އޮޅުން ބޮޅުން: ވެރިކަން އޮތީ ކޮން ބައެއްގެ އަތުގައިތޯ؟

މިހާރު ވެރިކަމުގައި އޮތް ސަރުކާރަކީ ކޮބައިކަން އޮޅުންއަރާ ގޮތަށް ބައެއް ފަރާތްތަކުން ޚިޔާލު ފާޅުކުރާތަން މަދުން ނަމަވެސް ފެނެ އެވެ. އެ ގޮތަށް ބައެއް ފަރާތްތަކަށް ޚިޔާލު ފާޅުކުރެވެނީ ކުރީގައި އޮތް ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރެވިފައި އޮތް ގޮތުންނެވެ. ކުރިން ވެރިކަމުގައި އޮތް ޚުދުމުޚްތާރު، އަމިއްލަ އެދުމާއި ޚިޔާނާތާއި ފަސާދައިގެ ވެރިކަން ރައްޔިތުންގެ ވޯޓުން ކޮންމެ ގޮތަކަށް ވެސް ބަދަލު ކުރުމަށް، އެ ވެރިކަމަށް ނުރުހޭ އެންމެން އަތު ގުޅައިލައިގެން މަސައްކަތް ކުރި އެވެ. ޚިޔާލު އެއްގޮތް ވެގެންނެއް ނޫނެވެ. ގައުމު ކުރިއަށް ގެންދާނެ މަގާ މެދު އެއް ވިސްނުމެއް އޮވެގެނެއް ނޫނެވެ. ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު އެއްމޭރުމަކުން ވާހަކަ ދައްކައިގެންނެއް ނޫނެވެ. ހުރިހާ ބައިވެރިންނަށް އެއްވެސް ދެބަސް ވުމެއް ނެތި އެއްބަސް ވެވުނީ އެންމެ ކަމަކާ އެވެ: ބަދަލަކަށެވެ. ކޮންމެ ގޮތަކުން ވިޔަސް ބަދަލަކަށެވެ. އެހެން ވިޔަސް އެވެ. ނުވަތަ މިހެން ވިޔަސް އެވެ.


ވޯޓުގެ ތެރެއިން ބަދަލެއް ގެނައުމަށް ހުރިހާ ސިޔާސީ ޕާޓީތަކުން ގަބޫލުކުރެވޭ ކެންޑިޑޭޓެއް ރައްޔިތުންނަށް ދައްކަން ޖެހެ އެވެ. އެ އިރު ހުރިހާ ސިޔާސީ ޕާޓީތައް އެއްބަސް ވާނެ، ގައުމީ، ހައިބަތު ހުރި، ތަފާތު ލައްތަކެއް ޖެހިފައި ނުވާ، މީހުން ގެންގުޅެން އެނގޭނެ، އެކީގައި މަސައްކަތް ކުރެވޭނެ ކަމަށް، މާޒީގެ މަސައްކަތްތަކުން ފެނިފައި އޮތް ގިނަ ކެންޑިޑޭޓުންނެއް، އެ އިރު އޮތް ސިޔާސީ މަސްރަހުން ފެންނާކަށް ނެތެވެ.

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި، އެ އިރު އޮތް ސަރުކާރުގެ ސިޔާސަތުތަކާ އިދިކޮޅު ހުރިހާ ޕާޓީތަކުން ނިންމީ އެހާ ހިސާބުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އަކީ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓެވެ. އެމަނިކުފާނަކީ އެމްޑީޕީގެ ލީޑަރެކެވެ. އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ވެސް މެއެވެ. އެހެންނަމަވެސް ގުޅިފައިވާ ޕާޓީތަކުން އިންތިޚާބުގެ ކުރިން ވެފައި އޮތް އެއްބަސްވުމުގެ ދަށުން، އެއްބަސް ވެވުނު ރިޔާސީ ކެންޑިޑޭޓު ވެސް މެއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ވުމުން، އެ ކާމިޔާބީ އަކީ ގުޅިފައިވާ ޕާޓީތަކުގެ ކާމިޔާބީއެއް ކަމުގައި ބުނުމުގެ އެއްވެސް ގޯހެއް ނެތެވެ. އެ ކާމިޔާބު ހޯދުމަށް އެކި ޕާޓީތަކުން މަސައްކަތް ކުރި މިންވަރު ތަފާތު ވެދާނެ އެވެ. އެހެންނަމަވެސް އެ ކާމިޔާބު ހޯދުމަށް ގުޅިފައިވާ ހުރިހާ ޕާޓީތަކުން ވެސް ބޮޑެތި ޚަރަދު ކުރި އެވެ. މިންނެތް މަސައްކަތް ކުރި އެވެ. އެ ޕާޓީތަކުގެ ނަޒަރުން ބޮޑެތި ގުރުބާނީތައް ވެސް ކުރި އެވެ. ތެދުފުޅެކެވެ. ގުޅިފައިވާ ޕާޓީތަކުން ރައީސަކަށް ކުރިމަތި ލެއްވުމަށް އެއްބަސް ވެވުނީ އެމްޑީޕީގެ ލީޑަރަކަށެވެ. މިހެން ކަން އޮތް ކަމުގައި ވިޔަސް، މިހާރު ގެ ރައީސުލްޖުމްހޫރިއްޔާ އަކީ ކޯލިޝަނުން ހޮވި ރައީސެކެވެ.

ރިޔާސީ އިންތިޚާބަށް ފަހު ގިނަ ދުވަސްތަކެއް ނުވެ، އާއްމު އިންތިޚާބު ބޭއްވި އެވެ. އެ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން އެއްބަސް ވެވުނީ އެންމެ ކަމަކާ އެވެ. އެ އިންތިޚާބުގެ ތެރޭގައި އެއް ޕާޓީއަކާއި އަނެއް ޕާޓީއަކާ އިންތިޚާބުގެ މަސައްކަތްތަކުގައި، އެއްވެސް ގުޅުމެއް ނުއޮތުމަށެވެ. މި ގޮތަށް އެއްބަސް ވެވުނުކަން ދެއްކީ އަމަލުންނެވެ. އެއްޗެއްގައި ސޮއިކޮށްގެން ނެއް ނޫނެވެ. އެ އިރުގައި ވެރިކަމުގައި އޮތް ސަރުކާރާ އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ބައެއް ޕާޓީތަކުގެ ސިޔާސީ ނައު ސިޔާސީ ކަނޑުގައި ދުއްވީ ސަމުގާއެއް ނެތި ހެން ވެސް ބައެއް ފަހަރު ހީވި އެވެ. އެ ޕާޓީތަކުގެ ސިޔާސީ ނައުގެ ހުންގާނެއް ނެތް ހެން ހީވި ފަހަރު ފަހަރު ވެސް ދިޔަ އެވެ. ކުރި އަށް ދާން ބޭނުންވާ މިސްރާބު ނޭނގެނީ އެވެ.

އެ އިންތިހާބާ އެމްޑީޕީ ކުރިމަތިލީ އެޖެންޑާއަކާ އެކު އެވެ. ކުރާނެ ކަންތަކާއި ނުކުރާނެ ކަންތައް ރައްޔިތުންނަށް ދައްކައިގެންނެވެ. ވައުދުތަކެއް ވެގެންނެވެ. ގެންނާނެ ބަދަލުތައް ދައްކައިގެންނެވެ. ނަތީޖާއަކަށް ވީ ރާއްޖޭގެ ގިނަ ސަރަހައްދެއްގެ ރައްޔިތުން އެމްޑީޕީން ދެއްކި އެޖެންޑާ އަށް ކަންތައް ކުރާނެ ކަމަށް ޤަބޫލު ކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެމްޑީޕީ އަށް ދިނުމެވެ. ރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެއް ޕާޓީއަކަށް ނުލިބޭހާ ގިނަ އަދަދެއްގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރުމެވެ. ރައްޔިތުންގެ މަޖިލީހުގައި، އެމްޑީޕީން ބޭނުން ކަމެއް، ބޭނުން ގޮތަކަށް ކުރުމުގެ ފުރިހަމަ ބާރު ލިބިފައި އޮތުމެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ އެމްޑީޕީގެ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އެބަ އޮތެވެ. އެމްޑީޕީން ރައްޔިތުންނަށް ދެއްކި އެޖެންޑާ ފުރިހަމަ ކުރުމުގެ ހުރިހާ ސިޔާސީ ބާރެއް ރައްޔިތުން ވަނީ އެމްޑީޕީއަށް ދީފަ އެވެ. މި ނަޒަރުން ބަލާ އިރު މިހާރު މިއޮތް ވެރިކަމަކީ އެމްޑީޕީގެ ވެރިކަމެކެވެ.

ސިޔާސީ ޕާޓީތަކަށް މަސައްކަތް ކުރުމަށް ގާނޫނު ތަން ދިނުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަނީ އަމިއްލަ ކެންޑިޑޭޓުގެ ގޮތުގައި ކުރިމަތިލައިގެން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓެކެވެ. މިހެންވުމާ އެކު ސަރުކާރުން ބޭނުންވާ ބައެއް ބިލްތައް ފާސްކުރުމަށް، ސަރުކާރަށް ބޭނުންވާ އަދަދަށް ވޯޓު ހޯދުމުގެ ބޭނުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ އޭގެ ކުރީގެ ޒަމާނުގައި ރަދުންގެ އަށް މެމްބަރުން ޢައްޔަނުކުރާ ގޮތަށް ހަމަޖެހިފައި އޮތެވެ. މި ގޮތަށް މެމްބަރުން ޢައްޔަނު ކުރުމުގައި ވެސް ލިޔެފައި ނުއޮންނަ އުސޫލެއް ގެންގުޅުނެވެ. އެ އަށް މެމްބަރުންގެ ތެރޭގައި އަންހެން ކަނބަލަކު ހިމެނުމާއި، ދީނީ ކަންތައްތައް އެނގިވަޑައިގަންނަވާ ބޭފުޅަކު ހިމެނުމާއި، ގާނޫނީ ކަންތައްތައް ދެނެވަޑައިގަންނަވާ ބޭފުޅަކު ހިމެނުމާއި، މުޖުތަމައުގައި ގަދަރުވެރި ބޭފުޅަކު ހިމެނުމެވެ. މި އަށް މެމްބަރުންގެ ތެރޭގައި ވަރަށް ގިނަ ފަހަރު ވަޒީރުން ހިމެނިވަޑައިގަތެވެ. އޭގެ ތެރޭގައި ބަންޑާރަ ނައިބާއި އަދުލު އިންސާފުގެ ދާއިރާ އާއި ދީނީ ކަންތައްތަކާ ހަވާލުވެވަޑައިގެން ތިއްބެވި އިސް ބޭފުޅުން ހިމެނެ އެވެ. އަމިއްލަ މެމްބަރަކު ހުށައަޅާ، އަމިއްލަ ބިލެއް ފިޔަވައި، އެހެން ބިލްތައް ހުށައަޅަނީ ސަރުކާރުންނެވެ.

އާއްމު ގޮތެއްގައި ބެލެވިފައި އޮންނަނީ ސަރުކާރުން ހުށައަޅާ ބިލްތަކަށް ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރަދުން އައްޔަނު ކުރައްވާ މެމްބަރުން ވޯޓު ދެއްވާނެ ކަމަށެވެ. އެ ބޭފުޅުން ފަރުދީ ގޮތުން އެ ބިލަކަށް ތާއީދު ކުރައްވަން ބޭނުންފުޅު ނުވިޔަސް މެ އެވެ. އެހެންނަމަވެސް ފަހުގެ ތާރީޚުގައި ވަރަށް މަދުން ސަރުކާރުން އައްޔަންކުރި މެމްބަރުންގެ ތެރެއިން މެމްބަރަކު ސަރުކާރުގެ ހުށައެޅުމާ އެއްގޮތަށް ވޯޓު ދެއްވާފައެއް ނުވެ އެވެ. އެ ގޮތަށް އައްޔަންކޮށްފައި ތިބި އެހެން މެމްބަރުން ދެކެވަޑައިގެންނެވީ، އެ ގޮތަށް އެހެން ދެވޭ ވޯޓަކީ އެ ބޭފުޅުންގެ އާއްމު ސުލޫކީ މިންގަނޑުން ބޭރުން ދޭ ވޯޓެއްގެ ގޮތުގަ އެވެ. ގާނޫނުއަސާސީ އާއި ގާނޫނާއި މަޖިލީހުގެ ގަވައިދުތައް ބަދަލުވުމުން މިހާރު ސަރުކާރުގެ ބިލްތައް ހުށައަޅަނީ ވެރިކަން ކުރާ ޕާޓީގެ މެމްބަރެކެވެ.

ރާއްޖޭގައި މި ވަގުތު ސިޔާސީ މަސްރަހު އޮތް ގޮތް ކަމަށް އަޅުގަނޑު، މި ދެންނެވި ގޮތަކީ ރިޔާސީ ނިޒާމަށް ވެރިކަން ކުރާ ގައުމުތަކުގައި އާ ކަމެއް ނޫނެވެ. ފަރަންސޭސި ވިލާތުގައި ވަރަށް ގިނައިން ޤާނޫނު ހަދާ ގޭގެ ފުރިހަމަ އަޣްލަބިއްޔަތު ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ޕާޓީ އަށް ނުލިބި، އެހެން ޕާޓީތަކަށް ލިބެ އެވެ. އެމެރިކާގައި ވެސް މިގޮތަށް ދިމާވެ އެވެ. މިހާރު ވެސް ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އަޣްލަބިއްޔަތު އޮތީ ރައީސްގެ ޕާޓީއަކަށް ނޫނެވެ. ރާއްޖޭގައި އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ދެއްކި ކެންޑިޑޭޓަކީ ގުޅިފައިވާ ޕާޓީތަކުން ބަލައިގެންފައިވާ ރިޔާސީ ކެންޑިޑޭޓު ވެސް މެއެވެ. މިހެންވުމާ އެކު ރައީސުލްޖުމްހޫރިއްޔާ އަކީ ގުޅިފައިވާ ޕާޓީތަކުން ހޮވި ބޭފުޅެއް ކަމުގައި ބެލެވުނަސް އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. މަޖިލީސްގެ އަޣްލަބިއްޔަތު އޮތީ އެމްޑީޕީ އަށެވެ. ރައީސް އަކީ އެމްޑީޕީގެ ލީޑަރެކެވެ. މިހެން ވުމާ އެކު ސަރުކާރު ހިންގުމުގެ ނިޒާމު އޮތް ގޮތާ މެދު އޮޅުންއަރާނެ ގޮތެއް އޮތް ކަމަކަށް ނުފެނެ އެވެ. އަޅުގަނޑުމެންނަށް، މި ކިއެނީ އެކައްޗެކެވެ: "ކައިގެންނޭ ފުރާނީ، ނުކައެއް ނުފުރާނަމެ"ވެ.