ޗައިނާގެ އެހީގައި އަޅާފައިވާ ސިނަމާލެ ބްރިޖުގައި ދިވެހިން ސައިކަލް ދުއްވާފައި ދަނީ: ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ޖިއޯޕޮލިޓިކްސްގެ ކަނޑު އޮޅީގައި ގައުމު ދުއްވަން ފަސޭހަ ގޮތެއް ސިޔާސީ ލީޑަރުން ހޯދަން ޖެހޭނެ
22 އޮކްޓޯބަރ 2018 - 08:17
ޗައިނާގެ އިގުތިސާދަކީ، މިއަދު ދުނިޔޭގެ އެންމެބޮޑު ދެ ވަނަ އިގުތިސާދެވެ. ޖިއޮގްރަފީ ގޮތުން ބޮޑުު، އާރާއި ބާރާއި، އިގުތިސާދީ އަދި މާލީ ތަނަވަސްކަން ހުރި 1.3 ބިލިއަން މީހުން ދިރިއުޅޭ ގައުމެކެވެ. ހަމަ މި ދަނޑިވަޅުގައި، ރަޝިޔާ މިވަނީ އަލުން ތެދުވެ ހަށިފޮޅާލާ، އިހު ހައިބަތު ހޯދުމަށް މަސައްކަތް ފަށައިފަ އެވެ. ދުނިޔޭގެ ޖިއޯޕޮލިޓިކަލް ނިޒާމުގެ ކުޅިބައި، ހުޅަނގުގެ ގައުމުތަކުން ބޭނުންހާ ގޮތަކަށް ބައްޓަންކޮށް ފަރުމާ ކުރާތަން ބަލާކަށް ޗައިނާ އަދި ރަޝިޔާ މިއަދު ތިބޭކަށް ގަސްދެއް ނުކުރެ އެވެ. އެމީހުންގެ ވަތަނީ ހައިބަތާއި އިގުތިސާދީ މިނިވަންކަން ރައްކާކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައް ކުރުމަށް އެ ގައުމުތަކުން ދަނީ ފާޅުގައި، ކެރިގެން ކުރަމުންނެވެ.
ރަޝިޔާގެ ބޯޑަރު ހިމާޔަތް ކުރުމަށް، ހުޅަނގުގެ ގައުމުތައް ކިތަންމެ ހިތްހަމަ ނުޖެހުނަސް، ޔޫކްރެއިނަށް އަރައި، ޔޫކްރެއިންގެ ސަރަހައްދެއް ކަމަށްވާ ކްރިމިޔާ ހިފާކަށް ރަޝިޔާ ޖެހިލުމެއް ނުވި އެވެ. ސިކިޔުރިޓީ ކައުންސިލްގެ ނިންމުމަކަށް ބޮލެއް ނުލެނބި އެވެ. ކްރީމިޔާއިން ފައިބާކަށް އެއްބަހެއް ނުވި އެވެ. ހަމަނިސްބަތުން، ޗައިނާގެ ދޮރުމަތީގައި އޮންނަ ކަނޑުއޮޅި-، އިންޑިޔާ ކަނޑަށް، ވާސިލުވާން އީސްޓް ޗައިނާ ކަނޑުގައި ދަތުރުކުރަން ޖެހޭ މަގު- ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް މުޅި ދުނިޔެއާ ދެކޮޅަށް، ސްޕެރެޓްލީ އައިލެންޑްސްގައި، ހަނގުރާމަވެރި މަރުކަޒުތަކެއް ބިނާކުރާކަށް ޗައިނާއިން ފަހަކަށް ނުޖެހުނެވެ. ބައިނަލްއަގުވާމީ މެރިޓައިމް ކޯޓުން ޗައިނާއާ ދެކޮޅަން ހުކުމް ކުރުމަކުން ވެސް، ފައިބާކަށް ގަސްދެއް ނުކުރި އެވެ. އަދި ކިއެއްތަ، އެހިސާބަކަށް އެހެން ގައުމެއްގެ އަސްކަރިއްޔާއަކުން ވައިއެޅުނަކަ ނުދެ އެވެ.
ތަސައްރުފު ފުދެމުން ބޮޑުވަމުންދާ ޗައިނާ އާއި، އިހު ހުރި ބާރު އިއާދަކުރުމަށް މަސައްކަތްކުރާ ރަޝިޔާގެ ކުރިމަތީގައި އޮތީ ހުޅަނގޭ މިކިޔާ ގައުމުތަކާ އެކު އިންޑިޔާ އެވެ. މިއީ ފިނި ހަނގުރާމައެކޭ ކީ ނަމަވެސް، ސީރިޔާގަޔާއި ކްރީމިޔާގައި މި ހަނގުރާމަ ހޫނުވެ އުންޑަޔަށާއި މިސައިލަށް ބަދަލުވެ، ބޮޑެތި ސަރަޙައްދުތަކެއް ހަލާކުވެ، އެތައް ބައެއްގެ ފުރާނަ ގެއްލެމުން އެބަ ދެ އެވެ. ސްޕްރެޓްލީ އައިލެންޑްސްގައި ޗައިނާއިން ބިނާކޮށްފައިވާ އަސްކަރީ އިމާރާތްތަކުގެ "ވަސް ދުވާ" ހިސާބަށް އެމެރިކާގެ ހަނގުރާމަ މަތީ ގާފިލާތައް ގާތްކުރާ ކޮންމެ ފަހަރަކު، ޗައިނާއިން ހަނގާއަށް ނުކުމެ އެވެ. މިއިން ކޮންމެ ފަހަރަކު ދުނިޔެ އޮންނަން ޖެހެނީ ނޭވާ ހިފަހައްޓައިލައިގެންނެވެ.
ޗައިނާ އާއި ރަޝިޔާގެ ސިޔާސަތަށް އަންނަމުންދާ ބަދަލުގެ އިިތުރުން، އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕްގެ ސިޔާސަތުގެ ސަބަބުން ނޭޓޯ އާއި ހުޅަނގުގެ ބާރުތަކުގެ ނިޒާމަށް ވަނީ ބަދަލުތަކެއް އަންނާން ފަށާފަ އެވެ. މިއަދުގެ ސައުދީ ވަލީ އަހުދުގެ 'ޒުވާން' ސިޔާސަތާ އެކު މެދުއިރުމަތި ވަނީ އިތުރަށް ހަލަބޮލިވެފަ އެވެ. އެހެންކަމުން ޖުމްލަކޮށް، މިދުވަސްވަރަކީ، 2000 ގެ އަހަރުތައް ފެށުނީއްސުރެ، ޖިއޯ ޕޮލިޓިކަލް ގޮތުން ދުނިޔެ ދެކެމުންދާ އެންމެ ހަލަބޮލި އަދި ނުރައްކާތެރި ދުވަސްވަރެވެ.
ދުނިޔޭގެ ޖިއޯޕޮލިޓިކަލް ނިޒާމުގެ ކުޅިބައި އެތުރިފައިވާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާން ފަށައިފައިވާއިރު، އިންޑިޔާ ކަނޑަކީ މި ކުޅިގަނޑުގެ ޚާއްސަ ބައެކެވެ. ހުޅަނގުގެ އަސްކަރީ ބާރު މުޅި ދުނިޔެއަށް ފެތުރުމަށް ހުޅަނގުން، ޚާއްޞަކޮށް އެމެރިކާއިން، ދުނިޔޭގެ އެކި ކަންކޮޅުގައި އަސްކަރީ މަރުކަޒު ގާއިމުކޮށްފައިވާ ތަންތަނުގެ ތެރޭގައި އައްޑޫގެ 457 މޭލު ހުޅަނގުގައި އޮންނަ ޑިއެގޯ ގާސިޔާ- ދިވެހިން ދަންނަ ނަމުން ނަަ ފޯޅަވަހި- ހިމެނެ އެވެ. މިއީ މި ސަރަޙައްދުގައި ގާއިމްކޮށްފައިވާ ހުޅަނގުގެ އަސްކަރީ އައްޑަނަ އެވެ.
އަޅުގަނޑުމެން ކަހަލަ ކުދި ގައުމުތަކުގެ، އެވަގުތެއްގެ ވެރިން، ރައްޓެހިންކަމަށް ހަދައި، އަތުގައި ހިފައިގެން، ޖިއޯޕޮލިޓިކަލް އުނދޯލިގެއަށް ގެންދިޔަ ކަމުގައިވިޔަސް، އެމީހުން އަރުވަނީ އެކަތައިން ހަދާފައި ހުންނަ ބޮޑު ވަރުގަދަ ޖިއޯޕޮލިޓަކަލް އުނދޯއްޔަކަށް ނޫނެވެ. އަޅުގަނޑުމެންގެ ބޮޑުން އަރުވަނީ 'ޅޮސް" އުނދޯއްޔަކަށެވެ.
ރާއްޖޭގެ ދެކުނުން، ހުޅަނގުގެ އަސްކަރީ އައްޑަނައެއްގެ ގޮތުގައި ފޯޅަވަހި ބިނާ ކުރެވިފައިވާއިރު، ރާއްޖޭގެ އުތުރުގައި، ދާދި ގާތުގައި، ވަނީ އިންޑިޔާ އެވެ. ބިޔަ، ބޮޑު އިންޑިޔާ އެވެ. އިންޑިޔާގައި ދިރުއުޅޭ 1.1 ބިލިއަން މީހުންގެ ރޫޙަކީ "ޖައި ހިންދު" އެވެ. ޗައިނާ އާއި އެއްފަދައިން 2000 ވަނަ އަހަރާ ހަމައަށް އިގުތިސާދީ އިންޖީނު އެންމެ ހަލުއިކޮށް އެނބުރުނު އަނެއް ގައުމެވެ. އެހެންކަމުން، އިންޑިޔާއިން ވެސް އެމީހުންގެ އިގުތިސާދު ދިރިދެމި ބެހެއްޓުމަށާއި، ގައުމީ ހައިބަތު ދިފާއުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ގާބިލުކަން ވަނީ އިތުރުކޮށްފަ އެވެ.
ގުދުރަތުގެ ނިޔާއާ އެއްގޮތްވާ ގޮތުގެމަތިން، ޗައިނާއަށް ބޭނުންވާ ހަކަތަ އިމްޕޯޓް ކުރުމަށާއި، އުފައްދާ ތަކެތި ބޭރުކުރުމަށް އިންޑިޔާ ކަނޑު ހުރަސް ނުކޮށް ވާކަށް ނެތެވެ. އެހެންކަމުން، އިންޑިޔާ ކަނޑުގައި، ޗައިނާގެ ބާރު ހިންގުމަކީ ޗައިނާގެ ނެޝެނަލް ސިކިޔުރިޓީއާ ގުޅިފައިވާ ކަމެކެވެ. ހަމަ އެއާ އެކު އިންޑިޔާ ކަނޑުގައި، އިންޑިޔާގެ އައްސޭރި ފަށުގައި ޗައިނާގެ ބާރު ހިނގާ އަސްކަރީ މަރުކަޒެއް އޮތުމަކީ، 1962 ގައި ރަޝިޔާގެ ނިޔުކްލިއާ ހަތިޔާރު އެމެރިކާގެ ފްލޮރިޑާގެ އައްސޭރި ފަށުން 780 މޭލު ދުރުގައި، ކިޔުބާގައި، ގާއިމުކުރުމަށް ކުރި މަސައްތަށް ވުރެ ނުރައްކާތެރި ކަމެއް ކަމުގައި އިންޑިޔާ ދެކެތެވެ.
ދުނިޔޭގެ ޖިއޯ ޕޮލިޓިކަލް މޮނޮޕޮލިީ ބޯޑުގައި ބޮޑެތި ބާރުތައް މިތިބީ ގެ އާއި ހޮޓާ އަޅައި ހިސާބުގަނޑަށް ނުފޫޒް ފޯރުވައިގެންނެވެ. މި މޮނޮޕޮލީ ބޯޑަށް ޗައިނާއިން ގެ އާއި ހޮޓާ އަޅާއި، އެމީހުންގެ ގައުމީ ސަލާމަތަށް ބޭނުންވާ ތައްޔާރުތައް ވާން ބަލާއިރު ސަލާމަތުން، ހުސްކޮށް ހުރި ގޮޅިއެއް މުޅިންހެން ނެތެވެ. ސްޕްރެޓްލީ އައިލެންޑްސްގައި ބިން ހިއްކައިގެން، އަސްކަރީ އިމާރާތް ބިނާ ކުރަން މަޖްބޫރުވީ ހުސްކޮށް ހުރި ގޮޅިތައް މަދު ކަމުންނެވެ. ވަން ބެލްޓް، ވަން ރޯޑްގެ ނަމުގައި މިޒަމާނުގެ އައު ސިލްކް ރޯޑެއް ބިނާކުރުމަށް ޗައިނާއިން 1 ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރަމުން ގެންދަނީ މި ސަބަބާ ހުރެ އެވެ.
ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމަށް ފަހު، 2008 ވަނަ އަހަރާ ހަމައަށް އަޅުގަނޑުމެން ދަތުރުކުރަމުން ދިޔައީ، "ނަން އެލައިންޑް"- ވަކި އަތަކަށް ނުޖެހޭ- ގައުމެއްގެ ގޮތުގަ އެވެ. ބޮޑެތި ބާރުތަކުން ކިތަންމެ ބޭނުންވިކަމުގައި ވިޔަސް، އެއްވެސް އެއްބަޔަކާ އެކު ޚާއްޞަ ގުޅުމެއް ގާއިމުނުކޮށެވެ.
ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަޙު ހޫނުވެ، އިންޑިޔާ ކަނޑަށް ދުރުމި އަޅައިގެން ބަލަން ތިބި މީހުންނަށް ޤަބޫލު ކުރެވުނު ގޮތުގައި 2008 ގެ އިންތިޚާބަށް ފަހު، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ވައިޖެހޭ އަތް ބަދަލުވެ، ކަނޑުއޮޅީގެ މެދުން ދަތުރުކުރުމުގެ ބަދަލުގައި، އިންޑިޔާގެ އައްސޭރިފަށާ ކައިރިއަށް އޮޑި ދީލާލި އެވެ. އަދި މިއީ ޗައިނާގެ ސިޔާސީ ކުރިމަގަށް އަދި އިގުތިސާދަށް ރަނގަޅު ނޫން ފާލެއްކަމުގައި އެބައި މީހުން ދުށްޓެވެ. އެއަށް ފަހުގައި ދާޚީލީ ގޮތުން ނުތަނަވަސް ދުވަސްކޮޅެއް އައުމަށް ފަހު، އަނެއްކާވެސް 2013 ގެ އިންތިޚާބަށް ފަހު ފެނުނީ ވައި ބަދަލުވިތަނެވެ. އޮޑީގެ ވާވެލާވެލި ބަދަލުކޮށް ބާރަށް އިރުމައްޗަށް ދަތުރުކުރަން ފެށިތަނެވެ. މިއީ އިންޑިޔާއިން އެންމެ ހިތްހަމަޖެހުމާ އެކު ބަލަން ބޭނުންވި މަންޒަރަކަށް ނުވި އެވެ.
އަޅުގަނޑުމެންގެ ގައުމަކީ ކުޑަ ގައުމެކެވެ. ކުދި ގައުމުތަކުގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތާ ބޮޑެތި ގައުމުތަކުން ފިސާރި ފަސޭހަކަމާ އެކު ކުޅެލަ އެވެ. ބޮޑެތި މީހުން ބޭނުންވާ ގޮތަށް ދުނިޔޭގެ ޖިއޯޕޮލިޓިކަލް ނިޒާމު ފަރުމާ ކުރުމަށް ބާރާއި ފައިސާގެ ބޭނުން އަބަދުވެސް އެބައި މީހުން ކުރެ އެވެ. އަދި ދާނީ ކުރަމުންނެވެ. މިއީ ފާޅުކަންމަތީ ފެންނާން ހުރި ހަގީގަތެކެވެ.
ޖިއޮގްރަފީ ނިޔާކުރާ ގޮތުން ރާއްޖޭގެ ސަރަހައްދަކީ އިންޑިޔާ ކަނޑު ހުރަސްކޮށް ދަތުރުކުރުމަށް އެންމެ ފަހި ކަނޑުއޮޅި ކަމަށް ވުމާ އެކު ޖިއޯޕޮލިޓިކަލް ގޮތުން ހޫނު ހިސާބެކެވެ. މިކަމެއް ބަދަލުވާކަށް ނެތެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މުސްތަގުބަލް ބިނާކުރަން ޖެހިފައި މިވަނީ ޖިއޯޕޮލިޓިކަލް އުނދޯލިގެއެއްގަ އެވެ.
ނަމަވެސް އަޅުގަނޑުމެންގެ ސައިޒް އަޅުގަނޑުމެން ދަންނަންވާނެ އެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށް ކަމަށް އަޅުގަނޑުމެން ޔަގީން ކުރަންވާނެ އެވެ. ބަދަލު އަންނާނެ އެވެ. އުނދޯލި ހެއްލޭނީ ދެ ފަހަރު ދެ އަތަށެވެ. މިގޮތް ނޭނގި މި އުދޯނލިގެޔަށް ވަދެ، ހެލިފެލިވެގަތުމުން، އަނގުނުން ޖެހެނީ "ލަދު" ތާކު އެވެ.
ސާފުކޮށް ބުނަމާތޯ އެވެ؟ ޗައިނާ، އިންޑިޔާ އަދި ހުޅަނގުގެ އެހެން ގައުމުތަކަށް މުހިންމީ ރާއްޖެ އޮތް ޖިއޮގްރަފިކް ލޮކޭޝަނެވެ. ވެރިކަމުގައި އެވަގުތު ހުންނަ މީހަކީ ރައްޓެއްސެކެވެ. އެވަގުތަށް މުހިންމު ވާނެ އެވެ. ނަމަވެސް ތޮށަލި ދުޅައަށް ހިނގަމުން މިދާ ދުނިޔޭގެ ނިޔާއާ އެއްގޮތްވާ ގޮތުގެ މަތިން ވެރިކަން ބަދަލުވުމާ އެކު، އެމީހުންގެ ރައްޓެހިކަމުގެ މިންވަރު ބަދަލުވެ ދެން އަންނާން ހުރި މީހާއާ ގުޅުންތައް ގާއިމުކުރުމަށް އަވަސްވެގަންނާ އެވެ. މިއީ ދުންޔަވީ ހަގީގަތެވެ. ދާދި ގާތުން ފެންނަން އޮތް މަންޒަރެވެ. ވެރިންނަށް އަންނަ މީހުން ދަސްކުރަން ޖެހޭ ފިލާވަޅެކެވެ.
ބަދަލު ނާންނާނެ ފެންވަރުގައި، އެއްބަޔަކާ ގުޅެވޭނީ، ސާބިތުކަމާ އެކު އެބައި މީހުންގެ އުނގަށް އެރި ދެފައި ވައްކޮށްލައިގެންނެވެ. ގުއާމް، ޕުއަޓަރިކޯ، ފަދަ ޕްރޮޓެކްޓަރޭޓް ގައުމަކަށް ބަދަލުވެގެންނެވެ. ރާއްޖޭގެ މިނިވަންކަން ގުރުބާން ކުރުމަށް ފަހުގަ އެވެ. މިއަކީ އެއްވެސް ދިވެއްސަކު ގަބޫލުކުރާނެ ގޮތެއް ނޫނެވެ.
މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮވެ، ދުނިޔޭގެ ބޮޑެތި ބާރުތަކުން ކުޅެމުންދާ ޖިއޯޕޮލިޓަކަލް ބައިބަލާ މެޗްތަކުގެ އެއްފަރާތުން ބައިވެރިވެ، ބޮޑު އަނެއް ގައުމުތަކާ އިދިކޮޅަށް ބައިބަލާ ވަނުމުން، އެމީހުންނެއް ހިމޭނަކުން ނުތިބޭނެ އެވެ. މިފަދައިން އެއްބަޔަކާ އެކު ދަނޑަށް އެރުމަކީ، ދާޚިލީ މައްސަލަތަކުގެ ތެރެއަށް އަނެއް ބަޔަކު ވަނުމަށް ދެވޭ ދައުވަތަކަށް ނޫނީ ނުވެ އެވެ. މިކަން މިއޮތީ ދާދި ކައިރިން ފެންނާށެވެ. ރާއްޖޭގައި އެކަންޏެއް ނޫނެވެ. މިއީ މިއަދުގެ ސިޔާސީ ލީޑަރުން ދަސްކޮށް ފަރިތަކޮށްފައި ހުންނަން ޖެހޭ ފިލާވަޅެކެވެ.
އަޅުގަނޑުމެން ކަހަލަ ކުދި ގައުމުތަކުގެ، އެވަގުތެއްގެ ވެރިން، ރައްޓެހިންކަމަށް ހަދައި، އަތުގައި ހިފައިގެން، ޖިއޯޕޮލިޓިކަލް އުނދޯލިގެއަށް ގެންދިޔަ ކަމުގައިވިޔަސް، އެމީހުން އަރުވަނީ އެކަތައިން ހަދާފައި ހުންނަ ބޮޑު ވަރުގަދަ ޖިއޯޕޮލިޓަކަލް އުނދޯއްޔަކަށް ނޫނެވެ. އަޅުގަނޑުމެންގެ ބޮޑުން އަރުވަނީ 'ޅޮސް" އުނދޯއްޔަކަށެވެ. އެއަކު ދެމިހުރުމުގެ ބާރެއް، ހަކަތައެއް ނުހުންނާ އެވެ. ގައުމުގައި ހިނގަމުންދާ ކަންތައްތަކާ މެދު ރައްޔިތުން ހިތްހަމަނުޖެހި ބަސްބުނާ ހިނދު، ނުލާހިކު ފަސާހަކަމާ އެކު "ޅޮސް އުނދޯލި" ބިންމަތި ވެދެ އެވެ. އަދި އުނދޯލި ބަންވާ އިރު، އެއަށް އަރާ ތިބި ކަތުންނަށް އަނިޔާ ނުވެއެއް ނުދެ އެވެ.
ވީމާ މިފަހަރު، ތަޖުރިބާގެ އަލީގައި، ޖިއޯޕޮލިޓިކަލް "ޅޮސް" އުނދޯންޔަށް އަޅުގަނޑުމެން ނާރަމާތޯ އެވެ؟ އަޅުގަނޑުމެން 2008 ވަނަ އަހަރާ ހަމައަށް ދަތުރު ކުރަމުން އައި މަގަށް ރުޖޫއަ ވަމާތޯ އެވެ؟ މޯދީ ބެއްޔާ އާއި ޝީ ޖިންޕިން ބެއްޔާ، ދެ ބެއްޔާއިންނަކީ ވެސް ބޮޑުބޭބޭން ކަމަށް ހަދަމާތޯ އެވެ؟ މިހަނި އަދި ނުރައްކާތެރި ޖިއޯޕޮލިޓިކަލް ކަނޑުއޮޅީގެ މެދުން ގައުމީ އޮޑި ދަތުރު ކުރުމަށް ނިންމަމާތޯ އެވެ؟
މިއީ މި ސިލްސިލާގައި އާތިފް މީގެ ކުރިން ލިއުއްވި ލިއުންތަކަށް ވުރެ ދިގު ލިއުމެކެވެ. އޭގެ ސަބަބަކީ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ސިޔާސީ ގުޅުމަކީ ބޮޑު މައުލޫއަކަށް ވުމާ އެކު އެވެ. މިއީ "މިފަހަރު ނުކުރަންވީ ކަންތައްތައް"، މި ކޮލަމްގެ ހަތަރު ވަނަ ބަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަކީ
23 October 2018
އިންޑިއާގެ ޅޮސްއުނދޯޔެއް ހެއްލާކަށް ބޭނުމެއްނޫން
ރާއްޖެ
22 October 2018
35 އަހަރު ހާރިޖީ ސިޔާސަތު އިންޑިއާއަށް ވިއްކައިގެން މައުމޫނު އަދި ނަޝީދުގެ ވެރިކަން ނިމުނު އިރުވެސް ރައްޔިތުން ތިބީ ނަޖިސް ފެނުން ފެންވަރައިގެން ބޭހަށް އިންޑިއާ ކައިރީގަ ސަލާން ޖަހަން. ޔާމީނުގެ ސިޔާސަތު ކޮންމެ ގައުމަކަށް ވިއްކާފަ ވެސް ބޭނުން ވީ ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވަން. ގައުމު ތަރައްގީ ކުރަން. ވެރިޔަކަށް އަންނަ މީހަކު ކޮންމެ ފަހަރަކު ނާށިގަނޑު ހިފައިގެން އިންޑިއާއަށް ދާކަށް ނުޖެހޭނެ. ޔަމީނު އުޅުނީ އެ ސަގާފަތް ނައްތާލެވޭލެތޯ.
ފިޔޯރީ އަތީފް
22 October 2018
ވަރަށް ފުރިހަމަ ލިޔުމެއް. ދެގައުމުގެ ހަގީގަތް، ދިވެހިންނާމެދު ދެކޭގޮތް ފަދަ ބައިތަށް އިތުރުކުރިނަމަ އިތުރަށް ފުރިހަމަވީސް
ށައިމަން
22 October 2018
ދިވެހިރާއްޖެ މީ އިންޑިޔާގެ ސަރަހައްދަކައް ވެއްޖެޔާ، ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ގައުމަކައް ވާނީ އިންޑިޔާ 1.5 ނިލިޔަން މީހުން ތިބޭނެ އޭރުން
ހުޅަގުގަލަން
22 October 2018
ޖިއޯޕޮލިޓިކްސް ނަމުގެ ދަށުން ހުޅަގު ގަލަމަކުން ލިޔެފައިވާ ލިއުމެއް.ހުޅަގު ގަލަމާ ހުޅަގުގެ އަޅުވެތިކުރުމުގެ އިގްތިސާދީ ސިޔާސަތު މުޅި ދުނިޔެވެސް ގަބޫލެއް ނުކުރޭ މިހާރު. އެމެރިކާއާ ހުޅަގުގެ މިސާލަކީ ހަތައެއް ތަޅާލީމަ ކުޅަދުރުތައް ވައިވެގެންއުޅޭ މިސާލު.އަތުގަ ބާކީއޮތީ އެންމެ ހަތިޔާރެއް. ޢެއީ ޑޮލަރުގެ ނިޒާމު ހަތިޔާރު. އެ ހަތިޔާރުގެ މައްޗަށްވެސް އާޚިރުގައި ދުނިޔެ ގަދަވެ ގަންނާނެ. މި ހާލަތުގައި ދެމިގަންނަން ނޭގޭ ގައުމުތަކުން ނެތި ދިއުމަށް ތައްޔާރުވޭ!
ތަންދޮރު
22 October 2018
ބަލަ "ހުޅަގުގަލަން" ހިތުން ދެން ވާނީ ކިހިނެއް؟ އެމެރިިކާ ދިޔައިމަ އެ ޖާގަޔަށް އަންނާނެ އެހެން ބަޔަކު. އެމީހުންވެސް އެމީހުންގެ މަގާމު ދިފާއުކުރަން ދުނިޔޭގެ ހުރިހާ ރިސޯސަކަށް އަތްގަދަ ކުރަން ބޭނުންވާނެ. އަދި އެކަމުގަ ދެކޮޅުހަދާ ގައުމުތައް އެމީހުންގެ ބާރުގެ ދަށަށް ގެންނާނެ "ޑިމޮކްރަސީ" ގެ ނަމުގަ ނޫނީ "ކޮމިއުނިޒަމް" ގެ ނަމުގެ ނޫނީ ކޮންމެވެސް އެހެން "ރަނގަޅު" ކަމެއްގެ ނަމުގަ. ފާއިތުވެ ދެ ތިން ހާސް އަހަރުގެ ތާރީޚަށް ބަލާލީމަ މިކަން ވަރަށް ސާފުވާނެ.
9/11
22 October 2018
ދުނިޔޭގަ މިހިގަނީ އިގްތިސާދީ ހަގުރާމައެއް. ބޭނުމަކީ ދުނިޔޭގެ އިގްތިސާދީ ރިސޯސަސް އަށް ވެރިވެގަތުން ނޫނީ ކޮންޓްރޯލްހޯދުން. މި ހަގުރާމައިގަ ލަދެއް ހަޔާތެއް ނެތި މިނެއް އިމެއް ނެތި ހަރަކާތެރިވަނީ ހުޅަގާއެމެރިކާ. 9/11 ފަދަ ބިޔަބޮޑެތި ޖަރިމާހިންގައި ތެލުގެމުންސަދި އަރަބި މުސްލިމްގައުމުތަކުގެ ބޮލުގަ އަޅުވައި ބަހާރު މޫސުންތައް ގެނުވައި އެތަންތަން ލޫޓުވައި ބިމާހަމަކޮށްފި. ސަރަހއްދުގެ އެމރިކާ އެޖެންޓުލައްވާ މިގައުމު ނެތކޮށްލުމުގެ ކުރިން ހިންދެމިލަންޖެހޭ.
ކަންނަންނޫރު
22 October 2018
ނުކުރަންވީ ކަންތައްތައް: 1. މި ގައުމުގެ މިނިވަންކަމާ ސިޔާދަތު އިންޑިއާއަށް ވިއްކާލުން. 2. ގައުމުގެ ހަރުމުދާ ވިއްކައިގެންނާ އަދި ދުރުރާސްތާގެ މަކަރުވެރި ކޮންޓްރެކްތަކުގެ ތެރެއިން ގައުމުގެ މުހިންމު ގޭޓުތަކާ މުޅިގައުމު އިންޑިއާއަށް ވިއްކައިގެން އެޗްއެސްބީ- ޔޫކޭއަށް 300 މިލިޔަނުން 500 މިލިޔަނުން ރިޝްވަތު ޑޮލަރު ޖަމާ ކުރުން. 3. ދިވެހިރާއްޖޭގެ އިގްތިސާދަކީ އީސްޓު އޭޝިޔާއާ ގުޅިލާމެހިފައިވާ އިގްތިސާދަކަށް ވާއިރު، އިންޑިއާއަށް ބަރޯސާވެ ގާތްވުން
އަހުމަދު ޒާހިރު
22 October 2018
2008 ވަނަ އަހަރު އޮތް ޚާރުޖީ ސިޔާސަތަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީ ބާރު ސްޕީޑެއްގައި ނުދިޔަ އެއް ސަބަބު. ތިޔަ ވިދާޅުވާގޮތަށް ވަކިއަތަކަށް ނުޖެހި ކުރަންވެއްޔާ މިހާރު މި ލިބޭވަރަކަށް ޗައިނާ އަތުން އެހީ އެއް ނުލިބޭނެ. ޗައިނާ އިން މިދިޔަ ފަސް އަހަރު ދިން އެހީއާއި އިންޑިޔާއިން ދިން އެހީ އަޅާކިޔާލީމާ ހިސާބު އަދަދުން މި ބުނާއެއްޗެއް ސާފުވާނެ. އަހަންވީ ސުވާލަކީ ދިވެހިން ތަރައްޤީގެ ދުވެލި ބަހައްޓަން ބޭނުންވަނީ 2008ގަ ހުރި ވަރުގަ ތޯ؟
ހިތްވަރު
22 October 2018
އާތިފޫ. ލިޔުމުގައި ބުނެފައިވަނީ، ތިބެންޖެހޭނީ ވަކިފަރާތަކަށް ނުޖެހޭ ގައުމެއްގެގޮތުގައޭ. އެގޮތަށް ޔާމީނު މަސައްކަތްކުރީ ވަރަށް ވިސްނުންތެރިކަމާއެކު. އެކަމަކު އިންޑިޔާއަށް އެގޮތް ކަމުނުދާތީ އެކަން އެމީހުން ބޭނުންގޮތަށް އެ ބަދަލުކުރުވީ. ކަށަވަރުކަމެއް. ލަންކާއަށްވެސް ހެދީ އެހެން. ކުރިއަށްދިޔަ ސްޕީޑް ދަށްކޮށްލީ. ދެން އިވޭނީ ކޮންމެވެސް ކޮރަޕްޝަނޭކިޔާއަޑު. ލާހިކެއްނޫން ރާއްޖެ ދެން ކުރިއަރާކަށް ފަސޭހަގޮތަކަށް.
މޯދީ
22 October 2018
"ބަދަލު ނާންނާނެ ފެންވަރުގައި، އެއްބަޔަކާ ގުޅެވޭނީ، ސާބިތުކަމާ އެކު އެބައި މީހުންގެ އުނގަށް އެރި ދެފައި ވައްކޮށްލައިގެންނެވެ. ގުއާމް، ޕުއަޓަރިކޯ، ފަދަ ޕްރޮޓެކްޓަރޭޓް ގައުމަކަށް ބަދަލުވެގެންނެވެ. ރާއްޖޭގެ މިނިވަންކަން ގުރުބާން ކުރުމަށް ފަހުގަ އެވެ. މިއަކީ އެއްވެސް ދިވެއްސަކު ގަބޫލުކުރާނެ ގޮތެއް ނޫނެވެ." ދިވެހިން ގަބޫލުވިޔަސް ނުވިޔަސް، މިފަހަރު އިންޑިޔާ ރާއްޖޭގައި ވަކި ހިއްޕާނީ ދެން ދުވަހަކުވެސް އެމީހުން ބޭރު ނުވ/ަނެގޮތަށް!