އޮޅުންބޮޅުން: ފަތުރުވެރިކަމަށް މާލޭ ސަރަހައްދުން އަލަށް ޖާގަ ނުދިނުން

ދިވެހި ރާއްޖެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ތެރެއަށް ވަނީ 1972 ވަނަ އަހަރު އެވެ. ފަތުރުވެރި ކަމުގައި، ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުވުމާ އެކު 1979 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާވާން ފެށި އެވެ. އެންމެ 17 ރިޒޯޓުންނެވެ. އެއްހާސް ތިން ސަތޭކަ ވަރަކަށް އެނދުންނެވެ. ފަތުރުވެރިކަމުގެ ފުރަތަމަ މާސްޓަ ޕްލޭނުގެ މަސައްކަތް ފެށީ 1980 ގަ އެވެ. ފަންޑެއްގެ އެހީގަ އެވެ. އެތަކެއް ދުވަހުގެ ގިނަ ދިރާސާތަކަކަށް ފަހު މާސްޓަ ޕްލޭން ވުޖޫދަށް ގެނެވުނެވެ. ފަތުރުވެރިކަން ކުރިޔަށް ގެންދާނެ މަގު ދައްކާފައި އޮތެވެ. ތިން ޒޯނަކަށް ބަހައިގެންނެވެ. ދެ ވަނަ ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ލަފާ ދީފައި އޮތީ ހުވަދު އަތޮޅެވެ. ފަޅުރަށްތައް ގިނަކަމުންނެވެ. ދެ އަތޮޅުގައި ޖުމްލަ 150 ފަޅުރަށް އޮތް ކަމުގައި ވެ އެވެ. އޭގެ ތެރެއިން 75 ރަށަކީ ބޮޑެތި ފަޅުރަށް ކަމުގައިވެ އެވެ.


ސަރުކާރުން ތަރައްޤީ ކުރަން ނިންމީ އަރި އަތޮޅެވެ. މާސްޓަ ޕްލޭނުގައި އޮތް ގޮތަށް އަކުރުން އަކުރަށް އެއްވެސް ކަމެއް ނުހިނގައޭ ދެންނެވުމަކީ މުޅިން ޙަޤީޤަތާ ޚިލާފް ވާހަކައަކަށް ނުވާނެ އެވެ. ފާއިތުވި އަހަރުތަކުގައި ދެ ތިން މާސްޓަ ޕްލޭނެއް އެކުލަވާ ލެވިއްޖެ އެވެ. އޭގައި ލަފާ ދެނީ ވަކި ބައްޓަމަކަށް ފަތުރުވެރިކަން ތަރައްޤީ ކުރާށެވެ. ގައުމުގެ ފައިދާ އަށެވެ. ރައްޔިތުންގެ ފައިދާ އަށެވެ. ދެމެހެއްޓިނިވި ފަތުރުވެރި ކަމަކަށެވެ. ތިމާވެށި ޙިމާޔަތް ކުރުމަށެވެ. ރާއްޖޭގައި އޮތް ދިވެހި އިސްލާމީ ސަގާފަތް ރައްކާތެރި ކުރުމަށެވެ. ރާއްޖޭގެ އާދަޔާ ޚިލާފް ތަޞައްވަރު އެ ގޮތުގައި ބޭއްވުމަށެވެ. ފަތުރުވެރިން، ދިވެހި، ޢާއްމު ދިރިއުޅުމާ ދުރުގައި ވަކި ރަށެއްގައި ބައިތިއްބައިގެން އެމީހުންނަށް ބޭނުންވާ ޚިދުމަތެއް ދިނުމަށެވެ. ބައެއް ކަންތައްތައް ވަކި ވަރަކަށް ހިފަހައްޓައި ގެންނެވެ. މުޅިން ދޫނުދީ އެވެ.

ފަތުރުވެރިކަމުގެ މާސްޓަ ޕްލޭންތަކަށް ދިމާވީ ވެސް ޤާނޫނުއަސާސީ އަށް ދިމާވި ކަހަލަ މައްސަލައެކެވެ. އަމަލު ކުރެވެނީ ލިޔެފައި އޮންނަ ގޮތަކަށެއް ނޫނެވެ. އެ އިރެއްގައި ވެރިކަމުގައި އޮތް ސަރުކާރެއްގެ ތަރުޖަމާ ކުރުމުން ކަމަށް ވެސް ވެދާނެ އެވެ. ޕީޕީއެމްގެ މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތަކީ ސިޔާސަތެއް ނެތުމެވެ. އެއްގޮތަކަށް ވެސް ދުރު މުސްތަޤްބަލަށް ނުވިސްނުމެވެ. ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނޭ ފައިދާ އަށް ބަލާފައި ކުރިޔަށް ދިއުމެވެ. ބައެއް ހާލަތުގައި ރަށްރަށުން ދައްކަން ޖެހޭ ކުލި ވެސް ކުރިޔަށް ނެގެނީ އެވެ. އިޖުތިމާޢީ ޒިންމާއެއް ނެތި އެވެ. ފަރުދީ ޒިންމާއެއް ނެތި އެވެ. އެއީ މާދަމާގެ ޖީލަށް ވެވޭ އިހުމާލެއް ކަމަށް ވެދާނެ ކަމަށް ވެސް ނުބެލެވި އެވެ. މި ނިންމުމާ ހަމައަށް އަޅުގަނޑަށް އާދެވުނީ ސަރުކާރުން ފަތުރުވެރިކަމާ ބެހޭ ގޮތުން މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ބަލައިފަ އެވެ. މިކަމަށް ބާރު ލިބޭ ބައެއް ހެކި ދަންނަވާލާނަމެވެ

ދާދި ފަހުން ނޫސްތަކުން އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބުނީ މާލޭ ސަރަހައްދުގައި އިތުރު އިންޓެގްރޭޓަޑް ރިޒޯޓް ޕްރޮޖެކްޓެއް ހިންގަން އިންވެސްޓަރުން ޝަޢުޤުވެރިވާ ކަމަށެވެ. ނޫހުގައި ޚަބަރު ލިޔެފައި އޮތް ގޮތުން ލަފާކުރެވެނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތުން، ވަރަށް އުފާވެރިކަމާއި ފަޚުރުވެރިކަމާ އެކު އެފަދަ މަޝްރޫޢަކަށް މަރުޙަބާ ކިޔާ ހެންނެވެ. ފަތުރުވެރިކަމުގެ މާސްޓަ ޕުލޭނެއް ނެތޭ އަޅުގަނޑަށް ދެންނެވެނީ މިފަދަ ނިންމުންތަކާ ހުރެ އެވެ. ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީ ކުރާނެ ސަރަހައްދެއް ކަނޑައަޅާނީ ސަރުކާރުންނެވެ. ހުރިހާ ގޮތަކަށް ބަލައިފަ އެވެ. ގައުމަށް އެންމެ ފައިދާވާނެ ގޮތަށެވެ. ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާއެއް ލިބޭނެ ގޮތަކަށް ބެލެވިގެންނެވެ.

މާލެ ފުރެނީ އެވެ. މާލެ ސަރަހައްދު ފުރެނީ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްޤީ ވުމުން މި ސަރަހައްދުގެ ކާރޫބާރު ކުރިއަށް ވުރެ އެތައް ސަތޭކަ ގުނައެއް އިތުރު ވާނެ އެވެ. ކަނޑުމަތީ ޓުރެފިކަށް ވާނެ ގޮތަކަށް ވިސްނަވާށެވެ. ޖައްވުގެ ޓުރެފިކަށް ވާނެ ގޮތަކަށް ވިސްނަވާށެވެ.

އިންވެސްޓަރުން މާލޭ ސަރަހައްދަށް އަންނަން ބޭނުން ވަނީ ބައިނަލްއަޤްވާމީ އެއާޕޯޓާ ކައިރު ވުމުންނެވެ. ދަތުރުފަތުރު ކުރުމަށް ކުރާ ޚަރަދު ކުޑަކުރާށެވެ. މުދާ ގެނައުމުގެ ޚަރަދު ކުޑަ ކުރާށެވެ. މިގޮތަށް އަޅުގަނޑުމެން ރުހެންވީތޯ އެވެ؟ ރާއްޖޭގައި އޮތީ ހަމައެކަނި މާލޭ ސަރަހައްދުތޯ އެވެ؟ ބޮޑު ބިމަކަށް ދާ ނަމަ ހައްދުންމަތި އެ އޮތީ އެވެ. ކައިރިކައިރީގައި ހުރި ރަށްތަކަކަށް އިންވެސްޓް ކުރަން ބޭނުން ނަމަ ދ. އަތޮޅަށް ބައްލަވާ ލައްވާށެވެ. އުތުރުގެ ބައެއް އަތޮޅުތަކަށް ބަލާލާ ނަމަ ށ. އަތޮޅާއި ނ. އަތޮޅަށް ބައްލަވާށެވެ. މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ރީތި ކަމަށް ޝުކުރު ވެރިވަމުން ފެންކަޅި ވާނެ އެވެ. އަޅުގަނޑު ގަސްދުގައި ދެކުނުގެ އަތޮޅުތަކުގެ ރީތި ރަށްތައް ދޫކޮށްލީ އެވެ. ހުވަދޫ ކަނޑު ހުރަސް ކުރަން ޖެހޭތީވެ އެވެ. މުދާ އުފުލުމުގެ ޚަރަދުތައް ބޮޑުވާނެތީވެ އެވެ.

މާލެ ސަރަހައްދު ފަތުރުވެރިކަމަށް މިހާރު މި އޮތީ ފުރިފަ އެވެ. ކިތަންމެ ބޮޑު މަހުޖަނެއް، ކިތަންމެ ރީތި ހުވަފެނެއް، ކިތަންމެ ނަލަ ކުލަތަކެއް ޖައްސާފައި ދެއްކިޔަސް ނޫނެކޭ ބުނަން ކެރެން ވާނެ އެވެ. ކުރީ ޒަމާނުގައި ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ދޭ މީހުން ބުނާ ގޮތަށް ކޮންމެ ކަމަކަށް "ނޯ ޕުރޮބްލަމް" އޭ ބުނެވިގެން ނުވާނެ އެވެ. މާލޭ ސަރަހައްދުގައި ދިވެހި ރައްޔިތުންނާއި ބައެއް ބިދޭސީ އިންވެސްޓަރުންގެ އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓުމެންޓު ކޮށްފައިވެ އެވެ. އެ މީހުންގެ އިންވެސްޓުމެންޓްތައް ޙިމާޔަތް ކޮށްދިނުން ސަރުކާރަށް ލާޒިމްވެ އެވެ. އަޅުގަނޑުމެން މި ކުޅެނީ ތިމާވެއްޓާ އެވެ. ރާއްޖެ އަކީ ދުނިޔޭގައި އެންމެ ނާޒުކު ތިމާވެއްޓެއް އޮތް އެއް ގައުމެވެ. ރިޒޯޓްތައް ހެދިފައި އޮންނަ ރަށްތައް ގިރަން ފެށުމުން ގިރާ ފަޅީގައި ގާ ފާލަމެއް އެޅުމާ އެކު އެހެން ދިމާއަކުން ގިރަން ފަށާކަން އަޅުގަނޑުމެންގެ މިހާރުގެ ތަޖުރިބާ އިން ވެސް އެނގެ އެވެ. މި މަސައްކަތް ވެފައި އޮންނަނީ ނިމުމެއް ނެތް މަސައްކަތަކަށެވެ. ފުވައްމުލަކުގެ ތަޖުރިބާ އިން ފިލާވަޅެއް ލިބި ގަންނާކަށް ނުވޭ ބާވަ އެވެ؟

މާލެ ފުރެނީ އެވެ. މާލެ ސަރަހައްދު ފުރެނީ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްޤީ ވުމުން މި ސަރަހައްދުގެ ކާރޫބާރު ކުރިއަށް ވުރެ އެތައް ސަތޭކަ ގުނައެއް އިތުރު ވާނެ އެވެ. ކަނޑުމަތީ ޓުރެފިކަށް ވާނެ ގޮތަކަށް ވިސްނަވާށެވެ. ޖައްވުގެ ޓުރެފިކަށް ވާނެ ގޮތަކަށް ވިސްނަވާށެވެ. އަޅުގަނޑުމެންގެ އަތުން ތަފާތު ނަންނަމުގައި ޓެކްސްއަށް ފައިސާ ނަގައިގެންނާއި، ކުއްޔަށް ދޭ ބައެއް ތަންތަނުގެ ކުލި ކުރިއަށް ނަގައިގެންނާއި، ބައެއް ބޭންކުތަކުން ދިގު މުއްދަތަކަށް ލޯނު ނަގައިގެން ރާއްޖޭގެ ހުރިހާ ރައްޔިތުން މާލޭ ސަރަހައްދަށް ގެންނަން އިމާރާތްތައް ކުރެވެމުން ދަނީ އެވެ. ރޭވިގެން ތަރައްޤީ ކުރަން ފެށުނު ހުޅުމާލޭގެ ފަސޭހަތައް މަޑުމަޑުން ގެެއްލެމުން ދަނީ އެވެ. މިހާރު ކުރިމަތިވެފައި އޮތީ ހުޅުމާލޭގެ ފެރީގެ މައްސަލަ އެވެ. އިތުރުވާ އާބާދީއާ އެއްވަރަށް ތަރައްޤީ ނުކުރެވެނީ އެވެ. ދުވަހެއް ދުވަހަކަށް މި ކަންތައް ދާނީ ބޮޑުވަމުންނެވެ. ކުރިއަށް އޮތް ތާނގައި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް މި ކަހަލަ ގިނަ ދަތިތަކާ ކުރިމަތިވާނެ އެވެ. އާބާދީ ބޮޑުވުމުންނެވެ. ސަރުކާރަށް ލިބޭ ގޮތަށް މާލޭގައި ހުސް ބިންކޮޅެއް އޮތިއްޔާ އެ ބިންކޮޅުގައި ވެސް އެތަކެއް ސަތޭކަ ފުލެޓެއް އިމާރާތް ކުރެވެނީ އެވެ. މާލޭގައި ދިރިއުޅޭ މީހުން މުނިފޫހިފިލުވަން ދާން އޮތް ފަޅުރަށް، ކުޑަ ބަނޑޮސް، ރައީސް ވަޙީދުގެ ސަރުކާރުން ކުއްޔަށް ދިނީ އެވެ. ދެން އޮތް ފަޅުރަށް ފޭދޫފިނޮޅު މި ސަރުކާރުން ބޭރު ބަޔަކަށް ކުއްޔަށް ދިނީ އެވެ. މިހާރު މާލެ ކައިރީގައި ސަލާމަތުން އަދި އޮތީ ދޫނިދު އާއި ފުނަދު އާއި އާރަށެވެ. އަގުޖެހުމުން މި ރަށްތައް ވެސް ހިނގައިދޭނެ ކަމަށް ބަލަން ވާނެ އެވެ. ސަރުކާރުން މާލޭގައި ދިރިއުޅޭ މީހުންގެ ބޭނުންތަކާ މެދު ވަރަށް ބަލަ އެވެ! ވިސްނަ އެވެ! ބަލައިގަންނަމެވެ!