ޖަސްޓިސް ބިލްޑިން: އެކި ހުކުމްތަކާއި ނިންމުންތަކުގެ ސަބަބުން ދައުލަތުން އަމިއްލަ ފަރާތްތަކަށް ދައްކަންޖެހިފައިވާ ފައިސާ ގިނަ.
24 އެޕްރީލް 2019 - 07:44
މިހާރު މި ފެންނަނީ މަސައްކަތްކޮށްގެން ފައިސާ ހޯދުމުގެ ބަދަލުގައި، ސޮއިކޮށްލާ އެއްބަސްވުމަކުން ބައެއް މީހުން މިލިއަނަރުންނަށް ވާ ތަނެވެ. ސަރުކާރުގެ އެކި މުއައްސަސާތައް ހިމެނޭ އެކި މަޝްރޫއުތަކާއި އެކި ކަންކަމުގައި އަމިއްލަ ކުންފުނިތަކާ އެކު ވެފައިވާ އެއްބަސްވުންތައް އުވާލައި ނުވަތަ އެއާ ހިލާފުވެގެން ކަމަށް ބުނެ ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަތަކުން ދައުލަތަށް ގެއްލެމުން އެ ދަނީ މިލިއަނުންނެވެ.
މިދިޔަ ހައެއްކަ މަސް ތެރޭ ވެސް އެކި މައްސަލަތަކާ ގުޅިގެން 648 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން އެކި ކުންފުނިތަކަށް ވަނީ ދައްކަން ޖެހިފަ އެވެ. އެއީ 78 މިލިއަނަކާއި 22 މިލިއަނަކާއި 200 މިލިއަނަކާއި 348 މިލިއަނެކެވެ. މީގެ ތެރެއިން ބަޔަކީ ދައުލަތުގެ އެކި މުއައްސަސާތައް ހިމެނޭ ގޮތުން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި އުފެދުނު ހިލާފުތަކާ ގުޅިގެން ހުށަހެޅި މައްސަލަތަކުން ނަގައިދިން ފައިސާ އެވެ. އެކަމަކު ގިނައީ އަމިއްލަ ކުންފުނިތަކާ އެކު ވެފައިވާ އެއްބަސްވުންތައް ސަރުކާރުން އުވާލުމުން ބަދަލުގެ ގޮތުގައި ދޭން ޖެހެނު އަދަދެވެ.
އެއްބަސްވުމަށް އިހްތިރާމްކުރަން ޖެހޭނެ އެވެ. އޭގައި ހިމެނޭ ފަރާތްތަކުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ގެއްލުން ލިބުނު ފަރާތަކަށް ބަދަލު ދޭން ޖެހޭނެ އެވެ. އެކަމަކު ކަން ހިނގާ ގޮތުން އުފެދޭ ސުވާލުތައް ގިނައީ އެވެ. ޖިނާއީ މައްސަލަތަކާއި މަދަނީ މައްސަލަތަކުގައި ވެސް މި ފެންނަނީ ސަރުކާރު ބަދަލުވުމާ އެކު ދައުލަތުގެ ސްޓޭންޑް ބަދަލުވި ތަނެވެ. މީގެ ކުރިން ބޮޑެތި މުޖުރިމުންގެ ގޮތުގައި ތުހުމަތުކުރި މީހުން ޕްރޮސިކިއުޓާ ޖެނެރަލަށް ވެސް މިހާރު ފެނިވަޑައިގަންނަވަނީ ސާފުކޮށެވެ. މަދަނީ މައްސަލަތަކުގައި ވެސް ދައުލަތާ އެއްކޮޅަށް ދެއްކި ހުރިހާ ވާހަކަތަކެއް އަނެއް ދުވަހު އެއްކޮށް ބަދަލުވެ މައްސަލަތައް ނިމިގެން ދިޔައީ އެވެ. ބޮޑެތި ތުހުމަތުތައް ކުރެވިގެން ވަޒީފާއިން ވަކިކުރި މީހުންނަށް ވަޒީފާއާ އެކު ފައިސާގެ ބަދަލު ލިބުނު މައްސަލަތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
މަދަނީ މައްސަލަތަކުގައި، ވެރިކަން ބަދަލުވުމުގެ ކުރިން ކަން ހިނގި ގޮތް ވެސް އެއީ މައްސަލައެކެވެ.
ކޮންމެ ސަރުކާރަކުން ވެސް، ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް އުވާލައި، ގެއްލުން ލިބޭ މީހުންނަށް ފައިސާ ނުދީ ހިފަހައްޓައިގެން އުޅުނުކަން އެބަ ހާމަވެ އެވެ. ބޭނުމަކަށް ވަނީ އެ ބައެއްގެ ވެރިކަމުގައި ފައިސާ ނުދީ ދެން އަންނަ ވެރިކަމެއްގެ ބޮލަށް އެކަމެއް ޖެހުމެވެ. އެންމެ ދެރައީ އޭރު އެ މައްސަލަތައް ކޯޓުތަކުގައި ވެސް މިހާރު އެ ދާހާ ހަލުވިކޮށް ނުދިއުމެވެ. އެކަމުގެ ސަބަބެއް އަހަރެމެން ކިތަންމެ ވަރަކަށް ވިސްނިޔަސް އެނގޭނެހެން ހިއެއް ނުވެ އެވެ. އެނގޭހާ ވެސް ކަމަކީ ހުކުމް ތަންފީޒުކުރަން ޖެހޭނެ ކަމާއި އެހަރަ ބޮޑެތި އަދަދުތައް ދައްކަން ޖެހޭނީ ދައުލަތުންކަމެވެ. ބުރަ ބޮޑުވާނީ ސަރުކާރަށް ކަމެވެ.
މިދާ ރޭޓުން ބަލާ ނަމަ އަލަށް މި އައި ސަރުކާރުން އާމްދަނީ ހޯދައިގެން ކުރަންޖެހޭނެ ކަމަކީ ކޯޓުތަކުގައި މަސައްކަތް ގިނަވެގެން ނުވަތަ އެ ނޫން ކަމެއް ދިމާވެގެން ނަމަވެސް ނުކުރެވި ހުރި ފައިސާގެ ބޮޑެތި މައްސަލަތަކުގެ ހުކުމް ތަންފީޒުކުރަމުން ދިއުމެވެ. މިއީ އާދައިގެ ކަމެއްހެން ހީވޭހެއްޔެވެ؟
ނިސްބަތުން ކުޑަ އަދަދެއް ދައްކަން ޖެހުނު ބައެއް މައްސަލަތަކުގައި ވެސް، ކުރީގެ ސަރުކާރުތަކުން ކަންތައް ކޮށްފައި ހުރި ގޮތުން ގިނަ ދުވަސްތަކެއް ހޭދަވެ ދައުލަތުން ބޮޑެތި އަދަދުތައް ދައްކަން ޖެހިފައި އެބަ ހުއްޓެވެ. މި ކަންކަމުގައި އިހުމާލުވި ބަޔަކު ތިބި ކަމަކަށް ވެސް ނުވެ އެވެ. ޒިންމާ ނަގަން މި ޖެހެނީ ހުކުމަކާ ހިސާބަށް ދިޔައިރު ވެރިކަމުގައި އޮތް ސަރުކާރެވެ. މިހެން ބުންޏަސް، ކުންފުނިތަކުގެ ހިއްސާދާރުންނާއި އެ މީހުންނާ އެ އިރެއްގައި އޮންނަ ސަރުކާރަކާ ގުޅިގެންދާ ގޮތް އެނގުމުން ޝައްކު އުފެދޭ ކަންކަން ވެސް އެބަ ހުއްޓެވެ.
ކޮންމެ ސަރުކާރަކުން ވެސް، ކުރީގެ ސަރުކާރުން ހިންގާ މަޝްރޫއުތައް ރޫޅާލައި އަމިއްލަކުރަން އުޅެން ހަދައިގެން ވެސް މިހެން އެބަ ދިމާވެ އެވެ. މަސައްކަތެއް ހަވާލުކޮށްފައި އޮތް ބައެއްގެ އަތުން އެކަމެއް ވަކިކޮށް، އެހެން ބަޔަކާ އެބަ ހަވާލުކުރެ އެވެ. ކޮންމެ ސަރުކާރަކުން ވެސް ބުނާނީ އެއްބަސްވުން އޮތީ ގެއްލުންވާ ގޮތަށް ކަމަށާއި އެއްބަސްވުމާ ހިލާފް ވެސް ވެފައިވާ ކަމަށެވެ. ހަގީގަތަކީ، މިހެން ހިނގާ ގިނަ ކަންކަމުގައި އެ އިރެއްގައި އޮންނަ ސަރުކާރެއްގެ މަސްލަހަތު ހިމެނޭ ބަޔަކަށް ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައި ވުމެވެ. އަދި ސަރުކާރާ ދެކޮޅު ބަޔަކު ހިމެނޭ ނަމަ އެބަޔަކަށް ގެއްލުން ދޭން އުޅުމެވެ.
ބަޔަކާ މަޝްރޫއެއް ހަވާލުކުރުމަށް ފަހު، އެކަމެއް ކުރުމަށް ދައުލަތުން ކޮށްދޭން ޖެހޭ ކަންކަން ނުކޮށް އޮތުމަށް ފަހު އެއްބަސްވުން ބާތިލްކުރުމުން ވެސް އެއްވެސް ކަމަކާ ނުލައި ދައުލަތުން ބަދަލު ދޭން ޖެހިފައި ވެސް އެބަ ހުއްޓެވެ.
މިހެން ހުރި ކިތަންމެ މައްސަލައެއް ކޯޓުތަކުގައި ތާށިވެފައި ހުރުމަށް ފަހު ނިމިގެން ނިކުންނަން ވެސް ފެށީ އެވެ. އެހެންވެ ދެން މި އޮތީ އަހަރެމެން ރައްޔިތުންގެ ޓެކްސް ފައިސާ އިން އެ ހުކުމްތައް ތަންފީޒުކުރުމެވެ. ދައުލަތުން ހިންގަން ބޭނުންވާ މަޝްރޫއުތައް ވެސް މަޑުޖައްސާލާފައި އެ ހުކުމްތައް ތަންފީޒުކުރަންވީ އެވެ. މިހާރު މިދާ ރޭޓުން ބަލާ ނަމަ އަލަށް މި އައި ސަރުކާރުން އާމްދަނީ ހޯދައިގެން ކުރަން ޖެހޭނެ ކަމަކީ ކޯޓުތަކުގައި މަސައްކަތް ގިނަވެގެން ނުވަތަ އެ ނޫން ކަމެއް ދިމާވެގެން ނަމަވެސް ނުކުރެވި ހުރި ފައިސާގެ ބޮޑެތި މައްސަލަތަކުގެ ހުކުމް ތަންފީޒުކުރަމުން ދިއުމެވެ. މިއީ އާދައިގެ ކަމެއްހެން ހީވޭ ހެއްޔެވެ؟
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅު3
25 April 2019
ބަންޑާރް ބަޖެޓަކީ އެ އިރެއްގަ އޮންނަ ސަރުކާރަކާ ރައްތެހި ކުދިން ކާން އޮންނަ ހަވަރު މަސްގަނޑެއް؟
ޙިސްނާ
24 April 2019
ޤައުމު މިހާރު އޮތީ ހިމޭން ވެފަ. އަޑުއުފުލާނެ ބައެއް ނެތް. އަޑުގަދަމީހުންގެ އަޑު ބަންދުވެއްޖެ.
އޮރިޖިނަލް މޮހަނު
25 April 2019
އަޑުގަދަމީހުންނަށް ވެރިކަމުގެ ކޭކުފޮތިތައް ބަހާ މަންޒަރު ތިފެންނަނީ. ދެން ކީތްކުރަން ލަވާ ހަޅޭކެއް. ނިކަމެތިން ނިކަމެތިކަމުގަ.
މިޔަކަށް ނުކިޔާނެ ވައްކަމެކޭ
24 April 2019
ތިޔަ ބަދަލު ތަކަކީ ސަރުކާރުން ބަދަލުދޭން ބޭނުންވެގެން ކޯޓަށްވައްދާ އަދި ބަދަލު ލިބޭނެގޮތަށް ވަކާލާތުކޮށް ދެމުންދާ ބަދަލު. މިއީ އާގޮތަކަށް ވައްކަންކުރުން މިޔަކަށް ނުކިޔާނެ ވައްކަމެކޭ ދައުލަތް ލޫޓުވަން ސަރުކާރު ބަދަލުވުމާއެކު ހުކުމްތަ ނެރެމުންދަނީ ނޭގިތިއްބާ އިއްތިފާގަކުންނޫން ބަދަލު ލިބެމުންދަނީ ސަރުކާރާ ގުޅުންއޮތް އެކިމީހުންނަ ލިބޭ ބަދަލު ބެހެމުންދަނީ ސަރުކާރުގަތިބި މީހުންނަ ވަޒީފާގެ ބަދަލުދެމުންދަނީ ސަރުކާރަށް ކުރީގަ އެހީތެރިވި މީހުންނަ.
ތިމާވެށީ
24 April 2019
ސަރުކާރު ހިންގާ ޕާޓީ ބަދަލު ވީއެވެ. ދެން ޕާޓީގެ އަދި މެމްބަރުންގެ މަސްލަހަތެވެ.
މޯޑް98
24 April 2019
ސަރުކާރަކުން މައްސަލަ އެއް ނެތީތޯ އަމިއްލަ ބަޔަކަށް ކިތަށްމެ ގެއްލުމެއް ދިނަސް މިސާލަކަށް ޖީ،އެސް،ޓީ ސަރުކާރަށް ނުދެއްކީމައި،ކުންފުނި އެބަ ޖޫރިމަނާ ކުރޭ އެކައުންޓް ފްރީޒް އެބަކުރޭ ތިޔަ ލާރި ސަރުކާރުން ދޭކަށް ނުޖެހުނީސް ކަންނޭގި ސަރުކާރު ބަދަލުމުންވެސް ހެދިފައިވާ ޤަވައިދު ތަކާއި ޤާނުން ތަކާއި އެއްގޮތަށް ކަންކުރި މަނަ ސަރުކާރުން މިހާރު ދައްކަންޖެހޭ ހުރިހާ ފައިސާ އެއްގެ ޒިންމާ ނަގަންޖެހޭނީ އާޒިމާ ސަކޫރު އާއި ޔާމީން އަދި އޭރުގެ މިނިސްޓަރުން
ދެންވެސް ޒިންމާ ނަގަންވީ ރޔާމީންތަ
24 April 2019
އެދެމީހުން ދުނިޔެއަށް އައީތީ ދޯ ޒިންމާ ނަގަންޖެހުނީ މިވީ 5މަހުގަ މަގުމަތީގަ ރޯމާދުވާލު ހެލްމެޓްއަޅާއިގެން ފޭރުނީ މިލިޔަން މިލިޔަން ރުފިޔާ ފޭރުނީ މީހަކަށް ހުކުމެނުކުރެވޭ ފައިސާއެ ނުފެނޭ ބަދަލުދެމުން މިގެންދާ އެއްބަސްވުންހެދީ މޑޕ. މި އެއްބަސްވުން ހެދިފަހުރީ މޑޕ މީހުންނާ ބަދަލު ނަގާދެމުން މިދަނީ މޑޕގެ ވެރިކަމެ އައުމުން މިކުންފުނިތަކުން ދިންހިދުމަތެ ފެންނަން ނެތްތަނުގަ މިއީ ރައްޔިތަކު ކުރިން އަޑުވެސް އެހި ކުންފުނިތަކެނުން. ޒިންމާގެ ވާހަކަނުދައްކާ.
ބަހަނާ
24 April 2019
ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި ފްލެޓް ދޫކުރުމުގައި އިންސާފުވެރި ނިޒާމެއް ގާއިމްކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވެވަޑައިގަތް ވައުދެއ
ދޯޕައްޓާ
24 April 2019
ރަށްރަށު މީހުން ތާރު ފީފާއެއްގެ ދަޅައިގަ ބައިތިއްބާފަ މާލޭގެ ގޭގެއަށް ދައުލަތުގެ ހުރިހާ ފައިސާ އުފުލައުފުލާފަ މިހާރު މިއޮތީ މާލެތެރޭގައި ކުދިކުދި ކުންފުނިތައް ހަދައިގެންއުޅޭ މީހުނާއި ޖެހިފައި. ނިކަން ވިސްނާލާ އުތުރު ޕްރޮވިންސަށް މިއަހަރު ކަނޑައެޅި ބަޖެޓަށްވުރެ ދީބާޖާއަށް ދޭންޖެހޭވަރު ބޮޑު. ހެހެހެހެހެ.
މަރޭމިތުރު
24 April 2019
ސުއޫދު ބުނިގޮތެއް ނުހަދައި ގައުމު ހިންގުމަކީ ބޮޑުގެއްލުމެއް ދައުލަތައްވާނެ ކަމެއް! އެހްނވެ ނިޒާމު ކަމުނުދަނީ!
ރޯނުއެދުރުގެ ދަރިވަރު
25 April 2019
ކޮބާ އިންޑިޔާގެ މޫސުން މިއަދު ކިހިނެތް؟
Dhaadhey
24 April 2019
ސޮއިކުރުވި ބައެއްގެ އަދި އޭރު ސަރުކާރު ހިންގަން ތިބި ބައެއްގެ އެއްވެސް ޒިންމާއެއްނެތެވެ. ޒިންމާ އުފުލާކަށްވެސް ނުޖެހެއެވެ. އެއްވެސް ގާނޫނެއްގައި މިފަދަ ޖަރީމާ ތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ބަޔާންކޮށްފައި ނެތީމައެވެ. ނުވަތަ އޮތަސް އަލަށް ވެރިކަމާ ހަވާލުވިފަރާތުންވެސް އެކަން އޮތްގޮތް ބަލާކަށް ނުވަތަ އިސްލާހުކޮށް ރަނގަޅުކުރާކަށް ބޭނުމެއް ނުވެއެވެ. އެއީ އެމީހުންނަށްވެސް ފައިސާ ކޮޅެއް ލިބެން އޮތީ އެގޮތަށް އެކަން ދޫކޮށްލީމައެވެ.
Dhaadhey
24 April 2019
އެކަން ސަރުކާރަށްވެސް އެނގެއެވެ. އަދި މަސައްކަތް ޙަވާލުކުރިފަރާތަކީ ދުވަހަކުވެސް އެފަދަ މަސައްކަތެއް ކޮށްފައިނުވާ ޕްރިންޓިންގ ކުރުމުގެ މަސައްކަތް ކުރާ ފަރާތެކެވެ. އެއްބަސްވުމަކީ އެޓަނީ ޖެނެރަލް ބައްލަވައި އިރުޝާދު ދެއްވާފައިވާ އެއްބަސްވުމެއްނޫނެވެ. އެއްބަސްވުން ހެދީ ދައުލަތުގެ ކުންފުންޏަކުން ކަމަށްވާތީ އެކަމަކާ އެޓާނީ ޖެނެރަލް ބެހެން ނުޖެހެނީވެސް ތޯއްޗެކެވެ. އެކަމަކު ފައިސާ ދައްކަން މިޖެހުނީ ރައްޔިތުންނަށެވެ. އެއްބަސްވުމުގައި ސޮއިކުރުވި....