ޚިޔާލު / ދީން

އިސްލާމީ ވަޙުދަތު ދެމެހެއްޓުމަށްޓަކައި ގުޅުންތައް ވަރުގަދަ ކުރުން

މާލޭގެ ސްކޫލުގެ ދަރިވަރުންތަކެއް ކުލާހުގައި ކިޔަވަނީ: މުޖްތަމައުގެ ހުރިހާ ފަރުދުންގެ މެދުގައި ވަރުގަދަ ގުޅުމެއް ގާއިމު ކުރުމަށް އިސްލާމް ދީން ބާރުއަޅާ. .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑރ. ސަޢުދުﷲ ޢަލީ

31 މާޗް 2017 - 06:47

4 comments

އިސްލާމް ދީނުގައި އިޖުތިމާޢީ ޙަޔާތް ބިނާވެގެންވަނީ ވަކި އަސާސްތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އިންސާނީ ކަރާމަތާއި އިހުތިރާމު ދެމެހެއްޓުމާއި، ދިރިއުޅުމުގައި އިންސާނާގެ އަގާއި އޭނާގެ ހުރުމަތްތެރިކަން ކަށަވަރު ކުރުމާއި، އިންސާނާއަކީ މުޖުތަމަޢުގެ އެއްބައި ކަމުގައިވުމާއި، ފަރުދީހައްގުތަކާއި ޖަމާޢަތުގެ ހައްގުތަކުގެ ތިލަފަތް ހަމަހަމަވެފައި އޮތުން ހިމެނެ އެވެ.

މިފަދަ އަސާސްތައް ގާއިމު ކުރެވޭނީ ވަކި ޝަރުޠުތަކެއް ފުރިހަމަ ކޮށްގެންނެވެ. އޭގެ ތެރެއިން ވަރަށް މުހިންމު އެއް ޝަރުޠަކީ އެއް އިންސާނަކާ އަނެއް އިންސާނަކާ ދެމެދު ރަނގަޅު ގުޅުމެއް އުފެދިގެން މުޅި އިސްލާމީ ވަޙުދަތު ނުވަތަ އެއްބައިވަންތަކަން ދެމެހެއްޓުމެވެ.

އިސްލާމީ މަންހަޖު ނިޔާކުރާ ގޮތުން އެންމެހާ އިންސާނުންގެ މެދުގައި ވެސް އޮންނަން ޖެހެނީ ވަރަށް ރަނގަޅު ގުޅުމެކެވެ. އެހެންވެ އިސްލާމް ދީނުގެ ތަރުބަވީ އެންމެ މުހިންމު މުއައްސަސާތައް ކަމުގައިވާ ޢާއިލާ އާއި މަދަރުސާ އާއި މިސްކިތާއި އަދި މުޅި މުޖުތަމަޢުގައި ވެސް މިދެންނެވި ރަނގަޅު ގުޅުމަށް ވަރަށް ބޮޑު ބުރަދަނެއް ދެވިފައި ވެއެވެ.

މިގޮތުން ބަލާއިރު ގޭތެރޭގައި އެކަކު އަނެކަކަށް އަޅާލުމާއި، ލޯތްބާއި އޯގާތެރިކަން ދެމެހެއްޓުމާއި، ހެޔޮ ގޮތުގައި ދަރިން ތަރުބިޔަތު ކުރުން ލާޒިމު ކުރެ އެވެ. މިކަމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ވާޖިބެކެވެ. އަދިވަކިން ޚާއްޞަކޮށް ބައްޕަގެ މަސްއޫލިއްޔަތު މިކަމުގައި ބޮޑެވެ.

އައްތަޙްރީމް ސޫރަތުގެ 6 ވަނަ އާޔަތުގައި މާތްﷲ އަންގަވާފައިވަނީ އެތަނެއްގެ ދަރު ކަމުގައި މީސްތަކުންނާއި އެމީހުން އަޅުކަންކޮށް އުޅުނު ހިލަތައް ވާ ނަރަކައިން އަމިއްލަ ނަފްސާއި ޢާއިލާ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށެވެ.

މައިންބަފައިންގެ ދައުރު މިގޮތަށް އޮންނައިރު އަނެއްކޮޅުން ދަރިންގެ ފަރާތުން ލާޒިމުވާ ކަމަކީ މައިންބަފައިންނަށް ނުވަތަ އެމީހުންގެ މަގާމުގައި ތިބޭ ބަޔަކަށް ކިޔަމަންތެރި ވުމާއި، އެމީހުންނަށް އިޙްތިރާމް ކުރުމެވެ. މީގެ އިތުރުން މުޅި ޢާއިލާގެ އެންމެންގެ މެދުގައި އެއްބައިވަންތަ ކަމާއި އެކަކު އަނެކަކަށް އެހީވުމުގެ ގުޅުން އޮންނަން ޖެހެއެވެ.

މިދެންނެވި އެއްބައިވަންތަ ކަމާއި އެހީވުމުގެ ތެރެއިން ހިމެނޭ ކަންކަމުގެ ތެރޭގައި ފިރިހެންމީހާ ބައްޕައެއްގެ ހައިސިއްޔަތުންނާއި ފިރިއެއްގެ ހައިސިއްޔަތުން މުޅި އާއިލާ އަށް އިރުޝާދު ދީ މަގު ދެއްކުމާއި، އާއިލާ އަށް ރިޢާޔަތް ކުރުމާއި، ތަރުބިޔަތު ކުރުމާއި، އެންމެހާ ޚަރަދުތައް ބެލެހެއްޓުން ހިމެނެ އެވެ. ޢާއިލާގެ ތެރޭގައި މަޝްވަރާގެ އުސޫލު ގެންގުޅުމަކީ ވެސް އެއްބައިވަންތަ ކަމުގެ ގުޅުމަށް އެހީތެރިކަން ލިބޭނެ ކަމެކެވެ. އަދި މުއުމިނުންގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކުގެ ތެރެއިން ސިފައެއް ކަން އައްޝޫރާ ސޫރަތުގެ 83 ވަނަ އާޔަތުން އެނގެއެވެ.

މުސްލިމް ޢާއިލާއެއްގައި އެއްބައިވަންތަކަން ނުވަތަ ވަޙުދަތު ދެމެހެއްޓުމާ އެކު މީގެ އަސަރު މުޖުތަމައަށް ފޯރަން ޖެހެ އެވެ. ޢާއިލާއަކީ މުޖުތަމަޢުގެ ބިނާގެ ބައެއް ކަމުގައި ވާން ޖެހެއެވެ. މީގެ މާނައަކީ ޢާއިލީވަންތަކަން ނުވަތަ ވަންހަ އާއި ގަބީލާވަންތަކަމަށް ތައައްސުބުވެ އިހުގެ ޖާހިލީ ގޮތްތައް ގެންގުޅުން ފަދަ ކަންކަން ނުކުރުމެވެ.

އިންސާނެއްގެ ހަށިގަނޑުގައިވާ ކޮންމެ ސެލް އަކީ އޭގެ ޒާތުގައި ވަކި އެއްޗެއް ކަމުގައިވިއަސް އެއިން ކޮންމެ ސެލް އަކީ ވެސް މުޅި ހަށިގަނޑަށް ކޮންމެހެން ބޭނުންވާ އެހަށިގަނޑުގެ ބައެކެވެ. އެއީ ފިޠުރީ ގޮތުން އިންސާނާ އުފެދިފައިވާ ގޮތެވެ. މިފިޠުރަތު އިންސާނާގެ އިޖުތިމާޢީ ހަޔާތުންވެސް ފެނިގެން ދާން ޖެހޭނެ އެވެ. އިންސާނުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީވެ ވާގިވެރިވެގެން އުޅުން ކޮންމެހެން ލާޒިމުވާ ބަޔަކަށް ވާހިނދު މުޖުތަމަޢަކަށް ޢާއިލާގެ ފަރާތުން އަދާ ކޮށްދޭން ޖެހޭ މަތިވެރި ދައުރު އަދާ ކުރެވެން ވާނެ އެވެ.

ޢާއިލާގެ ތެރޭގައި މިދައުރު އަދާކޮށް، އެކަކު އަނެކަކާ މެދު އޮންނަން ޖެހޭ ރަނގަޅު ގުޅުންތައް ގާއިމުކުރެވެނީ އަޚްލާޤީ ވަކި މިންގަނޑުތަކެއްގައި ސާބިތުވެ އެގޮތަށް ތަމްރީނު ވެވިގެންނެވެ. އެހެންކަމުން އާއިލާގެ މެންބަރުންނަށް ޚާއްޞަކޮށް ކުދިންނަށް އެންމެ ތުއްތު އިރުއްސުރެ މިފަދަ ރިވެތި ކަންކަން ދަސްކޮށްދޭން ޖެހޭނެ އެވެ.

ޢާއިލާ އަކީ މުޖުތަމަޢުގެ ބައެއް ކަމުގައިވާ އިރު ޢާއިލާގައި އަޚުންތަކެއް ކަމުގައިވީ ފަދައިން ޢާއިލާއިން ބޭރުގައި ވެސް މުސްލިމަކަށް ވީތީވެ އޮންނަން ޖެހެނީ އުޚުއްވަތްތެރި ކަމުގެ ގުޅުމެކެވެ. މި އުޚުއްވަތްތެރިކަމުގެ ގުޅުމަކީ އޭގައި މަސްއޫލިއްޔަތުތަކަކާއި ވާޖިބުތަކެއް އެކުލެވޭ ކަމެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ވަރަށް މުހިންމު ތިން ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ހެޔޮ ކަންތަކަށާއި ތަޤުވާ އަށް އެކަކު އަނެކަކަށް ވާގިވެރިވެ، ނުބައި ކަންތަކަށާއި ޢަދާވާތްތެރި ކަމަށް އެކަކު އަނެކަކަށް ވާގިވެރި ނުވުމެވެ. މިކަން އަލްމާއިދަތު ސޫރަތުގެ 2 ވަނަ އާޔަތުން އެނގެއެވެ.

ދެވަނަ ކަމަކީ، އިސްލާމީ ތަކާފުލެވެ. އެބަހީ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުވުމެވެ. ބޭނުންޖެހިފައި ތބޭ މީހުންނަށް އެހީތެރިކަން ފޯރުވުމަކީ ކީރިތިޤުރުއާން ސިފަކުރާގޮތުގައި މާތްﷲ އަށް ދެވޭ ދަރަންޏެކެވެ. އެދަރަނިން އޭނާއަށް ފައިދާ ވެސް ލިބޭނެ ދަރަންޏެކެވެ. (އަލްޙަދީދް 11)

ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވާ ގޮތުގައި އަވައްޓެރިޔާ ބަނޑުހައިހޫނުކަންމަތީ ވާކަން ދެނެހުރެ އެގޮތުގައި އޭނާ ބަހައްޓައި، ތިމާގެ ބަނޑު ފުރާލައިގެން ހުންނަ މީހަކީ ފުރިހަމަ މުއުމިނެއް ނޫނެވެ. އިސްލާމް ދީނުގެ ރުކުނެއް ކަމުގައިވާ ޒަކާތަކީ ވެސް އިސްލާމީ ތަކާފުލުގެ ތެރެއިން ހިމެނޭ އެއްބައެވެ. މިކަމުގެ ވަރަށް ތަފްޞީލީ ޙުކުމްތައް ޤުރުއާނުގައާއި ސުންނަތުގައި ވެއެވެ.

މިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި މުސްލިމުން އަދާ ކުރަމުން ގެންދާ ނަމަ މުޅި އިންސާނިއްޔަތު ވެސް ނުދެކޭ ފަދަ ވަރުގަދަ ތަކާފުލުގެ ނިޒާމެއް ފެނިގެންދާނެކަން ކަށަވަރެވެ. ޒަކާތުން މިކަން އެކީ އެކަށް ފުރިހަމަ ނުވާނެ ކަމުގައި ބެލި ނަމަވެސް އިސްލާމްދީން އެއަށްވުރެ މަތީ ދަރަޖައަކަށް ތަކާފުލު ވާނެ އެހެންކަމެއް ހަމަޖައްސާފައި ވެއެވެ. އެއީ ޞަދަޤާތެވެ. މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ޞަދަޤާތުގެ ހެޔޮކަން އޭގެ ދިހަ ގުނައިން ހަތްސަތޭކަ ގުނައާއި ދެމެދަށް އިތުރުވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އުޚުއްވަތްތެރިކަމުގެ މަސްއޫލިއްޔަތުގެ ތެރޭހިމެނޭ ތިންވަނަ ކަމަކީ، މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ނަޞްރުދީ ވާގިވެރިވުމެވެ. އަލްމާއިދަތު ސޫރަތުގެ 56 ވަނަ އާޔަތުން ދޭހަވާ ގޮތުގައި މުއުމިނުން މާތްﷲއަށާއި ރަސޫލާއަށާއި އެހެން މުއުމިނުންނަށް ވާގިވެރިވެ ނަސްރުދޭން ޖެހެއެވެ. މި ނަސްރު ދެވޭނީ ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް އުފުލައިގެންނެވެ.

އޭގެ ތެރޭގައި މާތްﷲ އަށް ފުރިހަމަ ގޮތުގައި އީމާންވުމާއި އެކަލާނގެއަށް އަޅުވެތިވުން މަތީ ދެމިހުރުން ހިމެނެ އެވެ. އަދި މިއަޅުވެތިކަމުގެ ދަށުން، މާތްﷲ ނަހީ ކުރައްވާފައިވާ އެންމެހާ ކަންކަމުން ދުރުހެލިވާން ޖެހެ އެވެ. އަޚުލާގީ ވަކި މިންގަނޑުތަކަކަށް ތަބާވާން ޖެހެ އެވެ. މި މިންގަނޑުތަކަށް ތަބާވެއްޖެ ނަމަ އިންސާނާގެ ސުލޫކު ފަރުދީ ގޮތުންނާއި ޖަމާޢަތުގެ ގޮތުން ބަލާއިރު ފުރިހަމަ ސުލޫކެއް ކަމުގައި ވާނެ އެވެ.

މި ދެންނެވި ސުލޫކުގެ ތެރެއިން މުޖުތަމައުގެ މީހުންނަށް އިހުތިރާމު ކުރާނެ އެވެ. އެމީހުންގެ ހައްގުތައް އެމީހުންނަށް އަދާ ކޮށްދޭނެ އެވެ. ތިމާގެ އަތާއި ދުލުން އެހެން މީހަކަށް ދެވިދާނެ ހުރިހާ ގެއްލުންތަކުން އެހެން މީހުން ސަލާމަތް ވެގެންވާނެ އެވެ.

ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާ ގޮތުގައި ފުރިހަމަ މުސްލިމަކީ އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތް ވެގެންވާ މީހާ އެވެ. އަތާއި ދުލުން ދެވިދާނެ އަނިޔާތައް ކަމުގައިވާ މަރާމާރީ އާއި ފުރާނަ ދުއްވާލުމާއި ޣީބަ ބުނުމާއި މަލާމާތް ކުރުމާއި، ނުރުހޭ ޒާތުގެ ލަގަބުތަކުން މުޚާތަބު ކުރުމާއި ޖާސޫސް ކުރުމާއި އަބުރު ގެއްލޭ ފަދަ ވާހަކަތައް ދެއްކުމާއި މިފަދަ މިފަދަ ނުބައި އެންމެހާ ކަންކަން ދޫކޮށްލައިފި ނަމަ އެއީ ހަމަ ޔަގީނުންވެސް މުޖުތަމައުގައި އެކަކު އަނެކަކަށް ވަރުގަދަ ރަނގަޅު ގުޅުންތަކެއް އުފެދިގެންދާނެ ކަމެއްކަން ކަށަވަރެވެ.

އާދެ، އެހެންކަމުން އިސްލާމީ މުޖުތަމަޢުގެ އެންމެންގެ މެދުގައި އޮންނަން ޖެހޭ ވަޙުދަތު ނުވަތަ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ޢާއިލާގެ ތެރޭގައި އެކަކުއަނެކަކަށް ވަރުގަދަ ގުޅުންތަކެއް ދަމަހައްޓަން ޖެހެ އެވެ. އަދި އާއިލާގައި މިގޮތަށް ގުޅުން ބަދަހިކުރާ ފަދައިން ޢާއިލާ އިން ބޭރުގައި މުޅި މުޖުތަމަޢުގައި ވެސް އެކަކު އަނެކަކަށް ރަނގަޅު ގުޅުމެއް އުފެދިފައި އޮންނަން ޖެހެ އެވެ.

އިސްލާމީ މުޖުތަމަޢުގެ އަސާސްތަކަށް ލޮޅުމެއް އެރިޔަނުދީ ދެމެހެއްޓޭނީ އޭރުންނެވެ. އަދި މިއަސާސްތައް ދަމަހައްޓައިގެން އިންސާނުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް ބާއްޖަވެރިކަމާއި ކާމިޔާބު ލިބޭނީ ވެސް އޭރުންނެވެ.

4 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން އާމިރު

03 April 2017

އެއްކަލަ ވަހުދަތޯ.................................

The name is already taken The name is available. Register?

މާހިރު

02 April 2017

ސައުދުﷲގެ މިފަދަ ބޭނުންތެރި އާޓިކަލްތައް މިހާރު ވަރަށް މަދުވެއްޖެ. މިފަދަ ދަނޑިވަޅުތަކުގައި މިފަދަ އާޓިކަލް ގައުމަށް ވަރަށް މުހިންމު. ޚައްޞަކޮށް ސިޔާސީ މީހުންނަށް މިއީ ވަރަށް ރަނގަޅު އާޓިކަލެއް. ކިޔާނެކަމެއްވެސް ނޭނގެ އެމީހުން. ސައުދުﷲއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދިވެސް އަވަހަށް މިފަދަ އާޓިކަލެއް ލިޔުއްވައިދެއްވުން އެދެން.

The name is already taken The name is available. Register?

ސުބް

31 March 2017

އަހަރެން ބަލަން އަންހެންކުދިންނާ ގުޅުން ބަދަހި ކުރެވޭތޯ އަކަމަކު ގިނަ ކުދިން މަ ލަނީ ޑަސްބިނަށް. އެކުދިންނަށް މި އާޓިކަލް ޝެއަރ ކޮށްލަންވީހެން ހީވަނީ.

The name is already taken The name is available. Register?

ހުސެން

31 March 2017

ހުރިހާ ދަރިންގޮވައިގެން އެއްކޮޓަރި ތެރޭ އުޅޭއިރު ހުރިހާ ވާހަކައެއް ދެކެވޭ ދަރިންގެ ކުރިމަތީ. ހަރަދުތައް ފުއްދާނެ ފައިސާ ނެތުމުގެ އިތުރުން ކުދިންގެ ކަންކަން ހަމަޖައްސައި ނުދެވުމުން އުފެދޭ ހިތްހަމަނުޖެހުން ބަންޑުންވާނީ އެންމެންގެ ކުރިމައްޗަށް ނޭނގިނަމަވެސް. މިކަމަށް ހައްލެއް ލިބޭކަށް އަދިނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454