އިސްލާމީ ގޮތަކީ ހައްގަށް ވުރެ މަސްއޫލިއްޔަތަށް އިސްކަން ދިނުން

ހައްގުތައް ހޯދުމުގެ ވާހަކަ އަކީ އިންސާނީ ފިކުރުތަކުގައި ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. ނަމަވެސް އިސްލާމީ ފިކުރުގައި ބޮޑަށް ބާރު އަޅަނީ ހައްގުތައް "ހޯދާކަށް" ނޫނެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާ ކުރުމަށެވެ. އަދި އޭގެ ނަތީޖާ އެއްގެ ގޮތުން ހައްގުތައް ލިބިގެން ދިއުމަށެވެ. މިއީ މުޖުތަމައަށާއި ފަރުދުންނަށް މާ މަންފާ ހުރި ގޮތެއްކަން މި ދެ ފިކުރު އަޅައި ކިޔައިލުމުން ހާމަވެގެން ދާނެ އެވެ.


ހައްގުތައް ހޯދުމަށް ވުރެ މަސްއޫލިއްޔަތު އަދާ ކުރުމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބާރު އަޅުއްވަ އެވެ. މީގެ އެއް މިސާލަކީ ވެރިން ރައްޔިތުންގެ ހައްގުތައް ނުދީ އެކަމަކު އެ މީހުންގެ ހައްގުތައް ރައްޔިތުން އަތުން ހޯދަން އެދިއްޖެ ހާލަތެއްގައި ކަން ކުރާނެ ގޮތަކާ މެދު ސަލަމަތު ބުނު ޔަޒީދު ކީރިތި ރަސޫލާގެ އަރިހުގައި ސުވާލު ދެންނެވުމުން އެކަލޭގެފާނު ދެއްވެވި ޖަވާބެވެ. މި ސުވާލާ މެދު ހިތްޕުޅު ހަމަޖެހި ވަޑައިނުގަންނަވާތީ ޖަވާބު ނުދެއްވަވައި ދެ ފަހަރަކު ފުރަގަސް ދެއްވެވުމަށް ފަހު ތިން ވަނަ ފަހަރު ޖަވާބުގައި ހަދީސް ކުރެއްވީ "ތިޔަބައިމީހުން އަޑުއަހައި ކިޔަމަން ވާށެވެ! ފަހެ އެމީހުން (ވެރިން)ގެ މައްޗަށް އޮތީ އެމީހުން އުފުލަން ޖެހޭ ޒިންމާތަކެވެ. ތިޔަބައިމީހުން (ރައްޔިތުން)ގެ މައްޗަށް އޮތީ ތިޔަބައިމީހުން އުފުލަން ޖެހޭ ޒިންމާތަކެވެ." (މުސްލިމް)

ފަރުދުންނާއި ޖަމާއަތްތަކުން އެހެން ވަކިވަކި ފަރުދުންނާއި އާއިލާ އާއި މުޖުތަމައާއި މުޅި އިންސާނިއްޔަތާ މެދު އުފުލަން ޖެހޭ މަސްއޫލިއްޔަތަށް އިސްލާމީ ފިކުރުގައި އިސްކަން ދީފައި އެހެން ފިކުރުތަކުގައި ހައްގުތައް ހޯދުމަށް އިސްކަން ދީފައިވުމުގެ ސަބަބުން ފާހަގަ ވެގެންދާ ފަރަގުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ފަރަގަކީ އިސްލާމީ ފިކުރުގައި ވާ ގޮތުން އެކަކު އަނެކަކާ ދެމެދު އޮންނަ ގުޅުންތައް އިންތިޒާމު ވެގެން ދާނީ ހެޔޮ ފޯރު ކޮށްދިނުމާއި އެހީވުމާއި ގުރުބާންވުމުގެ ގުޅުންތަކަކަށެވެ. ނަތީޖާއަކަށް ވާނީ ލޯތްބާއި ކުލުނާއި އެކުވެރިކަމާއި ބަދަހިކަމާއި އަމަން އަމާންކަން ގާއިމުވެގެން ދިއުމެވެ.

ނަމަވެސް މިއާ ޚިލާފަށް ހައްގުތައް ހޯދުމަށް އިސްކަން ދެވޭ ކަމަށް ވާނަމަ ގުޅުންތައް އިންތިޒާމު ވެގެންދާނީ ހޯދުމާއި އަތުލުމާއި މަށަށް މަށަށް ކިޔުމުގެ ގުޅުންތަކަކަށެވެ. ހައްގު ހޯދުމުގެ ނަމުގައި ހުއްދަ ނޫން ވާދަ ކުރުންތަކާއި ފޭރުންތަކާއި ޓެކުންތަކުގެ ގުޅުމަކަށެވެ. ނަތީޖާއަކަށް ވާނީ މީސްތަކުންގެ މެދުގައި ހަމަނުޖެހުމާއި ނުތަނަވަސް ކަމާއި އެކަކު އަނެކަކަށް ހަސަދަވެރިވުމާއި ރުޅިވެރިކަން އުފެދުމެވެ. އަދި ޖަރީމާތައް ހިންގުމާއި ބަޣާވާތާއި ހަނގުރާމަތައް ފަދަ ކަންކަން ހިނގުމެވެ.

އުންމަތްތަކުގެ އިތުރުން އާއިލާތަކުގެ ދެމެދުގައި ވެސް މިފަދަ ނުރަނގަޅު ސިފަތައް އާންމުވުމެވެ. މީގެ މިސާލުތައް ހަމަ ކޮންމެ މުޖުތަމައަކުން ވެސް ފެންނަން އެބަހުއްޓެވެ. ތަފާތު އެކިއެކި ބައިބައި މީހުން، މިސާލަކަށް އަންހެނުން، މަސައްކަތްތެރިން، ރައްޔިތުން، އެމީހުންގެ ހައްގުތައް ހޯދަން ވެގެން މަސައްކަތް ކުރުމުގެ ސަބަބުން މުޖުތަމައުތަކުގައި އުފެދިގެން އަންނަނީ ތަފާތު ފަންތިތަކާއި ތަފާތު ބައިބައި މީހުންގެ މެދުގައި އޮންނަ ދެކޮޅުވެރި ކަމާއި ނުރަނގަޅު ވާދަވެރި ކަމެވެ.

ދެވަނަ ފަރަގަކީ، މަސްއޫލިއްޔަތު އުފުލުމުގެ ބަދަލުގައި ހައްގު ހޯދަން އުޅުމުން ﷲ އަށް އިންސާނާ މަސްއޫލުވާން ޖެހޭ މަސްއޫލުވުމުގެ ގުޅުން ނެތި ދިއުމެވެ. ނަތީޖާއަކަށް ވަނީ އަމިއްލަ ނަފްސު މުރާޤަބާ (އޮބްޒާވް) ކުރުން ނެތި އަޚުލާގީ މިންގަނޑުތައް ފަހަނައަޅައި ދިއުމެވެ. ތިމާގެ އަމަލުތައް ﷲ ބައްލަވާ ވޮޑިގެންވާ ކަމުގެ އިހުސާސް ނެތި ދިއުމެވެ. އެހެންވެ އަނެކާ އަށްޓަކައި ތިމާ އަދާ ކުރަން ޖެހޭ ޒިންމާތަކެއް އޮންނަ ކަން ހަނދާން ނެތުމެވެ. މުޖުތަމައުގެ ތަފާތު އެކިއެކި މުއައްސަސާތަކުގައި ވެސް މީހުންގެ ހައްގުތަކަށް އަރައިގަނެވިގެންދާ ތަން އާންމު ވެފައި މިވަނީ މި މަސްއޫލު ވުމުގެ ގުޅުން ﷲ އާ އެކުގައި ނުބޭއްވޭތީ އެވެ.

ރަށެއްގެ ސްކޫލް ދަރިވަރުންތަކެއް ޓެސްޓެއް ހަދަނީ: ދަރިވަރުންނަށާއި ސިޔާސީ މައިދާނުގައި ވެސް މީސްތަކުންނަށް ދަސްކޮށްދޭންވީ ހައްގުތައް ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި މަސްއޫލިއްޔަތު އުފުލުމަށް..

މަސްއޫލިއްޔަތު އުފުލުމުގެ ބަދަލުގައި ހައްގު ހޯދަން އުޅުމުން ފެނިގެންދާ ތިން ވަނަ ފަރަގަކީ، ކިޔަވައި ތަމްރީނު ލިބިގެން މުޖުތަމައަށް ނުކުންނަ ތަފާތު ދާއިރާތަކުގެ ޚާއްސަ މީހުން އެމީހުންގެ މަސައްކަތުގެ ދާއިރާގެ އަޚުލާގީ މިންގަނޑުތައް ހިފަހައްޓަން ނުކުޅެދޭ ބަޔަކަށް ވެފައި ވުމެވެ. މާއްދީ ނަޒަރުން ކޮންމެ ކަމެއްގައި ވެސް ބަލަން އާދަވެފައި ވުމުގެ ސަބަބުން ތިމާ އަށް އެކަމަކުން ގިނަ މަންފާތައް ލިބޭ ކަމެއް ނަމަ އެހެން މީހުންގެ ހައްގަކަށް ކޮންމެހެން ބަލަން ނުޖެހޭނެ ކަމުގެ ވިސްނުން ގެންގުޅުމެވެ.

މިސާލަކަށް ތައުލީމާއި ސިއްހަތު ފަދަ އިންސާނީ ހިދުމަތްތަކަށް ނުކުންނަ މީހާ ވެސް ތިމާ މި އަދާ ކުރަނީ ހިދުމަތެއްކަން ނުދަނެ މިއީ ބޮޑު ވިޔަފާރިގަނޑެއް ކަމަށް ބެލުމެވެ. ނަތީޖާ އަކީ މިފަދަ ހިދުމަތް ލިބިގަންނަ ފަރާތްތަކުން ހިދުމަތަކަށް އެކަށީގެން ނުވާ މިންވަރުން ހޭދަ ކުރުމާއި ވަގުތުތައް ބޭކާރު ގޮތުގައި ގެއްލިގެން ދިއުން ފަދަ ކަންކަން މެދުވެރިވުމެވެ.

ހަތަރު ވަނަ ފަރަގަކީ، އެ ފިޠުރަތެއްގެ މަތީގައި ﷲ އިންސާނާ ލައްވަވާފައިވާ ފިޠުރަތާ މިކަން ޚިލާފު ވުމެވެ. މާއްދީ އެދުންތަކާއި ޝަހުވަތްތަކަށް އިންސާނުން ލޯބި ކުރުމުގެ ތަބީއަތް އޮތް ކަމުގައި ވިއަސް ހައްގު ގޮތަށް ލެނބުން އެއީ އިންސާނީ ފިޠުރަތެވެ. މިކަން ކީރިތި ޤުރުއާނުގައި ވެސް ބަޔާން ކުރެވިފައި ވެއެވެ. މިގޮތުން މަސްއޫލިއްޔަތު އުފުލުމަކީ ވެސް އިންސާނީ ފިޠުރަތުގައިވާ ކަމެކެވެ.

މީގެ ހެކި އިންސާނާގެ ނަފްސުން ފެންނަން އެބަހުއްޓެވެ. ނަފްސާނީ ދިރާސާތަކުން ދައްކާ ގޮތުގައި މަސްއޫލިއްޔަތު އުފުލުމުގެ ޝުއޫރަކީ އިންސާނާގެ ނަފްސުގެ ވަރަށް އަޑިޔަށް އޭގެ މޫ ލާފައިވާ ކަމެކެވެ. އެކަން ކުރެވުމުން އިންސާނާ އަށް ލައްޒަތު ލިބި އުފާ ހާސިލުވާ ކަމެކެވެ. މި ފިޠުރަތަށް ބަދަލެއް ނާންނަ ނަމަ "އަތުލުމަށް" ވުރެ "ދިނުން" އެއީ ފަސޭހަ ކަމެއް ކަމުގައި ވާނެ އެވެ.

ނަފްސާނީ އިލްމުވެރިއެއް ކަމުގައިވާ އެރިކް ފްރޮމް ވިދާޅުވާ ގޮތުގައި ނަފްސުގައިވާ މަސްއޫލިއްޔަތު އުފުލުމުގެ ޝުއޫރު ހާމަވެގެން ދަނީ ލޯބީގެ އިހުސާސްގެ ތެރެއިންނެވެ. ލޯތްބަކީ "އަތުލުމެއް" ނޫނެވެ. އެއީ "ދިނުމެކެވެ". ތިމާގެ ނަފްސާއި ހަޔާތާއި އުފާތަކާއި އަހަންމިއްޔަތުކަން ދޭ ކަންކަމުން ގުރުބާން ކޮށް އެހެން މީހުންގެ ހަޔާތަށް ދިރުން ގެނެސްދިނުމެކެވެ. މި ދިރުން ގެނެސް ދެވޭނީ ހަތަރު ކަމެއްގެ ތެރެއިންނެވެ. ފުރަތަމަ ކަމަކީ އަޅާލުމެވެ. ދެވަނަ ކަމަކީ މަސްއޫލިއްޔަތު އުފުލުމެވެ. ތިންވަނަ ކަމަކީ އިހުތިރާމު ކުރުމެވެ. ހަތަރު ވަނަ ކަމަކީ ހަގީގަތްތައް ދެނެގަތުމެވެ.

މަސްއޫލިއްޔަތު އުފުލުމުގެ ޝުއޫރަކީ ފިތުރަތުގައިވާ ކަމެއް ކަމުގެ ހެކި ލޯބީގެ އިހުސާސަށް ފުންކޮށް ވިސްނާލުމުން ފެނިގެންދާނެ އެވެ. މިސާލަކަށް މަންމައަކު އޭނާގެ ދަރިފުޅަށް އޮންނަ ލޯބި ހާމަ ކުރެވޭނީ އަޅާލުމާއި ކުލުނުންނެވެ. މިއީ މަސްއޫލިއްޔަތު އުފުލުމުގެ ޝުއޫރާއި އިހުތިރާމު ކުރުމާއި ތަންދޮރު ދަތުން ނެތި ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ހިތާމަ އަކީ މަސްއޫލިއްޔަތު އުފުލުން އަދުގެ ޖީލުތަކަށް ތަސައްވުރު ކުރެވިފައި މި ވަނީ އަދާ ކުރާ ވާޖިބެއްގެ ގޮތުގައި ކަމަށް ވުމެވެ. ގަދަ ބާރުން ކުރުވާ ކަމެއްގެ ގޮތުގައި ވުމެވެ. ނަފްސުން ދެމިގެން އަންނަ ފިޠުރީ ކަމެއްގެ ގޮތުގައި ނުވުމެވެ. މިކަން މިހެން ވުމުގެ ސަބަބަކީ މަސްއޫލިއްޔަތު އުފުލަން ދަސްކޮށްދިނުމުގެ ބަދަލުގައި ހައްގުތައް ހޯދަން އުޅެން ދަސްކޮށްދެވުމެވެ.

ވީމާ މިއަދު މަދަރުސާތަކާއި ކޮލެޖު ޔުނިވަރުސިޓީތަކުގައި ވެސް އަދި ސިޔާސީ މައިދާނުގައި ވެސް މީސްތަކުންނަށް ދަސްކޮށްދޭންވީ ހައްގުތައް ހޯދަން މަސައްކަތް ކުރާކަށް ނޫނެވެ. އިންސާނީ ފިތުރަތަށް ރުޖޫއަވެ ﷲ ގެ ކުރިމަތީ ތިމާ މަސްއޫލު ވާން ޖެހޭ ކަމުގެ އިހުސާސްތައް އަށަގެންނެވުމަށެވެ. އެހެން މީހުންނާ މެދު ތިމާ އުފުލަން ޖެހޭ ޒިންމާތަކެއް ވާކަން ދަސްކޮށް ދިނުމަށެވެ. އޭރުން އެންމެންނަށް ވެސް ހައްގުތައް ލިބިގެންދާނެ އެވެ. ގަދަ ކަމުން އެ ހޯދަން އުޅޭކަށް ނުޖެހޭނެ އެވެ.