ކޮލަމް: ޓިކެޓަކާ ހެދި ޕީޕީއެމަށް މިހާވަރު ވަނީ ކީއްވެ؟

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ދޭން މަސައްކަތް ފެށި ހިސާބުން އެ ޕާޓީގެ އެތެރޭގެ ކޯޅުންގަނޑުގެ ހުޅުގަނޑު ފަޅައިގެން ހިނގައްޖެ އެވެ. ކޮންމެ ޕާޓީއެއްގައި ވެސް އޮންނާނެހެން، ޕާޓީގެ އެކި ލީޑަރުންނަށް ތަބާވާ ފެކްޝަންތައް ޕީޕީއެމްގައި ވެސް އޮވެ އެވެ. އެކަމަކު މިކަން ބޭރަށް ފެންނަ ހިސާބަށް މިފަހަރު މި ދިޔައީ ރިޔާސީ ޓިކެޓްގެ މައްސަލައިގަ އެވެ.


ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ވަކާލާތުކުރައްވަނީ ޕްރައިމަރީއެއް ބޭއްވުމަކާ ނުލައި ޔާމީނަށް 2018ގެ ރިޔާސީ ޓިކެޓް ދިނުމަށެވެ. އަނެއްކޮޅުން ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވީ "ޑިމޮކްރަޓިކް އުސޫލުތައް" އެއްފަރާތް ކުރައްވާފައި ޔާމީނަށް ރިޔާސީ ޓިކެޓް ހަދިޔާކުރައްވާ ގޮތަކަށް ނޫނެވެ. ސުވާލަކީ މައުމޫން މިގޮތަށް ނިންމެވީ ހަމައެކަނި ޑިމޮކްރަސީ ނަގަހައްޓަވަންތޯ އެވެ؟ ބޭރަށް ފެންނަނީ އެ ސަބަބެވެ. އެކަމަކު އެ މައްސަލަ ފެންމަތިވުމަށް ފަހު ދެން ފެނިގެން ދިޔަ ބައެއް ކަންކަމުން އިތުރު ސުވާލުތަކަށް ދޮރު ހުޅުވިއްޖެ އެވެ.

އަބަދުވެސް މައުމޫންގެ ފަހަތުން ހިންގެވި އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމާ އެކު މައުމޫންގެ ތައުރީފު އުމަރަށް ލިބިވަޑައިގަތެވެ. މިކަމުގައި އެ އިސްތިއުފާގެ ސަބަބަށް ވެސް ބަލަން ޖެހެ އެވެ. އިސްތިއުފާ ދެއްވި ސަބަބެއް އުމަރު ވިދާޅުވެފައި ނުވިޔަސް އެއީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނި އޭނާ ޖަލަށް ލާން ހުކުމްކޮށްފައި ވިޔަސް އެ ފިސްތޯލަ ނާޒިމާ ގުޅުވެން ނެތްކަމާއި މިހާރު ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ އެ ފިސްތޯލައިން ފެނުނު މައްސަލާގައިކަން އެނގެ އެވެ. މާ ކުރިން ވެސް އުމަރު ވިދާޅުވެފައި ވަނީ ނާޒިމަކީ "ހީރޯއެއް" ކަމަށެވެ. ނާޒިމާ މެދު ކަން ހިނގި ގޮތާއި އަދީބުގެ ވާހަކަ އަކީ އިތުރަށް ތަފްސީލްކުރަން ޖެހޭ ވާހަކައެއް ނޫނެވެ. އެ ދެ ކަންތަކުން ވެސް ސަރުކާރަށް ވީ މޮޅެއް ނެތެވެ.

އަދީބަކީ މައުމޫންގެ ރުހުމުގައި ނައިބު ރައީސް ކަމަށް ވަޑައިގެންނެވި ބޭފުޅެއް ނޫންކަން މި ހިސާބުން ފާހަގަކުރަން ޖެހެ އެވެ.

ޕީޕީއެމް ޖަލްސާއެއްގައި އެ ޕާޓީގެ އާއްމު މެމްބަރުން. --ފޮޓޯ: ޕީޕީއެމް

އުމަރުގެ އިސްތިއުފާއާ އެކު ދެން ފެނުނީ ނުވަ މަސް ދުވަހަށް ފަހު ނައިބު ރައީސަކު އައްޔަންކުރެއްވި ތަނެވެ. ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުﷲ ޖިހާދަށް ނައިބު ރައީސްކަން ދެއްވި ނަމަވެސް މައުމޫން އެކަމަށް އިޖާބަ ދެއްވި ތަނެއް ނުފެނުނެވެ. އެހެން ނޫނީ ސޯޝަލް މީޑިއާ އިން އެކި ބޭފުޅުންނަށް މަރުހަބާ ވިދާޅުވިޔަސް ޓްވީޓެއް ހިސާބު ވެސް މައުމޫން މިފަހަރު ނުކުރެއްވި އެވެ. އާ ނައިބު ރައީސަށް ވެސް އާ ވަޒީރުންނަށް ވެސް މަރުހަބާގެ ބަހެއް ވިދާޅުވިކަން އެނގޭކަން ނެތެވެ.

ޓިކެޓްގެ މައްސަލަ އަށް ފަހު މައުމޫނާއި ޕާޓީގެ ފިކުރު ތަފާތުވެފައިވާކަން ދެން ހާމަވީ ބިޑްކުރުމަކާ ނުލައި ރަށްތަކާއި ބިންތައް ކުއްޔަށް ދޫކުރެވޭ ގޮތަށް ހަދަން ސަރުކާރުން ބޭނުންވުމުންނެވެ. އެކަން ނުކުރުމަށް މައުމޫން އެދިވަޑައިގެންފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ މައުމޫންގެ އެދިވަޑައިގަތުން ބޮލާލައި ޖަހައިފަ އެވެ. މައުމޫނާ އެކު ހުންނެވީ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް އެވެ. މައުމޫނާ އެއްކޮޅަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ވާހަކަ ދެއްކެވި އެވެ.

މައުމޫން އެދިވަޑައިގަތް ގޮތަށް މެންބަރުން އަމަލު ނުކުރެއްވީ ވާދަވެރިކަމަކާ ނުލައި ޔާމީނަށް ރިޔާސީ ޓިކެޓް ދެއްވަން މައުމޫން ދެކޮޅު ހެއްދެވުމުން އެކަމުގެ ބަދަލު ހިފުމަށް ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ މައުމޫން އަދިވެސް ހުންނެވީ ޓިކެޓް މައްސަލާގައި ގޮތް ދޫކުރައްވަން ނޫންކަން އެނގުނީ ޕާޓީގެ ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ އަތްޕުޅަށް ނެންގެވުމުންނެވެ. މައުމޫން އެދިވަޑައިގަތް ގޮތާ ދެކޮޅަށް ވޯޓު ދެއްވި ދަރިކަލުންނާއި ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދަށް ފިޔަވަޅު އެޅުން ވެސް އެވަނީ ހުއްޓުވައިފަ އެވެ.

މުޅި މަންޒަރުން ފެންނަނީ މައުމޫން ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ގޮތަކަށް އެއްވެސް ކަމެއް ނުވާ ތަނެވެ. ރިޔާސީ ޓިކެޓް ވާދަވެރިކަމަށް ހުޅުވާލަން މައުމޫން ބޭނުންފުޅުވަނީ މި ސަބަބާ ހެދި ކަމަށް ބަލަން މިހާރު ޖާގަ އެބަ އޮތެވެ. ރައީސް ޔާމީންގެ ސިޔާސަތާ މެދު މައުމޫނަށް ޔަގީންކަން އޮތް ނަމަ ނުވަތަ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާ ނަމަ ޓިކެޓް މައްސަލާގައި އަމަލުކުރެއްވި ގޮތް ތަފާތުވާނެ އެވެ. އަޑު އަރާފައިވާ ގޮތަށް، ދަރިކަލުން ފާރިސް އާއި އުމަރު ރިޔާސީ ރޭހަށް ނިކުމެވަޑައިގަތުމަށް މައުމޫން ބޭނުންފުޅުވަނީ ހެއްޔެވެ؟ ޔަގީންވާ ކަމަކީ ވާދަވެރިކަމެއް ނެތި ޓިކެޓް ހޯއްދަވަން ޔާމީން އެހާ ވަރަށް މަސައްކަތް ކުރައްވާނެ ސަބަބެއް ވެސް އޮންނާނެ ކަމެވެ.