މިފަހަރު ނުކުރަންވީ ކަންތައް: މުވައްޒަފުން ސިޔާސީ ނުކުރައްވާ!

ދިވެހި ރައްޔިތުން ވޯޓުލާނީ މިނިވަންކަމާ އެކު، އެބައި މީހުންގެ ވިސްނުމާ އެއްގޮތަކަށް ކަން މިވަނީ ވަރަށް ފާޅުގައި ދައްކާފަ އެވެ. ސަރުކާރު ބުނީތީ، އޮފީހުގެ ވެރިޔަކު އެންގީތީ، ވަކި އަތަކަށް ވޯޓު ނުލާނޭކަން މިވަނީ ވަރަށް ހާމަކަން ބޮޑު ގޮތުގައި އިޢުލާނުކޮށްފަ އެވެ. އެއްފަހަރުކު ނޫނެވެ. ވިދިވިދިގެން ތިން ރިޔާސީ އިންތިޚާބުގަޔާއި، ދެ މަޖިލިސް އިންތިޚާބު އަދި ކައުންސިލް އިންތިޚާބުތަކުގަ އެވެ.


މިނިވަންކަންމަތީ ޚިޔާލު ފާޅުކޮށް، އެމީހަކު ބޭނުން ސިޔާސީ ފިކުރަކަށް ތާއީދު ކުރުމަކީ، ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދޭ ހައްގަކަށް ވާއިރު، ވަޒީފާގެ ބިރުގައި، މުވައްޒަފުން ގެންގުޅުމަކީ ހުރިހާ ގޮތަކުން ވެސް ވިޔާނުދާ އަމަލެކެވެ. މި އަމަލުގެ ނުރަނގަޅު ކަމުގެ ވާހަކަ ދެއްކުމަށް ދީނީ އިލްމުވެރިންނަށާއި ފަލްސަފާވެރިންނަށް ދޫކުރުމަށް ފަހު އަޅުގަނޑު ބަލާލަން ބޭނުންވަނީ، މިކަމުގެ އިގުތިޞާދީ ނަތީޖާއަށެވެ.

އިގުތިސާދީ ގޮތުން ރަނގަޅު އިންވެސްޓްމަންޓްތަކަކީ އެކަމުގެ ސަބަބުން ނަފާ އާއި ފައިދާ ލިއްބައިދޭ އިންވެސްޓްމަންތަކެވެ. ވިޔަފާރި ބަހުރުވައިން ނަމަ ރިޓާން އޮން އިންވެސްޓްމަންޓް ހެޔޮ، އަދި ގިނަ ދުވަހަށް ދެމިގެންދާނެ އިންވެސްޓްމަންޓްތަކެވެ.

ކޮންމެ މުވައްޒަފަކަށް ތަފާތު ޚަރަދުތަކެއް ކުރަން ޖެހެ އެވެ. މުސާރަ އާއި އެހެނިހެން އެލަވަންސްތައް ދޭން ޖެހިދެ އެވެ. އެ މުއައްޒަފު މީހާ އާއި އެހެން މުއައްޒަފުން ގެންގުޅުމަށްޓަކައި އޮފީހެއް ތައްޔާރުކޮށް، އޮފީހުގެ ކުއްޔާއި ކަރަންޓާއި ފެނަށާއި އިންޓަނެޓް އަދި މިނޫން ވެސް އޯވަހެޑް ހިފެހެއްޓުމަށްޓަކައި ޚަރަދުތަކެއް ހިނގަ އެވެ. ސީދާކޮށް ހިނގާ މިފަދަ ޚަރަދުތަކުގެ އިތުރުން މުވައްޒަފުން ސުޕަވައިޒްކޮށް ބެލެހެއްޓުމާއި މެނޭޖްމަންޓުން ވަގުތު ހޭދަކުރަން ޖެހިދެ އެވެ. މިއީ ވެސް އިޤްތިޞާދީ ބަހުރުވައިން އޮޕަޗުނިޓީ ކޮސްޓެއް ހިމެނޭ ކަމެކެވެ. ޚަރަދެވެ.

ދިވެހި ވަޒީފާގެ ބާޒާރަކީ ފުރުސަތުތައް މަދު، އަންއެމްޕްލޯއިންމެންޓް ބޮޑު ބާޒާރެކެވެ. އަތޮޅުތަކުގައި މި ހާލަތު އަދި މާ ދަށެވެ. ވަޒީފާ މާ މަދެވެ. އެެހެންކަމުން، ތިމާ އާއި އާއިލާގެ ޚަރަދުތައް ފޫބެއްދުމުގެ ބޭނުމުގައި ވަޒީފާ ހިފެހެއްޓުމަށް ނުރުހުމުގައި ވެސް އުޅެން މަޖްބޫރުވެދެ އެވެ. ވަޒީފާގެ ފުރުސަތަށް ވުރެ ވަޒީފާ އަދާކުރަން ބޭނުން މީހުން ގިނަ، ޑިމާންޑަށް ވުރެ ސަޕްލައި ގިނަ މި ހާލަތުގައި އަމިއްލަ ވިސްނުމާއި އިދިކީއްޔަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމަކީ އިކޮނޮމިކް ހޮސްޓޭޖުންގެ ގޮތުގައި މުއައްޒަފުން ގެންގުޅުމެވެ.

އެކަމަކު ވަޒީފާގެ މެންޑޭޓުގައި ނެތް ކަންތައް ކުރުވަން މަޖްބޫރު ކުރުމަކުން އެ މުވައްޒަފުގެ ހިތްހަލާލެއް ނުލިބެ އެވެ. ލިބެނީ އޭނާ އާއި އޭނާގެ އާއިލާގެ ނުރުހުމެވެ. ރައްޓެހިންނާއި ރަޙްމަތްތެރިންގެ ރުޅިވެރިކަމެވެ. މީގެ އިތުރުން ނުގަބޫލުގައި ކުރުވާ މަސައްކަތް ކުރާނީ އެންމެ ރަނގަޅަކަށް ނޫނެވެ. އަދި ހިތްހަމަނުޖެހި، އިނދެ ރަސްމީ ވަޒީފާ އަދާކުރާނީ ވެސް އެންމެ އެދެވޭ ފެންވަރަކު ނޫނެވެ.

ވިދިވިދިގެން ތަފާތު އިންތިޚާބުތަކުން ސާބިތުކަމާ އެކު ފެންނަން އޮތް ފަދައިން، ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަކައި ވަޒީފާގެ މެންޑޭޓުގައި ނުހިމެނޭ ކަންތައް ކުރުވުމުން، އެބައި މީހުންނަށްޓަކައި ކުރެވޭ އިންވެސްޓްމަންޓަށް ރަނގަޅު ނަފާއެއް ނުލިބެ އެވެ. ވޯޓުލަނީ ތާއީދު ކުރާ ފަރާތަށެވެ. ރިޓާން އޮން އިންވެސްޓްމަންޓް ވަނީ ނެގަޓިވް އެވެ. ޕަބްލިކް ސެކްޓަރުގެ ސިވިލް ސާވަންޓުންނާއި މިނިވަން މުވައްސަސާތަކާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް މިކަމުގައި އެއް ހަމަ އެވެ. އަސާސަކީ އެކައްޗެކެވެ.

ހަމައެކަނި އިގުތިސާދީ ވިސްނުމައި އެކަނި ނަމަވެސް، ރިޓާން އޮން އިންވެސްޓްމަންޓް ނެގަޓިވް ވާ ޚަރަދުތައް ކުރުން ހުއްޓާލާ، މުވައްޒަފުންގެ ވަޒީފާގެ ފުރުސަތާއި ސިޔާސީ ފިކުރާއި މަސްހުނި ނުކުރުމަށް މިފަހަރު އެއްބަސްވަމާތޯ އެވެ؟

އެޑިޓަރުގެ ނޯޓު

އާތިފަކީ އިގުތިސާދީ އަދި މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުގެ މަތީ މަގާމުތައް ފުރުއްވައިފަ އެވެ. އާތިފްގެ މި ކޮލަމްތަކުގައި ހިމެނެނީ ޕާޓީ ނިޒާމަށް ރާއްޖެ ހުޅުވުނު ފަހުން އުފެދުނު އެކި ސަރުކާރުތަކުން ކަން ކުރި ގޮތާއި އޭގެ ތަޖުރިބާ އަށް ބިނާކޮށް، ރަނގަޅު ކުރެވިދާނެ ކަންކަމެވެ.