ޚިޔާލު / ލައިފްސްޓައިލް

އުފާވެރި ދިރިއުޅުމަކަށް ދެމަފިރިން މަގުފަހިކުރަންޖެހޭ ކަންކަން

ދެމަފިރިއަކު އިށީނދެލައިގެން: ކޮންމެ މީހަކަށް ވެސް އާއިލާގައި ދެވިފައިވާ މަގާމަށް އިހުތިރާމު ކުރަންޖެހޭ.

އިސްލާމީ ނަޒަރުން ބަލާއިރު ދެމަފިރިން އެކަކު އަނެކަކަށް އަދާކޮށްދޭން ޖެހޭ ހައްގުތަކުގެ ތެރޭގައި ދެ ފަރާތް ބައިވެރިވާ ހައްގު ތަކެއް ވެ އެވެ. މިފަދަ ހައްގުތަކުގެ ތެރޭގައި ޒަވާޖީ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާތެރިވުމާއި އެކަކު އަނެކަކު ދަސްކުރުމާ އެކު، ދެކޮޅުވެރި ނުވުމާއި އެކަކު އަނެކަކަށް އިހުތިރާމު ކުރުމާއި ހިޔާލު ތަފާތުވާ ހިނދު ވަކި މިންގަނޑުތަކެއްގެ މަތީ ދެމިތިބުމާއި އިސްލާމީ އަބަދުތަކަށް އިލްތިޒާމު ވުމާއި ދެފަރާތުގެ ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނަށް ހެޔޮކޮށް ހިތުން ހިމެނެ އެވެ. މީގެ ތެރެއިން މި ލިޔުމުގައި މި ބަލައިލާނީ ފުރަތަމަ ތިން ކަމުގެ މައްޗަށެވެ.

ޒަވާޖީ މަސްއޫލިއްޔަތު އަދާކުރުމަށް ފަރުވާތެރިވުން

ޒަވާޖީ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާތެރިވުމަކީ ދެމީހުންގެ ގުޅުން އިހުލާސްތެރިކަމާއި އިތުބާރުގެ މައްޗަށް ބިނާކުރުމާއި އެކަކު އަނެކަކަށް ނަސޭހަތްތެރިވުމާއި ވާގިވެރިވުމެވެ. މީގެ ތެރެއިން އިހުލާސްތެރިކަމާއި އިތުބާރު ކުރުމަކީ އެކަކު އަނެކަކަށް ހެޔޮގޮތުގައި މުއާމަލާތު ކުރުމަށްޓަކައި ލާޒިމުވާ ކަމެކެވެ. ހެޔޮގޮތުގައި މުއާމަލާތު ކުރުމަކީ ޒަވާޖީ ހަޔާތުގެ ވާޖިބެކެވެ.

ހަމައެއާ އެކު، ނަސޭހަތްތެރިވުމާއި ވާގިވެރި ވުމަކީ ހެޔޮގޮތުގައި ވެވޭ މުއާމަލާތުގެ ތެރެއިން ހިމެނޭ ކަންކަމެވެ. އެހެންކަމުން ޒަވާޖީ މަސްއޫލިއްޔަތު އުފުލާ އިރު ކިތަންމެ ނިކަމެތި ހާލަތެއް އަޔަސް އަބަދުވެސް މި ބަޔާންކުރި ކަންކަމަށް ފަރުވާތެރިވާން ޖެހޭނެ އެވެ.

އެކަކުއަނެކަކު ދަސްކުރުމާއި ދެކޮޅުވެރިނުވުން

އިންސާނީ ތަބީއަތަށް ބަލާއިރު ކޮންމެ މީހަކީ ވެސް ޖިސްމާނީ ގޮތުން ނުވަތަ ނަފުސާނީ ގޮތުން ނުވަތަ އެހެން ގޮތްގޮތުން ތަފާތު މީހެކެވެ. ޒަވާޖީ ހަޔާތުގައި މި ތަފާތާ މެދު ބަލަން ޖެހޭނީ މިއީ އެކަކު އަނެކަކަށް ފުރިހަމަ ކޮށްދިނުމަށް ބޭނުންކުރާނެ ތަފާތު ތަކެއްގެ ގޮތުގަ އެވެ. މިކަމަށްޓަކައި އަނެކާ ތިމާއާ ތަފާތު ވަނީ ކޮންގޮތަކުންތޯ އަދި ކިހާ މިންވަރަކަށްތޯ ދަސްކުރަން ޖެހެއެވެ. އަދި ޒަވާޖީ ހަޔާތް ކާމިޔާބު ކުރުމަށްޓަކައި ކޮންމެ މީހެއްގެ ވެސް ހުންނަ އީޖާބީ (އެއިން ފައްސިކަން ގެނެސްދޭ އެދެވިގެންވާ) ސިފަތަކަށް އަހަންމިއްޔަތުކަން ދޭން ޖެހެއެވެ.

މިއާ ހިލާފަށް ދެމީހުން ތަފާތުވާ ކަންކަމުގައި އެކަކު އަނެކަކަށް ދޫދޭން ޖެހޭނެ އެވެ. ހިޔާލު ތަފާތުވާ ކަންކަމުގައި މަޝްވަރާ ކޮށްގެން، ދެފަރާތުގެ ރުހުމާ އެންމެ ގާތް ހައްލަކަށް ދާންވާނެ އެވެ. ގޮތް ދޫނުކޮށް އެކަކު އަނެކަކު ރުޅި އަރުވައި ތިމާގެ ކޮޅު ގަދަކަން ދައްކަން މަސައްކަތް ކޮށްގެން ނުވާނެ އެވެ.

އިސްލާމް ދީނުގައި ދެމަފިރިންގެ ހައްގުތައް ކަނޑައަޅާއިރު، އޭގެ ތެރޭގައި ދެފަރާތް ބައިވެރިނުވެ ހަމައެކަނި އެއްފަރާތުން އަނެއް ފަރާތަށް އަދާކުރަން ޖެހޭ ހައްގުތަކެއް ހުންނަނީ ދެމީހުންގެ ވެސް ފިތުރަތުގަ އާއި ދިރިއުޅުން ބައްޓަން ކުރެވެމުންދާ ގޮތުގަ އާއި ވިސްނުމާއި ފިކުރު ކުރުމުގައި ތަފާތުތަކެއް ހުންނާތީ އެވެ.

އެހެންކަމުން ތިމާ ބައެއް މަސްއޫލިއްޔަތު އަދާކުރަން ޖެހޭތީ ނުވަތަ ތިމާއަށް ބައެއް މަސްއޫލިއްޔަތު ނުލިބޭތީ ކަންބޮޑު ވެގެން ނުވާނެ އެވެ. އޭގެ ބަދަލުގައި ގަބޫލު ކުރަން ޖެހޭނީ އެ ތަފާތު އެ އޮންނަނީ ދެމީހުން ތަފާތުވާތީ ކަމަށެވެ. ވީމާ މި ތަފާތާ މެދު ކޮންމެ މީހަކު ވެސް ހޭލުންތެރި ވުން މުހިންމެވެ. ދެމީހުން އެކަކު އަނެކަކަށް ދަސްކުރެވޭނީ އޭރުންނެވެ. އަދި ދެމީހުން އެކަކު އަނެކަކަށް ދެކޮޅުވެރިނުވެ ތިބެވޭނީ ވެސް އޭރުންނެވެ.

އެކަކުއަނެކަކަށް އިހުތިރާމު ކުރުން

ދެމަފިރިން އެކަކު އަނެކަކަށް ކުރަންޖެހޭ އިހުތިރާމުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ކޮންމެ މީހަކު ވެސް ދިރިއުޅުމުގެ ހަޔާތުގައި އުފުލަން ޖެހޭ ބުރަ އަށް އިހުތިރާމުކޮށް ގަދަރު ކުރުމެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން މަސައްކަތްކޮށް ވަރުބަލިވެ އެވެ. އަދި ހެޔޮގޮތުގައި އެކަކު އަނެކަކަށް މުއާމަލާތު ކުރުމުގެ ތެރެއިން ވެސް އިތުރު ބުރަތައް ވެސް އުފުލަ އެވެ. މި ކަންކަން އަނެއް ފަރާތަށް ބަލައި ނުގަނެވޭ ނަމަ އޭގެ މާނަ އަކީ އެ ބުރަ އުފުލުމަށް އެއްވެސް ގަދަރެއް ނުދެވުމެވެ. މިއީ އަނެކާ ހިތްދަތިވާނެ ކަމެކެވެ.

އިހުތިރާމު ކުރުމުގެ ތެރޭގައި ހިމެނޭ ދެވަނަ ކަމަކީ، ކޮންމެ މީހަކަށް ވެސް އާއިލާގައި ދެވިފައިވާ މަގާމަށް އިހުތިރާމު ކުރުމެވެ. ފިރިމީހާ އަކީ އާއިލާގެ އެންމެ އިސް ވެރިކަން (ޤިވާމަތު) ހަވާލު ކުރެވިފައިވާ ފަރާތެވެ. އެއީ އާއިލާގެ ވަލީވެރިޔާ އެވެ. ބެލެހެއްޓުންތެރިޔާ އެވެ. މިއީ ޝަރަފަކަށް ވުރެ ބޮޑަށް ޒިންމާތަކަކާއި މަސްއޫލިއްޔަތު ތަކެކެވެ. އެހެންކަމުން މި ޤިވާމަތަށް އަނބިމީހާ އިހުތިރާމު ކުރަން ޖެހޭނެ އެވެ. އެކަން އަތުލަން އުޅެގެން ނުވާނެ އެވެ.

ހަމައެފަދައިން އަނބިމީހާ އަކީ ގޭގެ އެތެރޭގެ އެންމެހާ އިންތިޒާމުތައް ރާވައި ގެއަކީ ހަމަހިމޭންކަމާއި ލޯތްބާއި އޯގާތެރިކަން ފެތުރިފައިވާ ތަނަކަށް ހެދުމުގެ އެންމެ އިސް ދައުރު ހަވާލުވެފައިވާ ފަރާތެވެ. ތަބީއީ ގޮތުން ބަލާއިރު ވެސް ލަތީފީ ޖަޒުބާތުތަކުގެ ސަބަބުން މި ޒިންމާތަކަށް އެންމެ އެކަށޭނަ ފަރާތަކީ މިއީކަން ކަށަވަރެވެ. އެހެންކަމުން ފިރިމީހާ މި ކަމަށް އިހުތިރާމުކޮށް ގަދަރު ކުރަން ވާނެ އެވެ.

ޚަދީޖަތުގެފާނު މި މަތިވެރި ޒިންމާ އަދާކުރެއްވި ހިނދު ކީރިތި ރަސޫލާ ﷺ މިކަމަށް ގަދަރު ކުރައްވައި އިހުތިރާމު ކުރެއްވެވީ އެކަލޭގެފާނުގެ އެހެން އަނބިއަނބި ކަނބަލުން ޣީރަތްތެރި ވުމުގައި ހަސަދަވެރިވާހާ ދަރަޖަ އަށެވެ.

އެހެނީ އާއިލާގެ މީހުންނަށް ކުރާ ގަދަރާއި އިހުތިރާމަކީ ހަމަ ބައިވެރިޔާ އަށް ކުރާ އިހުތިރާމުގެ ތެރެއިން ހިމެނޭ ކަމަކަށް ވުމެވެ. ހަމައެއާ އެކު، އެ މީހުންނަށް ގަދަރު ނުކުރުމަކީ ބައިވެރިޔާގެ ގަދަރަށް އިހުތިރާމު ނުކުރާ ކަމުގެ ދަލީލެކެވެ.

އެކަލޭގެފާނު ޚަދީޖަތުގެފާނަށް ތައުރީފު ކުރައްވާލެއް ގިނަ ކަމުން ޢާއިޝަތުގެފާނު ޣީރަތްތެރިކަމާ އެކު، ވިދާޅުވީ ﷲ ކަލޭގެފާނަށް އެ އަށް ވުރެ ހެޔޮގޮތް މިހާރު ވަނީ މިންވަރު ކުރައްވާފައި ނޫންތޯ އެވެ. އެ ހިނދު އެކަލޭގެފާނު އެކަން އިންކާރު ކުރައްވައި ޚަދީޖަތުގެފާނު އެތައް ގޮތަކުން މާތްވާ ސަބަބުތައް ބަޔާން ކުރެއްވި އެވެ. (އަޙުމަދާއި ޠަބަރާނީ).

ދެމަފިރިން އެކަކު އަނެކަކަށް ކުރަންޖެހޭ އިހުތިރާމުގެ ތެރޭގައި ހިމެނޭ ތިންވަނަ ކަމަކީ، ކޮންމެ މީހެއްގެ މަސްއޫލިއްޔަތުގައި އަނެކަކުވެސް ވީ ވަރަކުން ބައިވެރި ވުމެވެ. އެހެނީ ދެމީހުންނަކީ މުޅި ދިރިއުޅުމުގެ ހަޔާތުގެ ދެ ބައިވެރިންނެވެ. ކޮންމެ މީހަކު ވެސް އުފުލަނީ އަނެކާ އަށް ވެސް އެ އިން މަންފާ ލިބޭ މަސްއޫލިއްޔަތެކެވެ. އެހެންކަމުން މިކަމުގައި އެހީތެރިކަމެއް އަނެއް ފަރާތުން ލިބުމުން އެ އިން ދަލީލު ކުރަނީ އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ގަދަރެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދެމެދުގައި ލޯބި އުފެދޭނެ އެވެ. ޒަވާޖީ ގުޅުމަށް ވަރުގަދަކަން ލިބޭނެ އެވެ.

އިސްލާމީ ތާރީހަށް ބަލާއިރު މީގެ ބައިވަރު މިސާލުތައް ފެންނަން އެބަހުއްޓެވެ. ކީރިތި ރަސޫލާ ﷺ އަކީ ގޭތެރޭގެ އެންމެ އާދައިގެ މަސައްކަތްތައް ކަމުގައިވާ ގޭތެރެ ސާފު ކުރުމާއި ހެދުން ބާވުމުން ފެހުމާއި ފައިވާން ހެދުން ފަދަ ކަންކަމުގައި އެހީތެރިވެ ދެއްވި ބޭކަލެކެވެ. އަނެއް މިސާލަކީ އަސްމާގެފާނު އެކަލޭގެފާނުގެ ފިރިކަލުން ޒުބައިރުގެފާނުގެ މަސައްކަތްތަކުގައި އެހީތެރިވެ ދެއްވުމެވެ. ކަދުރު ދަނޑުން ކަދުރު އުފުއްލެވުމާއި ޒުބައިރުގެފާނުގެ އަސްކޮޅު ބެލެހެއްޓެވުމާއި ފެން އުފުއްލެވުން ފަދަ ކަންކަން ކުރެއްވިއެވެ (ބުޚާރީ).

އިހުތިރާމުގެ ތެރެއިން ހިމެނޭ ހަތަރުވަނަ ކަމަކީ، ކޮންމެ މީހެއްގެ ވެސް ގާތްތިމާގެ މީހުންނަށް އަނެކާ އިހުތިރާމު ކުރުމެވެ. އެހެނީ އާއިލާގެ މީހުންނަށް ކުރާ ގަދަރާއި އިހުތިރާމަކީ ހަމަ ބައިވެރިޔާ އަށް ކުރާ އިހުތިރާމުގެ ތެރެއިން ހިމެނޭ ކަމަކަށް ވުމެވެ. ހަމައެއާ އެކު، އެ މީހުންނަށް ގަދަރު ނުކުރުމަކީ ބައިވެރިޔާގެ ގަދަރަށް އިހުތިރާމު ނުކުރާ ކަމުގެ ދަލީލެކެވެ.

އިސްލާމް ދީނުގައި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތަން ތަކުރާރުކޮށް އިރުޝާދުތައް ވެއެވެ (އަލްބަޤަރާ 177، އައްނިސާއު 35). އަދި ރަސޫލާގެ ބައެއް ހަދީސްފުޅުތަކުގައި ވެސް ރަހިމުގެ ނުވަތަ ކައިވެނީގެ ސަބަބުން ތިމާގެ ވާ މީހުންނަށް ހެޔޮކޮށް ހިތަން އިރުޝާދުތައް އައިސްފައި ވެ އެވެ. މިސާލަކަށް މިސްރު ފަތަހަ ވެގެންދާ އިރު، އެ ތަނުގައި ވާ ޤީރާތު ކިޔާ ބިމެއްގެ އަހުލުވެރިންނަށް ހެޔޮކޮށް ހިތުން ހިމެނެ އެވެ. އެއީ އެ ތަނުގައި ރަހިމުގެ ގޮތުންނާއި ކައިވެނީގެ ގޮތުން ތިމާގެ ބަޔަކު ވާތީ އެވެ (މުސްލިމް). މީގެ މުރާދަކީ އިސްމާޢީލުގެފާނުގެ މަންމާފުޅު ހާޖަރުގެފާނުގެ ދަރިފަސްކޮޅުގެ ބޭފުޅުންނާއި ކީރިތި ރަސޫލާގެ ޖާރިޔާއެއް ކަމުގައިވާ މާރިޔަތުލް ޤިބްޠިއްޔާގެ އާއިލީ ބޭފުޅުންގެ ވާހަކަ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.

އިހުތިރާމުގެ ތެރެއިން ހިމެނޭ ފަސްވަނަ ކަމަކީ، އެކަކު އަނެކަކުގެ އިހުސާސްތަކަށް އިހުތިރާމުކޮށް، ގަދަރު ކުރުމެވެ. އެ އިހުސާސްތަކަކީ ކޮންޓްރޯލުކޮށް ވަޒަން ހަމަ ކުރަންޖެހޭ އިހުސާސްތަކެއް ކަމުގައި ވިޔަސް ފުރަތަމަ އެ އިހުސާސްތަކުގައި ތިމާ ބައިވެރިވާން ޖެހޭނެ އެވެ. އޭގެ ބަދަލުގައި އަނެކާ އަށް މަލާމާތް ކޮށްގެން ނުވާނެ އެވެ. ވަކިން ހާއްސަކޮށް އެހެން މީހުން ތިބޭ ތަންތަނުގަ އެވެ. އަނެކާގެ އިހުސާސްތަކަށް މިގޮތަށް އިހުތިރާމު ނުކުރެވޭ ނަމަ އެއީ ހެޔޮކޮށް މުއާމަލާތު ކުރުން ކަމުގައި ނުބެލެވޭނެ އެވެ.

ވީމާ ކޮންމެ ދެމަފިރިއަކު ވެސް ޒަވާޖީ މަސްއޫލިއްޔަތުތައް އުފުލަން ފަރުވާތެރިވާން ޖެހެ އެވެ. އެކަކު އަނެކަކު ދަސްކުރަން ޖެހެ އެވެ. ދެމީހުންގެ މެދުގައި ދެކޮޅުވެރިކަމެއް ހިނގިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި އެކަކު އަނެކަކަށް ކޮންމެ މީހަކު ވެސް އިހުތިރާމު ކުރަން ޖެހޭނެ އެވެ.

6 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަމޯ

10 August 2025

އަނބިމީހާ އަށް އެހީތެރި ވާންޖެހޭ ވާހަކަ އަބަދު އޮންނަނީ. އަނބިމީހާ ފިރިމީހާ އަށް އެހީތެރި ވާކަށް ނުޖެހޭތޯ!

The name is already taken The name is available. Register?

ހައްޖަ.

09 August 2025

ހަތަރު އަބިން ނަށް ވެސް އިދެވި ދާނެ އެކަމު އިދެވުނީ މަ ކުރީ އަނބި މަތިން ހަދާން ނުހުރޭ.އެހެންވެ އަންހެނުން ބޭނުން ނުވަނީ އެގޮތަށް.

The name is already taken The name is available. Register?

ޑައިނަމައިޓު

09 August 2025

ދެއަންބަށް އިނުމުގެ ކުރިންވެސް ދިހަ ބާރަ ދަރިން ދީފަ އަޅެ ތިބާ އަށް ވަގުތާ ލޯބި ދެވޭތަ. ބިޒީ ކަމުން އަތުން ނެވާލާނަމަ ނޭވާ ނުލާ އުޅޭމީހުން މި ދެބޮޅު ނޭޅިގެން އުޅެނީ. މަނީ އިޒް ނޮޓް އެވްރީތިންގ.

The name is already taken The name is available. Register?

ހުސައިން

09 August 2025

جزاك الله خيرَا. މިފަދަ ލިޔުންތައް ގިނައިން ހުންނަ ނަމަ މުޖްތަމަޢު ރަނގަލޅު ވާނެ. އޭގެ ބަދަލުގައި ބޭކާރު ލިޔުންތައް ވ. ގިނައިން ފެނޭ.

The name is already taken The name is available. Register?

އަލީ މަތީނު

09 August 2025

ތިހުރިހާ ކަމެއްވެސް ފުރިހަމަކޮށްގެން ދިރިއުޅެމުން މިދަނީ. އެކަމަކު އަނބިމީހާ އަބަދުވެސް ދެބަސްވާކަމެއް އެބައޮތް. އެއީ ދެއަންބަށް އިނުމާ ދެކޮޅުވުން. އަނބިމީހާއާ ދަރިންނަށް ހުރިހާ ޚަރަދެއްވެސް ދީ އަދި ވަގުތުތުވެސް ދެމުން ދެވަނަ މީހަކާ އިނދެގެން އުޅުމުގެ ގާބިލްކަން އެބަހުރި. އަނބިމީހާއަށްވެސް މިކަން އެނގޭ. ދެވަނަ މީހަކާ ކައިވެނި ކުރަނީ އެމީހާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭނެ ކަމުގެ ޔަގީންކަން އޮތީމަ. އެކަމަކު އަނބިމީހާ ނުރުހޭ މިކަމާ.

The name is already taken The name is available. Register?

ނުޒުހަތު

09 August 2025

ތިހުރިހާ ޒިންމާއެއް އަދާކުރަމުން މީހާގެ މިޒާޖު ކޮންމެ ގޮތަކަށް ހުއްޓަސް ވަރިހަމަ. ދިހަބާރަ ދަރިން ދީފަ އަނބިމީހާއަށް ދަރިންގެ ހުރިހާ ކަމެއް ހަވާލު ކޮށްފައި ފިރިމީހާ ބޭނުންވާ ކޮންމެ ވަގުތަކު ޓައިމް ނުދެވުނީމަ އެވީ އެހެން ބޮޅެއް އަޅަން. ނުވިތާކަށް ދަރިންގެ ފަރާތުން ކިރިޔާ ނުކިއްސަރު ކަމެއް ފެންނަ އިރަށް އަނބިމީހާ ހޫނުފެނަށް. އެފެން ހިހޫ ނުވާނެ 40 ހަމަވިއަސް. އަދި ބިޒީ ކަމުން އަނިބިމީހާއަށް ލޯބި އެއް ކުލުނެއް ނޯވޭ. ދެއިރު ބޭސް ގުޅަ ދިނީމަ ނިމުނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454