ޚިޔާލު / ކޮލަމް

ނުދައްކާ ވާހަކަ: ނިޒާމް ފުނޑިގެން ދިއުމަކީ މައްސަލައެއް

މާލޭގައި ބޭއްވި ބޮޑު މުޒާހަރާއެއް: ފާޑުކިޔުމަކީ ޑިމޮކްރަސީގެ އަސާސީ އެއް ސިފަ

ތަނެއްގެ ނުވަތަ ކަމެއްގެ ވެރިކަމަށް އަންނަން ހިތުއަޅަންވާނީ ވެސް ފާޑުކިޔުމާއި ޚިޔާލު ތަފާތުވާ މީހުންނާއި އުނދަގޫކުރާ މީހުން ވެސް އުޅޭނެކަން ގަބޫލުކޮށްގެންނެވެ. އަދި އަމުދުން ޑިމޮކްރަސީއޭ ކިޔައިގެން އުޅޭ ނަމަ މި ބުނި ހުރިހާ ކަމެއް ހުންނާނީ އެތައް ގުނައެއް މަތީގަ އެވެ. މޮޅު ވެރިޔަކަށް ވާނީ މި ހުރިހާ ކަމަކުން ސަލާމަތްވަމުން، ވީހާވެސް ގިނަ ބަޔަކު ރުއްސަމުން ވައުދުތައް ނިޒާމުގެ ތެރެއިން ފުއްދުމުންނެވެ.

ގައުމެއްގެ ފެންވަރުގައި ވިސްނަން ހިނގާށެވެ. ސިޔާސީ ޕާޓީތައް ހަދައި ދައުލަތުގެ ބާރުތައް ވަކިކޮށްފައި އޮންނަނީ ބޮޑެތި ސަބަބުތަކެއް ހުރެގެންނެވެ. ސަރުކާރުން ވެރިކަން ކުރާނީ އެވެ. ދައުލަތުގެ އަނެއް ދެ ބާރުން ވެރިކަމަށް ފާރަވެރިވާނެ އެވެ. ސިޔާސީ ޕާޓީތައް މި ހުރިހާ ދިމާލަކަށް ބަލާނެ އެވެ. ވެރިކަން ހިންގަން ރައްޔިތުން ހަވާލުކުރި ފަރާތްތަކުންނާއި ގައުމު ހަމަ މަގުގައި ބޭއްވުމަށް ރައްޔިތުންގެ ފައިސާ އިން މުސާރަ ދީފައި ތިބޭ މީހުން ދައުލަތުގެ ޚަޒާނާއިން ވައްކަންކުރާ ކަމަށް ޝައްކުވާ ނަމަ އެކަމާ ސުވާލުކުރާނެ އެވެ. ކުރަން ޖެހޭނެ އެވެ. މައްސަލައަކަށް ވާނީ އެކަމާ އަޅާލާނެ ބަޔަކު ނެތް ނަމަ އެވެ.

މި ނިޒާމުގެ ތެރޭގައި ވެރިކަން ކުރާއިރު ދިމާވާ ކޮންމެ ހުރަހަކީ ފުނޑާލަން ނުވަތަ ނައްތާލަން ޖެހޭ އެއްޗެއް ކަމަށް ބަލައިގެން އުޅޭ ނަމަ ފެންނަ މަންޒަރު ވަރަށް ހުތުރުވާނެ އެވެ. ވެރިކަން ކުރަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ކަނޑައަޅާފައިވާ އިމުގައި ނޫން ކަމަށް، އެ ކަންކަމަށް ފާރަވެރިވާން އުފައްދާފައިވާ މިނިވަން މުއައްސަސާތަކަށް ގަބޫލުކުރެވި އެ ވާހަކަ ދެއްކުމަކީ ވެރިކަން ކުރުމަށް ހުރަސް އެޅުމެއް ކަމަށް ހީވާ ނަމަ ފެންނާނީ މުއައްސަސާތައް ފުނޑާލާ ތަނެވެ. ބާރުތައް ވަކިވެފައިވާ ނިޒާމެއްގައި މިކަން ކުރެވޭނީ ރައްޔިތުންގެ މަޖިލިސް ވެސް މުށުތެރެއަށް ލައިގެންނެވެ. ރައްޔިތުން އެ މަޖިލީހުގެ އަޣުލަބިއްޔަތު ދިނުމަކީ މުޅި ނިޒާމު ފުނޑައި ހިމުންކުރަން ދިން ބާރެއް ކަމަށް ބަލާ ނަމަ ފެންނާނީ "ނަމެއްގައި މިނިވަން" މުއައްސަސާތަކެވެ.

ވެރިކަމުގެ ފަރާތުން ކޮންމެ ކަމެއް ވެސް ކުރާނީ އިންސާފުން ކަމަށް ގަބޫލުކޮށްގެން ނުވާނެ އެވެ. ވެރިކަމުގެ ބާރަށް ޗެލެންޖުކުރާ ކޮންމެ މީހަކީ ނުވަތަ ބަޔަކީ ބިރެއް ނޫނެވެ. އިންސާފު ނުލިބޭ ކަމަށް ގަބޫލުކުރެވޭ ކޮންމެ މީހަކު ކޯޓުތަކަށް ދާން ޖެހޭނެ އެވެ.

އެ މުއައްސަސާތަކުގެ ލޯ ކަނުވާނެ އެވެ. ބީރުވާނެ އެވެ. އެ ތަންތަނުގެ ވެރިން އަބަދުވެސް ވިސްނާނީ މަގާމު ދެމެހެއްޓޭނެ ގޮތެކެވެ. ރައްޔިތަކަށް ޖަވާބުދާރީ ވާކަށް ނުކެރޭނެ އެވެ. ދެފުށް ފެންނަ ގޮތަށް އެއްވެސް ކަމެއް ނުކުރާނެ އެވެ. ކުރެވެން ނުވެސް އޮންނަނީ އެވެ. ފޮރުވަން ޖެހޭ ކޮންމެވެސް ކަންތައްތަކެއް އަބަދުވެސް އޮންނާނެ އެވެ. އެކަމަކު ބާރުލާފައި ބުނާނީ މިނިވަން ވާނެއޭ އެވެ. އެކަމަކު ގަބޫލުކުރާނެ މީހަކު ނުހުންނާނެ އެވެ.

ވެރިކަމުގެ ފަރާތުން ކޮންމެ ކަމެއް ވެސް ކުރާނީ އިންސާފުން ކަމަށް ގަބޫލުކޮށްގެން ނުވާނެ އެވެ. ވެރިކަމުގެ ބާރަށް ޗެލެންޖުކުރާ ކޮންމެ މީހަކީ ނުވަތަ ބަޔަކީ ބިރެއް ނޫނެވެ. އިންސާފު ނުލިބޭ ކަމަށް ގަބޫލުކުރެވޭ ކޮންމެ މީހަކު ކޯޓުތަކަށް ދާން ޖެހޭނެ އެވެ. ކޯޓުތަކުގައި ތިބޭ ފަނޑިޔާރުން އިންސާފު ގާއިމުކުރުމުން ވެރިކަމުގެ ބާރަށް އުނިކަމެއް ލިބުނަސް އެއީ މައްސަލައަކަށް ވެގެން ނުވާނެ އެވެ.

ނިޒާމުގެ ތެރެއިން ވެރިން ޒިންމާދާރު ކުރެވެން ނެތް ނަމަ އެމީހުންނާ ދެކޮޅަށް ބައެއް ރައްޔިތުން ނުކުންނަ ތަން ދުނިޔޭގެ ހުރިހާ ދިމާލަކުން ވެސް ފެނެ އެވެ. ވެރިކަންކުރާ ގޮތަށް އެ މީހުން ފާޑު ވެސް ކިޔާނެ އެވެ. ފާޑުކިޔާ ކޮންމެ މީހަކީ ވެރިކަން ބޭނުންވެގެން އުޅޭ މީހެއް ވެސް ނޫނެވެ. އެކަމަކު ވަކި ހިސާބަކުން އެ މީހުން ވެސް ފުނޑާލަން ޖެހޭ ކަމަށް ބަލާފާނެ އެވެ.

މިހާ ހިސާބަށް ދާއިރު މުޅި ނިޒާމު އޮންނާނީ ފުނޑިފަ އެވެ. ވެރިކަމުގައި ތިބޭ މީހުންނާއި އިދިކޮޅު މީހުންނަށް ވެސް ފައިދާއެއް ނުލިބޭނެ އެވެ. ރައްޔިތުންނަށް ފެންނާނެ ރަނގަޅު އުސޫލުތަކެއް ވެސް ނޯންނާނެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރަނގަޅު އެއް ކަމެއް ނުފެންނާނެ އެވެ.

0 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 3%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454