ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ގާނޫނުއަސާސީ އަށް ބަދަލު ގެނައުމާއި ގާނޫނު ހެދުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލިހަށް
16 ޖުލައި 2017 - 07:04
ރާއްޖޭގައި 1932 އިން ފެށިގެން ދިވެހި ދައުލަތް އެ އެއްޗެއްގެ މައްޗަށް އުފެދި ގާއިމުވެފައިވާ ލިޔުމަކީ ގާނޫނުއަސާސީއެވެ. ގާނޫނު އަސާސީއަށް ވުރެ މަތީ ބާރެއް މި ދައުލަތުގައި ނެތް ކަމަށް ރައްޔިތުން ވަނީ ކަނޑައަޅައި އެއްބަސްވެފަ އެވެ. އެހެންކަމުން، ގާނޫނުއަސާސީއާ ހިލާފުވުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިފައެއް ނުވެ އެވެ. ގާނޫނުއަސާސީއަށް ބޯލެނބުމަށް އެންމެހައި ފަރުދުންގެ މައްޗަށާއި އެންމެހައި މުއައްސަސާތަކުގެ މައްޗަށް އެ ގާނޫނު އަސާސީ ލާޒިމުކުރެ އެވެ. އެއީ ރައްޔިތުންގެ ހުކުމެވެ. އެއީ ރައްޔިތުން ކަނޑައަޅާފައިވާ ދުސްތޫރެވެ. ޑިމޮކްރަސީ ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށް ބުނަނީ އެހެންވެގެންނެވެ. ގާނޫނުއަސާސީގައިވާ އެއްވެސް ކަމަކަށް، ގާނޫނުއަސާސީގައި ބުނެފައިވާ ގޮތް ނޫން ގޮތަކަށް ބަދަލެއް ނުގެނެވޭނެ އެވެ. އަދި ގާނޫނުއަސާސީއާ ހިލާފުވުމަކީ ކުރެވޭނެ އެންމެ ބޮޑު ކުށެވެ.
ރައްޔިތުން އެއްބަސްވެ އެކަށައަޅާފައިވާ ގާނޫނުއަސާސީއަށް އަމަލުކުރުން ނޫން މަސްލަހަތެއް ނޯންނާނެ އެވެ. ދައުލަތުގެ އެންމެ ބޮޑު މަސްލަހަތަކީ ރައްޔިތުން ކަނޑައަޅާފައިވާ ގާނޫނުއަސާސީއަށް އަމަލުކުރުމެވެ. ބޯލެނބުމެވެ. އެއްވެސް ސުވާލެއް ނެތި އަކުރުން ފިއްޔަށް ތަންފީޒުކުރުމެވެ.
ދައުލަތް އެ މައްޗަށް އެކުލެވިފައިވާ ގާނޫނުއަސާސީއަކީ ރައްޔިތުންގެ ވަކީލުން ރައްޔިތުންގެ ނަމުގައި ހަދައި ދައުލަތް ހިންގުމަށް އެއްބަސްވެފައިވާ ގޮތެވެ. ގާނޫނުއަސާސީގައިވާ އެއްވެސް ކަމަކަށް ބަދަލު ގެނެވޭނީ ރައްޔިތުން އިންތިހާބުކުރާ ރައްޔިތުންގެ މަންދޫބުންނަށެވެ. ވަގުތީ ގޮތުން ނަމަވެހެވެ.
ގާނޫނު ހެދުމުގެ ބާރު ގާނޫނުއަސާސީ މެދުވެރިކޮށް ދިވެހި ރައްޔިތުން މަތިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ މަސްއޫލިއްޔަތު އެހެން ފަރާތަކުން އަދާކޮށްފި ނަމަ، އެއީ ބާތިލު އަމަލެކެވެ. އެކަން ގާނޫނުއަސާސީގެ ސާފު ނައްސުން އެ އޮތީ ފެންނާށެވެ. ހަމަ އެގޮތަށް، ގާނޫނުއަސާސީއަށް ބަދަލުގެނައުމުގެ ބާރު ވެސް ގާނޫނުއަސާސީ މެދުވެރިކޮށް ދިވެހި ރައްޔިތުން މަތިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ މަސްއޫލިއްޔަތު އެހެން ފަރާތަކުން އަދާކޮށްފި ނަމަ، އެ ވެސް ވާނީ ބާތިލު އަމަލަކަށެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ޝަރުއީ ކޯޓުތަކަކީ އަދުލު އިންސާފު ގާއިމުކޮށް، ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތައް ތަތުބީގު (އެޕްލައި) ކުރަން ތިބޭ ބައެކެވެ. ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނަކާ މެދު ހިތާނުވެގެން މީހަކު ކޯޓަށް މައްސަލައެއް ހުށަހަޅައިފި ނަމަ، އެ ގާނޫނަށް ބަދަލު ގެނައުމުގެ ބާރު ގާނޫނުއަސާސީން ކޯޓަށް ދީފައެއް ނުވެ އެވެ.
އެ މައްޗަށް ދިވެހި ދައުލަތް ގާއިމުކުރެވިފައިވާ ގާނޫނުއަސާސީގައިވާ ގޮތުން ދިވެހި ދައުލަތުގެ ސިޔާދަތާއި ބާރުތައް މިލްކުވެގެންވަނީ ރައްޔިތުންނަށެވެ. ރައްޔިތުންގެ ސިޔާދަތާއި ބާރުތައް ދިވެހި ރައްޔިތުން ބޭނުންކުރަނީ ގާނޫނުއަސާސީ މެދުވެރިކޮށެވެ. އެހެންކަމުން، ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ރައްޔިތުން ދޭ ގާނޫނީ ބާރު ލިބެނީ ގާނޫނުއަސާސީ މެދުވެރިކޮށް، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މިންވަރަށެވެ. އެހެންކަމުން، އެ ހުދޫދުން ބޭރުވުމުގެ ބާރެއް އެއްވެސް މުއައްސަސާއަކަށް ލިބިގެންނެއް ނުވެ އެވެ. ވީމާ ގާނޫނުއަސާސީއަށް ވަފާތެރިވެ، ގާނޫނުއަސާސީގެ އިބާރާތްތައް އަކުރުންފިއްޔަށް ތަންފީޒުކުރުމަކީ ކޮންމެ މުއައްސަސާއެއްގެ ދުސްތޫރީ ވާޖިބެކެވެ. މި މުއައްސަސާތައް ހިންގަން އައްޔަންކުރެވޭ މުވައްޒަފުން ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށް މާތް ﷲ ގަންދީ ހުވައި ކުރަން ޖެހެނީ އެހެންވެގެންނެވެ.
ގާނޫނުއަސާސީގެ ދަށުން އުފައްދާ އެހެން މުއައްސަސާތަކުގެ ވެރިންނެކޭ އެއްފަދައިން، އަދުލު އިންސާފު ގާއިމްކުރުމަށް އައްޔަން ކުރާ މުވައްޒަފުންގެ މަސްއޫލިއްޔަތަކީ ވެސް ގާނޫނުއަސާސީ ދިފާއުކުރުމެވެ. ގާނޫނުއަސާސީގައި ރައްޔިތުން ކަނޑައަޅާފައިވާ މާއްދާތައް އެހުރި ގޮތަށް ދިފާއުކޮށް ތަންފީޒުކުރުމެވެ. ގާނޫނުއަސާސީގައިވާ ކަމަކަށް ރައްޔިތުންގެ ރުހުން ނެތި ބަދަލެއް ނުގެނެވޭނެ އެވެ.
މި ބުނި އުސޫލުތައް މުގުރާލައިފި ނަމަ ދައުލަތް އޭގެ މީޒާނުން ކައްސާލައި އެ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ބުނާނެ ތަނެއް ނޯންނާނެ އެވެ.
ހުސްނުއް ސުއޫދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި އަދި ރާއްޖޭގެ އެންމެ ސީނިއަ އެއް ގާނޫނީ ވަކީލެވެ. ގާނޫނީ އެކި މައްސަލަތަކާ މެދު އޭނާ ދެކެވަޑައިގަންނަވާ ގޮތްތައް ލިއުއްވުމުގެ އިތުރުން އޭނާ ގެންދަވަނީ ގާނޫނީ ދާއިރާ އިން ފޮތްތައް ވެސް ނެރުއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަލީ
16 July 2017
ޥަރަށް ފުރިހަމަ އާޓިކަލްއެއް، އިތުރަށް ދަންނަވާހިތް އޮތީ ރައްޔިތުންގެ މެދުގައި ޤާނޫނީގޮތުން ޚިޔާލު ތަފާތު އުފެދޭ ހާލަތެއް މެދުވެރިވާ ވަގުތުތަކުގައި ކަމުގެ ތަޖުރިބާމާހިރުންގެ ކިބައިން މިފަދަ އާޓިކަލް އާންމުންނަށް ސާފުކޮށް އޮޅުން ފިލުވާދޭން ހުރިހާމީހުންގެ އެއްބާރު ދިނުމެވެ. ޢިންސާނާގެ ސިކުނޑީ ހަމަތކުންވެސް ޤަބޫލުކުރާ ހަމަތެއްނޫނީ ޤާނޫނު އާއިޤަވާއިދުގައި.ހުންނާނެކަމަކަށް ޤަބޫލު ނުކުރެވެ. ވަޒީފާދަެފަރާތް ވަޒީފާ ހަވާލުވާމީހާގެ މަތްޗަށް ޤާނޫނު އާއި ޤަވާއިދު ހެދުމަކީ ކޮންތާކު ކޮންއިތަކު އޮތްކަމެއްކަން ދެނެހުރީ ކާކުތޯއެވެ.
އަހުމަދު
16 July 2017
ކޮޅު ބަދަލު ކުރުން ރައްޔިތުން ގެ ހައްގު ގައި ހުއްޓުވަން ސަރުކާރުން ބޭނުން ނަމަ ޕީޕީއެމް ގެ ސުޕަރ މެޛޯރިޓީ މަޖިޅިހުގައި މިއޮތްހާ ދުވަހު އޮތް އިރު އެފަދަ ގާނޫނެއް ހެދީހެވެ. އެ ކަން ނުކޮށް އޮތީ މިވީ ތަނަށް ކޮޅު ބަދަލު ކުރަނީ ސަރުކާރުގެ ކޮޅަށް ވީ މައެވެ. މިހާރު ކޯޓު މެދުވަރި ކޮށް ގާނޫނުން ނުލިބޭ ބާރެއް ހޯދަން ޖެހިގެން އުޅެނީ ސަރުކާރު ފަޅިން މެންބަރުން ތަކެއް ދުރުވީމައެވެ. ވީމާ ރައްޔިތުން ގެ ހައްގޭ ނުކިޔާށެވެ!
ދިރާސާ
16 July 2017
ސްޕްރީމް ކޯޓްގެ ހުކުމް އަހަރުމެން ބަލައިނުގަންނަން. މައްސަލައަކީ އެ ޙުކުމް ކުރި ވަގުތާއި ޙާލަތް ނުބައްދަލުވާތީ. އެހެންނަމަވެސް މަޖިލިސް މެންބަރުންގެ ގޮނޑި ރައްޔިތުންގެ ބާރުން ގެއްލޭނެ ގޮތެއްވެސް އޮންނަންޖެހޭ. މިހާރު މި އޮންނަނީ އިންތިޚާބު ވުމަށްފަހު 5 އަހަރަށް ގޮނޑި ގާއްގަޑަކަށް ޔަޤީންވީ. އެހެންކަމުން ކިތައްމެ ބޮޑު ކޮރަޕްޝަނެއް ތުހުމަތު ކުރެވުނަސް ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނެތް. ލިބޭ ކުުއްލި ތަނަވަސްކަންވެސް ބެލޭނެ ގޮތެއް ނެތް. ކިތަންމެ ހާޟިރީއަށް ދަށްވިޔަސް އެޅޭނެ ފިޔަވަޅެއް ނެތް. ބަރާބަރަށް މުސާރަޔާއި އެލަވަންސް ނަގާ. އެހެން ކަމުން ގޮނޑި ގެއްލޭނެ ގޮތެއް އޮތުމުން ރައްޔިތުންނަށް މަޖިލިސް ޖަވާބުދާރީ ކުރެވޭނީ. އަދި ޒިންމާ ދާރު މެންބަރުން ތިބެގެން ސަރުކާރު ޖަވާބުދާރީ ކުރެވޭނީ. ޒިންމާދާރު މެންބަރުން ތިބެގެން ފަނޑިޔާރުގެ އިސްލާޙްކުރެވޭނީ.. މިހާރު ތި ޙުކުމުގެ ސަބަބުން ކޮޅުބަދަލު ކުރާ ޤާނޫނެއް ގެންނަންވީ. އެއީ މަޖިލިސް މެންބަރުންނަށް ހަފްތާއަކުންވެސް ކޮށްލެވޭނެ ކަމެއް. ތި މަޖިލީހުން އެބަހުރި ޤާނޫނީ އަސާސީވެސް އޯވަރނައިޓްއަކުން ބަދަލުކޮށްފައި. އެހެންކަމުން ޤާާނޫނު ވުޖޫދަށް ގެނައީމަ ތިކަމުން ސަލާމަތްވީ.
ހަސަނު
16 July 2017
ރައްޔިތުން ހިތާ ނުވާނަމަ ދައުރުގެ މެދުތެރެއިން މެމްބަރުން ބަދަލު ކުރުމުގެ ބާރު ރައްޔިތުންނަށް ލިބެން ޖެހޭ.. ބައެއް ގައުމުތަކުގާ އެކަން އޮވޭ ރައްޔިތުންގެ ޕެޓިޝަނަކުން އެކަނ ްކުރެވޭ ގޮތަށް... އެ މެމްބަރު ހޮވި އަދަދުގެ ދެބައިކުޅަ އެއްބައި މީހުން ޕެޓިޝަނެއް ހަދައިފި ނަމަ އަލުން އިންތިހާބު ބާއްވަން... މިހާރު މި ވީގޮތަކީ ޕީޕީއެމާ ގުޅުމެއްވެސް ނެތް މުސްތަސާރު އަތްމައްޗަށް އެބާރު މި ދިނީ... އެ މުސްތަސާރަކީ މަގާމަށް އައްޔަނު ވީފަހުން ރައްޔިތުން އޭނާއަށް ވޯޓު ދިން ސަބަބު ބޮލާލާ ޖަހާފަ ވާމީހެއް...
ހީހީ ހަލާކު
16 July 2017
ވެރިކަމުގެ ދަހިވެތިކަމުގަ ގާނޫނުއަސާސީގެ ސިޔާދަތާ ބާރު ކަނޑުވާލަމުންދާ މީހުންނަށް ބުނެލަން އޮތީ ރައްޔިތުންގެ ބާރު އެބައޮތޭ. ރައްޔިތުންގެ ބާރުތައް ސުޕްރީމް ކޯޓު މެދުވެރިކޮށް އަޅެ ކުޑަކޮށްބަލާށޭ ގަޓް ހުރިއްޔާ. ރައްޔިތުން ނުހިފެހެއްޓޭނެ. މިއީ ލައްކަ ވާހަކަ...
ދޫނި ރާއްޖެ
16 July 2017
ޤާނޫނަކަީ އެމީހަކު ބޭނުންވާގޮތަކަށް ތަރުޖަމާ ކުރާ އެއްޗެއް. އެއީ އަހަރުމެންނަށް މި ފެންނަނީ. ބޮޑުންނަށް ބޮޑު އިންސާފް ނިކަމެތިންނަށް ނިކަމެތި އިންސާފް.
ވާލުސޮރު
16 July 2017
ތިޔަ ހުރިހާ ކަމެއް ތިޔަގޮތަށް އޮއްވައި، "ކޯޓަކުން އެހެން ގޮތަކަށް ނުނިންމާހައި ހިނދަކު ފަނޑިޔާރުން ނިންމާ ކޮންމެ ނިންމުމަކީ ޤާނޫނު" ކަމަށް ބައެއް ފަނޑިޔާރުން މާނަކުރައްވާތަން އެބައާދެއެވެ. މިކަމުގެ ހުއްޖަތަކަށް އެބޭފުޅުން ދައްކަވަނީ "ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނު އަސާސީ އާ ގާނޫނަށް" ކަމަށް ޤާނޫނު އަސާސީގަ އޮންނާތީ ކަމަށްވެއެވެ. އެކަމަކު ހަމަ އެ ޤާނޫނު އަސާސީގަ ޤާނޫނު ހެދުމާ ޤާނޫނުތަކަށް އިސްލާހުގެނައުމުގެ ބާރު ދީފައިވާ ހަމައެކަނި ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ގާނޫނު އަސާސީގައި ލިޔެ އެކަން މަތިކޮށްފައި އެއޮންނަނީ "ނާލާފުށީ ފަގީރަށް ގެރިދިންގޮތަށް" ކަމަކަށް ހަމަގައިމުވެސް އަޅުގަނޑަކަށް ގަބޫލެއްނުކުރެވެއެވެ.
ކަނަމަނަ
16 July 2017
ޤާނޫނު އަސާސީ ބާރުގަަދަވީ މިހާރުތަ. ކުރިޔަކު އެބާރެއްނެތްތަ. މަޖިލީހުގެ މެންބަރުންގެ މެންބަރުކަން ގެއްލޭގޮތަށް ހުކުމެއް އައުމާއެކު ހުރިހާކަމަކަށްވުރެ އެކަންބޮޑުވެގެން މިއުޅެނީ.