މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތް ނިންމުމުގެ އިޚުތިޔާރު ވަކިވަކި ފަރުދުންނަށް ލިބިގެންވޭބާ؟

ޔޫ.އެން ކްލައިމެޓް ސަމިޓްގައި ބައިވެރިވުމަށް، 16 އަހަރުގެ ކްލައިމެޓް އެކްޓިވިސްޓް ގްރެޓަ ތަންބަރގް ޔޫރަޕުން ނިޔު ޔޯކަށް ދިޔައީ ތިމާވެށްޓާ ރައްޓެހި ރިޔަލު ބޯޓެއްގައި 3000 މޭލުގެ ދިގު ދަތުރެއް ކޮށްފަ އެވެ. އޭނާ ދެކޭގޮތުގައި މޫސުމީ ބަދަލާ ގުޅިގެން ކުރާ ނޭދެވޭ އަސަރުތަކަކީ ދުނިޔެ އަށް އަދި އިންސާނިއްޔަތަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ގޮންޖެހުމެވެ. އަދި ލަސްނުކޮށް މިހާރުން މިހާރަށް މި މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޭނާ ވަނީ ގޮވާލައިފަ އެވެ.


މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމުގެ މަސައްކަތް ހުއްޓާލާފައި ތިބުމުގެ އިޙްތިޔާރު އަޅުގަނޑުމެންނަށް އެބައޮތް ބާ؟ މީގެ ޖަވާބަކީ ޝައްކެއްވެސް ނެތް ގޮތުގައި "ނޫނެކެވެ".

މިހާރު ދުނިޔެ ހޫނުވަމުންދާ ރޭޓަށް ބަދަލެއް ނާންނަ ކަމުގައިވާ ނަމަ 2030 ވަނަ އަހަރާއި 2052 ވަނަ އަހަރާ ދެމެދު ދުނިޔޭގެ އެވެރެޖް ފިނިހޫނުމިން 1.5 ޑިގްރީއަށް އުފުލޭނެ ކަމަށް އައި.ޕީ.ސީ.ސީ ރިޕޯޓު 2018 ގައި ބަޔާން ކޮށްފައި ވެ އެވެ[1]. މިހާރު ދުނިޔޭގައި މިހިރަ ފިނިހޫނު މިނަށް ވުރެ، ފިނިހޫނުމިން 1.5 ޑިގްރީ އަށް މަތިވެއްޖެ ނަމަ 2100 ވަނަ އަހަރު އަންނަން ވާއިރަށް ކަނޑުގެ ލޮނުގަނޑު މިހާރު ހުރި މިންވަރަށް ވުރެ 0.26 މީޓަރާއި 0.77 މީޓަރާ ދެމެދަށް އުސްވެގެންދާނެ އެވެ. އަދި ދުނިޔޭގެ ހޫނުމިން 2 ޑިގްރީ ސެލްސިއަސް އަށް އިތުރުވެއްޖެ ނަމަ ކަނޑުގެ ލޮނުގަނޑު ކުރިން މި ދެންނެވި އަދަދުގެ އިތުރަށް 0.1 މީޓަރަށް އުސްވެގެންދާނެ އެވެ. ކަނޑުގެ ލޮނުގަނޑު އުސްވާ މިންވަރު އެންމެ 0.1 މީޓަރަށް ދަށްވެއްޖެ ކަމުގައި ވީ ނަމަވެސް، މިކަމާ ގުޅިގެން ކުރިމަތިވާނެ ނުރައްކާތަކުން 10 މިލިއަން މީހުން ސަލާމަތްވާނެ އެވެ.

ދުނިޔޭގެ ހޫނުމިނަށް 1.5 ޑިގްރީ ސެލްސިއަސްގެ ބަދަލެއް އަތުވެއްޖެ ކަމުގައިވާ ނަމަ، ދުނިޔޭގެ ފަރުތައް 70 އިންސައްތަ އާއި 90 އިންސައްތައާ ދެމެދުގެ އަދަދަކަށް ނެތިގެން ދާނޭ ކަމަށް ލަފާކުރެވެ އެވެ. އަދި 2 ޑިގްރީ ސެލްސިއަސް އަށް ދުނިޔެ ހޫނުވެއްޖެ ކަމުގައި ވަނީ ނަމަ، ފަރުތަކުގެ 99 އިން ސައްތަ އަށް ގެއްލުން ވާނެ ކަމަށް ލަފާކުރެވެ އެވެ. އައި.ޕީ.ސީ.ސީ ރިޕޯޓުގައި ބަޔާންކުރާ ގޮތުން ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑާއި ހޭޅިފަށުގެ ދިރުންތައް ނެތިގޮސް އިއާދަ ނުކުރެވޭނެ އެތައް ގެއްލުންތަކެއް ލިބޭނެ އެވެ. މިގޮތުން 2 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން އުފުލިއްޖެނަމަ މި މިންވަރު އެތައް ގުނައަކަށް އިތުރުވާނެ އެވެ. މިއީ ޚާއްސަކޮށް ރާއްޖެ ފަދަ ތިރި ޖަޒީރާ ގައުމުތަކަށް އޮތް ބޮޑު ނުރައްކަލެކެވެ. ޖައްވަށް ބޭރުވާ ކާބަންގެ މިންވަރު މަދު ކުރުން ނޫން އިތުރު ގޮތެއް މިއަދު އަހަރެމެންނަށް ނެތްކަން ވަރަށް ސާފެވެ. އެހެން ވީމާ މިކަމާ އުޅެމާ ހިނގާށެވެ.

މޫސުމީ ބަދަލާއި މިކަމުން ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅުމަށް ފަހު ވަކިވަކި ފަރުދުންނަށް ދެން ކުރެވޭނެ ކަންކަމަކީ ކޮބައިތޯ އެވެ؟ އަޅުގަނޑުމެން، އެއާ ކޮންޑިޝަން ބޭނުންކުރާ މިންވަރު މަދުކޮށް އެއް ތަނުން އަނެއް ތަނަށް ދިޔުމަށްޓަކައި ހިނގާފައި ނުވަތަ ބައިސްކަލުގައި އުޅޭ މިންވަރު އިތުރުކޮށް، ޖައްވަށް ކާބަން ގޭސް ބޭރުވާ މިންވަރު މަދުކުރުމަށް ތިމާވެއްޓާ ރައްޓެހި، ރާއްޖޭގައި ހައްދާފައި ނުވަތަ ތައްޔާރުކޮށްފައި ހުންނަ ކާނާ ބޭނުން ކުރެވިދާނެ އެވެ. އަދި އިސްރާފު ނުކޮށް "ރީ-ޔޫސް" ނުވަތަ "ރީސައިކަލް" ކުރެވިދާނެ އެވެ. މިހާރު ވެސް ރާއްޖޭގެ ބައެއް ފަރާތްތަކުން ދަނީ ދަނޑުވެރިކަން ކުރުމަށް އާ ހޯދުންތައް ތަޢާރަފުކޮށް ޤުދުރަތީ ނިޒާމު ވަރުގަދަ ކުރުމަށް ގަހާއި މުރަކަ އިންދަމުންނެވެ. ނަމަވެސް އުފެދޭ ސުވާލަކީ މޫސުމީ ބަދަލުތަކާއި މިކަމުން ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ބޭނުންވާ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ އިޚްތިޔާރާއި ފުރުސަތު އެންމެ އެކަށޭނަ މިންވަރަށް އާއްމުންނަށް ލިބިފައި ވޭބާވަ އެވެ؟

ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު ޔޫ.އެން.ޑީ.ޕީގެ ފުރަތަމަ، ހިއުމަން ޑެވެލޮޕްމެންޓް ރިޕޯޓް (އެޗް.ޑީ.އާރް) ޝާއިއު ކުރުމުން، 'ހިއުމަން ޑިވެލޮޕްމެންޓް' ވެގެން ދިޔައީ އިންސާނުން ތަރައްޤީ ކުރުމަށް ހުޅުވުނު އާ މަގަކަށެވެ. މި ކޮންސެޕްޓްގައި ތަރައްގީ އަކީ ހަމައެކަނި އިޤްތިޞާދީ ކުރިއެރުމެއް ނޫނެވެ. "ހިއުމަން ޑިވެލޮޕްމެންޓް" ނުވަތަ އިންސާނީ ތަރައްޤީގެ ބޭނުމަކީ އިންސާނުންގެ ދުޅަހެޔޮކަން އިތުރުކޮށް، މީހުންނަށް ލިބިގެންވާ ފުރުސަތުތައް އިތުރުކުރުމެވެ[2]. އިންސާނުން ތަރައްޤީ ކުރުމުގެ ކޮންސެޕްޓް އައިސްފައި ވަނީ ތާރީޚުގެ ތެރެއިން، ދުނިޔޭގައި ޑިމޮކްރެސީ ޤާއިމް ކުރުމަށް ކޮށްފައިވާ މަސައްކަތުންނާއި ވަކިވަކި ފަރުދުންނަށް ލިބިދޭ ފުރުޞަތުތައް އިތުރުކުރުމަށާއި ދިރިއުޅުމުގެ ފެންވަރު ރަގަޅުކުރުމަށް މަގުފަހިކުރުމަށް ކޮށްފައިވާ މަސައްކަތްތަކުންނެވެ.

ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރެސީ ޤާއިމުވެގެން ދިޔުމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބެމުންދާ ފުރުސަތުތައް މި ވަނީ މިހާރު ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. މީގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް ވޭތުވެދިޔަ 10 އަހަރު ތެރޭގައި އައިސްފައިވާ ބަދަލުތަކާއި ހެޔޮވެރިކަން ޤާއިމް ކުރުމަށް ކުރިއަށްދާ އިސްލާހީ މަސައްކަތް ވެސް ހިމެނެ އެވެ. ސިއްޙީ އަދި ތަޢުލީމީ ފުރުސަތުތައް އިހަށް ވުރެން އިތުރުވެ، ދުޅަހެޔޮކަން އިތުރުވުމުގެ ސަބަބުން ދިވެހިން ދިރިތިބޭ އުމުރު ވެސް މިހާރު ވަނީ ދިގުވެފައެވެ[3]. ރާއްޖޭގައި އުފައްދާ ތަކެތިން ބޮލަކަށް ޖެހޭ ނިސްބަތް ނުވަތަ ޖީ.ޑީ.ޕީ 1978 ގައިހުރި މިންވަރު ކަމުގައިވާ 200 ޑޮލަރުން 2017 ނިމުނުއިރު ބޮލަކަށް ޖެހޭ އަދަދު ވަނީ 11،15 ޑޮލަރަށް އަށް މަތިވެފަ އެވެ. އަދި އެކަމުގެ މާއްދީ ފައިދާ ވެސް ދިވެހިން ދަނީ ހާސިލު ކުރަމުންނެވެ[4]. ދިވެހިން ޑިމޮކްރެސީ ޤާއިމު ކުރަން އިހުލާސްތެރިކަމާ އެކު ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔުމުގެ ނަތީޖާ މިއަދު މިވަނީ ފެންނަން ފަށައިފަ އެވެ. ނަމަވެސް ކުރިން މި ދެންނެވި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ރަނގަޅަށް ނުބެލެހެއްޓިއްޖެ ނަމަ އެ ކަންކަމަކީ އޭގެ ސަބަބުން މި މުޖުތަމަޢަށް އަދި ދުނިޔެ އަށް އޭގެ ނޭދެވެ އަސަރު ކުރާނެ ކަމެކެވެ. ނަވާރަސތޭކަ ނުވަދިހަ އާއި 2014 އާ ދެމެދު ދިވެހިން ޖައްވަށް ނުރައްކާތެރި ކާބަން ގޭސް ބޭރުކުރާ އަދަދު، ބޮލަކަށް ޖެހޭ މިންވަރު ވަނީ 0.8 އިން 3.3 ޓަނަށް އިތުރުވެފަ އެވެ. ނަވާރަ ސަތޭކަ ނުވަދިހަ އަށަކުން ފެށިގެން ރާއްޖޭގެ މުރަކަ ފަރުތައް ދަނީ ބްލީޗް ނުވަތަ ހުދުވަމުންނެވެ. އެގޮތުން 2016 ގައި ރާއްޖޭގެ މުރަކަ ފަރުތަކުގެ 75 އިން ސައްތަ ހުދުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ[5]. މިފަދަ ކަންކަން އިސްލާހު ކުރުމަށް ހަރުދަނާ ސިޔާސަތުތައް އެކަށައަޅާނެ ޤާބިލު ފަރާތްތައް އާންމުންނަށް ބޭނުންވާކަން ކަށަވަރެވެ.

މި މައްސަލަތައް ހައްލުކުރުމަށް ޙަޤީޤަތުގައި އަމިއްލަ ފަރުދުންނަށް މަސައްކަތް ކުރެވޭނީ ވަރަށް ވެސް ކުޑަމިންވަރަކަށެވެ. ތެދެކެވެ. އަޅުގަނޑުމެންނަށް ފައިމަގުގައި އުޅެން އާދަކޮށް، އެއާ ކޮންޑިޝަނަރ ބޭނުން ކުރާ މިންވަރު މަދުކޮށް، ޤައުމުގައި އުފައްދާ ކާބޯތަކެތި ބޭނުން ކުރެވިދާނެ އެވެ. ނަމަވެސް، ޤައުމުގެ ހަކަތައިގެ ނިޒާމު ތެލުގެ ބަދަލުގައި އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކޮށް، މިހާރަށް ވުރެ ފަސޭހަ އިތުބާރު ހިފޭ ދަތުރު ފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކޮށް އަދި ސާފު ބޯފެން ޕްލާސްޓިކް ފުޅީގެ ބަދަލުގައި އިސްކުރުން ލިބޭނެ ނިޒާމެއް ޤާއިމުކޮށް އިސްކުރު ފެން ބޭނުން ކުރުމަށް ބާރުއެޅުން ފަދަ ކަންކަމީ އަޅުގަނޑުމެންނަށް އިތުރު ފުރުސަތުތަކަކަށް މަގުފަހިވެގެން ދާނެ ކަންކަމެވެ. މި އަށް އަޅުގަނޑުމެން ކިޔަނީ "ޓްރާންސްފޮމޭޓިވް ޗޭންޖް" އެވެ. އަދި މި ބަދަލުތައް އަވަހަށް ގެނައުމަށް މަސައްކަތް ކުރުމަކީ އަންނަން އޮތް ޖީލުތަކުގެ ކުރިމަގު ރައްކާތެރި ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ވަކި ވަކި ފަރުދުން ތިމާވެއްޓާ ރައްޓެހި ހަމަތައް އިޙުތިޔާރު ކުރުމުގެ ފުރުސަތުތަކަށް މަގުފަހިވާ ގޮތަށް، ސިޔާސަތުތަކާއި ނިޒާމުތައް ބައްޓަންކޮށް ޤާއިމުކުރުމަށް ބާރުއެޅުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

މޫސުމީ ބަދަލާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާއި ދުނިޔޭގެ މުސްތަޤްބަލާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ދުނިޔޭގެ ލީޑަރުން މާދަމާ ބައްދަލު ކުރާނެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިސްވެރިން ވެސް ބައިވެރިވާނެ އެވެ. މިއީ މޫސުމީ ބަދަލުތަކާއި އޭގެ ސަބަބުން ކުރާ އަސަރުތަކާ ބެހޭގޮތުން މައުލޫމާތު ލިބިގަތުމަށް އޮތް ފުރުސަތެކެވެ. ހަމަ އެއާ އެކު ތިމާވެއްޓާ ރައްޓެހި ނިންމުންތައް ނިންމުމަށް އާންމުންނަށް މަގުފަހިވާ ގޮތަށް، ސިޔާސަތުތައް ކަނޑައެޅުމަށް ލިބޭ ފުރުޞަތެއް ވެސް މެއެވެ. މިއީ އަޅުގަނޑުމެންގެ އިންސާނީ ނަސްލުގެ ކުރިމަގަށާއި، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީން ދިރިއުޅެން ލިބިފައިވާ ދުނިޔެއަށްޓަކައި މިވަގުތު ކުރަންޖެހިފައިވާ މުހިއްމު ކަމެކެވެ.

[1] "ސްޕެޝަލް ރިޕޯޓް: ގްލޯބަލް ވަރމިންގް އޮފް 1.5C " އިންޓަ ގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައި.ޕީ.ސީ.ސީ) 2018.

[2] އިންސާނީ ތަރައްޤީގެ ރިޕޯޓް، ޔޫ.އެން.ޑީ.ޕީ. އިންސާނީ ތަރައްޤީ އަކީ، އޭގެ ޒާތުގައި އިންސާނުންނަށް ލިބިފައިވާ ފުރުސަތުތައް އިތުރުކުރުމެވެ. އިންސާނުންނަށް ލިބޭ ފުރުސަތުތައް އިތުރުވި ކަމުގައި ވިޔަސް މި ވިސްނުމުގައި އެ ފުރުސަތުތަކުގެ ބޭނުން ކުރުން އޮންނާނީ ފަރުދުންގެ އަތްމަތީގަ އެވެ. އިންސާނީ ހިތްހަމަޖެހުމަކީ އެކަކައްވެސް ޔަޤީންކުރެވޭނޭ ކަމެއް ނޫނެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނިންމުންތައް ނިންމާނީ އޭނާ ދެކޭ ގޮތަށެވެ. ނަމަވެސް ތަރައްޤީ، ހާއްސަ ގޮތެއްގައި އިންސާނީ ތަރައްޤީން ވަކިވަކި ފަރުދުންނާއި މުޖުތަމައަށް އެބައަކަށް ކުރިއެރޭނޭ އެންމެ އުސްމިނަކަށް ކުރިއެރުމަށް މަގުފަހިކޮށްދީ، އުފެއްދުންތެރި ބިނާކުރަނިވި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ލިބޭނެ ފަދަ މާހައުލެއް ތަރައްޤީ ކޮށްދޭންޖެހޭނެ އެވެ.

[3] ޔޫ.އެން.ޑީ.ޕީ އިންސާނީ ތަރައްޤީގެ ރިޕޯޓުން ހާމަކުރާގޮތުން 1990 ވަނަ އަހަރާ ހަމައަށް އައިއިރު ދިވެހިން ދިރި ތިބެނީ ގާތްގަނޑަކަށް 61 އަހަރެވެ. އެކަމަކު 2017 ވަނަ އަހަރާ ހަމައަށް އައިއިރު ގާތްގަނޑަކަށް 77 އަހަރު ދިވެހިން ދިރި ތިބެ އެވެ. ދިވެހިން ސްކޫލްގައި އުނގެނުމަށް ހޭދަކުރާ މުއްދަތު މިވަނީ 1995 ވަނަ އަހަރުގައި 8.5 އަހަރުން، 2017 ގައި 12.6 އަހަރަށް އިތުރުވެފަ އެވެ.

ނޯޓް: އަކީކޯ ފުޖީ، ޔޫ.އެން.ޑީ.ޕީ ގެ ރާއްޖޭގައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެވެ.