ޚިޔާލު

ލަދެއް ނެތް، އަގެއް ނެތް މަޖިލިސް މާޒީއަށް

ޖުލައި 24، 2017 އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަންނަން ފުލުހުން ހުރަސް އަޅަނީ: ހުތުރު މަންޒަރެއް --މިހާރު ފޮޓޯ: ހުސެއިން ވަހީދު

30 އެޕްރީލް 2019 - 08:55

23 comments

އެއް މެމްބަރަކު، ގާނޫނުއަސާސީ ވެސް އަތަށް ލައްވައިގެން، މަޖިލިހުގެ މާލަން ތެރޭގައި ހުންނަވައި ނެންގެވި ފޮޓޯ ސޯޝަލް މީޑިއާގައި އިއްޔެ އާންމުކުރެއްވި އެވެ: މަޖިލިހުގައި އޭނާގެ ފަހު ދުވަސްކަން އަންގާލެއްވީ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތު ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވީ އަމާނާތްތެރިކަމާ އެކުގައިތޯ އޭނާގެ ނަފްސަށް ވިސްނައިދެއްވުނު ނަމަ، އެ ފޮޓޯ އެގޮތަކަށް އާންމެއް ނުކުރެއްވީހެވެ: އެއަށް ވުރެ ބޮޑަށް ރައްޔިތުންގެ ކުރިމަތީގައި ގަންނާނީ ލަދެވެ.

މާޒީގެ ތެރެއަށް އިއްޔެ ވަދެގެން އެ ދިޔައީ މިހާތަނަށް ރާއްޖެ ދުށް އެންމެ އަނިޔާވެރި، ގާނޫނުއަސާސީއާ އެންމެ ބޮޑަށް ހިލާފުވި، ރައްޔިތުންގެ ފައިސާގައި އެންމެ ބޮޑަށް ޖެހުނު، އަދި އެންމެ ކޮރަޕްޓް ރައްޔިތުންގެ މަޖިލިހެވެ. އެ މަޖިލިހުގެ ގިނަ މެމްބަރުންނަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ ކޮން ގޮތަކަށް މަޖިލިހުގައި އުޅުއްވި ބައެއްކަން ގިނަ ރައްޔިތުންނަށް އެނގެ އެވެ. އެހެންކަމުން އެ ގިނަ މީހުންގެ ވޯޓު އެ ބޭފުޅުންނަށް ހަރާމް ކުރެއްވި އެވެ.

ދިވެހިންގެ ވިސްނުމުން އެހާ ފަސޭހައިން ފޮހެވިގެން ދިޔަދީގެން ނުވާނެ އެވެ؛ ނިމުނު 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ސަރުކާރުގެ މެޖޯރިޓީން ކަން ކުރީ އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ޓޫރިޒަމް މިނިސްޓަރު/ނައިބު ރައީސް އަހުމަދު އަދީބު ބޭނުންފުޅުވިހާ ގޮތަކަށެވެ. ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެވަޑައިގަތުމުން ރިޔާސަތުގެ ގޮނޑި ދޫކޮށްލެއްވުން ނޫން އެހެން ގޮތެއް ނެތިގެން މަޖިލިހުގެ ރައީސް ކަމުން އަބްދުﷲ މަސީހު އިސްތިއުފާ ދެއްވުމުގެ ކުރިން އެމަނިކުފާނު ވެވަޑައިގަތީ، 100 ޕަސެންޓް ޔާމީންގެ ގޮނޑި ކޮއްކޮއަކަށެވެ. ގާނޫނުއަސާސީގައި މަޖިލިހަށް ދީފައި އޮތް މުސްތަގިއްލުކަމާއި މިނިވަންކަން ދެމެހެއްޓެވުމުގެ ޒިންމާއިން މަސީހު ހުންނެވީ ދުރުގަ އެވެ. ރިޔާސަތުގައި އިންނެވި އިރު އެމަނިކުފާނެކޭ، ދުރުގައި ތިބެގެން އެހެން ބަޔަކު ކޮންޓްރޯލްކުރާ، ރޮބަޓެކޭ އެއްގޮތެވެ.

މަޖިލީހުގެ އިދާރާގެ ގޭޓު މަތިން ފުންމާލައިގެން އެތަނުގެ ތެރެއަށް ވަދެވަޑައިގެންނެވި މަހްލޫފް އުފުލާލައިގެން ސިފައިން ނެރެނީ: މަޖިލިސް ހިސޯރުކުރިކަމުގެ ތުހުމަތު ސިފައިންނަށް އޮވޭ --ފޮޓޯ: މިހާރު

ކޮންމެ ދައުރެއް ނިންމާ ޖަލްސާގައި މިވެނި ވަރަކަށް ބިލްތައް ފާސްކޮށްފި ކަމަށް މަސީހު އިއުލާން ކުރެއްވިޔަސް އޭގައި މެމްބަރުންގެ ދައުރަކަށް އޮންނަނީ ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ލެއްވުމެވެ. މެމްބަރުން ބޭނުންވާ އިސްލާހުތަަކަށް ވެސް މާ ބޮޑު ފުރުސަތެއް ނޯވެ އެވެ. އެހެންކަމުން ރަނގަޅު ބަހުސަކަށް ގޮސް، ރަނގަޅު ވާހަކައެއް ދެއްކެވުމުގެ ބަދަލުގައި ފެނުނީ ބިލްގެ މޮޅު ވާހަކަ އާއި ފާސްކުރުން ލަސްވެއްޖެ ކަމަށް ވިދާޅުވެ، ހުޝާމަދުކުރުމުގެ ސަގާފަތެކެވެ. އިދިކޮޅު މެމްބަރުންނަށް، ސަރުކާރު ޖަވާބުދާރީކުރުވާނެ ވަގުތެއް ނުދެ އެވެ. ކޮމިޓީތަކުގައި އޮތީ "ބަތް ކައްކާ ކުޅުމެ"ވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އެމްޕީއެލުން ޑޮލަރު ގަންނަން ދިން ފަސް މިލިއަން ޑޮލަރާއި އެއާ ގުޅޭ އެހެން މުއާމަލާތްތަކުން ފަޅާއެރި ޔާމީން ސަރުކާރުގެ ފުރަތަމަ ކޮރަޕްޝަންގެ އަމަލްތައް އޮޑިޓް ކުރެއްވި އޭރުގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް މަގާމުން ވަކިކުރުމާއި އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ކަހަލަ ބޮޑެތި އެތައް ކަމެއް ނިންމާލީ، ފައިސާގެ ނުފޫޒު ވަދެގެންކަން އޭރު ވެސް އަދި މިހާރު ވެސް، އެތައް ބަޔަކަށް ޔަގީނެވެ.

ގައުމުގެ އުއްތަމަފަނޑިޔާރާއި ނައިބު ރައީސް މަގާމުން ދުރުކުރުން ކަހަލަ މަޖިލިހުގެ ހަޔާތެއްގައި އަންނާނެ އެންމެ ބޮޑެތި ކަންކަން ނިންމާލެއްވީ ގިނަ މެމްބަރުން ކުޑަވެގެން ސުވާލެއް ވެސް ކުރެއްވުމެއް ނެތި އެވެ. އެއިން ބޭފުޅަކަށް ދިފާއުވެވަޑައިގަންނަވަން ފުރުސަތެއް ވެސް ނުދީ އެވެ. މަޖިލިހުގެ ގަވާއިދު ބަދަލުކޮށްގެން ނަމަވެސް، ނުވަތަ ގާނޫނުއަސާސީ އާއި ގާނޫނުގައި އޮތް އެއްޗެއް ނުބައިކޮށް މާނަކޮށްގެން ވިޔަސް ސަރުކާރުގެ މެޖޯރިޓީން ޔާމީން/އަދީބުގެ ނިޔަތާ އެއްގޮތަށް ނިންމާލަދިނެވެ.

ޖުލައި 24، 2017 ގައި ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން މަޖިލިހަށް ނުދެވޭ ގޮތަށް ފުލުހުން މަގު ބަންދުކޮށްފައި ---މިހާރު ފޮޓޯ

ކުޅޭކުޅޭ ބަޔަކަށް ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން ވެވަޑައިގަތީ ބަދަލުގައި އެއްޗެއް ނުނަންގަވައެއް ނޫނެވެ. އޭރު އަދީބަކީ އެންމެންގެ "ބްރޯ" އެވެ. ރައީސް ޔާމީން އިންނަވާ ޖަލްސާތަކުގައި ވެސް އެމަނިކުފާނަށް ވުރެ ބޮޑަށް އަދީބަށް ތައުރީފްގެ ބަސްތައް، ބައެއް މެމްބަރުން އޮއްސާލެއްވި އެވެ. ބަލަބަލާ ތިއްބާ އަދީބު ވެވަޑައިގަތީ ރާއްޖޭގައި އޭގެ ކުރިން ނުއުފެދޭ ފަދަ ބާރު ގަދަ، ނުފޫޒު ގަދަ ވަޒީރަކަށެވެ. ގާނޫނުއަސާސީގައި ކިތައްމެ ބޮޑެތި ބާރުތަކެއް ދީފައި އޮތަސް، އޭނާގެ "ދީލަތިކަމުގައި"، ރައްޔިތުންގެ މަޖިލިސް، ރައްޔިތުންގެ ކުރިމަތީގައި ބަދަލުވެގެން ދިޔައީ، އަގެއް ނެތް، ލަދެއް ނެތް ތަނަކަށެވެ.

ބާރުތައް ވަކިވެފައި އޮންނަ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ މަޖިލިހަކީ ސަމާސާއެއް ނޫނެވެ. އެ ތަނުގެ މެމްބަރުންނަކީ ޝަހުސެއް ވެސް ހުންނަ އަދި ގޮތެއްގައި ވެސް ތިބޭ ބައެކެވެ. އެމީހުންގެ ބޮލަށް ފަސޭހައިން އެރި ޚަރާބުވިޔަކަ ނުދޭނެ އެވެ. ސަރުކާރު ހިންގަން ދަތިވިޔަސް، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ބިލްތަކަށް ވޯޓު ދީ އަދި ކޮމިޓީތަކުގެ މަސައްކަތްތައް ބައްޓަމެއް ނުކުރާނެ އެވެ. އެކަމަކު އެ ފެންވަރުގެ ތަނަކަށް މަޖިލިސް ހެދޭނީ، އާނއެކެވެ! އެވަރުގެ ގާބިލްކަމެއް ހުރި ބަޔަކަށްތާ އެވެ. އެފަދަ މެމްބަރުންތަކެއްގެ މެޖޯރިޓީ ނެތުމުން، މާޒީވެގެން އެ ދިޔައީ ދިވެހި ގައުމު ކަރުނަ އަޅަން ޖެހޭ ފަދަ ދަށް ފެންވަރުގެ ރައްޔިތުންގެ މަޖިލިހެކެވެ.

ރައްޔިތުންގެ މަޖިލިހަށް ސުޕްރީމް ކޯޓުން ހަދާލި ގޮތާއި ރައީސް ޔާމީންގެ ބަހަށް މަސީހު އަމަލްކުރެއްވި އިހާނެތި ގޮތްތަކުން ދައުލަތުގެ އެ ބޮޑު ބާރުގެ ބާރުތައް ނަގައި އެއްކައިރިކޮށްލި އިރު ވެސް މެމްބަރުން ތިއްބެވީ ގުދަށެވެ. މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ނެތް ޝަރުތުތަކެއް ސުޕްރީމް ކޯޓުން ކަނޑައެޅި އިރު ވެސް މެމްބަރުން ހެވިފަ އެވެ. އިތުބާރު ނެތްކަމުގެ ވޯޓުތަކުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓު ކަމަށް އެ ކޯޓުން ނިންމުމުން ވެސް އެއްކަލަ މެމްބަރުން ހަމަ ހެވި އެވެ. ދުނިޔޭގެ އެހެން ތަނެއްގައި ނަމަ، އެ ދުވަސްތަކުގައި، މަޖިލިސް ހުއްޓާލާނީ ސުޕްރީމް ކޯޓާ މެދު ފިޔަވަޅު އަޅައިފަ އެވެ.

ސިފައިންގެ ހިމާޔަތުގައި އަބްދުﷲ މަސީހު މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ގެންދަވަނީ

ބައެއް މެމްބަރުންނަށް ރައްޔިތުންގެ މަޖިލިހަށް ނުވެންނެވޭ ގޮތަށް ސިފައިންނާއި ފުލުހުން ލައްވާ މަޖިލިސް ހިސޯރުކުރުވުމަކީ، މަސީހުގެ ސިޔާސީ ހަޔާތުގައި ތާރީޚަށް ވަދެގެން ދާނެ ކަޅު ސަފުހާއެކެވެ. އެއީ އޭގެ ކުރިން ރާއްޖެ ދުށް މަންޒަރެއް ނޫނެވެ. އަދި އެފަދަ ގޮތަކަށް ދައުލަތުގެ ބާރަކަށް ސިފައިންނާއި ފުލުހުން ހުރަސް އަޅާ މަންޒަރު ކުރިއަށް އޮތް ތަނުގައި ދެކޭކަށް ވެސް ރައްޔިތުން ބޭނުމެއް ނުވާނެ އެވެ.

ދެން ރާއްޖޭގައި ހުވާކުރާނީ މިހާތަނަށް އެއް ޕާޓީއަކުން އެންމެ ބޮޑު ކޮންޓްރޯލެއް އޮންނަ ރައްޔިތުންގެ މަޖިލިހެވެ. އެމްޑީޕީގެ 65 މެމްބަރުންނާ އެކު އާ މަޖިލިސް އަންނަ މަހު އުފެދޭ އިރު މާޒީން ފިލާވަޅު ދަސްކުރުން މުހިންމެވެ. ބާރެއް ލިބުމަކީ ހިތުހުރި ގޮތަކަށް ކަންކަން ކުރުން ކަމަށް ގަބޫލުކޮށްފި ނަމަ އޭގެ ހިތި ނަތީޖާ ރައްޔިތުން ދައްކާނެކަން މިދިއަ އިންތިހާބުން އެ ވަނީ ފެނިފަ އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިސް ދެން ވާން ޖެހޭނީ ލަދެއް ހުރި، ގޮތެއް ހުރި ތަނަކަށެވެ. ގާނޫނުއަސާސީ ދެމެހެއްޓުމާއި ހައްގުތަކުގެ ގާނޫނުތަކަށް އިހުތިރާމްކުރުމާއި އިދިކޮޅު ހަރަކާތްތައް އޮންނަން ޖެހޭނެ ކަމާއި މިނިވަން މުއައްސަސާތައް ބާރުވެރިކަމާ އެކު ދެމެހެއްޓުމަކީ މަޖިލިހުގެ ޒިންމާއެއްކަން ފުރަތަމަ ދުވަހު ވެސް ގަބޫލުކުރަން ޖެހޭނެ އެވެ.

23 ކޮމެންޓް, 70 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 3%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުރައްޔާ

13 May 2019

ލަދެއް އަގަލެެއްނެތި އުޅުނު މީހުންގެ މީހުންނަށް މެޖޯރިޓީ މިހާރުވެސް ލިބިފައިވަނީ ލަދާ އަގަލާ ޙަޔާތާ ހުރި ބަޔަކަށްނޫން މެޖޯރިޓީ ލިބިފައި އެއޮތީ ހުސް ދެބައި ކުޅަބައިގަ އުޅޭ މީހުން ހަމައިން ނެއްޓިގެން އުޅޭ މީހުން ރީނދޫ ކުލައިން މަޖިލީހަށް މިފަހަރު ހޮވިފައިވަނީ މީ ޙަޤީގަތް

The name is already taken The name is available. Register?

ޝެލަރީ

01 May 2019

ވަރަށް ސަޅި އަދި ވަރަށް ސަޅިވީސް ލުތުފީއާ ފައިސާ ގޯނި ވާހަކަޔާ މެންބަރުން ގަނެފަހުރި ގޯތިތަކާ ފުލެޓް ތަކުގެ ވާހަކަވެސް ލިޔެލިނަމަ ފުލެޓާ ގޯތިތައްވެސް ހުރީ މީސް މީހުންގެ ނަމުގަ ގަނެފާ ދެއްތޯ؟

The name is already taken The name is available. Register?

ސަކީނާގެ އަމާ

30 April 2019

ނިހާނާ އަދުރޭގެ ނަން ލިޔާނީރަން އަކުރަކުންނޭ......ކަމަށް ގާބިލު ވަރަށް ހީރޯ ދެލީޑަރު ކަން ޔަޤީން ކަށަވަރު...ކިހާ ދެރަތޯ ނުހޮވުނީމާ މިފަދަ އަގުހުރި ދަރިން މިފަހަރު.....އެމެން ގެންނާނެ ލާނީ ބަލަން ތިބެމާ ޔަގީން ކަށަވަރު.....

The name is already taken The name is available. Register?

އެސްޓީ

30 April 2019

މީ ދިވެހިން. އަނެއްކާވެސް ހަނދާން ނެތޭނެ.

The name is already taken The name is available. Register?

މިއީ ދިވެހި ރާއްޖެ ބަލަގަ

30 April 2019

މި ފަހަރުގެ މަޖްލީސް ވަކި ސަހަލު ވާނެ ހެން ހީވޭތަ؟ ޑްރަގް މައްސަލަ ތަކުގައި ހުކުމް ކޮށްފައި ތިބި މީހުން ނާއި ވައްކަ.ުގެ ކުށުގެ ރެކޯޑްސް އޮތް މީހުން ނާއި މަސްތުވެގެން ތިބެ ވެއްޔާ މޮޑެވިފައި ތިބި މީހުން ނާއި ތި މަޖްކީހަށް ހޮވިފައި ބައިވަރު އެބަ ތިއްބެވެ.

The name is already taken The name is available. Register?

ލ ދެކުނު ދާއިރާ

30 April 2019

މި ދާއިރާ އިން ހޮވީ މެޑަމްގެ ސައީދެވެ.އެވީ ކޮން އެއްޗަކަށް ތޯއެވެ. ރައީސް ކަމުން ޔާމީނު ވައްޓާލަން އިއްޔެ ވޯޓް ދިން މީހުން މިއަދު ނިކުތީ ޕީއެންސީގެ ނައިބު ރައީސް ސައީދު ހޮވާށެވެ. ހަމަ އެއްމެ ލާރިއެއް ވެސް ނުދީ ޔޯލައެވެ ހެހެހެ

The name is already taken The name is available. Register?

މާވަށު ދާއިރާ

30 April 2019

އަހަރެމެން ދާއިރާގެ އިންތިޚާބު ދިޔައީ ތި ބުނި ގޮތާ ދިމާ އިދި ކޮޅަށެވެ.ރައްޔިތުން ވޯޓް ދިނީ ކަރަޕްޝަން އަށެވެ.ފައިސާ އަށެވެ.

The name is already taken The name is available. Register?

ދެން އަތް ޖަހާ

30 April 2019

ހެޔޮ ކޮށް! ފުރިހަމަ ސުރުޚީއެއް! އެބައިމީހުންގެ އަސްލު ސިފަ އެއީ!

The name is already taken The name is available. Register?

ކައުންސެލަރު

30 April 2019

ނިމިގެން މިދާ މަޖިލިސްގޯސް.. އޯކޭ! އެކަމަކު އެމަޖިލީހުން ގޯސްވީ ހަމައެކަނި ރައީސްޔާމީންއާއި އެސަރުކާރަށް ވާގިދިން މެމްބަރުންބާ؟ ބިން މިލްކުކުރެވޭ ގާނޫނަށް ވޯޓްދިން އެންމެންކޮބާ؟ ހަމައެއާއެކު... އާމަޖިލީހަކީ ސަރުކާރުޒިންމާދާރު ކުރުވާނެ ބައެއްބާ؟ ނޫން! ހަމަ ތިޔަބުނާ ރަބަރުއިސްޓޭމްޕު ހަމަޖަހާލާނީ. ދެންގާނޫނު އަސާސީ އަށް ހުރުމަތްތެރިކޮށް ހިތުމަށްޓަކައި ބިސްމިވެސް ހިމެނޭ އެފޮތްމައްޗަށް ކޮޅަށް އަރާވަޑައިގެންނެވި ކަމަނާގެ ނަންކޮބާ؟ މިކޮމެންޓް ޖެހޭނެތަ؟

The name is already taken The name is available. Register?

ރަދީފް

30 April 2019

ލަދެއް ހަޔާތެއް ، އަގަލެއް ، ގޮތެއް ފޮތެއް ނެތް ބައެއް ، އެއީ ކޮންބައެއް؟؟ 18 ވަނަ ޓްރޭޑިން ފްލޯގެ މެމްބަރުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454