ޚިޔާލު / ފަސް މިނިޓް

ފަސް މިނެޓް: އާރާއި ބާރުގައި ހިތް ތިރި ކުރުމަކީ މިއީ

ބައިތުލް މަގްދިސް (ގުދުސް)ގެ މަންޒަރެއް. ޢުމަރުގެފާނު މި ރަށް ފަތަހަކުރެއްވީ ލޭ އޮހޮރުވުމަކާ ނުލައި

ޝާމްކަރަ ފަތަހަ ކުރުމަށް ޢުމަރުގެފާނު ފޮނުއްވި ލަޝްކަރު ދިމިޝްގު ފަތަހަކޮށް ނިމުމާ އެކު، މުސްލިމުންގެ ކޮމާންޑަރު އަބޫ ޢުބައިދާ، ޤުދުސްގެ އަހުލުވެރިންނަށް ސިޓީއެއް ފޮނުއްވި އެވެ. އިސްލާމް ވުމަށެވެ. އިސްލާމް ނުވި ނަމަ މުސްލިމުންނަށް ޖިޒީ ދީގެން ތިބުމެވެ. ޖިޒީ ދިނުމަށް ވެސް ނުރުހޭ ނަމަ، ހަނގުރާމަ ކުރުމެވެ. އެއީ ހިޖްރަ އިން 15 ވަނަ އަހަރުގެ ޝައްވާލް މަހެވެ.

ގުދުސްގެ އަހުލުވެރިން މިއިން އެއް ގޮތެއް ވެސް ގަބޫލު ނުކުރުމުން، ޚާލިދް ބްނުލް ވަލީދުގެ ވެރިކަމުގައި 5،000 މުޖާހިދުންގެ ލަޝްކަރެއް، އަދި ޔަޒީދު ބްނު އަބީ ސުފްޔާންގެ ވެރިކަމުގައި 5،000 މުޖާހިދުންގެ ލަޝްކަރަކާއި ޝުރަޙްބީލް ބްނު ޙަސްނާގެ ވެރިކަމުގައި އިތުރު 5،000 މުޖާހިދުންގެ ލަޝްކަރެއް ޤުދުސަށް ފޮނުއްވި އެވެ. އޭގެ ފަހުގައި އަބޫ ޢުބައިދަތުގެފާނު ވެސް ގުދުސަށް ވަޑައިގެންނެވި އެވެ.

ފަނަރަ ހާސް މުޖާހިދުންގެ ލަޝްކަރު ގުދުސްގެ ރަށް ބޭރުގައި ފޭލިގެ ޖަހައި އެ ރަށް ހިސޯރު ކުރި އެވެ. ހިސޯރުގައި ތިބޭތާ ހަތަރު މަސް ފާއިތުވި އިރު، ގުދުސަށް ތަދުމަޑުކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ. އެހެންކަމުން، މުސްލިމުންނާ އެކު ސުލްހަ ގާއިމުކޮށް ޖިޒީ ދީގެން ތިބުމަށް ގުދުސްގެ އިސް ފާދިރީ ޞަފްރޫނިޔޫސް އެއްބަސްވި އެވެ. ނަމަވެސް ޝަރުތަކީ ގުދުސްގެ ތަޅުދަނޑިއާ ހަވާލުވުމަށާއި ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މުސްލިމުންގެ ޚަލީފާ އެ މީހުންގެ ގާތަށް ވަޑައިގަތުމެވެ.

ޢުމަރުގެފާނު ކަމަށް ހަދާފައި ޚާލިދު ބްނުލް ވަލީދު ފޮނުވަން ޝުރަޙްބީލް ލަފާ ދެއްވި އެވެ. ޚާލިދުގެފާނާއި ޢުމަރުގެފާނު ވައްތަރު ކަމުންނެވެ. ނަމަވެސް ޚާލިދުގެފާނަކީ ޝާމްކަރައިގައި މަޝްހޫރު ބޭފުޅަކަށް ވެފައި، މަދީނާ އަށް ޒިޔާރަތްކޮށް ޢުމަރުގެފާނާއި ޚާލިދުގެފާނު ފެނިދެނިވެފައިވާ މީހުން ގުދުސްގެ އަރަބީންގެ ތެރޭގައި ވެސް ތިބެދާނެ ކަމަށްޓަކައި، މި ޚިޔާލާ މެދު އެއްބަހެއް ނުވެވުނެވެ. އެހެންކަމުން ގުދުސްގެ މީހުން އެދޭ ގޮތް ބަޔާން ކުރައްވައި އަބޫ ޢުބައިދަތުގެފާނު ޢުމަރުގެފާނަށް ސިޓީފުޅެއް ފޮނުއްވި އެވެ.

މުސްލިމުންގެ ހަނގުރާމަތައް ދައްކައިދޭ ކުރެހުމެއް. މުސްލިމުންގެ ބާރު އޮތް ދުވަސްވަރު ދުނިޔޭގެ ބޮޑެތި ބާރުތައް ވަނީ ނިކަމެތިވެފައި.

ސިޓީފުޅު ލިބިވަޑައިގަތުމާ އެކު، ޢުމަރުގެފާނު އެހެން ޞަޙާބީންނާ މަޝްވަރާ ކުރެއްވި އެވެ. ޢުޘްމާންގެފާނު ލަފާފުޅު އެރުވީ ގުދުސަށް ވަޑައިނުގަތުމަށެވެ. އެއީ ރޯމަނުންގެ ކުރިމަތީގައި ޢުމަރުގެފާނު ނިކަމެތިވީ ކަމުގައި މާނަ ކުރެވިދާނެތީ އެވެ. ޢަލީގެފާނު ލަފާފުޅު އެރުވީ ގުދުސަށް ވަޑައިގަތުމަށެވެ. ޢުމަރުގެފާނު ހިއްޕެވީ ޢަލީގެފާނުގެ މަޝްވަރާގަ އެވެ.

މިއީ އިސްލާމީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އެވެ. ނަމަވެސް މުސްލިމުންގެ ޢަދާވާތްތެރިން އެހާމެ ގިނަ ދުވަސްވަރެއްގައި އެ ދަތުރަށް ނުކުންނެވި އިރު ވެސް، ހަށިފާރަވެރިއެއް، ބޮޑު ލަޝްކަރެއް ނުގެންދަވަ އެވެ. ހަރުކޮށް ދުވާ އަހެއް، ގިނަ ސަވާރީތަކެއް ނުހޯއްދަވަ އެވެ. ކައްކައި ފަރިއްކޮޅު އަރުވާނޭ ޚާދިމުންތަކެއް ނުގެންދަވަ އެވެ. ހިތްޕުޅުގައިވާ އީމާންތެރިކަން ފިޔަވައި، ޝަރަފާއި އިއްޒަތް ރަމްޒުކޮށްދޭނޭ އެހެން އެއްޗެއް ނެތެވެ. ކަސަބާއި ކިނާރީން ޖަރީ ކޮށްފައިވާ އަގުބޮޑު ހެދުންކޮޅެއް ނުގެންދަވަ އެވެ.

ދަތުރުގައި ބައިވެރިކުރެއްވީ އާރުކާޓީއެއްގެ ގޮތުގައި އެންމެ ޚާދިމެކެވެ. އެކުގައި ގެންދެވީ ކިރިޔާ ފުދޭ ވަރަށް ބޯފެނާއި، ކަދުރާއި ގޮދަން ރޮށި ފަދަ އެތިކޮޅެކެވެ. އަދި ދެ ބޭފުޅުންގެ އެ ދަތުރުގައި ސަވާރީއަކަށް ގެންދެވީ އެންމެ ޖަމަލެކެވެ.

ހަނަފަސް ސަހަރާގައި، ވަށައިގެންވާ ފަރުބަދަތަކުގެ ދިލަ ހޫނުގެ ތެރޭގައި ދެ ބޭކަލުން ދަތުރު ކުރައްވަމުން ގެންދެވީ ތަންތަންކޮޅަށް މަޑުކުރައްވައި އަރާމު ކުރައްވަމުން ސަވާރީ ހިއްސާ ކުރައްވަމުންނެވެ. ޢުމަރުގެފާނު ސަވާރީގައި އިންނެވިއްޔާ، ޚާދިމުކުއްޖާ ޖަމަލުގެ ލަގަނުގައި ހިފައިގެން ފައިމަގުގަ އެވެ. ޢުމަރުގެފާނު ޖަމަލުން ފައިބައިވަޑައިގެން ޚާދިމުކުއްޖާ ޖަމަލަށް އަރުވައިގެން، ޢުމަރުގެފާނު ޖަމަލުގެ ލަގަނުގައި ހިއްޕަވައިގެން ހަމަ އެހާ ވަގުތު ހިންގަވަ އެވެ. އެއަށް ފަހު، ޚާދިމު ކުއްޖާ ފޭބުމުން ޖަމަލަށް ލުއި ދެއްވުމަށްޓަކައި، ޖަމަލު ހުސްކޮށް ބާއްވައިގެން ދެ ބޭފުޅުން ޖަމަލު ގޮވައިގެން ހިންގަވާފައި ވަޑައިގަންނަވަ އެވެ.

ޢުމަރުގެފާނު އެ ދިގު ރާސްތާ ކަޑައްތު ކުރައްވައި ޝާމް ކަރައިގެ ޖާބިޔާ އަށް ވަޑައިގެންނެވި އިރު، އެ ސަރަހައްދުގެ ބިންގަނޑު ތިރިކަމުން އޮތީ ފެން ހެދި ޗަކަ ވެފަ އެވެ. ސަވާރީ ބަދަލުކުރަމުން އައި ގޮތުން، އެ ތަނަށް ފޯރި އިރު ސަވާރީގައި އިންނަން ޖެހުނީ ޚާދިމު ކުއްޖާ އެވެ. ނަމަވެސް އެ ކިސަޑުތަކަށް އެރެން ޖެހިދާނެތީ، ޚާދިމުކުއްޖާ ޖަމަލުން ބާލައި ޢުމަރުގެފާނު ސަވާރުވެވަޑައިގަތީކީ ނޫނެވެ.

އޭގެ ބަދަލުގައި ޚާދިމު ކުއްޖާ ޖަމަލުގައި ބައިންދައިގެން ޖަމަލުގެ ލަގަނުގައި ހިއްޕަވައިގެން، ފައިވާންޖޯޑުކޮޅު އަތަށް ނަންގަވައި ލިބާސްކޮޅުގެ ފަސްބައި ގޮނިކޮށްލައްވައި ކަކުލާ ހަމައަށް އުފުއްލަވާލައްވައިގެން ކިސަޑުގަނޑުގެ ތެރެއިން ލާފައި އެ ހުރަސް ކުރައްވަނީ އިސްލާމީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ޢުމަރު ބްނުލް ޚައްޠާބެވެ. ހިތްޕުޅު ތިރިކަމާއި ޢަދުލުވެރިކަމާއި އޯގާތެރިކަމާއި ތަވާޟުޢުވެރިކަމުގެ އެންމެ މަތީ ދަރަޖައިގައި މިސާލު ދައްކަވަމުންނެވެ. އާރާއި ބާރާއި ނުފޫޒު ލިބިވަޑައިގެން ހުންނަވައިމެ، އިސްކުރެއްވީ މަޑުމޮޅިކަމާއި ޒާހިދުކަމެވެ. ދެ ފައިންޕުޅު ދެ ކަށިމައްޗާ އެކު ކިސަޑާއި ހިރަފުހުން ތަތްވެފަ އެވެ. އޭރު ޖާބިޔާގައި ޢުމަރުގެފާނުގެ އިސްތިގުބާލުގައި ތިއްބެވި އިސްލާމީ ލަޝްކަރުގެ އިސް ކޮމާންޑަރުން ކަމުގައިވާ އަބޫ ޢުބައިދާ އާއި ޚާލިދު ބްނުލް ވަލީދު ޖާބިޔާގެ ރަށްބޭރަށް ނުކުމެވަޑައިގެން ޢުމަރުގެފާނާ ބައްދަލުކުރެއްވި އެވެ.

އިސްލާމީ ލަޝްކަރުގެ ކޮމާންޑަރުންނާ އެކު ޢުމަރުގެފާނު ޖާބިޔާ އިން ގުދުސަށް ދަތުރު ފެއްޓެވީ ހަމަ ކުރިން ވެސް ދަތުރު ކުރެއްވި އުސޫލުން ސަވާރީ ބަދަލު ކުރައްވަމުންނެވެ. ގުދުސްގެ ރަށްބޭރުގައިވާ ބާބު ދިމިޝްގް ކިޔާ ދޮރޯއްޓާ ހަމައަށް ފޯރި އިރު، ސަވާރީ ބަދަލުވަމުން އައި ގޮތުން ޖަމަލުގައި އިންނަން ޖެހުނީ ޚާދިމުކުއްޖާ އެވެ. ޢުމަރުގެފާނުގެ އެއް އަތްޕުޅުގައި ސަވާރީގެ ލަގަނެވެ. އަނެއް އަތްޕުޅުގައި އޮތީ އަސާކޮޅެވެ. ދެފައިންޕުޅު ވަނީ ހިރަފުހާއި ކިސަޑުން ތަތްވެފަ އެވެ. ހެދުންކޮޅުގައި ވެސް ކިލަޔާއި ހިރަފުހެވެ.

ބައިތުލް މަގްދިސް (ގުދުސް) އާއި އެރަށުގައި ހުރި މަސްޖިދުލް އަގްސާ (ކަޅު ގުއްބެއް ލާފައި) ފެންނަ މަންޒަރެއް. މުސްލިމުން މި ރަށް ފަތަހަ ކުރީ ލޭ އޮހޮރުވުމަކާ ނުލައި.

އޭރު ރޫމީންގެ ސިފައިންނާއި އާންމުން ތިބީ ގުދުސްގެ ރަށްބޭރު ބޮޑު ދޮރާށި ދޮށަށް ޖަމާވެފަ އެވެ. ޢުމަރުގެފާނު ހުންނެވި ޙާލުކޮޅާއި އެ ތަނަށް މީހުން އެއްވެފައި އޮތް ވަރު ފެނިވަޑައިގެން ޢަބޫ ޢުބައިދާ ދެންނެވި އެވެ؛ "އޭ އަމީރުލް މުއުމިނީން އެވެ. މިތަނުން ސަވާރީއަކަށް އަރައި ވަޑައިގަންނަވަންވީ ނޫންތޯ އެވެ. ކަލޭގެފާނު ވަޑައިގަންނަވާ އިރު، މި ރަށުގެ އެންމެން (ގުދުސްގެ މީހުން) އެ ތިބީ ބަލަހައްޓައިގެންނެވެ!"

އެ ހިނދު ޢުމަރުގެފާނު ކޯފާވެވަޑައިގެން ވިދާޅުވި އެވެ: "ﷲ ގަންދީ ބުނަމެވެ. އޭ އަބޫ ޢުބައިދާ އެވެ! ތި ބަސް ތިޔަ ބުނީ ކަލޭގެފާނު ނޫން އެހެން މީހަކު ކަމުގައިވީ ނަމަ، ކީރިތި މާތް ނަބިއްޔާގެ އާއިލާގެ ބޭފުޅުންނަށް ޢިބްރަތަކަށް ވާވަރުގެ އަދަބެއް ކަލޭގެފާނަށް ދެއްވީމުހެވެ. ކުރީގައި އަޅުގަނޑުމެންވީ ނިކަމެތި ބަޔަކު ކަމުގަ އެވެ. އެ ހިނދު އިސްލާމް ދީނުގެ ހިދާޔަތުން މާތް ﷲ އަޅުގަނޑުމެން ޢިއްޒަތްތެރި ކުރެއްވި އެވެ. އިސްލާމް ދީނުގެ ޢިއްޒަތް ނޫން އެހެން ޢިއްޒަތެއް އަޅުގަނޑުމެން އެދޭ ކަމުގައިވާ ނަމަ، މާތް ﷲ އަޅުގަނޑުމެން މިއަދު ވެސް ނިކަމެތި ކުރައްވައިފާ ހުއްޓެވެ!"

ވިސްނާލައްވާށެވެ! އެ އެންމެންގެ ކުރިމަތިން، ބަބުރު ނަސްލުގެ ޚާދިމު ކުއްޖަކު ސަވާރީގައި ބައިންދައިގެން އެ ސަވާރީގެ ލަގަނުގައި ހިއްޕަވައިގެން، ހިރަފުހުން ތަތްތެޅިފައިވާ ހެދުމެއްގައި، ދެ ފައިންޕުޅު ހިރަފުހުން ފޯވެފައިވާ ޙާލު ހިންގަވާފައި އެ ވަޑައިގަންނަވަނީ އާދައިގެ މީހެއް ނޫނެވެ. އިސްލާމީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އެވެ. މުސްލިމުންގެ ޖިހާދީ ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ ބާރު ކަމުގައިވާ ރޫމީންނާއި ފާރިސީން ބަލިކުރި ލަޝްކަރުތަކުގެ ވެރިޔާ އެވެ. ބީޒަންޓައިން ދައުލަތް އިނދަޖައްސައިލި ވަރުގަދަ ފަހުލަވާނެވެ.

އެތަނަށް އެއްވެފައި ތިބި ގިނަ މީހުންނަށް ހީކުރެވުނީ ސަވާރީގައި އިންނެވީ މުސްލިމުންގެ ވެރިޔާ ކަމަށާއި ލަގަނުގައި ހިފައިގެން ހުރީ ޚާދިމު ކަމަށެވެ. އެހެންކަމުން މުސްލިމުންގެ ވެރިޔާ އަށް އަދަބު ތައުޒީމް އަދާކުރުމުގެ ގޮތުން އެމީހުން ގުދުވެލައި ކުރުނީސްކުރަން ފެށި އެވެ. އެ މަންޒަރު ފެނިވަޑައިގެން ޢުމަރުގެފާނު އަސާކޮޅު މައްޗަށް އުފުއްލަވައި އެކަން މަނާކުރައްވައި ވިދާޅުވި އެވެ؛ "ތިޔަ ބައި މީހުންނާ ހުރެ އަޖާއިބުވަމެވެ! ތިޔަ ބޯތައް އުފުލާށެވެ! ހަމަކަށަވަރުން ﷲ ފިޔަވައި އެހެން ފަރާތަކަށް ސަޖިދަ ޖެހުން ހުއްދަވެގެން ނުވެ އެވެ!"

ޢުމަރުގެފާނުގެ ސަވާރީ މަޑުކުރެއްވުމުން، ގުދުސްގެ އިސް ފާދިރީ ޞަފްރޫނިޔޫސް އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ސަލާމް ކުރެއްވުމަށް ފަހު ވިދާޅުވި އެވެ؛ "ހަމަކަށަވަރުން އީލިޔާ (ބައިތުލް މަޤްދިސް)ގެ ތަޅުދަނޑިތަކާ ހަވާލުވާނޭ ބޭކަލެއްގެ ސިފަފުޅުތައް އަހަރެމެންގެ މުގައްދަސް ފޮތްތަކުގައި ބަޔާންވެފައިވެ އެވެ. އޭގެ ތެރެއިން ފުރަތަމަ ސިފައަކީ، އެ ބޭކަލަކު ވަޑައިގަންނަވާނީ ހިންގަވާފައި އަދި ޚާދިމުކަލޭގެ ސަވާރީގައި ބައިންދައިގެންނެވެ. ދެ ވަނަ ސިފައަކީ އެ ބޭކަލަކު ވަޑައިގަންނަވާނީ ދެ ފައިންޕުޅާއި ހެދުންކޮޅު ކިސަޑާއި ހިރަފުހުން ފޮރުވިގެންވާ ހާލުގަ އެވެ. ތިން ވަނަ ސިފަ ދެންނެވުމުގެ ކުރިން، ކަލޭގެފާނުގެ ހެދުންކޮޅު ވީދިގެން ފޮތިއަޅާފައި ހުރީ ކިތައް ތަނުގައިތޯ ގުނުމުގެ އިޒްނަ ދެއްވާށެވެ." އެކަމަށް ޢުމަރުގެފާނު އިޒްނަ ދެއްވުމުން އެ ފާދިރީ އެކަލޭގެފާނުގެ ހެދުންކޮޅު ބެލި އިރު 17 ތަނެއްގައި ހުރީ ފޮތިއަޅައިފަ އެވެ. ދެން ފާދިރީ ޞަފްރޫނިޔޫސް ދެންނެވި އެވެ؛ "ތިން ވަނަ ސިފައަކީ މިއެވެ. މި ތިން ސިފަ ފުރިހަމަވާ މީހަކު މިއަދު މި ތަނަށް ނައި ނަމަ، ޤުދުސްގެ ތަޅުދަނޑި އެކަކާ ވެސް ހަވާލު ނުކުރީމުހެވެ."

ދެން ޢުމަރުގެފާނުގެ އަތްޕުޅަށް ޤުދުސްގެ ތަޅުދަނޑިފަތި އެރުވި އެވެ. އަދި ޢުމަރުގެފާނުގެ ފަރާތްޕުޅުން ޤުދުސްގެ އަހުލުވެރިންނަށް އަމާންކަން ލިބިގެންވާ ކަމުގެ ޢަހުދުނާމާއެއް އެކަލޭގެފާނު ލިޔުއްވައި ސިއްކަ ޖައްސަވައި އެ މީހުންނަށް ދެއްވި އެވެ. އެންމެ ލޭފޮދެއް ވެސް އޮހޮރުވުމަކާ ނުލައި ޤުދުސް ފަތަޙަކޮށް އެ ރަށުގެ އަހުލުވެރިންނަށް އަމާކަން ދެއްވި އެވެ. އެއީ ހިޖްރައިން 16 ވަނަ އަހަރުގެ ރަބީއުލް އައްވަލް މަހެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ އެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމު އެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކި ކުރައްވަމު އެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރި ކުރައްވަމު އެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތި ކުރައްވަމުއެވެ..." -އާލް ޢިމްރާން 26

12 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުމަރު ބިން އަލީ

11 July 2016

މިލުއުން ކިޔާ ނިމުނު އިރު ލޮލުން ކަރުނަ ފާދާލައިފި. ކޮންފަދަ ނަލަ އަހުލާގެއްގެ ބައެއް މުސްލިމުންނަކީ. އެކަމަކު މިހާރު މިއޮތީ ފަސާދަ.

The name is already taken The name is available. Register?

ޫފފފ

11 July 2016

މާޝާ الله ވ. ޢިބްރަތްތެރި ވާޙަކަ ކޮޅެއް..

The name is already taken The name is available. Register?

ހަސަން

11 July 2016

ދައުލަތުގެ ޙަޒާނާއިން ވައްކަންކުރާ ވަގުންނާ މިފަދަ ބޭކަލުންނާ އެއްފަދަކޮށް މިބޭބޭކަލުނެގެ ނަމުން މިބުނި ވަގުންނާ އަޅުގަނޑުމެން އެބަ މުޙާތަބު ކުރަމޭ.

The name is already taken The name is available. Register?

މުޙައްމަދު

11 July 2016

އަޅުގަނޑުމެންގެ ލޮބުވެތި ރައީސުންވެސް މިގޮތައް އުޅުއްވާނެނަމަ.......!

The name is already taken The name is available. Register?

ރައްޔިތު މީހާ

11 July 2016

ޞަޙާބީންގެ މި ފަދަ ޢިބުރަތްތެރި ވާހަކަތައް ގިނަ ގިނަ އިން ގެނެސް ދިނުން އެެދެން

The name is already taken The name is available. Register?

އިބޫ

11 July 2016

އަލްހަމްދުލިއްލާހި ވ ސަޅި. ހިތަށް އަރަނީ އަދުގެ ވެރިން މި އާޓިކަލް ކިޔާނެބާއެ، މިއިން އިބްރަތެއް ލިބިގަންނާނެބާއެ

The name is already taken The name is available. Register?

ހެލޯމޭން

11 July 2016

މިއަދުގެ މުސްލިމުވެރިންވަނީ އުންމަތަށް ނުހަނުބޮޑު ހިޔާނާތްތެރި ވެފައެވެ. ގިޔާމަތް ދުވަހުން ﷲ ގެ ހަޒުރަތުގައި އެބައިމީހުން ދައްކާނީ ކޮން އުޒުރެއް ބާއެވެ. މި އުންމަތް ކޮޅަށް ޖެހުންމަށް ޓަކާ އަލުން އުމަރު ބިން ހައްތާބް، އަލީ ބިން އަބީތާލިބް، ހާލިދު ބިން ވަލީދު ނުވަތަ އުމަރު ބިން އަބުދުލް އަޒީޒް ފަދަ ބޭފުޅަކަށް އެބަ ބޭނުންވެއެވެ. މުސްލިމުން ދީނަށް ރުޖޫއަވެއްޖެ ނަމަ ނަސްރު ވަނީ ދާދި ގާތުގަ އެވެ.

The name is already taken The name is available. Register?

އަލީ

11 July 2016

ވަރަށްފުރިހަމަ ލިއުމެއް

The name is already taken The name is available. Register?

A li

11 July 2016

الله أكبر الله أكبر .....މިފަދަ ޢިބްރަތްތެރި ފިލާވަޅު ތަކުން ޢިބްރަތް ހާސިލް ކުރާބަޔަކައް އަޅުގަނޑުމެން ވަމާ ހިންގަވާ.

The name is already taken The name is available. Register?

ައ ލ ޤ

11 July 2016

ވަރަށް ޗާލު އިބުރަތްތެރި ލިޔުމެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454