ނިޕާ ވައިރަސް- ނުރައްކާ ބޮޑު

ނިޕާ ވައިރަސް ނުވަތަ އެން.އައި.ވީ އަކީ ވަރަށް ނުރައްކާތެރި ވައިރަހެކެވެ. މި ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 1998 ވަނަ އަހަރު މެލޭޝިޔާގެ ކެމްޕަންގް ސަންގްއައި ނިޕާއޭ ކިޔުނު އަވަށަކުންނެވެ. ނިޕާ ވައިރަހަށް ނަން ދެވިފައި ވަނީ މި އަވަށަށް ނިސްބަތްކޮށެވެ. ނަވާސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު އޮސްޓްރޭލިޔާގައި ފެނުނު ނުރައްކާތެރި ހެންޑްރާ ވައިރަހާ ދާދި އެއްގޮތް ސިފަތަކެއް ހުރި ނިޕާ ވައިރަސް މެލޭޝިޔާ އިން ފެނިފައި ވަނީ އޫރު ގެންގުޅެ ބަލަހައްޓަމުން ދިޔަ ބައެއްގެ ހަށިގަނޑުންނެވެ. މެލޭޝިޔާ ނިޕާ ވައިރަސް އައުޓް ބްރޭކްގައި 265 މީހުންނަށް ވަނީ ވައިރަސްގެ އަސަރު ކޮށްފަ އެވެ. އަދި 105 މީހުން ވަނީ މަރުވެފަ އެވެ.


ނަވާސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު މެލޭޝިޔާ އިން އެތެރެކުރި އޫރުތަކެއްގެ ސަބަބުން ސިންގަޕޫރުގައި ވެސް ވަނީ ނިޕާ ވައިރަސް ފެތުރިފަ އެވެ. މިހާރު އަވަށްޓެރި އިންޑިޔާގެ ކެރެލާ ސްޓޭޓްގައި ނިޕާ ވައިރަސް ޖެހިގެން 14 މީހުން މަރުވެފައި ވާއިރު އެ ގައުމުގައި ނިޕާ ވައިރަސް ފެތުރުމުން އެ ދަނީ ތިންވަނަ ފަހަރަށެވެ. ރިކޯޑްތަކުން ދައްކާ ގޮތުގައި އެންމެ ފުރަތަމަ އިންޑިޔާ އިން ނިޕާ ވައިރަސް ފެނިފައި ވަނީ 2001 ވަނަ އަހަރު ވެސްޓް ބެންގޯލްގެ ސިލިގުރީންނެވެ. އަދި ދެވަނަ ފަހަރަށް ނިޕާ ވައިރަސް ފެތުރިފައި ވަނީ 2007 ވަނަ އަހަރު ވެސްޓް ބެންގޯލްގެ ނަޑިއާ ޑިސްޓްރިކްޓްއިންނެވެ. ދެހާސް އެއް ވަނަ އަހަރާއި 2007 ވަނަ އަހަރުގައި އިންޑިޔާ ނިޕާ ވައިރަސް އައުޓް ބްރޭކްގައި ޖުމްލަ 70 މީހުންނަށް ވައިރަހުގެ އަސަރުކޮށް 50 މީހުން ވަނީ މަރުވެފަ އެވެ.

ފުރުޓް ބެޓް ވާލެއް.

އިންޑިޔާގެ އިތުރުން އަވަށްޓެރި ބަންގްލަދޭޝް އިން ވެސް ދޭތެރެދޭރެއިން ނިޕާ ވައިރަސް ފެންނަމުންދެ އެވެ. މި ގޮތުން ބަންގްލަދޭޝް އިން ނިޕާ ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 2004 ވަނަ އަހަރު ފަރީދުޕޫރު ޑިސްޓްރިކްޓުންނެވެ. އެ އަށް ފަހު ދެވަނަ ފަހަރަށް 2005 ވަނަ އަހަރު ނިޕާ ވައިރަސް ފެނިފައިވާއިރު، 2007 ވަނަ އަހަރާއި އަދި 2013 ވަނަ އަހަރުގައި ވެސް ނިޕާ ވައިރަސް ވަނީ އެ ގައުމުން ފެނިފަ އެވެ.

ދިވެހިންނަށް ނިޕާ ވައިރަސް ޖެހުމުގެ ފުރުސަތު އެބައޮތް ހެއްޔެވެ؟

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ދާދި ފަހުން ހާމަކުރި ގޮތުގައި، ނިޕާ ވައިރަސް ޖައްސާ އެއް ޖަނަވާރު ކަމުގައިވާ ފުރުޓް ބެޓްސް ނުވަތަ ޓެރޯފަސް އާއިލާގެ ވާ އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް އުޅެ އެވެ. އެހެން ކަމުން ދިވެހީންނަށް ވެސް މި ބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ނިޕާ ވައިރަސް ޖެހެނީ ކިހިނެއް؟

ނިޕާ ވައިރަސްގެ އަސަރު ކޮށްފައިވާ އޫރު ގެންގުޅުމާއި ވައިރަސް ހުރި އޫރުގެ ކުޑަކަމުދާ އެއްޗިއްސާއި ބޮޑުކަމުދާ އެއްޗިއްސާއި އަދި އޫރުގެ ހަށިގަނޑުގެ ދަވަ ނުވަތަ ދިޔަ އިން ވެސް އިންސާނުންނަށް ނިޕާ ވައިރަސް ޖެހިދާނެ އެވެ. އަދި ހަމަ އެހެންމެ ނިޕާ ވައިރަސް ހުރި ވާލުގެ ކުޑަކަމުދާ އެއްޗިއްސާއި ވާލުގެ ނަޖިހުން ތަގައްޔަރު ވެފައިވާ ރުކުރާ ފަދަ ބުއިންތަކާއި ވާ ކައިފައި ހުންނަ މޭވާގެ ޒަރިއްޔާ އިން ވެސް އިންސާނުންނަށް ނިޕާ ވައިރަސް ޖެހިދާނެ އެވެ. އަދި މީގެ އިތުރުން ނިޕާ ވައިރަސް ޖެހިފައިވާ މީހެއްގެ ކުޅާއި އަރިދަފުހުން އަނެއް މީހާ އަށް ވެސް ނިޕާ ވައިރަސް ޖެހިދާނެ އެވެ.

ނިޕާ ވައިރަސް ޖެހުމުން ފެންނާނީ ކޮންކޮން އަލާމާތްތަކެއް ހެއްޔެވެ؟

ނިޕާ ބަލި ޖެހުމުން ބައެއް މީހުންނަށް އެ ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހިނގައި ދާނެ އެވެ. އަދި އަނެއްބައި މީހުންގެ ހަށިގަނޑަށް ނިޕާ ވައިރަސް ވަންނަތާ ފަސް ދުވަހާއި 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އަލާމާތްތައް ފެންނަން ފަށަ އެވެ. މި އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުމާއި ކަރުތެރެ ސަކަރާތް ވުމާއި އަދި ނިއުމޯނިޔާ ޖެހުން ފަދަ ކަންކަން ހިމެނެ އެވެ. އަދި ވައިރަހުގެ އަސަރު ސިކުނޑި އަށް ކޮށްފި ނަމަ ހެއަށް ގޮތްވެ ނުވަތަ ހޭބުއްދި ފިލައި ފިޓް ޖެހި ކޯމާ އަކަށް ގޮސް މަރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ނިޕާ ވައިރަސް ޖެހުނުތޯ ބަލަން ހަދަނީ ކޮން ކަހަލަ ޓެސްޓްތަކެއް ހެއްޔެވެ؟

ކުރިން ދެންނެ ވިފަދަ އަލާމާތްތަކެއް ފެނި، ނިޕާ ވައިރަހަށް ޝައްކު ކުރެވޭ ނަމަ ބަލީގެ ކުރީ ކޮޅުގައި ދެނެގަތުމަށްޓަކައި ރިއަލް ޓައިމް ޕޮލިމެރޭސް ޗެއިން ރިއެކްޝަން އާއި ލެ އާއި ކުޑަކަމުދާ އެއްޗިއްސާއި އަދި ސިކުނޑީގެ ފެން ނަގައިގެން ޓެސްޓް ކޮށް ހަދައެވެ. އަދި އެލައިސާ އެންޓިބޮޑީ ޓެސްޓާއި އިމިއުނޯ ހިސްޓޯ ކެމިސްޓްރީ ޓެސްޓަކީ ވެސް ނިޕާ ވައިރަސް ދެނެގަތުމަށްޓަކައި ހަދާ ބައެއް ޓެސްޓު ތަކެވެ.

ނިޕާ ވައިރަހަށް އޮތީ ކޮން ފަރުވާއެއް ހެއްޔެވެ؟

މިހާތަނަށް ނިޕާ ވައިރަހަށް އެކަށީގެންވާ ފަރުވާއެއް ހޯދިފައެއް ނުވެ އެވެ. މި ބަލިޖެހޭ ގިނަ މީހުންގެ ބޮޑު ޕަސެންޓެއް ބަލީގައި މަރުވުމަކީ ވަރަށް ގާތްކަމެކެވެ.

ނިޕާ ވައިރަހުން ރައްކާތެރިވުމަށްޓަކައި ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟

- އާއްމު ސާފުތާހިރު ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުން. - އޫރުމަހާއި މުޅަތަކެތިން ދުރުހެލިވުން. - ވާލުގެ އާބާދީ މާބޮޑަށް އިތުރުވިޔަ ނުދީ ކޮންޓްރޯލް ކުރުން.

- ގަސްގަހުގައި އަޅާ މޭވާ ވާލުން ސަލާމަތްކުރުން.

- ވާ ކައިފައި ހުންނަ މޭވާގެ ބާވަތްތަކުގައި އަތްލައި ނުހެދުން އަދި އެ ފަދަ މޭވާ ނުކެއުން.

- ރުކުރާ ނެގުމުގައި ވާލުން ރައްކާތެރި ކުރުން ނުވަތަ ތަގައްޔަރު ވެފައިވާ ކަމަށް ޝައްކު ކުރެވޭ ނަމަ ބޭނުން ނުކުރުން.

- ނިޕާ ވައިރަސް ފެތުރެމުންދާ ސަރަހައްދުތަކަށް ދަތުރުކޮށް ނުހެދުން.

- ނިޕާ ވައިރަހުގެ އަސަރު ހުރި ސަރަހައްދުތަކުން މޭވާގެ ބާވަތްތައް އެތެރެ ނުކުރުން.

- މޭވާ ބޭނުން ކުރުމުގެ ކުރިން ރަނގަޅަށް ދޮވެ، ތޮށިމަށައިގެން ބޭނުން ކުރުން.

- ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކުރައްވާ ޑޮކްޓަރަކަށް ދެއްކުން.

އަޅުގަނޑުމެންގެ ރާއްޖޭގައި ގިނަ އަދަދަކަށް ވާ އުޅޭއިރު ވެސް މިހާތަނަށް ނިޕާ ވައިރަސް ޖެހިގެން އެއްވެސް މީހަކު ފެނިފައި ނުވާ ކަމީ މާތްﷲގެ ހެޔޮ ރަހުމަތްފުޅެވެ. މި ދުވަސްވަރަކީ ހުންތަކާއި ރޯގާތަކާއި ބަލިމަޑުކަން ރާއްޖޭގައި ފެތުރެމުންދާ ދުވަސްވަރެއް ކަމުން އެ ކަންކަމުން ސަލާމަތް ކުރައްވާތޯ މި މާތް މައްސަރުގައި މާތްﷲގެ ހަޟުރަތުގައި ދުއާ ދެންނެވުމަށް ހަނދުމަފުޅު ބަހައްޓަވާށެވެ.

* ރިފަރެންސް: އޮކްސްފޯޑް ޓެކްސްޓް ބުކް އޮފް ޒޫނޮސިސް، ސީ.ޑީ.ސީ، ޑަބްލިޔު.އެޗް.އޯ، ވޯލްޑް އޮގަނައިޒޭޝަން ފޯ އެނިމަލް ހެލްތު، ސެންޓާ ފޯ ފުޑް ސެކިއުރިޓީ އެންޑް ޕަބްލިކް ހެލްތު، ފީލްޑްސް ވައިރޮލޮޖީ، ޓައިމް.ކޮމް، ހިންދުސްތާން ޓައިމްސް.ކޮމް

ޑރ. މުހައްމަދު ޒިޔާދު

ތ. ވޭމަންޑު އަށް އުފަން ޑރ. މުހައްމަދު ޒިޔާދަކީ ޗައިނާގެ ޑާލިއާން މެޑިކަލް ޔުނިވަސިޓީން އެމްބީބީއެސް ހައްދަވާފައިވާ ބޭފުޅެކެވެ. ޗައިނާގައި ކިޔަވާ ވިދާޅުވި އިރު ސެލް ބައޮލޮޖީ މާއްދާ އިން 2008 ގައި މުޅި ޔުނިވަސިޓީން އެއް ވަނަ ހޯއްދެވި އެވެ. އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ކްރިސްޓިއަން މެޑިކަލް ކޮލެޖާއި ކަސްތުރުބާ މެޑިކަލް ކޮލެޖް އަދި އެމް.އެސް ރަމަޔާ މެޑިކަލް ކޮލެޖްގައި ތަމްރީން ހައްދަވައިފަ އެވެ. އޭނާ މިހާރު މަސައްކަތްކުރައްވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މެޑިކަލް ބައިން ހިންގާ ނޫސަންދާގަ އެވެ. އެމްއީއެސް އާއި ސިއެޗުއެސްއީގައި ތައުލީމް ހާސިލްކުރެއްވި އިރު އަދަބީ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވި އެވެ.