަޑަ ޖަހާ ހިސާބުން އެކަން އެނގުމުން ދެން ކަންކަން ގޯސްވެގެން ދާނީ ކިހާ ވަރަކަށް ކަމެއް ނުވެސް އެނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ ފ. އަތޮޅުގެ މައްސަލައަކީ ހަމައެކަނި ސިޔާސީ މައްސަލައަކަށް އެކަނި ނުވާނެ ކަމެވެ. އެއަށް ވުރެ މާ ސީރިއަސް އެހެން ކަންތައްތަކެއް މިކަމާ ގުޅިގެން ހިނގުން ގާތެވެ. އެހެންވެ، ފ. އަތޮޅާ ދޭތެރޭ ކަންކަން ކުރަން ރާވާފައި އޮތީ ކިހިނެއްކަން ސަރުކާރުންް އޮޅުންފިލުވައިދޭން އެބަ ޖެހެ އެވެ. ކަމެއް ކުރަން ރާވާފައި އޮތިއްޔާ އެއީ ކޮން ކަމެއް ކަމާއި އޭގެ ހުރިހާ ތަފުސީލުތައް މިހާރު ވެސް ނުދޭންވީ ސަބަބެއް ނެތެވެ. ކަމެއް ކުރަން ރާވާފައި ނެތް ނަމަ އެކަން ވެސް ހާމަކޮށްދޭނެ އެބަ ޖެހެ އެވެ. އިހުލާސްތެރިކަން ކުރިއަށް ނެރެން އެބަ ޖެހެ އެވެ.

ރައްޔިތުންގެ ބަޔަކު ކަންބޮޑުވެ މިކަމާ ދޭތެރޭ ތަފާތު ވާހަކަތައް ދެކެވޭ އިރު އޭގެ ހަގީގަތް ހާމަކޮށްދިނުމަކީ ފަހަރެއްގައި ވެސް ސަރުކާރަށް ލިބޭނެ ދެރައެއް ނޫނެވެ. އަދި ކީއް ހެއްޔެވެ؟ ދެ ފުށް ފެންނަ ސިޔާސަތަކީ އަސްލު އެއީ އެވެ.