އިންތިޚާބެއް ކައިރިވުމަކުން އިގްތިސާދީ އަސާސްތަކަށް ބަދަލެއް ނާދޭ

އިންތިޚާބީ ވިލާގަނޑެއް ބޯމަތިވެ، ވިލާގަނޑުގެ ކުރިޔަށް ކެރި އައިސް، ވައި ގަދަވެގެން ދާ މި ދުވަސްވަރުގައި، ރައްޔިތުންގެ ކުރިމައްޗަށް އަރައި ކުރަމުންދާ ވަޢުދުތައް މި ދަނީ ގިނަވަމުން، ގުނަވަމުންނެވެ. ރައްޔިތުންގެ ހިތް ރުއްސުމަށްޓަކައި ބަސަރާ އިން ކަދުރު ގެނެސް، ސާމަރާ ދޫނި ފަތުގެ ތަބަކެއްގައި، މާމުޔާއި ގުލްކަނދާ ޖަހައިގެން ބޭނުން އިރަކު ކާން ލިބޭނޭ ގޮތް ހަދައިދޭނޭ ކަމުގައި ދެ ފަރާތުން ވެސް ގެންދަނީ ރައްޔިތުން ގާތު ބުނަމުންނެވެ.


ނަމަވެސް އިންތިޚާބު ކައިރިވުމަކުން އިޤްތިޞާދީ އަސާސްތަކަކަށް ބަދަލެއް ނާދެ އެވެ. ސަރުކާރަކީ އާމްދަނީ އުފައްދާ ތަނެއް ނޫނެވެ. ޚަރަދު ކުރުމަށްޓަކައި ސަރުކާރުން ޖެހެނީ ރައްޔިތުން އަތުން ކޮންމެވެސް ބީދައަކުން ޓެކްސް ނަގާށެވެ. ޖީއެސްޓީ، ވިޔަފާރީގެ ފައިދާގެ ޓެކްސް، އިމްޕޯޓް ޑިއުޓީ، އަހަރީ ފީ، ޕާކިން ސްޓިކާ ނޫން ނަމަ ކޮންމެވެސް އެހެން ނަމެއްގަ އެވެ.

ކަރަންޓުގެ އަގު ހެޔޮކޮށް، ސަބްސިޑީ ބޮޑުކޮށް، މަތީ ތަޢުލީމުގެ ހަރުފަތްތައް ހިލޭ ކޮށްދިނުމަށް ވަޢުދު ވާއިރު އަނެއް ބަޔަކު ބުނަމުން ގެންދަނީ ނުކުޅެދުންތެރިންނަށާއި އިސްރަށްވެހިންގެ އެލަވަންސް ބޮޑުކޮށް، ބްރިޖުގެ އަދަދު ގިނަކޮށް، ފްލެޓްގެ މިންވަރު ތިޔާގިކޮށް، ބިން ހިއްކާ މިންވަރު އިތުރު ކުރުމުގެ ވާހަކަ އެވެ. އެކި ސިފައިގައި އެކި ބީދައިން ދައުލަތުން، ކޮންމެ ބަޔަކުގެ ސަރުކާރަކުން ނަމަވެސް، ކުރަން ޖެހޭ ޚަރަދުތައް އިތުރު ކުރުމުގެ ވާހަކަ އެވެ.

ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން ޖެހުމަކީ އިޤްތިޞާދީ އަސާސެކެވެ. ފަރުދަކު ނަމަވެސް، ކުޑަ އަދި ބޮޑު ވިޔަފާރިއެއް ނަމަވެސް، ނުވަތަ ގައުމެއް ނަމަވެސް، ލިބޭ އާމްދަނީގެ މައްޗަށް ޚަރަދު ބައްޓަން ކުރަން ޖެހިދެ އެވެ. ފަރުދަކުގެ ދަރަނި އެންމެ ފަހުން ވާރިސުން ދައްކަން ޖެހިދާއިރު، ވިޔަފާރިއެއްގެ ދަރަންޏަށް ޒިންމާ ނަގަން ޖެހެނީ ހިއްސާދާރުންނެވެ. ދައުލަތުގެ ދަރަނި ދައްކަން ޖެހެނީ ރައްޔިތުންނެވެ.

ޓެކްސްގެ ގޮތުގައި ނަގާ މިންވަރު އިތުރުނުކޮށް، ޚިދްމަތްތައް އިތުރު ކުރެވޭނީ، ނުވަތަ ދެމުން ދާ ޚިދްމަތެއް ފުޅާކޮށް ފުން ކުރެވޭނީ، މިއަދު ކުރަމުން ދިޔަ ޚަރަދުތަކެއް މަދުކޮށްގެންނެވެ. ނުވަތަ ނުކޮށް ދޫކޮށްލައިގެންނެވެ. ނަމަވެސް، ޚަރަދު މަދުކުރުމުގެ ވާހަކައިގެ ސުރުޚީ ނުފެނި، ފެންނަނީ މިއަދު ނަގަމުންދިޔަ އާމްދަނީގެ ބައެއް ދޫކޮށްލުމަށް ނުވަތަ ނުނެގުމަށް ނިންމާ ނިންމުންތަކެވެ. ޕާކިން ސްޓިކާގެ ފައިސާ ނުނެގުމާއި، މިހާރު ޑިއުޓީ ނަގަމުންދާ ބައެއް ތަކެތިން ނަގާ ޑިއުޓީ ކަނޑާލުމުގެ ވާހަކަ އެވެ.

ނަމަވެސް ކުރަމުން ދާ ޚަރަދުތައް މަދުކުރާނީ ކިހިނަކުން ކަމެއް ބުނެ ނުދީ، އިތުރު ޚަރަދު ކުރާނަމޭ ބުނާ ބުނުމާ ބެހޭ ގޮތުން ވިސްނުންތަކެއް ވިސްނަން ޖެހިދެ އެވެ. އަޅުގަނޑުމެން ދިވެހި ރައްޔިތުންނަކީ ހޭލުންތެރި ބައެއްކަން ޔަގީނެވެ. ދޮރުގައި ޓަކި ޖެހުމަށް ފަހު ވަދެ، ޚިދްމަތް އިތުރު ކޮށްދޭން ވަޢުދުވާ ފަރާތްތަކުގައި ތިއީ ކިހިނަކުން ކުރާ ކަމެއްތޯ އަހަން ޖެހެ އެވެ. ޓެކްސް ފައިސާ އިތުރު ކުރާނީ ކޮން ދިމާލަކުންތޯ، ނުވަތަ ޚަރަދު ކުޑަކުރާނީ ކިހިނަކުންތޯ އަހައި، ވައުދައިގެން ހިނގާ އެންމެންނާ ސުވާލު ކުރިމަތި ކުރުން މަޖްބޫރެވެ. އަޅައިގެން ހުރި ހެދުމުގެ ކުލައަކަށް، ޔުނިފޯމަކަށް ބެލުމެއް ނެތި މިދެންނެވި ސުވާލު ނުކުރެވޭ ނަމަ، ފަރުދެއްގެ ނިސްބަތުން އަދާކުރަން ޖެހޭ ޤައުމީ ޒިންމާ އަދާ ކުރެވުނީ ކަމަށް ނިންމައިގެން ނުވާނެ އެވެ. ގޭ ބޮޑު އަށީގައި ބައިންދާ، ގޭގައި ކެއުމަށް ހުރި ބާވަތްތަކުން ހަދިޔާކޮށް، ކުޑަ ދަރިފުޅު އުރައި ސެލްފީ ނެގުމުގެ ފުރުސަތު ފަހިކޮށްދިނުމުން އަމިއްލަ ޒިންމާ އަދާކުރެވުނީ ކަމުގައި ނިންމާކަށް ނުވާނެ އެވެ. ތިމާ ތާއީދުކުރާ ކުލައިގެ ކެންޑިޑޭޓް ކަމަށް ވިޔަސް، ނުވަތަ އަނެކާ ވިޔަސް، މި ދެންނެވި މަޢުލޫމާތު އޮޅުން ފިލުވުން މުހިންމެވެ. އެހެނީ އެންމެ ފަހު ވަގުތު ގައުމުގެ ދަރަނި ދައްކާނީ ތިމާގެ ޖީބުން ކަމަށް ވާތީ އެވެ. ނުވަތަ ދަރިންގެ، ދަރިންގެ ޖީބުން ކަމުގައި ވާތީ އެވެ.

މީގެ އިތުރުން ނޫސްވެރިންނާއި ނޫސްމަޖައްލާތަކުގެ ޒިންމާ ވެސް އެބައި މީހުން އަދާކުރުމަކީ މުހިންމު ކަމަކެވެ. ކެންޑިޑޭޓުގެ ވާހަކަ އިން ސުރުޚީ ހެދުމަކުން ނޫސްތަކުގެ އެޑިޓަރުންގެ ޒިންމާ ނިމުނީ ކަމަކަށް ގަބޫލުކޮށްގެން ނުވާނެ އެވެ. އެންމެ މަގުބޫލު ނޫހަކީ ބްރޭކިން ނިއުސް އެންމެ އަވަހަށް ގެނެސްދޭ މީހުން ކަމުގައި، ނޫސްވެރިންނާއި ނޫސްތަކުގެ އެޑިޓަރުން ދެކެނީ ނަމަ، ޑިމޮކްރަސީގެ ހަތަރު ވަނަ ތަނބޭ ކިޔައިގެން ދައްކާ ވާހަކައިގައި އާރުލާތޯ ސުވާލު އުފައްދަން ޖެހިދެ އެވެ.

އެހެންކަމުން ވަޢުދާ ހިނގާ މި ދުވަސްވަރުގައި، ވަޢުދާ ހިނގާ މީހުންގެ ކިބައިން އޮޅުން ފިލުވަން ޖެހޭ މަޢުލޫމާތު އޮޅުން ފިލުވުވުމުގެ މުހިންމު ކަން ބޮޑެވެ. އިންތިޚާބެއް ނަގާ ބޯމަތިވުމަކުން އިޤްތިޞާދީ އަސާސްތަކަކަށް ބަދަލެއް ނާދެ އެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ