ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގައި ކުރި މަޣްރިބް ނަމާދުގެ ބޮޑު ޖަމާއަތް: އިސްލާމީ މުޖްތަމައުގައި އަމާންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމީ ކޮންމެ މީހެއްގެ ވާޖިބެއް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
09 ފެބުރުއަރީ 2018 - 11:13
ސަލާމަތާއި އަމާންކަން ދެމެހެއްޓުމަކީ އިސްލާމީ މުޖުތަމައުގެ މުހިންމު އަސާސަކަށް ވުމުގެ ކުރިން އެއީ މުޖުތަމައުގެ ވަރަށް މުހިންމު އެއް މަގުސަދެވެ. ސަލާމަތާއި އަމާންކަމާ ގުޅިފައިވާ އެންމެ މުހިންމު ލަފުޒަކީ "އައްސަލާމް" އެވެ. އައްސަލާމް އަކީ ﷲ ގެ މަތިވެރި އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ. ﷲ ގެ ވަޙީ ބަސްފުޅުގައިވާ ގޮތުން އެކަލާނގެ އީ އަމާންކަން ދެއްވާ ރަސްކަލާނގެ އެވެ. (އަލްޙަޝްރު 23)
އައްސަލާމް އަކީ ސުވަރުގޭގެ ނަންތަކާ ގުޅިފައިވާ ލަފުޒެކެވެ. މިގޮތުން ސުވަރުގެ އަށް "ދާރުއްސަލާމް" ކިޔެ އެވެ. އަދި މި ސަލާމަތުގެ ގޮވައްޗަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދަޢުވަތު ދެއްވާކަން ޔޫނުސް ސޫރަތުގެ 25 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެއެވެ.
އިސްލާމް ދީނުގެ ނަމުގެ މާނަތަކަށް ބަލާއިރުވެސް އޭގައި އަމާން ކަމުގެ މާނަ ހިމެނެ އެވެ. އަދި މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާ ހިނދު އެންމެ ފުރަތަމަ ބޭނުންކުރަން ޖެހޭ ލަފުޒެއްގެ ގޮތުގައި ވެސް އައްސަލާމް ހިމެނެ އެވެ. ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނައިގައި ވަނީ "ތިމަން ރަސްކަލާނގެ އާޔަތްތަކަށް އީމާންވާ މީހުން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެ ނަމަ ފަހެ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ." (އަލްއަންޢާމް 54)
މި ސަބަބަށްޓަކައި މުއުމިނުންގެ ތެރޭގައި ސަލާމް ފެތުރުމަށް ކީރިތި ރަސޫލާ ވަރަށް ބޮޑަށް ވަސިއްޔަތް ކުރައްވައެވެ. އެކަލޭގެފާނު ހަދީސްފުޅު ކުރައްވަނީ "އޭ މީސްތަކުންނޭވެ! ސަލާމް ފަތުރާށެވެ! ކާތަކެތި ކާންދޭށެވެ! ރަހިމުގެ ގުޅުން ވާސިލު ކުރާށެވެ! (އޭރުން) ސަލާމަތާއި އަމާންކަމާ އެކު ތިޔަބައިމީހުންނަށް ސުވަރުގެ ވަދެވޭނެ އެވެ." (ބުޚާރީ، މުސްލިމް، ތިރުމިޛީ)
މުއުމިނުން އެކަކު އަނެކަކާ ބައްދަލުވާ ހިނދު ސަލާމުގެ ލަފުޒު ބޭނުން ކުރާ ކަމުގައި ވަނީ ނަމަ އެއީ އެބައިމީހުންގެ މެދުގައި އަމާންކަން ދެމެހެއްޓުމަށް އޮތް މަގެކެވެ. އެހެނީ ސަލާމް ކުރާ އިރު ކޮންމެ މުއުމިނަކު ވެސް އަނެއް މުއުމިނެއްގެ ކައިރީ މި ބުނެވެނީ ތިބާއަށް އަމާންކަން ހުއްޓޭ އެވެ. ތިމަން ދެކެ އެއްވެސް ބިރެއް ނުގަންނާށޭ އެވެ. ތިމަންގެ ފަރާތުން ތިބާ ނުރުހޭ ކަމެއް އަތުވެދާނެ ކަމަށް ނުބަލާށޭ އެވެ.
ހަމަ އެއާ އެކު އެހެން އެއްވެސް ފަރާތަކުންވެސް ނުރައްކަލެއް ނައިސް އަމާންކަން ތިބާ އަށް ލިބިގެން ވުމަށް ﷲ ގެ ހަޒްރަތުން ތިމަން އެބަ އެދެމޭ އެވެ. މި މާނަތައް ހިތަށް ގެނެސް ސަލާމް ކުރެވޭ މީހާ ވެސް ހަމަ އެފަދައިން ނުވަތަ އެއަށް ވުރެ މޮޅަށް ސަލާމުގެ ރައްދު ދީފި ނަމަ އޭނާގެ ފަރާތުން ވެސް ހަމަ އެ ބަޔާން ކުރެވެނީ އެ މާނަތަކެވެ. އަދި ކިއެއްތަ، ރައްދު ދިނުން އިތުރަށް ފުރިހަމަ ކޮށްފި ނަމަ އިތުރު ދުޢާ ތަކެއްވެސް އޭގައި ހިމެނޭނެ އެވެ. އެއީ ﷲ ގެ ރަހުމަތާއި އެކަލާނގެ ހަޒްރަތުން ބަރަކާތް ތިބާއަށް ލެއްވުމަށް ވެސް އެދި ދުއާ ކުރަމޭ އެވެ.
މިހުރިހާ ކަމެއް އިސްލާމީ ސަލާމުގައި ހިމެނޭތީވެ ސަލާމް ފަތުރައި އާންމު ކުރުމަކީ މުއުމިނުންގެ މެދުގައި އެކަކު އަނެކަކާ މެދު ލޯބި އިތުރުވެގެންދާނެ ކަމެއް ކަމުގައި ކީރިތި ރަސޫލާ ވަނީ ބަޔާން ކުރައްވާފަ އެވެ. އިސްލާމް ދީން ސަލާމަތާއި އަމާންކަމަށް ބާރު އަޅާ މިންވަރު އިތުރަށް ހާމަވާ ކަމަކީ ސުވަރުގޭގެ އަހުލުވެރިންގެ މެދުގައި ވެސް އެކަކު އަނެކަކާ ބައްދަލުވާ ހިނދު އެމީހުންގެ ތަހިއްޔާ އަކީ ވެސް ސަލާމް ކަމުގައި ވުމެވެ.
"އެތާނގައި އެއުރެންގެ ދުޢާ އަކީ ސުބްޙާނަކަﷲންމަ (އޭ، ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އަށް އަޅަމެން ތަސްބީޙަ ދަންނަވަމެވެ.) އެވެ. އަދި އެތަނުގައި އެއުރެންގެ ތަހިއްޔާ އަކީ ސަލާމް އެވެ." (ޔޫނުސް 10)
އަމާންކަން ފެތުރިފައި ވުމަށް އިސްލާމް ދީން ބާރު އަޅަނީ ހަމައެކަނި މުއުމިނުންގެ މެދުގައެއް ނޫނެވެ. ސަލާމަތްކަމާއި އަމާންކަމަށް (ނުވަތަ އިސްލާމް ދީނަށް) އެންމެން އެކީ ވަނުމަށް ﷲ ވަނީ މުއުމިނުންނަށް އަމުރު ކުރައްވާފަ އެވެ. (އަލްބަޤަރާ 208)
އެހެން ކަމަށް ވާނަމަ އޭގެ މާނައަކީ މުއުމިނުން އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅުމެއް ނުވަތަ ހަނގުރާމަ ކުރުމެއް އޮވެގެން ނުވާނެ އެވެ. އަދި ކިއެއްތަ، މުސްލިމް ނޫން ބަޔަކާއެކު ވެސް އިސްވެ ހަނގުރާމައެއް ކޮށްގެން ނުވާނެ އެވެ. މުއުމިނުންގެ މެދުގައި ހަނގުރާމައެއް އޮންނަން ޖެހޭ ހަމަ އެކަނި ހާލަތަކީ މުއުމިނުންގެ ދެބަޔަކު ތަޅާފޮޅައި އޭގެ ތެރެއިން އެއްބަޔަކު ބާޣީންކަމުގައި ވެއްޖެ ނަމަ އެބައިމީހުން ﷲގެ މަގަށް އެނބުރި ރުޖޫއަ ވެއްޖައުމަށް ދާންދެން އެމީހުންނާ ކުރާ ހަނގުރާމަ އެވެ. އެހެން ބަޔަކާ އެކު ހަނގުރާމަ އެއް ކުރަން ޖެހޭ ހާލަތަކީ އިސްލާމް ދީނުގެ މައިގަނޑު ފަސް މަގުސަދުން ކުރެ މަގުސަދެއް ނެތިގެންދާ ހިނދު ދިފާއުގައި ކުރާ ހަނގުރާމަ އެކަންޏެވެ.
އިސްލާމީ މުޖުތަމައުގައި އަމާންކަން ފެތުރިފައި ވުމަކީ އެ މުޖުތަމައުގެ މުހިންމު އަސާސެއް ކަމުގައި ވިއަސް އަދި އޭގެ ބޭނުމަކީ ލޯތްބާއި އަޅާލުމާއި އަމާންކަމާއި ހަމަޖެހޭ ދިރިއުޅުމެއް ގާއިމު ވެފައިވުން ކަމުގައި ވިއަސް އޭގެ މާނައަކީ މުސްލިމުން ނިކަމެތިން ކަމުގައި ނުވަތަ ދަށު ދަރަޖައިގެ ބައެއް ކަމުގައި ވުމެއް ނޫނެވެ. ތަޅާފޮޅުމާއި ހަނގުރާމަ ކުރުމާއި ގަދަފަދަވެގަނެގެން އުޅުމަކީ ރީތި ސިފަތަކެއް ކަމުގައި ނުވިއަސް ނިކަމެތި ކަމާއި ދަރަޖަ ދަށް ވެގެން ދިއުމަކީ މުސްލިމް މުޖުތަމައެއްގައި އޮންނަން ޖެހޭ ސިފައެއް ނޫނެވެ.
އޭގެ ބަދަލުގައި މުސްލިމުންނަކީ އިއްޒަތާއި ކަރާމާތް ލިބިގެންވާ ބައެއް ކަމުގައި ވާން ޖެހެއެވެ. ވަރުގަދަ ބަޔަކު ކަމުގައި ވާން ޖެހެއެވެ. އަދުއްވުންގެ ފަރާތުން އަންނަ ހަމަލާތަކަށް ރައްދު ދެވޭ ބަޔަކު ކަމުގައި ވާން ޖެހެއެވެ. މުސްލިމުންނަކީ އިސްވެ މުސްލިމެއްގެ މައްޗަށް ވެސް އަދި އެނޫން މީހެއްގެ މައްޗަށް ވެސް ހަތިޔާރު އުފުލާ މީހަކަށް ވެގެން ނުވިއަސް އަދުއްވުންގެ ހަމަލާތަކަށް ތައްޔާރުވެގެން ތިބުމަށް ﷲ އަންގަވައެވެ.
ﷲ ގެ އަދުއްވުންނާއި މުއުމިނުންގެ އަދުއްވުންނާއި އަދި އެނޫން ބަޔަކުގެ ވެސް ހިތްތަކަށް ބިރުވެރިކަން ގެނައުމަށްޓަކައި އަސްތައް ބަނދެ ތައްޔާރު ކޮށްގެންނާއި އަދި އެނޫނަސް ކުޅަދާނަވީހާ ބާރެއް ތައްޔާރު ކޮށްގެން އެއުރެންނާ ދެކޮޅަށް ތައްޔާރަށް ތިބުމަށް އެކަލާނގެ ވަނީ އަންގަވާފަ އެވެ. (އަލްއަންފާލް 68)
އަދި މުއުމިނުން އަބަދުވެސް ވަރުގަދަކަން މަތީ ތިބުމަށް ކީރިތި ރަސޫލާ އަމުރު ކުރައްވަ އެވެ. ނިކަމެތި މުއުމިނުންނަށް ވުރެ ވަރުގަދަ މުއުމިނުން ﷲ ގެ ހަޒްރަތުގައި މަތިވެރިކަން އެކަލޭގެފާނު ވަނީ ބަޔާން ކުރައްވާފަ އެވެ. މިދެންނެވި ވަރުގަދަ ކަމަކީ ހަގީގަތުގައި ހަމައެކަނި ހަށިގަނޑުގެ ވަރުގަދަ ކަމެއް ނޫނެވެ. އެއަށް ވުރެ ކުރިން އިލްމާއި މުދާވެރިކަމާއި ހަތިޔާރުގެ ގޮތުން ވަރުގަދަ ކަން ލިބިގެން ވުމެވެ.
މިފަދަ ބާރުވެރިކަމެއް މުއުމިނުންނަށް ލިބިގެން ވިއަސް އެއްވެސް ބައެއްގެ މައްޗަށް އުދުވާނީ ހަމަލާއެއް ދިނުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ﷲ އަންގަވަނީ ހަނގުރާމަ ކުރާ މީހުންނާ އެކަލާނގެ މަގުގައި ހަނގުރާމަ ކުރުމަށެވެ. އަދި (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނައަޅައި ނުދިއުމަށެވެ. ހައްދުފަހަނަ އަޅައިދާ މީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑި ނުގަންނަވާނެ ކަމަށެވެ. (އަލްބަޤަރާ 190)
ވީމާ އިސްލާމް ދީނުގައި ފަރުޟު ކުރެވިފައިވާ ޖިހާދަކީ އަދުއްވުންގެ ފަރާތުންނާއި މުއުމިނުންގެ ތެރެއިން މަގު ގެއްލިފައިވާ މީހުންގެ ފަރާތުން ދީނަށާއި ގައުމަށާއި މުދަލަށާއި އެނޫންވެސް އިސްލާމީ ޝަރީއަތުގެ މަގުސަދުތަކަށް އަރައިގަތުމުން އެކަން ދިފާއު ކުރުމަށް އޮންނަ ކަމެކެވެ. އަދި މި ޖިހާދަކީ ހަމައެކަނި ބާރާއި ހަތިޔާރުން ކުރާ ޖިހާދެއްވެސް ނޫނެވެ. ދުލާއި ގަލަމުންވެސް ކުރެވޭ ޖިހާދެކެވެ. އެހެންވެ އިސްލާމީ ނަޒަރުން ބަލާއިރު އަނިޔާވެރި ވެރިއެއްގެ ކައިރީ ބުނާ ހައްގުގެ ބަސް ވެސް ވެގެން ދަނީ ޖިހާދެއް ކަމުގައެވެ.
އިސްލާމީ މުޖުތަމައުގައި ސަލާމަތާއި އަމާންކަން ދެމެހެއްޓުމަށްޓަކައި ބައެއް ކަހަލަ ކަންތައްތަކުން މުސްލިމުން ދުރުހެލިވާން ޖެހުނަސް މުސްލިމެއްގެ ފަރާތުން ވިއަސް އަދި އަދުއްވެއްގެ ފަރާތުން ވިއަސް މުސްލިމަކަށް ނިކަމެތިކަމެއް ކުރިމަތިވެގެން ނުވާނެ އެވެ. ކީރިތި ޤުރުއާނުގައި ﷲ އަންގަވަނީ ﷲ އަށް އިއްޒަތް ލިބިވޮޑިގެންވާ ކަމަށެވެ. އަދި ރަސޫލާއަށް ވެސް އިއްޒަތް ލިބިގެންވާ ކަމަށެވެ. ހަމަ އެފަދައިން މުއުމިނުންނަށް ވެސް މެއެވެ. (އަލްމުނާފިޤޫން 8)
އަދި މުއުމިނަކު އަމިއްލަ ނަފްސު ނިކަމެތި ކޮށް ނުލުމަށް ކީރިތި ރަސޫލާ އަންގަވަ އެވެ. ނަމަވެސް މީގެ މާނައަކީ މުއުމިނުން ކިބުރުވެރި ވުމެއް ނުވަތަ އެހެން ބައެއްގެ މައްޗަށް ބަޣާވާތްތެރި ވުމެއް ނޫނެވެ. އެހެންވެ އިއްޒަތް ދެމެހެއްޓުމާ އެކު ތަވާޟުޢު ވެރި ވުމަށް ވެސް ކީރިތި ރަސޫލާ އަންގަވައެވެ.
ވީމާ މުސްލިމުންނަށް ލާޒިމު ވެގެންވަނީ ސަލާމަތާއި އަމާންކަން ފެތުރިފައިވާ މުޖުތަމައަކަށް އިސްލާމީ މުޖުތަމައު ހެދުމެވެ. އަދި މިކަމަށްޓަކައި މުސްލިމުން ނިކަމެތިވެ ނުގަނެ ތަވާޟުޢު ވެރި ކަމާ އެކު އިއްޒަތް ހިފަހައްޓަން މަސައްކަތް ކުރާ ބަޔަކަށް ވެސް ވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮންޑޮން މަތި
10 February 2018
ހުކުރު ޚުތުބާއެއްގައި މިފަދަ ނަސޭހަތްތަްއް ދެއްވަމުން ގެންދަވާއިރު މިވޭތުވެދިޔަތަނުގައި ޚުތބާއެއްގައި އަދުލު އިންސާފު ޤާއިމުކުރުމަށާއި ނެރިްގެ ހައްޤުތަކަށް އަމުރުކޮށް ބަހެއް ލިއުނު ޚުތުބާއެއް ކިދުވަހެއް ހަނދާނަށް އައިސްފައެއް ނެތް . މީނޯންނަ ކަމަކީތޯ
ފުވައްމުލަކު ބޭސްސިޓީ
09 February 2018
ވެރިން ރައްޔިތުންނަށް އަނިޔާވެރިނުވުމަށާއި ރައްޔިތުންނަށް އޯގާވެރިވާންވާނެކަމަށާއި ރައްޔިތުންގެމުދަލަށާއި ރައްޔިތުންގެފައިސާއަށް ތެދުވެރިވާންޖެހޭނެއޭބުނެފަ ތިޔަޚުތުބާ ނިންމާލިނަމަ އިތުރަށްފުރިހަމަވީސްކަންޔަގީން !! މިހާރުބެލެވެނީ ސިޔާސީޚުތުބާއެއްކަމަށް!!!
ޙުސެންބެ
09 February 2018
އިސްލާމީ ނަޒަރުން ބަލާއިރު އަނިޔާވެރި ވެރިއެއްގެ ކައިރީ ބުނާ ހައްގުގެ ބަސް ވެސް ވެގެން ދަނީ ޖިހާދެއް ކަމުގައެވެ. ..... ބުނީމާ ތަޅައި މަރަނީ
އަހަ
09 February 2018
ސަޅި ލިޔުމެއް .. ފައިދާކުރުވަނިވި ލިޔުމެއް .. ޝުކުރިއްޔާ