ޕީއެސްއެމްގެ އިޝްތިހާރެއް. އަބުރު ހިމާޔަތްކުރުމުގެ ނަމުގައި ހެދި ގާނޫނަށް ފަހު ޕީއެސްއެމް އިން ގެނައި ރިޕޯޓަކަށް ވަނި ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި.
12 އޯގަސްޓް 2016 - 08:18
އަބުރު ހިމާޔަތްކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ގާނޫނަކީ ހިޔާލު ފާޅުކުރުން ހުއްޓުވައި އެތައް ބަޔަކަށް ނުހައްގުން ބޮޑެތި އަދަބުތަކެއް ލިބޭ ގޮތަށް އޮތް ގާނޫނެއް ކަމަށް ނޫސްވެރިންނާއި ސިޔާސީ އެކި ފަރާތްތަކުން އަދި ބައިނަލްއަގުވާމީ މުޖުތަމައުން ދެއްކި ވާހަކަ ދިފާއުކުރަން އައްޑަނަ ހިފައިގެން ނިކުތީ ދައުލަތުގެ މީޑިއާއިންނެވެ. މަޖިލީހުގައި ބިލު އޮތް އިރު އަދި އެ ބިލް ފާސްކުރި ދުވަހު މެދު ނުކެނޑި އެ ބިލުގެ މޮޅު ވާހަކަ އާއި އޭގެ ސަބަބުން މީޑިއާ "އިސްލާހު ވާނެ" ކަން ރައްޔިތުންނަށް ވިސްނައިދޭން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހިންދަމާނުލައި މަސައްކަތްކުރި ގޮތުން ގަބޫލުކޮށްގެން މި ތިބީ ޕީއެސްއެމް އިން ދައްކާނީ ނަމޫނާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން އެ ބިލް ތަސްދީގުކުރައްވައި، ބިލް ގާނޫނަކަށް ވީތާ މާ ގިނަ އިރެއް ނުވެ ދައުލަތުގެ މީޑިއާ އިން ވަނީ ގާނޫނުގެ ދަށުން ދިވެހި ރައްޔިތުންގެ އަބުރު ހިމާޔަތްކުރާ ގޮތުގެ ފުރަތަމަ ފިލާވަޅު ނަގައިދީފަ އެވެ. ސިޔާސީ ކަންކަން ކާމިޔާބު ކުރެވޭނީ އެކަމެއް ކުރަން ޖެހޭ ވަގުތު ބިރު ފަހަނަޅައި ގޮސް އެ ކަމެއް ކުރުމުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓަކަށް ބިނާކޮށް ޕީއެސްއެމް އިން ރޭ ގެނެސްދިން ރިޕޯޓާއި ވެބްސައިޓުގައި ޝާއިއުކުރި އާޓިކަލް އަކީ ފުރިހަމަ ނަމޫނާއެކެވެ. މައުމޫންގެ ޓްވީޓްގައި އިޝާރާތް ވެސް ކުރައްވާފައި ނުވާ ކަންތައްތަކެއް އޭގެ ތެރެއަށް ވައްދައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކެއް ވެސް އެގޮތް މިގޮތަށް އަނބުރަމުން ގޮސް، މައުމޫންގެ "އުމުރުފުޅުން 80 އަހަރާ ކައިރިވީ ފަހުން ބަސްމަގު މިގޮތަށް ބަދަލުކުރެއްވުމުން ދެން ދައްކަވާފާނެ ވާހަކަފުޅުތަކަކާ މެދު ވެސް ސުވާލު އުފެދޭ" ކަމަށް ބުނެފައިވެ އެވެ. މައުމޫންގެ ޓްވީޓުގައި ގޮވައިލެއްވީ "ބިރަކާ ނުލައި މަޖާކުރުމަށް ހިތްވަރު ލިބޭ ގޮތަށް" ކަމަށް ވެސް ބުނެފައިވެ އެވެ. ސަހަރޯ އެވެ!
އަބުރު ހިމާޔަތްކޮށް، ދަރިންގެ މުސްތަގުބަލަށްޓަކައި ކަމަށް ބުނެ ހެދި ގާނޫނުގައި ބުނާ ގޮތުން މީހަކު ދައްކާ ވާހަކައަކުން، ލިޔާ ލިޔުމަކުން، ކުރެހުމަކުން، އިޝާރާތަކުން، ލައްވާ އަޑަކުން ވެސް އެހެން މީހެއްގެ އަބުރާއި އިއްޒަތަށް އުނިކަން އަތުވެއްޖެ ކަމަށް ތިން ވަނަ ފަރާތަކަށް ގަބޫލުކުރެވިއްޖެ ނަމަ އެއޮތީ ކުށްވެރިވެފަ އެވެ. ދައުލަތުގެ މީޑިއާ އިން ގެނައި ރިޕޯޓުން މައުމޫނާއި ނަޝީދުގެ އަބުރާއި އިއްޒަތަށް އުނިކަން އައި ކަމަށް "ހަމަބުއްދި ހުރި" ތިން ވަނަ ފަރާތަކަށް ގަބޫލުކުރެވޭތޯ ނުވަތަ ނޫންތޯ އެއީ ކުރަން ޖެހޭ ސުވާލެއް ކަމަކަށް ވެސް ނުފެނެ އެވެ. އެތައް ބަޔަކު އިއްތިފާގުވާ ކަމެއް އެބަ އޮތެވެ. ދައުލަތުގެ މީޑިއާ އަށް 38 އަހަރު ވީއިރު، މިހާ ދަށު ދަރަޖައިގެ އެއްޗެއް މިހާތަނަށް ޝާއިއުކޮށްފައި ނުވާ ކަމެވެ.
އެހެން މީޑިއާތަކުން މި ފާޑުގެ ހުތުރު ރިޕޯޓްތައް ހަދާއިރު މާ ބޮޑު ކަމަކަށް ވެގެން ނޫޅެނީ ކީއްވެތޯ ސުވާލު ނުކުރާށެވެ. މިއީ ދައުލަތުގެ މީޑިއާގެ ވާހަކަ އެވެ. ވަކި ސިޔާސީ ފިކުރެއް ކުރިއަރުވައި ވަކި ބަޔަކާ ޖައްސާލައިގެން އުޅުމަކީ ދައުލަތުގެ މީޑިއާ އަށް ކުރެވޭނެ ކަމެއް ނޫނެވެ. ތަން ހިންގަނީ ރައްޔިތުންގެ ފައިސާއިންނެވެ. އަމިއްލަ ޗެނަލްތަކުގައި އެޖެންޑާއެއް އޮންނާނެ އެވެ. އެއީ ދައުލަތުގެ މީޑިއާއާ ބެހޭ ކަމެއް ނޫނެވެ. އެ އިރަކު އޮންނަ ސަރުކާރަކުން ބުނާހާ ކަމެއް ދައުލަތުގެ މީޑިއާ އިން ކުރާކަށް ނުޖެހެ އެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ތަނަކަށް ވެފައި އެތަން ހިންގަންވީ ގޮތުގެ ގާނޫނެއް ވެސް އޮތީމަ އެވެ.
ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ހިންގާ ދައުލަތުގެ މީޑިއާ އިން ގައުމުގެ ކުރީގެ ވެރިންނާ ބެހޭ ގޮތުން ގެނެސްދިން މި ދަށު ދަރަޖައިގެ ރިޕޯޓަކީ "ހަމައެއްލަމައެއް ނެތް" ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން އިނގިލި ދިއްކުރާ ބައެއް މީޑިއާތަކުން ވެސް ގެންނަ ވަރަށް ވުރެ ފެންވަރު ދަށް، ނޫސްވެރިކަމުގެ އެއްވެސް ސިފައެއް ނެތް ޒާތީ ހަމަލާއެކެވެ. ޕްރޮޕަގެންޑާއަކަށް ވެސް ނުވެ އެވެ. އެކަމަކު ޖޯކަކަށް ފުދެ އެވެ. ކުރި މަލާމާތުން ކަމެއް ނުވަތަ އެހެން ކަމަކާ ހުރެ ކަމެއް ނޭނގެ އެވެ. ޕީއެސްއެމްގެ ވެބްސައިޓުން އެ ރިޕޯޓް ވަނީ އިރުގަނޑެއް ފަހުން ނަގައިފަ އެވެ. މާނަ އަކީ އެއީ ޝާއިއުކޮށްގެން ވާނެ އެއްޗެއް ނޫންކަން ގަބޫލުކުރުމެވެ.
ސުވާލަކީ މިއީ އެވެ. ސަރުކާރަށް ފާޑުކިޔާ މީހުންގެ އަބުރާ ބެހުމަކީ ގާނޫނުން ހުއްދަކުރާ ކަމަކީ ހެއްޔެވެ؟ ފާޑު ނުކިޔަންވީ ނުވަތަ ކިތަންމެ ނުބައި ކަމެއް ކުރިޔަސް ވަކި ބަޔަކު ކުރާ ނަމަ އެކަން ނުފެންނަ ކަމަށް ހަދައިގެން ތިބޭށޭ މި ގާނޫނުގައި ބުނަނީ ހެއްޔެވެ؟ އަބުރު ހިމާޔަތްކުރުމުގެ ނަމުގައި ގާނޫނެއް ހެދީ މުޅިން އެހެން ނިޔަތެއްގައި ކަމަށް ބުނާ މީހުންނަށް އަނެއްކާވެސް ލިބުނީ އިތުރު ހެއްކެކެވެ.
ދެން އޮތީ އެންމެ ބޮޑު ސުވާލެވެ. ޕީއެސްއެމްގެ މައްޗަށް ގާނޫނު ތަންފީޒުވާނެ ހެއްޔެވެ؟ އެ ލިޔުމުގެ ސަބަބުން ބައެއްގެ އަބުރަށް ގެއްލުން ވެފައިވާ ކަމަށް ރަސްމީ އެއްވެސް އިދާރާއަކުން ގަބޫލުކޮށްފާނެ ހެއްޔެވެ؟ އަމިއްލަ އަށް މައްސަލަ ހުށަހެޅިޔަސް ބަލާނެ ހެއްޔެވެ؟ ހުސް ސުވާލެވެ. ހަމަ އެގޮތަށް، މިއީ ދައުލަތުގެ ވެރިންގެ ބަޔަކާ ބެހޭ ގޮތުން އަމިއްލަ މީޑިއާއަކުން ގެނައި ރިޕޯޓެއް ނަމަ މިހާރު ކަންތައް ގޮސްފައި އޮންނާނީ ކިހާ ހިސާބަކަށް ބާވަ އެވެ؟ މަތިމައްޗަށް ޖޫރިމަނާ އާއި ޖަލު ހުކުމުގެ ބިރާ އެކު އެ މީޑިއާއެއްގައި ތަޅު އަޅުވާ ހިސާބަށް ނުގޮހެއް ނޯންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
13 August 2016
މިރިޕޯޓުން އެގުނު އެއްޗަކީ ޕީއެސް އެމް ގެ ތެރޭގައި ކަންކަން އޮތްގޮތް ، ދެން އެހެން ހުރިހާ ކަމެއްވެސް އެތަނުގާ ހިގާނީ މިބީދައިން . ރައްޔިތުންގެ ފައިސާއިން ހިންގާ ތަންތަން މިހެން ވުމަކީ ހިތާމައިގެ އިންތިހާ.
އަލީ
13 August 2016
ބްރޯޑްކާސްޓިންގް ކަމިޝަނަކީ ޓީވީމޯލްޑިވްސް އިން ކުރާކަންކަން ބެލޭ ފަދަ ބާރެއް އޮތް ތަނެއް ނޫން. މަގާމު ގެއްލިދާނެތީ ނުކެރޭނެ.
އަލްމުދިޝް
13 August 2016
އަބުރަކީ އެމީހަކާ ނުބެހޭ ކަންކަމުން އެމީހެއްގެ ދޫރައްކައު ތެރިކުރުމެވެ. ދުލުން ބަހެއް ބުނުމަށް މުޅިހަށި ގަނޑާއި ސިނކުނޑީގެ ހުރިހާ ހިމަނާރުތަކުގެ އެހީތެކަން ބޭނުން ވެއެވެ. އިންސާނާގެ ފުރާނައިގެ ހަމަޖެހުން ލިބިގަންނަން އެދޭނަމަ ނުބެހޭކަންކަމުން އޭނާގެ ދޫ ރައްކައު ތެރިކުރުމަށް ބާރުއަޅާށެވެ. ދޫ ރައްކައު ތެރިކުރެވޭނީ ބާރުގަދަ ހަށިގަނޑެއް ގެ ވެރިއަކަށް ނޫނެވެ. އެކަން ކުރުމަށް ހޭލުން ތެރިވާނަމަ ހަލާލު މީރުކާތަކެތި ކާއިރު ސިނކުނޑީގެ ދެއަރިމަތިން އެކާތަކެތި ހިމުންކުރުމަށް ބޭނުންކުރާށެވެ. އޭރުން އޭނާގެ ދުލަށް އަންނަ ބަސްތައް ހިފެހެއްޓޭނެއެެެެެެވެ. އިންސާނާގެ ކޮނޑުހުޅުގައި ދެއަތް އިންނަ ފަދައިން އޭނާގެ ބޮލުގެ ދެފަރާތު ގައި ދެއަތް ވާކަން އޭނާޔައް އޭރުން އިޙުސާސް ވާނެއެވެ. އެމީހެއްގެ ދެއަތް އެމީހަކު ހަލާކުގެ ތެރެއައް އެއްލާ ނުލާހިނދަކު އޭނާގެ އެންމެހައި އަމަލްތައް އޭނާޔައްޓަކައި ﷲ ގެއްލެނިވި ކުކުރައްވާނެތެވެ. މުއުމިނުން ވާކަން ކަށަވަރީ ތެދުބަސް އަޑުއަހާ އެއިން ފައިދާ ލިބިގަންނަ ބަޔަކަށެވެ. ސާފު ފެންތިކެއްގެ މިސާލަކީ ފުރިހަމަ މުއުމިނެއްގައި ހުންނަން ޖެހޭނެ ސިފައެކެވެ. އެކަން ޙާސިލް ކުރެވޭނީ ތިމާއާއި ނުބެހޭ އެންމެހައި ކަންކަމުން ތިމާ ދުރުހެލި ވެގެން ކަން ހަނދުމައި ގަ ބަހައްޓާށެވެ.
ހެއްވާ ދޯ
13 August 2016
ބަަލަގަ އަހަރެމެންގެ ލާރިން މުސާރަ ނަގައިގެން އަހަރެމެންގެ ޚާދިމުންގެ ގޮތުގައި ތިބޭ ބަޔަކު އަހަރެމެންގެ ހައްގަކަށް އުނިކަން އަންނާނެ ކިތަންމެ ކުޑަކަމެއް ކުރިކަމުގައިވިޔަސް އަަހަރެމެން އެވާހަކަ ދައްކަން ޖެހޭ! މިއީ މުދިޝް ގެ ގޭގައި އިން ފޮށްޓަކުން މުދިޝް ފައިސާ ނަގައިގެން އެއްޝެއް ގަން ވާހަކަ ދެއްކުމައި އުޑައި ބިމާހާ ތަފާތު ކަމެއް. ރައްޔިތުންގެ ޚާދިމަކަށް ވުމުން ރައްޔިތުންގެ ހުޝާމަދާޢި ބަދުބަސް އަދި ފުރައްސާރަކުރުންވެސް ހަޖަމުކުރެވެންވާނެ.
އިންސާނާ
12 August 2016
ކޮންމެ މީހެއްމެ ކުށް ކުރާނެ ތަފާތަކީ ވަކި ބަޔަކު ކުރުމުން އަދަބު އަދި ހުކުން އިއްވި ވަކިބަޔަކު ކުރުމުން ކުށަކައްނުވެ އަދަބު ނުލިބި ހުކުން ނުކުރެވުމެވެ. އެމީހެއްގެ އަބުރާ އިޢްޒަތް ދަމަހައްޓާނީ އެމީހަކު މީހަކަށް ހަމަ ގައިމުވެސް މަގޭ އަބުރު ނަގާ ނުލެވޭނެ. ނުކުރާ ކަމެއް ބޮލު އެޅުވިދާނެ ނަަމަވެސް އަބުރު ނަގާނުލެވޭނެ. އެހެނީ އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އައްލާހް ކަމުގަވާތީ...
ހަތާ / މެދު ޕްރޮވިންސް
12 August 2016
ވަރަށް ރަނގަޅު ލިޔުމެކެވެ. ލިޔުމަށް ބައެއް ބޭފުޅުން ދެއްވާފައިވާ ކޮމެންޓް ތަކުގައި ފިޔަވަޅު އަޅާވާހަކަ ބުނެފައިވެއެވެ. މިހާރުގެ ޙާލަތައް ބަލާއިރު މިކަމާއި ގުޅިގެން މައުމޫނު މައްސައްލަ ޖެއްސެވިޔަށް އަޅުގަނޑަށް ހީވަނީ ޕީއެސްއެމްގެ އަބުރާ މައުމޫނު ބެހިގެން ކުއްވެރިވާނީ މައުމޫނު ހެންނެވެ. އަދި ޕީއެސްއެމްގެ އެރިޕޯޓުން މައުމޫނުގެ އަބުރަށް ހުތުރުކަން ލިބޭކަމަށް މިލިޔުމުން ދޭހަވާތީ ދައުލަތުގެ މައި މީޑިއާގެ އަގުވެއްޓޭކަމަށް ބަލައި މިހާރު ނޫހާއި މިލިޔުނު ލިޔުންތެރިޔާ ފަހަރުގައި ކުއްވެރި ވެދާނެކަމަށް ލަފާ ކުރެވެއެވެ. މިއީއަޅުގަނޑުގެ ޚިޔާލެވެ މިޚިޔާލާއި އެހެންކަމަކާއި ގުޅޭނަމަ އެއީ އިއްތިފާގެކެވެ.
އަހުމަދު
12 August 2016
މައުމޫނު ވިދާޅުވީ: "ނަޒާހަތްތެރިކަމާއި ހިތްވަރަކީ ހުރިހާ ސިޔާސީ މަސައްކަތްތަކެއްގައި ކާމިޔާބު ވުމަށް މުހިއްމު އެއްޗެކެވެ. އަހަރުމެންގެ ޙަރަކާތްތައް ހަނިކުރެވޭ އެއްޗަކަށް އަހަރުމެން ބިރު ހަދައިފިނަމަ، ދުވަހަކުވެސް އަހަރުމެނަށް ކަންކަން ކޮށެއް ނުދެވޭނެއެވެ."
ބިއުޓިފުލް ލިޓްލް ސިންގަޕޯ
12 August 2016
ކޮބާތަ ކޮމެންޓް ކުރާ ބިއުޓިފުލް ސިންގަޕޫރުގެ ކުޑަ އިގިރޭސި ކުއްޖާ؟ ޔޭއް ޔޯއް ގޮވާލާ މަމެން ތަމެންގެ ވާހަކައެއް ނެތްތަ؟ ލިޓްލް ސިންގަޕޫރުގައިވެސް މި ޒާތުގެ ފުރައްސާރަ ކުރާނެ. ޑޯންޓްވޮރީ އާދޭ ހުރިހާ ޕިންކް ކުދިންކޮޅު ގޮވައިގެން ފުއްޖަހާ ތިއްތިވެލައިގެން އެމްޑީޕީ ހަރުގެއަށް އަބުރުގެ ސައިބޯލަން. ދެން ގެއަށްގޮސް ނިދާލީމަ އެއްކަލަ ބިއުޓިފުލް މައިންޑަށް ހުވަފެނީ ލިޓްލްސިންގަޕޫރު ފެނިފާ ޔޫ ވިލް ބީ ޕްލީސްޑް.
ނަސީމް/ގދ.ތިނަދޫ
12 August 2016
އެމް ޑީ ޕީ އަދި ޕީ ޕީ އެމްގެ މައުމޫނަށް ތާއީދުކުރާ ފެކްޝަނުން މިމައްސަލަ ވީއެންމެ އަވަހަކަށް ކޯޓަށްވައްދާނެ ކަމުގައި އަޅުގަނޑު އުއްމީދު ކުރަމެވެ.
ހާސަރު
13 August 2016
އެއްވެސް ކޯޓަކަށް ވައްދައިގެން ކުރެވޭނެ ކަމެއް އޮތްކަމަށް ގަބޫލްކުރަނީ ކާކު؟!
ހުސޭނު
12 August 2016
ބޭބެމެން ކުޑައިރު ދަސްކޮށްދިނީ އެމީހެއްގެ އަބުރު އެމީހަކު ހިފެހެއްޓުމަށް. މިދައުރުގެ ގޮތަކީ އެމީހެއްގެ އަބުރު އެހެން މީހުން ހިމާޔަތްކުރުން. މިގޮތުން އިސްލާހުވުމަށް ރިވެތި ދިރިއުޅުމަކަށް ހިތްވަރު ލިބޭބާ.؟ ނޫން އަދިވެސް ބުނެވޭނީ އެމީހެއްގެ އަބުރު ހިފަހައްޓާނީ އެމީހެކޭ. ގެއްލިއްޖެ އަބުރަކީ ލިބޭނެ އެއްޗެއް ނޫނޭ. މީހަކަށް ތިމާގެ އަބުރު ނަގައެއް ނުލެވޭނެ.
މަނީލޯންޑަރިން
12 August 2016
ދައުލަތުގެ މީޑިއާއިން މީހެއްގެ އަބުރަށް އަރައިގަނެގެން ލާރި ދައްކަން ދައުލަތަށް
ހހ
12 August 2016
ލާރި ދައްކާނީވެސްދައުލަތުން ...ލާރި ލިބޭނީވެސް ދައުލަތަށް... ސަޅި ގާނޫނެއް ދޯ! ދެން ޑާންސް ޑާންސް ޑާންސް!!
ދޮންދީނި
12 August 2016
ދައުރުގެ މިހާތަނަށް އައިރު އެއްޗަކަށް ވާވަރުގެ ބިލެއް އަދިކިރިޔާޔޯ ފާސްކުރެވުނީ...އެހެންވެ މިފަދަ ކޮސްކަންތައްތައް މި ބިލުގައި މިއޮތީ....ހިހިހިހި.. މި ބިލްފާސްކޮށްގެން ޕިންކީސްތައް ފެންޓަސީ ވާރލްޑް ގެ ލިޓިލް ސިންގަޕޯރ ގެ ޑާންސް ފްލޯރ ތަކުގައި ފައިހަމަ ކުރަނީ... ޑާންސް ޑާންސް....