އޮޅުންބޮޅުން: ޕާޓީތަކުގެ ބަސްމަގުން ސީރިއަސް ކަމަށް ބަލަން އުނދަގޫ

ގައުމުގައި ވެރިކަން ހިންގާ ގޮތާ މެދު ސަރުކާރާ ޚިޔާލު ތަފާތުވާ ސިޔާސީ ޕާޓީތަކުން ދައްކާ ވާހަކައިން އެ ޕާޓީތަކުން ދާން ބޭނުންވާ މަގުގައި ކުރިއަށް ދިއުމަށް ސީރިއަސް ބާވައޭ، ބައެއް ފަހަރު ހިތަށްއަރަ އެވެ.


ސަރުކާރުން ހަދާ ގޯސްތަކާއި މަރުގޯސްތަކުގެ ވާހަކަ ޕާޓީތަކުގެ ލީޑަރުން އެއްވުންތަކާއި ޖަލްސާތަކާއި ބައްދަލުވުންތަކުގައި ދައްކަވަ އެވެ. އޭގެ ތެރެއިން ބައެއް ވާހަކަތަކަކީ ނުވަތަ ގިނަ ވާހަކަތަކަކީ، ނުވަތަ ހުރިހާ ވާހަކަތަކަކީ ޙަޤީޤަތް ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ ޙަޤީޤަތް ނޫން ކަމުގައި ވެސް ވެދާނެ އެވެ.

ފެންނަން އޮތް ޙަޤީޤަތަކީ ޕާޓީތަކުން ބޭނުން ވަނީ ރައްޔިތުންގެ ވޯޓުން ވެރިކަން ބަދަލު ކުރުވުން ކަމެވެ. އެކަމުގެ މައިގަނޑު ސަބަބު އަޅުގަނޑުމެންނަށް އެނގެ އެވެ. ގައުމުގެ ވެރިކަން ހޯދާށެވެ. ބާރު ހޯދާށެވެ. ސަރުކާރާ ޚިޔާލު ތަފާތުވާ ޕާޓީތަކުން އެދޭ ގޮތަށް ސިޔާސީ މަސްރަޙް ބަދަލުވުމުން އަޅުގަނޑުމެންނަށް ލިބެނީ ކޮން އެއްޗެއްތޯ އެވެ؟ ނޭނގެ އެވެ. ބަދަލުކުރަނީ ކޮން ކަމެއްތޯ އެވެ؟ ނޭނގެ އެވެ. އޮންނާނީ ކޮން ކަހަލަ ސިޔާސާތެއްތޯ އެވެ؟ ނޭނގެ އެވެ. މުސްތަޤިއްލު މުއާސަސާތަކުގައި މަސައްކަތް ކުރައްވާ ތެދުވެރި، އިޚްލާޞްތެރި، ތަރުޖަމާ ކުރައްވަން މޮޅު ބޭފުޅުންނަށް ވާނީ ކިހިނެއްތޯ އެވެ؟ ނޭނގެ އެވެ. އަދި ވަގުތު ނުޖެހެނީ ޔޯލަ އެވެ. ދެރަ ގޮތެއް ދިމާވެދާނެތީވެ ޔޯލަ އެވެ. އިސް ސަފަށް ނެރުމަށް ދައްކާ މީހުން ގެއްލިދާނެ ކަމުގެ ބިރުހީވަނީ ޔޯލަ އެވެ.

ޚިޔާލު ތަފާތު ޕާޓީތަކުން ބައެއް ފަހަރު ދައްކާ ވާހަކައިން، ރާއްޖޭގެ ރައްޔިތުންނަކީ ސިޔާސި މައިދާނުގައި ކަންތައްތައް ހިނގާ ގޮތް ނޭނގޭ ފަދަ ބައެކޭ ހީވާ ކަހަލަ އެވެ. މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު މިހާރު ރާއްޖޭގެ ރައްޔިތުންނަކީ ސިޔާސީ ގޮތުން އެންމެ ހޭލުންތެރިކަން ބޮޑު، ގައުމުގައި ސިޔާސީ ގޮތުން ހިނގާ ކަންތައްތައް ރަނގަޅަށް އެނގޭ ރައްޔިތުންނޭ ދެންނެވުމަކީ ޙަޤީޤަތާ ޚިލާފް ވާހަކައަކަށް ނުވާނެ އެވެ. ތެދުފުޅެކެވެ. މިކަހަލަ ސާވޭއެއް ކުރެވިފައެއް ނުވެ އެވެ. މި ނިންމުމަށް އާދެވެނީ ގައުމުގައި އާދައިގެ މީހުން ދައްކާ ވާހަކަ އާއި ޚިޔާލުފާޅުކުރެވޭ ގޮތަށް ރިޢާޔަތް ކުރެވިގެންނެވެ.

އިދިކޮޅު ހަރަކާތުގެ އެއް ކެންޑިޑޭޓަކަށް ވުމަށް މަސައްކަތް ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް: ދެ ބޭފުޅުންގެ މައްޗަށް ވެސް ޖަލު ހުކުމެއް އެބަ އޮތް.

އެއްބަޔަކު ބޭނުންވަނީ ވެރިކަން ކުރުމަށް ޤާނޫނުއަސާސީން ކަނޑައަޅާފައި އޮތް ޝަރުތު ފުރިހަމަނުވާ ބޭފުޅަކު ރިޔާސީ ކެންޑިޑޭކަށް ހެދުމަށެވެ. އެގޮތަށް ހަމަޖެހޭނީ ފުރަތަމަ، ޤާނޫނުއަސާސީގެ އެ މާއްދާ އިޞްލާޙް ކުރެވިގެންނެވެ. ޤާނޫނުއަސާސީ އިޞްލާޙް ކުރެވޭނެ ފަަދަ އަދަދަށް އިދިކޮޅު ޚިޔާލުގެ މެންބަރުންނަށް މަޖިލީހުން ވޯޓެއް ނުލިބޭނެ އެވެ. ކޮންމެވެސް ގޮތަކުން ވޯޓު ހަމަކުރެވިގެން ކަމަށް ބެލެވިގެން އެފަދަ މައްސަލައެއް މަޖިލީހަށް ފޮނުވުނަސް، އެ މައްސަލަ މަޖިލީހުގެ ޖަލްސާ އަށް ހުށައެޅުމަށް އެޖެންޑާ ކުރެވޭނެ ކަމާ މެދު ޝައްކެވެ. ވަރަށް ނާދިރު ހާލަތެއްގައި އެފަދަ މައްސަލައެއް އެޖެންޑާ ކުރެވިގެން ފާސްކުރެވުނު ކަމަށް ބަލަމާތޯ އެވެ. މިހާރު ކަންތައް ހިނގާ ގޮތުން އެ ފާސްކުރުން ސައްޙަ ނުވުމަކީ ވަރަށް ކައިރި ކަމެކެވެ. ތަރުޖަމާއެއްގެ ތެރެއިންނެވެ. އަދި ސަރުކާރާ ޚިޔާލު ތަފާތު ޕާޓީތަކުގެ މެންބަރުން ފިޔަވައި އެހެން މެންބަރަކު ވޯޓު ލައިފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލުމަކީ ވެސް ކައިރި ކަމެކެވެ. ކަންތައް އޮތީ މި ގޮތަށް ކަން މި ޚިޔާލު ފާޅުކުރާ ފަރާތްތަކަށް ވެސް ރަނގަޅަށް އެނގޭނެ އެވެ. މި ވާހަކަ މިގޮތަށް މި ދައްކަނީ ކޮން ބަޔަކު ކޮން މަގަކުން ހިންގަވަން ބާވަ އެވެ؟

އެހެން ބަޔަކު ބޭނުންވަނީ ޝަރުޢީ ނިޒާމުގެ ތެރެއިން ޙުކުމެއް އައިސްގެން އަދަބުގައި ހުންނެވި ބޭފުޅަކު ކެންޑިޑޭޓަކަށް ހަދާށެވެ. އެ ހުކުމަށް ވާނީ ކިހިނެއްތޯ އެވެ؟ އެއީ ވަކި ބަޔަކު ޤަބޫލުކުރާ ޙުކުމަކަށް ނުވިޔަސް އެއީ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން އައިސްފައިވާ ޙުކުމެކެވެ. ރާއްޖޭގައި މިހާރު އޮތް ޤާނޫނީ ނިޒާމުގެ ތެރެއިން އެކަން އެހެން ގޮތަކަށް މިހާރު ބަދަލުކުރެވޭނެ ގޮތެއް އަދި ފެނިފައެއް ނެތެވެ. ވެރިކަމުގައި އޮތް ސަރުކާރުން އެފަދަ ފުރުޞަތެއް ދޭނެތޯ އެވެ؟ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ އެއްވެސް ސަރުކާރަކުން ސީދާ ވަންނަން ބޭނުމެއް ނުވާނެ އެވެ. ދެން އޮންނާނީ "ނުޖަހާ، އައްދޮ ކިއުއްވައިގެން" ކަންތައް ކުރުވުމެވެ. ބޭރުގެ ސަރުކާރަކުން ނުވަތަ ޖަމާޢަތަކުން އެގޮތަށް ކަންތައް ކުރަން ބޭނުންވިޔަސް އެކަމަށް ވަގުތު ނަގާނެ އެވެ. މިހާރު ވެސް ރާއްޖެއާ ބަދަހި ގުޅުން އޮންނަ ބައެއް ގައުމުތަކުން އެކަހަލަ ކުލަވަރަށް ދާ ކަމަށް ބެލެވިދާނެ ބައެއް ކަންތައްތައް ތިލަވާން ފަށައިފި އެވެ. ކަންތައްތައް ހުރީ މިހެންކަން މި ވާހަކަތައް ދައްކަވާ ފަރާތްތަކަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. އަނެއްކާވެސް ސުވާލަކީ މި ވާހަކަތައް މިގޮތަށް މި ދައްކަވަނީ ކޮން މަޤްޞަދެއް ޙާޞިލު ކުރަންބާ ވައެވެ؟

އިދިކޮޅު ހަރަކާތުގެ އިސް މެމްބަރުންތަކެއް ސަރުކާރާ ދެކޮޅަށް މި މަހުގެ ކުރީކޮޅު އަޑުއުފުލަނީ.---ފޮޓޯ/ ހުސެއިން ވަހީދު/މިހާރު

ދޭތެރެއަކުން އިންތިޤާލީ ސަރުކާރެއްގެ ވާހަކަ ވެސް އާދެ އެވެ. ޤާނޫނުއަސާސީގައި އެއްވެސް ފުރުޞަތެއް ނުދޭ، އެކަހަލަ ތާކުންތާކު ނުޖެހޭ ވާހަކައެއް ކުރިން ބޭއްވި އިންތިޚާބެއްގައި ވެސް ދެކެވުނެވެ. ކަންތައް ހިނގި ގޮތް އަޅުގަނޑުމެން އެންމެންނަށް ވެސް މާ ދުރު ނޫން މާޒީން ސާފުވާނެ އެވެ. އެހެނެއް ނޫނެވެ. އިނގިރޭސި ވިލާތުގައި އަހަރުތަކެއް ކުރިން ވެރިކަމުގައި އޮތް ލޭބަ ޕާޓީގެ އިސް ދެ ލީޑަރުން އަމިއްލަފުޅަށް އެއް ބޭފުޅަކު ވަކި މުއްދަތަކަށް ވެރިކަން ކުރެއްވުމަށް ފަހު، އަނެއް ބޭފުޅަކަށް ފުރުޞަތު ދެއްވުމަށް ދުރަށް ޖެހިވަޑައިގެންނެވުން ކަހަލަ އެއްބަސްވުމަކަށް އައުމަކީ މުޅިން އެހެން މައްސަލައެކެވެ. ރާއްޖޭގެ ސިޔާސީ މާޙައުލުގައި މިދެކެވޭ ވަހަކަތަކަކީ ނޭނގިގެން ދެކެވޭ ވާހަކަތަކެއް ނޫނެވެ. އަޅުގަނޑުމެންނަށް ސާފުނުވަނީ މިފަދަ ނުވާނެ ކަންތަކުން ނެރެން ބޭނުންވާ ނަތީޖާ އެވެ. އެފަދަ ވާހަކަތައް ދެއްކުމުގެ މަޤްޞަދެވެ.

އަޅުގަނޑުމެން ވެސް އެއްބަސްވަމެވެ. ސަރުކާރާ އިދިކޮޅު ޚިޔާލުތަކުގެ ޕާޓީތަކުން އެންމެންނަށް ޤަބޫލު ކުރެވޭނެ، ރައްޔިތުން ދަންނަ ރިޔާސީ ކެންޑިޑޭޓެއް މިވަގުތު ނެރުމަކީ މިއަދުގެ ޙާލަތުގައި އުނދަގޫ ކަމެކެވެ. އެކަމަކު، އެއީ ކެންޑިޑޭޓަކީ މުހިއްމު މީހަކަށް ބެލުމުންނެވެ. އޭގެ ބަދަލުގައި ސިޔާސަތު ހާމަނުކުރެވެން ވީ ކީއްވެތޯ އެވެ؟ ޕާޓީ ވެރިކަމަށް އައުމުން ހިންގާނެ ސިޔާސަތެކެވެ. ކޮންމެ ނަމެއް ކިޔާ ކެންޑިޑޭޓަކަށް ވިޔަސް އެ މީހަކު ދާނީ ސިޔާސަތުގެ ފަހަތުންނެވެ. ޕާޓީ ވެސް ދާން ވާނީ ސިޔާސަތުގެ ފަހަތުންނެވެ. ފަރުދަށް ދޭ އަހުމިއްޔަތު ކުޑަކޮށްގެންނެވެ. ސަރުކާރާ ޚިޔާލު ތަފާތު ޕާޓީތަކުގައި ވެސް ނާޖާއިޒު ފައިދާ ނެގުމާއި ކަރަޕްޝަނާއި، ނުފޫޒުގެ ބޭނުން އިންތިހާ ދަރަޖައަށް ބޭނުންކުރާ ކަމަށް މީހުންގެ ތެރޭގައި ވާހަކަ ދެކެވޭ މީހުން ބައިވަރު އެބަ ތިއްބެވެ. ފަސްބައި ސާފު އާދައިގެ ކެންޑިޑޭޓެއް ނެރެވޭތޯ ބަލަންވީ ނޫންތޯ އެވެ؟ ސިޔާސަތު އިސްކޮށްގެންނެވެ.

މިހާރު ވެރިކަންކުރާ ޕާޓީގެ ސިޔާސަތު އަޅުގަނޑުމެންނަށް އެނގެ އެވެ. ފުލެޓް އަޅައިދިނުމެވެ. މާލެ ތޮއްޖެއްސުމެވެ. އަތޮޅުތައް މަޑުމަޑުން ފަޅުކޮށްލުމެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުން މާލޭ ސަރަހައްދަށް ގެނައުމެވެ. ތިމާވެއްޓަކާއި ތިމާވެއްޓެކެވެ. ވަޒީފާއެއް ލިބުނަސް ނުލިބުނަސް އެވެ. އެމީހުން ހެލިފެލި އުޅުމުގެ ޖާގައަށް ރިޢާޔަތް ކުރުމެއް ވެސް ނެތި އެވެ.

އެކަމަކު ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ ސިޔާސަތަކީ ކޮބައިތޯ އެވެ؟ މިހާތަނަށް ސާފުވެފައި އޮތީ ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑުކިއުން ކަމަށެވެ. އެހެން ކަމެއް އަދި އެނގޭކަށް ނެތެވެ. އެވަރުން ފަރުޖައްސާލެވިދާނެތޯ އެވެ؟ އެވަރަކުން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކަށް ނުފުދޭނެ އެވެ.