ރިޔާސީ ކޮމިޝަން ވެސް "ވަގަށް ނަގައި މަރާލާނެ"

މީހުން މެރުމާއި ވަގަށް ނެގުމާއި ހިޔާނާތުގެ ތެރެއިން ހަގީގަތް ހޯދިފައި ނުވާ ކަންކަން ތަހުގީގު ކުރުމުގެ ވައުދު ފުއްދުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެކަނި ޒިންމާއެއް ނޫނެވެ. އެމަނިކުފާނު ވެރިކަމަށް ގެންނަން މަސައްކަތްކުރި ކޯލިޝަނުން ވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭނެ އެވެ. އެކަމަކު މި ވައުދު ފުއްދަވަން ރައީސް އުފެއްދެވި ކޮމިޝަންތަކަށް ގާނޫނީ ބާރު ދޭން ޖެހޭ ހިސާބަށް ދިއުމާ އެކު ބަހަނާތައް ވަރަށް ގިނަވެއްޖެ އެވެ.


ވެރިކަން ހިންގާ ކޯލިޝަނާއި އިދިކޮޅު ފަރާތްތަކުން ވެސް ރިޔާސީ ކޮމިޝަން ދެކެ ބިރުން އުޅޭ ބަޔަކު އެބަ ފެނެ އެވެ. ކަނޑައެޅިގެން ދެކޮޅުހަދަން ނުކެރިގެން އެއްބަޔަކު ދައްކަނީ ބަހަނާ އެވެ.

ބަހަނާ ލިސްޓު ފަށަން ހިނގާށެވެ. ތަހުގީގުކުރާނެ މުއައްސަސާތައް ހުއްޓާ އިތުރު ކޮމިޝަންތައް ހަދައި ބޭކާރު ހަރަދުކުރަންވީ ކީއްކުރަން ހެއްޔެވެ؟ ކޮމިޝަނަށް ދޭން އުޅޭނީ ހާދަހާވާ ބޮޑެތި ބާރުތަކެކެވެ. ބާރުތައް ކުޑަކޮށްފައި ބިލް ހުށަހެޅުމުން މަޖިލީހުގެ ކޯރަމް ހަމައެއް ނުވެ އެވެ. މިހެން މި ބިލެއް ތަޅުވަމުން ގޮސް ކޯރަމް ހަމަކޮށްގެން ފެށީ ބޮޑު ރޭވުންގަނޑަކާ އެކުގަ އެވެ. އެއީ ބިލް ހުށަހަޅާފައި އޮތީ ކޮމިޓީން ފާސްކުރި ގޮތަށް ނޫން ކަމަށް ބުނެ އަލުން ކޮމިޓީ އަށް ފޮނުވާލައި ކޮމިޝަންތައް ބާރުވެރިވިޔަ ނުދޭން ނުވަތަ އެކަން ލަސްކުރާށެވެ.

ގާނޫނުއަސާސީގައި ރައީސުލް ޖުމްހޫރިއްޔާގެ ބާރުތައް ބަޔާންކުރާ ބާބުގައި، ތަހުގީގުތައް ކުރުމަށް ނުވަތަ ގައުމީ މައްސަލަތަކުގައި ރައީސަށް ލަފާ ދިނުމަށް ވަގުތީ ކޮމިޝަންތައް އުފެއްދުމުގެ ބާރު ރައީސަށް ދީފައި އެ އޮތީ އޮޅިގެން ލިޔެވުނު އެއްޗަކުން ނޫނެވެ. ބަހަނާ ދައްކަނީ ކަމަކުން ރެކެން ވެގެންކަން މި ކިޔައިދެނީ އެވެ.

ތަހުގީގުތައް ކުރަން ކޮމިޝަން އުފެއްދުމުގެ ބާރު ރައީސަށް ދެނީ މުއްސަސާތައް ހުރި ނަމަވެސް ކަންކަން ގޯހުން ގޯހަށް ގޮސް އެ ތަންތަނާ ނުބައްސައި ތަހުގީގުކުރަން ޖެހޭ ހާއްސަ ހާލަތްތައް އަންނާނެތީ އެވެ. މުޅި ގައުމު ކޮރަޕްޝަންގެ މަގަށް ގެންގޮސް މީހުން ގެއްލުމާއި މެރުން އާންމު ކަމަކަށް ވެ އެ ކަންކަމުގައި އެއްވެސް ޖަވާބެއް ހޯދައިނުދެވި އޮތީ އެ ބުނާ، ބޮޑު ހަރަދުކުރާ މުއައްސަސާތައް ހުއްޓަ އެވެ. ކޮރަޕްޝަނާ ދެކޮޅަށް އުފެއްދި ކޮމިޝަނަށް ކޮރަޕްޝަން ފެންނަން ފެށީ ވެރިކަން ބަދަލުވީމަ އެވެ. ފުލުހުންނަށް އޭރު އޮތީ ވެރިކަމާ މެދު ހިތްހަމަނުޖެހިގެން އުޅޭ މީހުންގެ މައްޗަށް ކޮންމެވެސް ތަހުގީގެއް ހިންގައި އެ މީހުންގެ އަޑު ކަނޑުވައިލެވޭނެ ގޮތެއް ހޯދުމެވެ. ގަތުލްތަކުގެ ހަގީގަތް ހޯދަން އުޅުން ވީ ބޭކާރު ކަމަކަށެވެ. އެހެންވެ ކިތަންމެ ތަހުގީގެއް އޮތީ ހުއްޓާލައިފަ އެވެ. ތަހުގީގު ކުރީމޭ ބުންޏަސް، އެއީ ނަމެއްގައި ކުރި ކަމަކަށް ވުން އެއީ އެންމެ ގާތް ގޮތެވެ.

ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުން ހިނިތުންވުމުގައި: ރިޔާސީ ކޮމިޝަންތަކަގެ ބިލް ފާހެއްނުކުރި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮމިޝަންތަކަށް މާ ބޮޑެތި ބާރު ދޭން އުޅެނިއްޔޭ ބުނާއިރު، ކޯޓު އަމުރު ހޯދައިން ނޫން ގޮތަކަށް މީހެއްގެ ހައްގެއް ހިފެހެއްޓޭނެ އެއްވެސް ހާލަތެއް މިހާރު އޮތް ބިލުގައި ވެސް ނެތެވެ. ކޮމިޝަނުން މަސައްކަތްކުރަން އޮތީ އެހެން މުއައްސަސާތަކާ ވެސް ގުޅިގެންނެވެ. އެހެންވެ، ކޮމިޝަނަށް މާ ބޮޑެތި ބާރު ދެނީއޭ ނުކިޔާށެވެ. އިތުބާރު ގެއްލިފައިވާ މުއައްސަސާތަކުގެ ބޭނުން ނުކޮށް ވަކިން މަސައްކަތްކޮށްލެވޭ ވަރުގެ ކޮމިޝަނެއް ނަމަ މާ ރަނގަޅު ވެސް ވެދާނެ އެވެ. ބާރު ދެނީއޭ ތިޔަ ބުނަނީ އެންމެ ކަމަކާ ހެދި ކަމަށް ފެނެ އެވެ. އެއީ ދައުވާކުރަން ފޮނުވުމުގެ ބާރެވެ. އެކަމަކު ދައުވާ ކުރާނީ ޕްރޮސިކިއުޓާ ޖެނެރަލެވެ. ދެން މި ކޮމިޝަނެއް މާ ބާރުގަދަވެގެން އުޅެނީ ކިހިނެއްކަން ބުނެބަލާށެވެ.

ބިލަށް ވޯޓަށް އަހަން އުޅުނު ކޮންމެ ދުވަހަކު ކޯރަމް ގެއްލެނީ ހަމަ އިއްތިފާގުންނޭ ބުނީމާ އަހަރެމެން ރައްޔިތުން ގަބޫލުކުރަންވީ ހެއްޔެވެ؟ ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ސިޔާސީ މަގްސަދު ހާސިލްކުރަންވީމާ މަޖިލިސް ތެރޭގައި ވެސް ނުހާވާނެ ހަޑިއެއް ނޯންނާނެކަން ނުދަންނަ ދިވެއްސަކު މި އުޑު ދަށަކު ނެތެވެ. އެހެންވެ ކޯރަމޭ ކިޔައިގެން ދެއްކޭނެ ވާހަކައެއް ނޯންނާނެ އެވެ.

މަޖިލީހުގެ ތަޅުމަށް ބިލް އައީ ކޮމިޓީން ފާސްކުރި ގޮތަކަށް ނޫނޭ ބުނެ އަނބުރާ ފޮނުވާލީމާ އަދި މާ ބޮޑަށް ފަޟީހަތްވީ އެވެ. މަޖިލީހުގައި ތިޔަ ތިއްބަވަނީ އެ ބައެއްގެ ސިޔާސީ ލީޑަރު ބުނާ ގޮތަކަށް ފިތަކަށް ފިތާލައިގެން ވޯޓެއް ދޭށާއި ސިޔާސީ ގޮތުން އެއްބަޔަކު އަނެއް ބަޔަކު ޒުވާބުކުރަން އެކަންޏެވެ. ބިލަށް ބަދަލެއް އައި ކަމެއް ވެސް، ނާންނަ ކަމެއް ވެސް ނޭނގި ތިޔަހާ ދުވަސް ވީ ކޮންފަދަ ބޮޑު ކަމެއްގައި އުޅެން ޖެހިވަޑައިގަތުމުން ހެއްޔެވެ؟

ވެގެން އުޅެނީ އެންމެ ކަމެކެވެ. ގައުމު ފަސާދައިގެ ތެރެއަށް ވައްޓާލައި، ބިރުވެރި މާހައުލެއް އުފައްދަން ފުރުސަތު ލިބުނީ އެ ކަންކަމާ ދެކޮޅަށް މަސައްކަތްކުރަން ރައްޔިތުން ހަވާލުކުރި މީހުން ޒިންމާ ނުއުފުލައި އަމިއްލަ ފައިދާ އަށް އުޅެގެންނެވެ. ތަހުގީގުކޮށް ބަލައިފި ނަމަ އެ މީހުންގެ ޖަރީމާތަކާއި އިހުމާލު ނޫން ކަމެއް ނުފެންނާނެ އެވެ. އެ މީހުން ހިމާޔަތަށް ގޮސް ވަންނާނީ ސިޔާސީ މީހުންގެ ނިވަލަށެވެ. މި މީހުންގެ ބޭނުން ސިޔާސީ މީހުން އަނެއްކާވެސް ހިފާނީ ނޭއްގާނީ ކަންކަމަށެވެ.

ރިޔާސީ ކޮމިޝަންތަކަށް ކުޑަ ނަމަވެސް ބާރެއް ދޭން މި ބުނާ ނާގާބިލް މީހުން ބޭނުމެއް ނުވާނެ އެވެ؛ ނުވެސް ކެރޭނެ އެވެ. އެ މީހުންނަށް ވެގެން ވިއްޔާ އެ ކޮމިޝަންތައް "ވަގަށް ނަގައި މަރައި ވެސް ލާނެ" އެވެ. ބަލަން ތިބޭށެވެ!