ތުއްތު ދަރިފުޅު ރީނދޫ ވަނީ ކީއްވެ؟

"...މިހާރު އުފަންވާ ކޮންމެ ކުއްޖަކު މިވަނީ ރީނދޫ. ޑޮކްޓަރެއް ނެތި އަހަރެމެން ވިހޭއިރު ވެސް މިފަދަ ކަމަކާ ކުރިމައްޗެއް ނުވޭ. އޭރު ވެސް އަޒުމާ ގާތުގައި މަންމަ ބުނީމެންނު އެ ބޭސްތައް ނުކާށޭ. ރީނދޫ ނުވިއްޔާ ދެރައެއް ނު. ތިޔަކާ ދެބުރި ދެކުލައިގެ ބޭސްގުޅަވޭ ބޮޑު ހަސަނު ހޮޓަލުން ހަދާ ކަވާބެއް ވަރު" މާމަ ދަރިފުޅު ރީނދޫ ވުމުން މަރިޔަމްފުޅު އިނީ ރުޅިގަދަވެފަ އެވެ.


އެއީ ތެދެއް ހެއްޔެވެ؟ ދަރިފުޅު ރީނދޫވަނީ މާބަނޑު ދުވަސްވަރު ބޭނުންކުރާ ބޭސްތަކުގެ ސަބަބުން ހެއްޔެވެ؟ މަރިޔަމްފުޅު އެބުނީ ކިހާވަރެއްގެ ހަގީގަތެއްބާ އެވެ؟ ދަރިފުޅު ރީނދޫވަނީ ކީއްވެ ހެއްޔެވެ؟ ރީނދޫ ވުމަކީ ކޮބައި ހެއްޔެވެ؟

ރީނދޫ ވުމަކީ ބިލިރުބިން ކިޔާ މާއްދާއެއް ހަށިގަނޑުގެ ތެރޭގައި ގިނަވުމުގެ ސަބަބުން މެދުވެރިވާ ހާލަތަށް ކިޔާ ނަމެކެވެ. މި ހާލަތު މެދުވެރިވުމުގައި ހަށިގަނޑަށް އޮކްސިން ފޯރުކޮށްދޭ ރަތް ސެލްގައިވާ އެންމެ މުހިއްމު ބަހާ ނުވަތަ ހިމަގޮލޮބިން ނަމަކަށް ކިޔާ ޕުރޮޓީން ވަރަށް މުހިއްމު ރޯލެއް އަދާކުރެ އެވެ. ތުއްތު ދަރިފުޅު އުފަންވާއިރު މި ދެންނެވި ޕުރޮޓީން ނުވަތަ ހިމަގުލޮބިންގެ މިންވަރު ހުންނަނީ ފުދޭވަރަކަށް މަތީގަ އެވެ. ސަބަބަކީ އުފަންވާއިރު ތޮބީއީ ގޮތުން އެތައް ބައިވަރު ރަތްސެލްތަކެއް ހަލާކުވާތީ އެވެ. އެހެނީ ތުއްތު ކުދީންގެ ރަތް ސެލްގެ އުމުރަކީ ގާތްގަނޑަކަށް އެންމެ 70 ދުވަހެވެ.

ރަތް ސެލްގެ އަޖަލު ހަމަވުމުން ހިމަގުލޮބިންގެ ވަޒީފާ ގެއްލި، ވަންނާނެ ގެދޮރު ވެސް ގެއްލިގެންދެ އެވެ. އަދި އެންމެ ފަހުން މެކްރޮފޭޖް ނަމަކަށް ކިޔުނު ސަލާމަތީ ބާރުތަކުގެ އަތްދަށުވެ ހަނގުރާމައިގެ އަސީރަކަށް ވެގެންދެ އެވެ. ދެން އެ އަށް ފަހު ހޭދަވާ "ތަހުގީގީ" މަރުހަލާތަކުގައި އެ އެއްޗަކުން ހިމަގުލޮބިންގެ ހަށިގަނޑު ފަރުމާކުރެވިފައިވާ އެކިއެކި ބައިތައް އުނިކުރެވެން ފަށަ އެވެ.

މިގޮތުން ގުލޮބިން އާއި ދަގަނޑުގެ ބާވަތް ހިމަގުލޮބިންގެ ހަށިގަނޑުން ވަކިކުރެވި އެ ތަކެތި އަލުން ބޭނުންކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދެވެ އެވެ. އަދި ދެން ބާކީ ހުންނަ ބައި ބޭނުންކޮށްގެން ބިލިރުބިން އުފައްދާން ފަށަ އެވެ. ނަމަވެސް މިގޮތަށް އުފައްދާ ބިލިރުބިން އަކީ ފަސޭހައިން އޭގެ ބޭނުންކުރެވޭ ނުވަތަ ފެނަށް ގިރޭ ޒާތުގެ ބިލިރުބިންއަށް ނުވާތީވެ، ކޮންޖުގޭޓް ކުރުމަށްޓަކައި ނުވަތަ ފެނަށް ގިރޭ ގޮތް ހެދުމަށްޓަކައި އަލްބުމިންކިޔާ އެހީތެރިއަކާ އެކު ފުރަމޭ އަށް ފޮނުވާލެވެ އެވެ.

ފުރަމޭ އަށް ގެނެވޭ ބިލިރުބިންތަކުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެކަމަށް ކަނޑައެޅިފައިވާ ފުރަމޭގެ ހީވާގި މުއައްޒަފުން އަވަދިނެތި މަސައްކަތް ކުރެ އެވެ. ނަމަވެސް ތުއްތު ދަރިފުޅުގެ ޅަފަތުގައި ފުރަމޭ އަކީ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރާ ގުނަވަނަކަށް ނުވުމުން ފުރަމޭ އަށް ގެނެވޭ ހުރިހާ ބިލިރުބިން އަކީ ފެނަށް ގިރޭ ބާވަތުގެ ބިލިރުބިން އަކަށް ނުހެދެ އެވެ. މިހެން ވުމުގެ ސަބަބުން ބިލިރުބިންގެ މައްސަލަ ހައްލު ނުކުރެވި ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ބިލިރުބިން އިތުރުވެ، މައްޗަށްދާ ގޮތް ވެ އެވެ.

ނިއޯނޭޓަލް ޖޯންޑިސް ނުވަތަ އުމުރުން 28 ދުވަސްނުވާ ދަރިފުޅު ރީނދޫވުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް ކަންބޮޑުވުމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ދުވަސްފުރާ އުފަންވާ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 60 ޕަސެންޓް ކުދީންނާއި އަދި ދުވަސްނުފުރާ އުފަންވާ ކުދީންގެ ތެރެއިން 80 ޕަސެންޓް ކުދީންނަކީ އެ ކުދީންގެ އުމުރުގެ ފުރަތަމަ ހަފްތާތެރޭގައި ރީނދޫވާ ކުދީންނެވެ.

އަދި މިކުދީންގެ ތެރެއިން 5-10 ޕަސެންޓާއި ދެމެދުގެ ކުދީންނަކީ ނޫކުލައިގެ ހޮޅުބުރީގެ އަލިތެރޭގައި އޮންނަންޖެހޭ ނުވަތަ ފޮޓޯތެރަޕީ ނުވަތަ އެފަދަ އެހެންވެސް ފަރުވާބޭނުންވާ ކުދީންނެވެ.

އާއްމު ގޮތެއްގައި ދަރިފުޅު އުފަންވާއިރު ކޮންމެ ޑެސިލީޓަރަކަށް އެއް މިލިގުރާމާއި ތިން މިލިގުރާމް ދެމެދުގެ މިންވަރަކަށް ފެނަށްނުގިރޭ ބިލިރުބިން ހުރެ އެވެ. އަދި ފުރަތަމަ 24 ގަޑިއިރުތެރޭގައި ކޮންމެ ޑެސިލީޓަރަކަށް 5 މިލިގްރާމަށް ވުރެ މަތި ނޫން ރޭޓެއްގައި ބިލިރުބިން އިތުރުވާން ފަށަ އެވެ. ހަށިގަނޑުގައި ބިލިރުބިންގެ މިންވަރު އެންމެ އިތުރުވަނީ ކުއްޖާގެ އުމުރުން ދެވަނަ ދުވަހާއި ހަތަރުވަނަ ދުވަހާ ދެމެދުގަ އެވެ. މި މުއްދަތުގައި ބިލިރުބިން ހުންނަ މިންވަރަކީ ކޮންމެ ޑެސިލީޓަރަކަށް ފަހެއް ނުވަތަ ހަ މިލިގްރާމެވެ. މިހާ ހިސާބުން ދަރިފުޅުގެ މޫނު ރީނދޫވެފައި ހުންނަކަން ތިބާ އަށް ފާހަގަކުރެވޭނެ އެވެ. ނަމަވެސް ދަރިފުޅުގެ އުމުރުން ފަސް ވަނަ ދުވަހާއި ހަތްވަނަ ވަނަ ދުވަހާ ދެމެދުގައި ބިލިރުބިންގެ މިންވަރު ކޮންމެ ޑެސިލީޓަރަކަށް ދެ މިލިގްރާމަށް ދަށްވެ ރީނދޫކަން އިސާހިތަކު ފިލައި ހިނގައިދާނެ އެވެ. މި ދެންނެވި ބީދައިން ރީނދޫވާ ރީނދޫ ވުމަށް ކިޔަނީ ތޮބީއީ ރީނދޫވުމެވެ. ނުވަތަ ފިސިއޮލޮޖިކަލް ޖޯންޑިސްއެވެ. މިކަމާއި ހާސްވެ ކަންބޮޑުވެ ނުލައްވާށެވެ.

ތިބާ ސަމާލުވެ ހުށިޔާރު ވާންވީ ދަރިފުޅުގެ އުމުރުން ފުރަތަމަ ހޭދަވާ 24 ގަޑިއިރުގެ ތެރޭގައި ރީނދޫ ވާން ފަށައިފިނަމަ އެވެ. މިކަން ތިބާއަށް އެންމެ ފުރަތަމަ ފާހަގަ ކުރެވޭނީ ދަރިފުޅުގު ދެލޮލުގެ ހުދުކަޅިންނެވެ. ދެން އެ އަށް ފަހު މުޅި މޫނުންނެވެ. ފުރަތަމަ ދުވަހު ރީނދޫކަން ފާހަގަނުވި ނަމަވެސް ދެވަނަ ދުވަހު ދަރިފުޅުގެ ލޮލާއި މޫނުގެ އިތުރުން މޭމައްޗާ ހަމައަށް ރީނދޫކަން ފެތުރިއްޖެނަމަ އެއީ ނުރައްކާތެރި އަލާމާތަކަށް ވުން ގާތެވެ. އެހެނީ މޭމައްޗާ ހަމައަށް ރީނދޫންކަން ފެތުރޭއިރު ކޮންމެ ޑެސިލީޓަރެއްގައި ގާތްގަނޑަކަށް 10 މިލިގްރާމުގެ ބިލިރުބިން ހުރެ އެވެ.

ބިލިރުބިން އިތުރުވަމުންދާ ވަރަކަށް ތުއްތު ދަރިފުޅުގެ ހަށިގަނޑުން ފެންނަމުންދާ ރީނދޫކަން ވެސް ދާނީ ފެތުރި ބޮޑުވަމުންނެވެ. މިގޮތުން ބަނޑާއި ފަލަމަސްގަނޑާ ހަމައަށް ރީނދޫކަން ފެތުރޭއިރު ބިލިރުބިން ހުންނަ މިންވަރަކީ ގާތްގަނޑަކަށް ކޮންމެ ޑެސިލީޓަރަކަށް 12 މިލިގުރާމެވެ. ރީނދޫކަން ފެތުރެމުން ގޮސް އެންމެ ފަހުން ރީނދޫވާ ސަރަހައްދަކީ ދެއަތްތިލަ އާއި ދެފައިތިލަ އެވެ. މި ދަރަޖައަށް ދާއިރު ބިލިރުބިން ހުންނަނީ ކޮންމެ ޑެސިލީޓަރަކަށް 15 މިލިގުރާމަށް ވުރެ ވެސް މަތީގަ އެވެ. މި ބާވަތުގެ ރީނދޫވުމަށް ޞިއްހީ ގޮތުން ކިޔަނީ ޕެތޮލޮޖިކަލް ޖޯންޑިސް އެވެ. ނުވަތަ ކޮންމެވެސް ގޯހެއްގެ ސަބަބުން ރީނދޫވާ ރީނދޫވުމެވެ. މި ބާވަތުގެ ރީނދޫވުން 14 ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތަކަށް ދިގުދެމިގެން ވެސް ހިނގައިދާނެ އެވެ.

ތުއްތުދަރިފުޅު ރީނދޫވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި ތޮބީއީ ގޮތުން ރީނދޫވުމާއި ދުވަސް ނުފުރާވިހެއުމާއި މަންމަގެ ލޭގެ ގުރޫޕާއި ދަރިފުޅުގެ ލޭގެ ގުރޫޕް ތަފާތުވެގެން ދިމާވާ މައްސަލަތަކާއި ޖީސިކްސްޕީޑީ ޑެފިސިއަންސީ ނުވަތަ ރަތް ސެލް މަސައްކަތް ކުރުމަށް ބޭނުންވާ މުހިއްމު މަދަދުގާރެއް މަދުވުން ހިމެނެ އެވެ. އަދި މީގެ އިތުރުން މައިންބަފައިންގެ ފަރާތުން ވާރުތަވާ އެހެނިހެން ކަންކަމުގެ ސަބަބުންނާއި މާބަނޑު ދުވަސްވަރު ރަހިމުގައި ޖަރާސީމް އަށަގަތުމާއި ކޮންމެވެސް ސަބަބަކާ ހުރެ ދަރިފުޅަށް ލިބޭ އޮކްސިޖަން މަދުވުމާއި އަދި ވިއްސުމުގައި ބޭނުންކުރާ އޮކްސިޓޯސިން ބޭހުގެ ސަބަބުން ވެސް ތުއްތު ދަރިފުޅު ރީނދޫވުމަކީ ވެދާނެ ކަމެކެވެ.

އަދި ހަމަ އެހެންމެ ބައެއް ފަހަރު ގާތުން ކިރުދިނުމާ ގުޅިގެން ވެސް ދަރިފުޅު ރީނދޫވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ މާނަ އަކީ މައިމީހާގެ ކިރުގައި ދަރިފުޅަށް ގެއްލުން ދޭ ވިހަ މާއްދާއެއް ހުރި ވާހަކައެއް ނޫނެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ގޮތަށް ރީނދޫ ވަނީ ގާތުން ކިރުދެވޭލެއް ލަސްވުމުންނެވެ. ނުވަތަ އެކަށީގެންވާ މިންވަރަށް ގާތުން ކިރު ނުދެވުމުންނެވެ.

ހަގީގަތުގައި މިކަން ދިމާވާ އަސްލު ސަބަބު މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އާއްމު ގޮތެއްގައި ގާތުން ކިރުދިނުމާ ގުޅިގެން ދަރިފުޅު ރީނދޫވާން ފަށަނީ އުމުރުން 24 ގަޑިއިރާއި 72 ގަޑިއިރާއި ދެމެދުގެ ވަގުތެއްގަ އެވެ. އަދި މި ރީނދޫވުން އޭގެ އެންމެ މައްޗަށް ދަނީ އުމުރުން ފަސްވަނަ ވަނަ ދުވަހާއި 15 ވަނަ ދުވަހާ ދެމެދުގަ އެވެ. މީގެ ތެރެއިން ގިނަ ކުދީންނަކީ ތިންވަނަ ވަނަ ހަފުތާ ނިމެންވާއިރަށް ރީނދޫވުމުން މުޅިން ރަނގަޅުވާ ކުދީންނެވެ. ގާތުން ކިރުދިނުމާ ގުޅިގެން ރީނދޫވާ ބައެއް ކުދީން ނޫކުލައިގެ ހޮޅިބުރީގެ އަލިތެރޭގައި އޮންނަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ރީނދޫވުން ކޮންޓްރޯލް ނުވެ ގޯހުން ގޯހަށް ދާ ކަމުގައިވާ ނަމަ ސިކުނޑި އަށް އޭގެ ނުރައްކާ ފޯރަ އެވެ. މިގޮތުން ކޮންމެ ޑެސިލީޓަރަކަށް ގާތްގަނޑަކަށް 21-50 މިލިގުރާމް ދެމެދުގެ މިންވަރަކަށް ފެނަށް ނުގިރޭ ބާވަތުގެ ބިލިރުބިން ހަށިގަނޑުގެ ތެރޭގައި ހުރެއްޖެނަމަ ސިކުނޑި އަށް ގެއްލުން ވެ ފުރާނަ އަށް ނުރައްކާ ވުމުގެ ފުރުސަތު އޮވެ އެވެ. ރީނދޫވެގެން މި ހާލަތައް ދިއުމުން ކިޔަނީ ކާނިކްޓެރަސް އެވެ. ނުވަތަ ބިލިރުބިން އިންޑިއުސްޑް ނިއުރޯނަލް ޑެފިސިޓް އެވެ. މި ނުރައްކަލަށް އާންމުންކޮށް ހުށަހެޅެނީ އެ ކުދީންގެ އުމުރުގެ ފުރަތަމަ ހަފުތާ ތެރޭގަ އެވެ. ނަމަވެސް ދެވަނަ ހަފުތާ އާއި ތިންވަނަ ހަފުތާ ތެރޭގައިވެސް މި ނުރައްކާތެރި ހާލަތަށް ދަރިފުޅު ގޮސްދާނެ އެވެ.

ކާނިކްޓެރަސް އަށް ތުއްތު ދަރިފުޅު ހުށަހެޅުމުން ދަރިފުޅުގެ ހަރަކާތްތައް މަދުވުމާއި ވަރުދެރަވުމާއި ބުއް ނުބުއިމާއި ބާރަށް ރުއިމާއި ހޮޑުލުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ އިތުރުން ހުން އައުމާއި އިދިފުށަށް ދެމުމާއި ފިޓް ޖެހުމާއި ޚަބަރު ހުސްވުން ފަދަ ކަންކަމީ ވެސް ކާނިކްޓެރަސްގެ އަލާމާތްތަކެވެ. ވަރަށް ގިނަ ކުދީން މި ހާލަތަށް ދިއުމުން ދުނިޔެ ދޫކުރެ އެވެ. ނުވަތަ މަރުން ސަލާމަތްވި ނަމަވެސް ގިނަ ފަހަރު އެފަދަ ކުދީން ވެގެން ދަނީ ސިކުނޑި ހަމަނުޖެހޭ، ހިނގާބިގާ ނޫޅެވޭ އަދި އަޑުއިވުމުގެ ނިއުމަތުން މަހުރޫމް ވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ކުދީންނަށެވެ.

އެފަދަ ކުއްޖަކަށް އަޅުގަނޑުމެންގެ ދަރީން ވާކަށެއް އަޅުގަނޑުމެން ނޭދެމު އެވެ. ތިބާގެ ދަރިފުޅުގެ އުމުރުން 24 ގަޑިއިރު ނުވަނީސް ރީނދޫވެއްޖެ ނަމަ އަވަހަށް ޑޮކްޓަރުންގެ ސަމާލުކަމަށް ގެންނާށެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލީ އުމުރުން ތިން ދުވަސްވުމުގެ ކުރިން ނަމަ ދެން ފާއިތުވާ 48 ގަޑިއިރުގެ ތެރޭގައި ދަރިފުޅުގެ ހާލަތު އަލުން ދެނެގަތުމަށްޓަކައި ޑޮކްޓަރަށް ދައްކަން ގެނައުމަށް ހަނދާން ކުރައްވާށެވެ. ދަރިފުޅު ގޮވައިގެން ހެނދުނާއި ހަވީރު އިރުގެ އަލީގައި ކުޑަވަގުތު ކޮޅަކު މަޑުކޮށްލައްވާށެވެ. ތުއްތު ދަރިފުޅު ރީނދޫ ވަނީ މާބަނޑުއިރު ކާ ބޭސްތަކުގެ ސަބަބުންނެއް ނޫނެވެ. ހަގީގަތުގައި އެ ބޭސްތަކުގެ ސަބަބުން މައިމީހާ އަށާއި ދަރިފުޅަށް ނުހަނު ގިނަގުނަ ފައިދާތައް ކުރެ އެވެ. މި ފަހަރު މަރިޔަމްފުޅަށް އެ ވިސްނުނީ މުޅިއަކުން ރަނގަގަޅަކަށް ނޫނެވެ.

"ދަރިފުޅާ އަޒުމާ! މަންމަ އަށް މައާފުކުރޭ. މުޅި މާލޭގައި ހިނގައިގެން ގަންނަން ލިބުނު ރީތި ލިބާސްކޮޅު ލައްވަން ބަލާލިއިރު ފާޑެއްގެ ހޮޅިބުރިއެއްގެ ދަށަށް އެ ސޮރު ލާފައި އޮތުމުން މަންމަ އަށް ރުޅިއާދެވުނީ" އަޒުމާގެ ބޮލުގައި ފިރުމާލަމުން މަރިޔަމްފުޅު ބުނެލި އެވެ.

"އެބައަންނަން މިތާ ކެންޓީނަށް ގޮސް ދަރިފުޅު ކާން ރަނގަޅު ކަވާބުކޮޅެއް ހިފައިގެން."

މައުލޫމާތު: ނެލްސަން ޓެކްޓް ބުކް އޮފް ޕިޑީއަޓްރިކްސް، އޯޕީގައި، މުޑާލިއާ އެންޑް މެނޮންސް ކުލިނިކަލް އޮބްސްޓެޓްރިކްސް، އިލަސްޓްރޭޓަޑް ޓެކްޓް ބުކް އޮފް ޕިޑިއަޓްރިކްސް ( ޓޮމް، ގްރަހަމް )، ޑޭވިޑްސަން، ކުމާރު އެންޑް ކުލާކު، މަނިޕާލް ޕްރިޕް މެނުއަލް އޮފް މެޑިސިން
ޑރ. މުހައްމަދު ޒިޔާދު

ތ. ވޭމަންޑު އަށް އުފަން ޑރ. މުހައްމަދު ޒިޔާދަކީ ޗައިނާގެ ޑާލިއާން މެޑިކަލް ޔުނިވަސިޓީން އެމްބީބީއެސް ހައްދަވާފައިވާ ބޭފުޅެކެވެ. ޗައިނާގައި ކިޔަވާ ވިދާޅުވި އިރު ސެލް ބައޮލޮޖީ މާއްދާ އިން 2008 ގައި މުޅި ޔުނިވަސިޓީން އެއް ވަނަ ހޯއްދެވި އެވެ. އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ކްރިސްޓިއަން މެޑިކަލް ކޮލެޖާއި ކަސްތުރުބާ މެޑިކަލް ކޮލެޖް އަދި އެމް.އެސް ރަމަޔާ މެޑިކަލް ކޮލެޖްގައި ތަމްރީން ހައްދަވައިފަ އެވެ. އޭނާ މިހާރު މަސައްކަތްކުރައްވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މެޑިކަލް ބައިން ހިންގާ ނޫސަންދާގަ އެވެ. އެމްއީއެސް އާއި ސިއެޗުއެސްއީގައި ތައުލީމް ހާސިލްކުރެއްވި އިރު އަދަބީ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވި އެވެ.