ޚިޔާލު / ދީން

މުސްލިމް މުޖުތަމައުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް އޮތުން

މުސްލިމުންގެ މުޖުތަމައުތަކުގެ ހާއްސަ އެއް ސިފައަކީ އެ މުޖުތަމައުތަކުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް އޮތުން.

މުސްލިމުންގެ މުޖުތަމައުތަކަކީ އެހެން މުޖުތަމައުތަކާ އަޅައިބަލާއިރު ވަކި ޚާއްސަ ސިފަތަކެއް ލިބިގެންވާ ތަފާތު މުޖުތަމައު ތަކެކެވެ. މަގުސަދުތަކާއި މީހުން ތަބާވާ ގޮތްތަކާއި، ގެންގުޅޭ އުސޫލުތަކާއި، ލިބިގެންވާ ޚާއްސަ ސިފަތަކާއި މިހުރިހާ ކަމަކަށް ބަލާއިރުވެސް މުސްލިމް މުޖުތަމައުތަކަށް ޚާއްސަ އިމްތިޔާޒުތަކެއް ލިބިފައިވެ އެވެ. އެ މުޖުތަމައުގެ ދައުލަތުގައި ވެސް މި ޚާއްސަ އިމްތިޔާޒުތައް އޮންނަންވާނެ އެވެ.

މައް ދީނީ ދައުލަތަކަށް ވުން ލާޒިމެއް ނޫން

މުސްލިމުންގެ މުޖުތަމައުތަކުގެ ޚާއްސަ އެއް ސިފައަކީ އެ މުޖުތަމައުތަކުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް އޮތުމެވެ. އެހެންކަމުން އެއީ ﷲ ގެ ހައްގުތަކާއި މީސްތަކުންގެ ހައްގުތަކާއި ޒަމީރުތަކަށް ހިތު ހުރި ގޮތެއް ހަދާނެ ތިއޯކްރެޓިކް މުޖުތަމައުތަކެއް ނޫނެވެ. އެބަހީ، ކަހީނުންނާއި ދީނީ މީހުން ހިންގާ މައް ދީނީ ދައުލަތެއް އެކުލެވޭ މުޖުތަމައުތަކެއް ނޫނެވެ. ނަމަވެސް އެއީ އިސްލާމީ މަންހަޖާ އެއްގޮތަށް ހިންގާ މަދަނީ ދައުލަތެއް ހިމެނޭ މުޖުތަމައު ތަކެކެވެ. އެފަދަ މުޖުތަމައެއްގައި ވެރިންނަށް ބައިއަތު ހިފުމާއި މަޝްވަރާ ކުރުން އޮންނާނެ އެވެ. ދައުލަތް ހިންގަން އިޚުތިޔާރު ކުރެވޭ މީހުންނަކީ ވަރުގަދަ، އަމާނާތްތެރި، ރައްކާތެރި، ޢިލްމުވެރި މީހުންނަށް ވާން ޖެހެ އެވެ.

ޝުޢައިބުގެފާނުގެ ދަރިކަނބަލުންނާއި ޔޫސުފުގެފާނުގެ ބަސްފުޅުތަކަށް ބިނާކޮށް ކީރިތި ޤުރުއާނުގައި މިކަން ބަޔާން ކުރައްވާފައިވެ އެވެ. (އަލްޤަޞަޞް 26، ޔޫސުފް 55). އަދި ކީރިތި ރަސޫލާ ﷺ އަޅުގަނޑުމެންނަށް މަގު ދައްކަވައި ދެއްވާފައި ވަނީ ވެސް މިގޮތަށެވެ. އެހެންކަމުން މި ހަތަރު ޝަރުތުން ޝަރުތެއް އުނިވާ މީހާއަކީ ދައުލަތް ހިންގުމުގެ އެއްވެސް މަގާމެއްގައި ހުރުމަށް ކުފޫ ހަމަވާ މީހެއް ނޫނެވެ. ޟަރޫރީ ހާލަތެއްގައި މެނުވީ މިފަދަ މީހަކު މަގާމަކަށް އިސް ނުކުރެވޭނެ އެވެ.

ދީނީ މީހުންގެ ބާރެއް ނޫން، އެކަމަކު ދީނީ ޢިލްމުވެރިންގެ ލަފާ

އިސްލާމްދީނަކީ މަސީހީންގެ ތެރޭގައި ތިބޭ ފަދައިން ދީނީ މީހުން ތިބޭ ދީނެއް ނޫނެވެ. ދީނީ މީހުންނޭ ކިޔަންޏާ ހަމަ ކޮންމެ މުސްލިމަކަށް ވެސް އެ ނަން ދެވޭނެ އެވެ. އެކަމަކު، އިސްލާމްދީނުގައި ތިބޭނީ ދީނީ ޢިލްމުގައި ޚާއްސަވެފައިވާ ޢިލްމުވެރިންނާއި މުފައްކިރުންނެވެ. މި މީހުންނަށް ދީނީ މީހުންނޭ ކިޔައިގެން ނުވާނެ އެވެ. ދީނީ ޢިލްމުވެރިންގެ ދަރަޖައަށް މިފަދަ ބައެއް މީހުން ނުދިޔަސް އިހުތިރާމު ކުރުމުގެ ގޮތުން ދީނީ ޢިލްމުވެރިންނޭ ފަހަރެއްގައި ކިޔިދާނެ އެވެ.

އިސްލާމީ މުޖުތަމައެއްގައި މި ޢިލްމުވެރިންގެ ދައުރަކީ ނަސޭހަތްދިނުމާއި ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "ދީނަކީ ނަސޭހަތެވެ." ކޮން ބަޔަކަށްތޯ ސުވާލު ކުރެވުމުން އެކަލޭގެފާނު ހަދީސް ކުރެއްވީ "މާތްﷲ އަށާއި އެކަލާނގެ ރަސޫލާއަށްޓަކައި، މުސްލިމުންގެ ވެރިންނަށާއި އާންމުކޮށް އެންމެންނަށެވެ."

މި ބަޔާންކުރި ސަބަބުތަކަށްޓަކައި އިސްލާމީ މުޖުތަމައެއްގައި ދައުލަތް ހިންގަން ތިބޭ ބަޔަކަށް ދީނީ ޢިލްމުވެރިންގެ މަޝްވަރާ އާއި ލަފާ ލިބޭނެ ފަދަ އިންތިޒާމެއް ރޭވިފައި އޮންނަން ޖެހޭނެ އެވެ. އެއީ ދީނާއި ދައުލަތް ވަކިވެ ދެބައި ދެ ވާދީގައި ވެގެން ނުދިއުމަށެވެ.

ވީމާ އިސްލާމީ މުޖުތަމައެއްގައި ހައްގު ކަށަވަރުކޮށް، ބާތިލު ނެތިކޮށް ހަލާލު ކަންތައް ހަލާލުކޮށް، ހަރާމް ކަންތައް ހަރާމްކޮށް ދެމެހެއްޓުމަށްޓަކައި ވާހަކަ ދެއްކުމުގެ ދައުރު އަދާ ކުރާ ބަޔަކީ މި ދެންނެވި ފަދަ އިސްލާމީ ޢިލްމުވެރިންނެވެ. ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމުގައި މި ޢިލްމުވެރިން ގެންގުޅެން ޖެހޭނީ ކީރިތި ޤުރުއާނުގައި އަންގަވާފައިވާ އުސޫލެވެ. އެއީ "ހިކުމަތާއި ރިވެތި ވައުޒުން" ދީނަށް ގޮވާލުމާއި ދީން އަންގައި ދިނުމުގެ އުސޫލެވެ. އަދި "އެންމެ ހެޔޮ ގޮތުގައި ޖަދަލު" ކުރުމުގެ އުސޫލެވެ. "މަލާމާތްކޮށް އެއްޗެއް ބުނެފާނެ މީހެއްގެ ބުނުމަށް ބިރުގަތުމަކާ" ނުލަ އެވެ. ހަމަ އެއާ އެކު، ދައުލަތް ހިންގަން ތިބޭ ބައެއްގެ މައްޗަށް ލާޒިމު ވެގެން ވަނީ މި ބަޔާންކުރި އުސޫލުގެ މަތީ އެ ޢިލްމުވެރިން ތިބޭ ނަމަ އެ މީހުންގެ ދައުރު ފުރިހަމަ އަށް އަދާކުރުމުގެ މިނިވަންކަން ދީ، އެ މީހުންނަށް އެހީތެރި ވުމެވެ. އެހެން ނޫން ނަމަ މާތް ﷲ އަންގަވާފައިވާ ގޮތާ އެއްގޮތަށް ހުކުމް ނުކުރެވި ހިނގައިދާނެ އެވެ. އެހެން ވެއްޖެ ނަމަ ހިންގަން ތިބޭ މީހުން އެހެންޏާ ކާފިރުންގެ ތެރެއިން ނުވަތަ ފާސިގުންގެ ތެރެއިން ނުވަތަ އަނިޔާވެރިންގެ ތެރެއިން ހިމެނިގެން ހިނގައިދާނެ އެވެ.

މި ބަޔާންކުރި ސަބަބުތަކަށްޓަކައި އިސްލާމީ މުޖުތަމައެއްގައި ދައުލަތް ހިންގަން ތިބޭ ބަޔަކަށް ދީނީ ޢިލްމުވެރިންގެ މަޝްވަރާ އާއި ލަފާ ލިބޭނެ ފަދަ އިންތިޒާމެއް ރޭވިފައި އޮންނަން ޖެހޭނެ އެވެ. އެއީ ދީނާއި ދައުލަތް ވަކިވެ ދެބައި ދެ ވާދީގައި ވެގެން ނުދިއުމަށެވެ. ހަމައެއާ އެކު، ވެރިންނަށް މަޝްވަރާ ދިނުމަށް ތިބޭ ބަޔަކީ ހަމައެކަނި ޚުޝާމަދު ކުރަން ތިބޭ ބަޔަކަށް ނުހެދުމަށެވެ. ސަބަބަކީ އެހެން ހަދައިފި ނަމަ ކުރެވޭ ނުރަނގަޅު ކަންތައް ފާހަގަ ނުވެ މަގު ގެއްލި ﷲ ގެ މަންހަޖުން އެއްކިބާ ވެވިދާނެ އެވެ. ވީމާ އިސްލާމީ ދައުލަތް ހިންގަން ތިބޭ މީހުންނަށް އަބަދުވެސް އިސްލާމީ ޢިލްމުވެރިންގެ އިރުޝާދު ލިބެން ޖެހޭނެ އެވެ.

ޤަޟާހާޖާ ކުރަން ވަނަސް ނިދާން އޮށޯތަސް އިސްލާމްދީނުގައި ހުކުމްތަކެއް އޮވެ އެވެ. އެހެންކަމުން ހުޅަނގުގެ ގައުމުތަކުގައި ބިނާ ކުރަން މަސައްކަތް ކުރާ "މިނިވަން ޢާލަމް" އެއީ އިސްލާމީ މުޖުތަމައެއްގައި ބިނާކުރެވޭނެ އެއްޗެއް ނޫނެވެ. ސަބަބަކީ އިސްލާމީ މުޖުތަމައަކީ އުޑުގެ ހުކުމްތައް ބިމުގައި ގާއިމުކުރާ މަދަނީ ދައުލަތެއް ހިމެނޭ މުޖުތަމައަކަށް ވާން ޖެހޭތީ އެވެ.

ކިއެއްތަ، އިސްލާމީ ހަމަތަކަށް ބަލައިފި ނަމަ ދައުލަތުގެ އެންމެ އިސްވެރިޔާ އަކީ ފަނޑިޔާރުން ފަދައިން ދީނީ ޢިލްމު ދަންނަ، ދީނީ ޙުކުމްތަކުގައި އިޖުތިހާދު ކުރެވޭ ދަރަޖައިގެ މީހަކަށް ވުމަށް ބައެއް ޢިލްމުވެރިން ޝަރުތު ވެސް ކުރެ އެވެ. އެހެނީ ކީރިތި ރަސޫލާ ﷺ އާއި އަދި އޭގެ ފަހުން ޚަލީފާއިންނާއި އެބޭކަލުންގެ މަގުން ހިންގެވި އެންމެހާ ބޭކަލުންނަކީ ވެސް މިދެންނެވި ފަދަ ބޭކަލުން ކަމަށް ވީތީ އެވެ. އިސްލާމީ ޝޫރާއާ އެއްގޮތަށް ވެރިޔަކު އިޚުތިޔާރުކޮށް، ބައިއަތު ހިފުމުގައި އިހުގެ މުސްލިމުން ގެންގުޅުނު އުސޫލަކީ ވެސް އެއީ ކަމަށް ވާތީ އެވެ. ވީމާ މިޝަރުތު ހަމަނުވާ މީހަކަށް އިސްލާމީ ދައުލަތެއްގެ އެންމެ އިސްވެރިޔާގެ މަގާމު ދިނުން މިބޭކަލުން ހުއްދަ ކުރައްވަނީ އެފަދަ މީހަކު ނުލިބިއްޖެ ހާލަތެއްގައި ޟަރޫރަތަކަށްޓަކައި އެކަންޏެވެ.

ލާދީނީ މުޖުތަމައަކަށް ވެގެން ނުވުން

އިސްލާމީ މުޖުތަމައުގެ ދައުލަތަކީ ދީނީ ދައުލަތަކަށް ނުވާ ފަދައިން އެއީ ޢަލްމާނީ ނުވަތަ ލާދީނީ (ސެކިއުލާ) ދައުލަތަކަށް ވެސް ވެގެން ނުވާނެ އެވެ. ދީނަކީ ރައްޔިތުން މަސްތު ކުރުވާ އަފިހުން ކަމަށް ބަލައިގެން ދީން މުޅިން އިންކާރު ކުރުން ކަމުގައި ވިއަސް ނުވަތަ ދީނާއި ދައުލަތަކީ ގުޅުމެއް ނެތް ދޭތި ކަމަށް ބަލައިގެން ދީނާއި ދައުލަތް ނުވަތަ މުޖުތަމައު ވަކި ކުރުން ކަމަށް ވިއަސް އެއްވެސް ޒާތެއްގެ ޢަލްމާނީ ސިފައެއް އިސްލާމީ މުޖުތަމައުގައި ހުއްދައެއް ނޫނެވެ. އެހެނީ އިސްލާމް ދީނަކީ އޭގައި އިންސާނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެކުލެވިފައިވާ ދީނެކެވެ. ދައުލަތް ހިންގުމަކީ ވެސް އިންސާނާގެ ދިރިއުޅުމުގެ ތެރެއިން އޭނާ ކުރާ އެތައް ކަމެއް އޭގައި އެކުލެވޭ ކަމެކެވެ. އިންސާނާގެ ކޮންމެ ހަރަކާތަކާއި ކޮންމެ ހަނު ހުރުމަކަށް ދީނުގައި ހުކުމެއް އޮވެ އެވެ.

ޤަޟާހާޖާ ކުރަން ވަނަސް ނިދާން އޮށޯތަސް އިސްލާމްދީނުގައި ހުކުމްތަކެއް އޮވެ އެވެ. އެހެންކަމުން ހުޅަނގުގެ ގައުމުތަކުގައި ބިނާ ކުރަން މަސައްކަތް ކުރާ "މިނިވަން ޢާލަމް" އެއީ އިސްލާމީ މުޖުތަމައެއްގައި ބިނާކުރެވޭނެ އެއްޗެއް ނޫނެވެ. ސަބަބަކީ އިސްލާމީ މުޖުތަމައަކީ އުޑުގެ ހުކުމްތައް ބިމުގައި ގާއިމުކުރާ މަދަނީ ދައުލަތެއް ހިމެނޭ މުޖުތަމައަކަށް ވާން ޖެހޭތީ އެވެ. މީގެ މާނައަކީ މާތް ﷲ ގެ އަމުރުފުޅުތަކާއި ނަހީތައް މީސްތަކުންގެ މެދުގައި ރައްކާތެރިކަމާ އެކު ތަންފީޒު ކުރާ މުޖުތަމައެކެވެ. މާތްﷲ ގެ ހަޒްރަތުން ނަސްރު ލިބޭނީ މިފަދަ ބަޔަކަށެވެ. އެކަލާނގެ އަންގަވަނީ "ހަމަކަށަވަރުން ﷲ އަށް ނަސްރު ދޭ ބަޔަކަށް ﷲ ނަސްރު ދެއްވާނެ ކަން ކަށަވަރެވެ. ހަމަކަށަވަރުން ﷲ އީ ކީރިތިވަންތަ ބާރުވެރިވަންތަ ރަސްކަލާނގެ އެވެ."

އެ އަށް ފަހު ވިދިގެން އޮތް އާޔަތުގައި، ނަސްރުދޭ މީހުން ސިފަ ކުރައްވަނީ މިފަދައިންނެވެ. "އެބައިމީހުންނީ އެބައިމީހުންނަށް ތިމަން ﷲ ބާރުދެއްވައިފި ހިނދެއްގައި ނަމާދުކޮށް، ޒަކާތްދީ ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކޮށް އުޅޭ މީހުންނެވެ. ކަންތަކުގެ ނިމުން ވަނީ ﷲ އަށް މިލްކުވެގެންނެވެ.” (އަލްޙައްޖު 14-24).

މިކަންކަން މިގޮތަށް އޮތުމާ އެކު މުސްލިމުންގެ ކޮންމެ މުޖުތަމައެއްގައި ވެސް އިސްލާމްވަންތަކަން ދެމެހެއްޓެންވާނެ އެވެ. މިގޮތުން އެ މުޖުތަމައުގެ ކޮންމެ ނިޒާމަކުން ވެސް މިކަން ފެންނަންވާނެ އެވެ. މީގެ ތެރޭގައި ދައުލަތުގެ ސިޔާސީ ނިޒާމުވެސް ހިމެނެ އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޅަތީފާ

14 December 2024

“ މުސްލިމް މުޖުތަމައުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް އޮތުން” ތިޔަ ވިދާޅުވަނީ ވަރަށް ބޭނުންތެރި ވާހަކަތަށް. އެހެނަސް އަހްލާގެއް އަދަބެއް، ސުލޫކެއް ނެތް ވެރިން ދިވެހިންނަށް ވޭރިވެދިޔަ 50 އަހަރު މިލިބެމުން ދަނީ. އެކަކު ރައީސް ކަން ކޮށް ނިމުނު އިރު 15 ބުރީގެ ގަނޑުވަރެއް ހެންވޭރުގަ ހަދާލާފި. އަނެކަކު ވަޒީރުކަން 7 އަހަރު ކޮށް ރައީސް ކަން ހޯދި އިރު މާފަންނުގަ 15 ބުރިއަށް ގަނޑުވަރެއް ހަދާފަ، ކެންޕޭއިންއަށް 100 މިލިއަން ހަރަދުކޮށްފި. ދެންވިސްނާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454