ދަސްވެނި ހުނަރުތައް ޔުނިވާސިޓީ ތައުލީމުން ހާސިލް ވަނީ ކިހާ ވަރަކަށް؟

މި ޒަމާނުގެ މަތީ ތައުލީމު ދޭ މުއައްސަސާތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރެއިން އެއް ކަމަކީ މަސައްކަތު މާހައުލަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ ގާބިލް ދަސްވެނިން އުފެއްދުމާއި މަސައްކަތު ހުނަރު އެ މީހުންނަށް ލިބިފައިވާކަން ކަށަވަރު ކުރުމެވެ. މި މައުލޫއުގައި މައިގަނޑު ގޮތެއްގައި ބަލައިލެވޭނީ މަތީ ތައުލީމު ދޭ މުއައްސަސާތަކުގެ ކިޔަވައި ދިނުމުގައި، މަސައްކަތު މާހައުލުގެ ހުނަރު ލިބިދިނުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ.


ގްރެޖުއޭޓް ކޮމްޕީޓެންސީ/ ދަސްވެނި ހުނަރަކީ ކޮބައި ހެއްޔެވެ؟

އެންމެ ފުރަތަމަ ވެސް ބަލައިލަން ބޭނުން ވަނީ ދަސްވެނި ހުނަރު މިއީ ކިހިނެއް މާނަ ކުރެވޭ މަފުހޫމެއްތޯ ނުވަތަ ބޭނުން ކުރަނީ ކޮން ގޮތަކަށްތޯ އެވެ. ކޮމްޕީޓެންސީ ނުވަތަ ހުނަރު މި ލަފްޒަކީ އިނގިރޭސި ބަހުން މާނަ ކުރާ ނަމަ ކަމަކަށް ލިބިފައިވާ ގާބިލިއްޔަތޭ ވެސް ދެންނެވިދާނެ އެވެ. އިނގިރޭސި ބަހުން ކޮމްޕީޓެންސް ތަފާތު އެކިއެކި މާނައިގައި ލިޔެވުނު ނަމަވެސް މައިގަނޑު ގޮތެއްގައި ގުޅުވައި ލެވެނީ މަސައްކަތެއްގެ ހުނަރާ އެވެ. ދިރާސާވެރިން މި ލަފުޒު މާނަކުރާ ގޮތުގައި އެއީ ވަޒީފާ އަކަށް ނުވަތަ ކުރަންޖެހޭ ވަކި މަސައްކަތަކަށް ބޭނުންވާ ހުނަރުތައް ލިބިފައި ވުމަށް ބޭނުން ކުރެވޭ މަފުހޫމެކެވެ (ބޯމް އެންޑް ސްޕަރޯވް، 1992). މީގެ އިތުރުން، ޝަރުމާ، (2004) ލިޔުއްވާފައިވާ ގޮތުގައި އެއީ ޕްރޮފެޝަނަލް ކޮމްޕީޓެންސީ އެވެ. ނުވަތަ މަސައްކަތުގެ ހުނަރެވެ. މީގައި ޝަރުމާ ހިމަނުއްވާފައިވާ މުހިންމު ބައިތަކަކީ، ވަޒީފާއެއްގައި ކުރަންޖެހޭ މަސައްކަތަކަށް ބޭނުންވާ މައުލޫމާތު، އެޓިޓިޔުޑްސް (މީހާ އުޅުމުގެ އަޚްލާގު)، މީހާގެ ގޮތްތައް، އަދި ހުނަރުތަކެވެ. މި ގޮތަށް ކޮމްޕީޓެންސީ މާނަ ކުރެވުނު ނަމަވެސް، ބައްޓާ (2001) ދެކެވަޑައިގަންނަވާ ގޮތުގައި، ތަފާތު މުއައްސަސާތަކުގަ އާއި އަދި ކުރަން ޖެހޭ މަސައްކަތުގެ ބާވަތުން މި މަފުހޫމްގައި މާނަކުރާ މަސައްކަތު ހުނަރު ވެސް ތަފާތު ވެދާނެ އެވެ. ދަސްވެނިވާ ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ހުންނަން ޖެހޭ މުހިންމު ހުނަރުތަކަކަށް އިސްވެދިޔަ ހުރިހާ އިލްމުވެރިން ވެސް އިޝާރާތް ކުރައްވާފައިވެ އެވެ. ޚާއްސަކޮށް ދަސްވެނި ހުނަރުގެ މާނަ މި ގޮތުން ބޭނުން ކުރެވެނީ މުސްތަގްބަލްގައި ވެސް އެ މަސައްކަތެއްގެ ދާއިރާ އަށް ބޭނުންވާނެ ކަންތައްތައް އެނގުމާ އެކު، ކުރިއަރައިގެން ދާނެ އަދި އިތުރު ހުނަރުތައް އޭގެ ތެރެއިން އާލާކުރެވޭނެ ފަދަ ގާބިލިއްޔަތުތަކެއް މީހަކަށް ލިބިފައި ވުމަށެވެ. މި ވާހަކަކޮޅަށް އިތުރަށް ބާރު ލިބިދޭ ބީދައިން ހޮޖްސް އެންޑް ބާޝެލް (2003) ވިދާޅުވެފައި ވަނީ، ވަޒީފާ އަކަށް ވަންނަ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ މުހިންމު ސިފަތަކާއި ގާބިލިއްޔަތުތަކާއި މަސައްކަތުގެ ހުނަރުތަކާއި ވަޒީފާގެ މާހައުލަށް ބޭނުންވާ އުޅުން ގުޅުމުގެ ގޮތްތަކާއި އަދި ގިނަ ކަންތައްތަކެއް އެއްކޮށް ގުޅި ލާމެހިގެންދާ ކަމެވެ. އިސްވެ ބަޔާން ކުރެވުނު އިލްމުވެރިންގެ ވާހަކަކޮޅަށް ބަލާލާ ނަމަ، ކޮމްޕީޓެންސީ މާނަ ކުރެވެނީ ވަޒީފާ އަށް ވަންނަ ފަރާތެއްގެ ކިބައިގައި ހުރުން ލާޒިމް ކުރާ ނުވަތަ އެދެވިގެންވާ ވަރަށް ގިނަ ސިފަތަކަށް އިޝާރާތް ކޮށްފަ އެވެ.

އެމްއެންޔޫގެ ގްރެޖުއޭޝަން ހަފްލާއެއްގެ ތެރެއިން.---ފޮޓޯ: މިހާރު

މި ލިޔުމުގައި ދަސްވެނި ހުނަރު މި މާނަ ކުރަނީ މަތިތަޢުލީމުދޭ މުއައްސަސާއަކުން ނުވަތަ ޔުނިވާސީޓީ އަކުން ކިޔަވައި ނިންމާފައި ނުކުންނަ އިރު ދަސްވެނިވާ ދަރިވަރު މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައި ވޭތޯއާ ގުޅުވައިގެންނެވެ. ހަމަ އެހެންމެ، ވަޒީފާ އަކަށް ފުރިހަމަ އަށް ހުނަރުވެރި ކުރުވިފައިވޭތޯ، އަދި އެފަދަ މާހައުލަކަށް ގާބިލް ވެފައި ވަނީ ކިހާ މިންވަރަކަށްތޯ ޔުނިވާސީޓީތަކުގައި ހިންގާ ޕްރޮގްރާމްތައް މި ކަމަށް ރިއާޔަތް ކޮށްފައި ވަނީ ކިހިނެއްތޯ ބަލައިލުމަށެވެ. މީގެ އިތުރުން މަތީ ތައުލީމުގެ ހަރުފަތްތަކުގައި ކިޔަވައި ދެމުންދާއިރު މި ކަމަށް ސަމާލުވަނީ ކިހާ މިންވަރަކަށްތޯ އާ ގުޅޭގޮތުން އުފައްދާ ސުވާލުތަކަށް ވެސް މި ލިޔުމުގައި ބަލައިލެވޭނެ އެވެ.

ދަސްވެނި ހުނަރު މުހިއްމު ވަނީ ކީއްވެ ހެއްޔެވެ؟

ބަދަލުވަމުންދާ މި ޒަމާނުގައި މަސައްކަތުގެ މާހައުލަށް ނެރޭ ދަސްވެނިންގެ ކިބައިގައި ހުންނަން ޖެހޭ ހުނަރުތަކަށް ސަމާލުވުމަކީ މިހާރުގެ ދިރާސާވެރިން ވަރަށް ބޮޑަށް އިޝާރާތް ކުރައްވާފައިވާ ކަމެއް ކަން އިސްވެދިޔަ ބުނުންތަކުން ވެސް ފާހަގަ ވެއްޖެ އެވެ. ހަމައެކަނި ކަރުދާސްކޮޅެއްގައި ލިބޭ ސެޓްފިކެޓަކުން މީހާ އަދާކުރަން ޖެހޭ ވަޒީފާ އަށް ތައްޔާރު ނުކުރެވެ އެވެ. ވަޒީފާގެ މާހައުލަށް އަހުލުވެރި ވުމާއި ކުރަންޖެހޭ މަސައްކަތަށް ހުނަރުވެރި ވުމާއި އަދާކުރަން ޖެހޭ ރޯލުތަކަށް ހޭލެވިފައި ވުމާއި ޒިންމާތަކަށް ލޯ ހުޅުވިފައި ވުމާއި މަސައްކަތުގެ މާހައުލުގައި ކުރިއަރައި ދިއުމުގެ ގާބިލްކަން ލިބިފައި ވުމަކީ ސަނަދެއް އޮތަސް ވާނެ ކަމެއް ނޫނެވެ. އަޅުގަޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުން މި ކަމަށް ސަމާލު ވަނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދޭ މިންވަރަށް ވަޒީފާ ދޭ ފަރާތްތަކުން ދަސްވެނިންގެ ގާބިލިއްޔާތާ މެދު ފާޑުކިޔަ އެވެ. ކޮންމެ ވަޒީފާ އަކަށް ހާހުން ފޯމުތައް ހުށަހަޅާއިރު އޭގެ ތެރެއިން އިންޓަވިއު ކޮށްގެން ފުރާނަލައިގެން ވެސް ކަމަށް ގާބިލް ދެ ތިން މީހަކު ވެސް ނުލިބޭ ކަމަށް ވަޒީފާ ދޭ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދެ އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، މަތީ ތައުލީމު ދޭ މުއައްސަސާތަކުން ކިޔަވައި ދީގެން މި ނެރެނީ އިންޑަސްޓްރީ ނުވަތަ މަސައްކަތުގެ ދާއިރާ އަށް ބޭނުންވާ ހުނަރުތައް ލިބިދީފައިވާ ބައެއްތޯ ކަށަވަރު ކުރާނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ. މި ސުވާލުގެ ޖަވާބު ގޮސް ހުއްޓެނީ އަދި މާ ބޮޑަށް ވެސް ޖަވާބު ހޯދަން އުނދަގޫ ސުވާލުތަކަކަށެވެ. ޔުނިވާސިޓީގެ ޕްރޮގްރާމްތައް ފަރުމާ ކުރާ ފަރާތްތަކާއި އިންޑަސްޓްރީ (ސިނާއަތް) އާ ގުޅުން އޮންނަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ނުވަތަ އިންޑަސްޓްރީ އަށް ބޭނުންވަނީ ކޮން ހުނަރުތަކެއް ކަން މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކަށް އެނގޭ ބާވަ އެވެ؟ ނޫނީ އެ ހުނަރުތައް ދެނެގަތުމަށް މަސައްކަތް ކުރެވޭ ހެއްޔެވެ؟ އެހެން ގޮތަކަށް ދަންނަވާ ނަމަ އެ ކަން ބެލެނީ ކިހާ މިންވަރަކަށްތޯ އެވެ؟ މި ހުރިހާ ސުވާލުތަކަކީ މި މައުލޫއުގެ ތެރެއިން އަލި އަޅުވައިލަން ބޭނުން ވާ މުހިއްމު ނުކުތާ ތަކެވެ.

އަޅުގަޑުމެންގެ އެންމެ ކުރީގެ މުސްކުޅި ބަހެއްގައި ވެސް ބުނާ ފަދައިން ހިލްމު ނެތި ލިބޭ އިލްމެއްގެ ބޭނުމެއް ނުހިފޭނެ އެވެ. މި ބަހުގައި އެންމެ ބޮޑަށް މާނަ ކުރެވެނީ އިލްމު އެންމެ އެކަށޭނެ ގޮތުގައި ބޭނުން ކުރަންވީ ގޮތާއި ހާލަތްތަކާއި ކަންކަން ކުރަންވީ ގޮތް ކިޔަވައިގެން ހުއްޓަސް ނޭނގި ހިނގައިދާނެ ވާހަކަ އެވެ. މީގައި ޚާއްސަކޮށް ފާހަގަ ކޮށްލެވެނީ، މިހާރުގެ ވަރަށް ގިނަ ދިރާސާވެރިން ހާމަކުރާ މުހިއްމު ނުކުތާ ކެއެވެ. އެއީ ވާކް އެތިކްސް (މަސައްކަތުގެ އަޚްލާގު)ގެ ވާހަކައާ ވެސް ވަރަށް ބޮޑަށް ގުޅޭ ބަސްކޮޅެކެވެ. މި މަފްހޫމަކީ މިހާރުގެ ލިޓްރެޗާގައި އާއްމުކޮށް ބަހުސް ކުރެވޭ މައުލޫއެކެވެ. މި ބަޔަކީ ވެސް މި ލިޔުމުގައި ފަހުގެ ބައިތަކުގައި ހިމަނާލާނެ ނުކުތާ އެކެވެ.

ޔުނިވާސިޓީ ތައުލީމުގެ ތެރެއިން ދަސްވެނި ހުނަރު ޙާސިލް ކޮށްދޭނީ ކިހިނެއް ހެއްޔެވެ؟

ދުނިޔޭގެ ވަރަށް ގިނަ ޔުނިވާސިޓީތަކުގައި އެންމެ އާއްމުކޮށް ބަހުސް ކުރެވޭ އެއް މައުލޫއު އަކީ ދަސްވެނި ހުނަރެވެ. ސަބަބަކީ، ޔުނިވާސިޓީތަކުން ދަސްވެނިވެގެން ނުކުންނަ ދަރިވަރުންގެ ކިބައިގައި ހުންނަން ޖެހޭ ހުނަރުތައް ނުހުންނަ ކަން ވަޒީފާ ދޭ ފަރާތްތަކުން ފާހަގަ ކުރާތީ އެވެ. މި ކަމަށް ފާޑުކިޔާ ދިރާސާވެރިންގެ އަދަދު ނުހަނު ގިނަ އެވެ. މި ކަމާ ގުޅިގެން ބަހުސް ކުރެވޭ އަނެއް މައުލޫއު އަކީ އެމްޕްލޯޔިބިލިޓީ 'ވަޒީފާގެ ގާބިލިއްޔަތު' އެވެ. މިއީ މަސައްކަތު މާހައުލުގެ ހުނަރޭ ވެސް ކިއިދާނެ އެވެ. މި މަފްހޫމުގެ ފާޑުކިއުންތައް ގުޅިގެން ދަނީ ވަޒީފާ އަކަށް އެދޭ ފަރާތްތަކުގެ ވަޒީފާގެ ގާބިލިއްޔަތު ހުންނަނީ ކިހާ މިންވަރަކަށްތޯ ކުރެވޭ ސުވާލާ އެވެ. ރޯވް އަދި ޒިގްވާޑް (2017) ފާހަގަ ކުރައްވާ ގޮތުގައި އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑްގެ ޔުނިވާސީޓީ ތައުލީމުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ޕްރޮގްރާމްތައް ވަޒީފާގެ ގާބިލިއްޔަތާ ގުޅުވުމެވެ. ޚާއްސަ ގޮތެއްގައި މި އިލްމުވެރިން ފާހަގަކުރައްވާފައި ވަނީ ޔުނިވާސިޓީގެ ޕްރޮގްރާމްތައް ފަރުމާ ކުރާއިރު، ވަޒީފާގެ ބާޒާރަށް ނުވަތަ ސިނާއަތަށް (އިންޑަސްޓްރީ) ބޭނުންވާ ހުނަރުތަކަށް އަމާޒު ކޮށްގެން އެ މީހުންނާ އެކު ބައިވެރިވެގެން ޕްރޮގްރާމްތައް ފަރުމާ ކުރުމަށެވެ. މިހާރު ދުނިޔޭގެ ގިނަ ޔުނިވާސީޓީތަކުގައި ހިންގާ ޕްރޮގްރާމްތައް ފަރުމާކުރާއިރު، އެންމެ ބޮޑަށް ސަމާލުވާ އެއް ކަމަކީ މި އިޝާރާތް ކުރެވުނު ވަޒީފާގެ ގާބިލިއްޔަތު ލިބިދިނުމަށެވެ. މި ކަމަށް އިޝާރާތް ކުރައްވާ ބައެއް ދިރާސާވެރިން ހާމަކުރައްވަނީ، ވަޒީފާގެ ގާބިލިއްޔަތު ނުވަތަ އިންޑަސްޓްރީ އަށް ބޭނުންވާ ހުނަރުތަކަށް އަމާޒު ކުރުމުން މަސައްކަތު މާހައުލުގެ ކުރިއެރުމާއި ޕްރޮޑަކްޓިވިޓީ (އުފެއްދުންތެރިކަން) އިތުރުވާ ކަމަށެވެ (ބޭޓްސް އަދި ހޭޔިޒް؛ 2017، ޖެކްސަން، 2013، ކައިޑާ، ހެއިންޒް-ވިސަން، އަދި ޔަންގް،2017). މިހާ ހިސާބުން އުފެދޭ ސުވާލަކީ މަސައްކަތު ހުނަރު ދަސްވެނިންނަށް ލިބިދޭނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ.

މަސައްކަތު މާހައުލުގެ ހުނަރު ލިބިދޭނީ ކިހިނެއް ހެއްޔެވެ؟

ޔުނިވާސިޓީތަކުން ތަފާތު ޕްރޮގްރާމްތައް ނިންމާ ދަސްވެނީންނަށް މަސައްކަތު ހުނަރު ލިބިދީފައި ވަނީ ކިހާވަރަކަށްތޯ މިއީ މި މައުލޫއުގެ މައިގަނޑު އެއް ސުވާލެވެ. މިއީ ކޮންމެ މުއައްސަސާއެއްގެ ކޮންމެ ޕްރޮގްރާމަކަށް ވިސްނާލި ނަމަވެސް އުފެއްދުން މުހިއްމު ސުވާލެކެވެ. ކުރިއަރާފައިވާ ގައުމުތަކުގެ ޔުނިވާސިޓީތަކުގައި ޕްރޮގްރާމްތައް ފަރުމާ ކުރަނީ ވަޒީފާގެ ބާރާއި ތަފާތު ސިނާއަތްތަކުގެ މީހުންނާ ގުޅިގެން އެ މީހުން ބޭނުންވާ ހުނަރުތަކަށް އަމާޒު ކޮށްގެން ކަން އިސްވެ އިޝާރާތް ކޮށްލެވިއްޖެ އެވެ. ޚާއްސަކޮށް މިކަން ގުޅެނީ 'ވާކް އިންޓިގްރޭޓެޑް ލާނިން' މި މަފުހޫމާ އެވެ. ވާކް އިންޓިގްރޭޓެޑް ލާނިން އަކީ ޔުނިވާސިޓީ ނުވަތަ މަތީ ތައުލީމުގެ މަރުޙަލާތަކުގައި ދަރިވަރުން ކިޔަވަމުންދާއިރު މަސައްކަތު މާހައުލަށް ފަރިތަކުރުމުގެ ގޮތުން ކަނޑައެޅިފައިވާ އަމަލީ ތަޖުރިބާތަކުގެ މޮޑިޔުލްތަކަށް ދީފައިވާ ނަމެކެވެ. ނުވަތަ އަމަލީ މަސައްކަތްތަކާ ގުޅޭ ތަފާތު ޕްރޮޖެކްޓް ނުވަތަ ވަޒީފާގެ އަސްލު މާހައުލުގައި ލިބިދޭ ތަޖުރިބާއޭ ވެސް ކިޔަ އެވެ (ފާންސް، ކަމްބަލް، އަދި ޒިގްވާޑް، 2014). ކޮންމެ ޕްރޮގްރާމެއްގައި ވެސް މިފަދަ މޮޑިއުލްތައް ފަރުމާކުރެވިފައި ހުރެ އެވެ. ނަމަވެސް ދިރާސާވެރިން ފާހަގަ ކުރައްވާ ގޮތުގައި، މިފަދަ މޮޑިއުލްތަކުން ވެސް ދަރިވަރުންނަށް އެދެވޭ ހުނަރުތައް ތަރައްގީ ކުރަން ލިބޭ ފުރުސަތު ގިނަ ފަހަރަށް ފުރިހަމަ އަށް ނުލިބެ އެވެ.

އެއް ސަބަބެއް ކަމަށް ބައެއް ދިރާސާވެރިން ހާމަކުރައްވަނީ، ދަރިވަރުން ވާކް އިންޓިގްރޭޓެޑް ލާނިންގައި ހޭދަ ކުރާ ވަގުތާއި ކުރާ ކަންތައްތަކުން އަސްލު މަސައްކަތު މާހައުލުގައި ލިބިދޭ ފަދަ ތަޖުރިބާތައް ކުރަން ލިބޭ ފުރުސަތުތައް ހަނިވުމެވެ. މީގެ ރަނގަޅު އެއް މިސާލަކީ، އިންޖިނިއަރިން ހަދާ ދަރިވަރެއް ނުވަތަ ބިޒިނަސް ސްޓަޑީސް ހަދާ ދަރިވަރެއް ވާކް އިންޓިގްރޭޓެޑް ލާނިންގައި ހޭދަ ކުރަންޖެހޭ ވަގުތު އަދި މުއްދަތުގައި އެ ލިބޭ ފުރުސަތުތަކުގައި ކުރަން ޖެހޭ މަސައްކަތް މަދުވެފައި ލިބޭ ފުރުސަތުގެ ހަނިކަމެވެ. ބައެއް ދިރާސާތަކުން ހާމަވާ ގޮތުގައި މިހެން ދިމާވާ އެއް ސަބަބަކީ، ސިނާއަތްތަކުން ދަސްކުރާ ދަރިވަރުންނާ މެދު އޮންނަ ޔަގީންކަން ކުޑަވުމެވެ (ފާންސް، ކަމްބަލް، އަދި ޒިގްވާޑް، 2014). މި ބައިގައި އިޝާރާތް ކޮށްލަން ބޭނުންވާ އެންމެ މުހިންމު ނުކުތާ އަކީ، މި ދެންނެވި ވާކް އިންޓިގްރޭޓެޑް ލާނިން ނުވަތަ އަމަލީ ތަޖުރިބާގެ ބައިތައް ރޭވުމުގައި ވެސް މަތީ ތައުލީމު ދޭ މުއައްސަސާތަކުން ވިސްނަންޖެހޭ ކަންތައްތަކެއް ހުންނަ ކަމެވެ. ދިވެހިރާއްޖޭގައި މިކަން ކުރާ ގޮތާ ގުޅޭގޮތުން މާބޮޑު ދިރާސާތަކެއް ލިޔެވިފައިވާ ލިޔުންތަކެއް ފެންނަން ނެތް ނަމަވެސް މި ކަން ކުރާނެ އެންމެ ރަގަޅު އުސޫލުތަކެއް ސިނާއަތްތަކާ ގުޅިގެން ހޯދިދާނެ ކަމަށް ފެނެ އެވެ. ދަސްވެނިންނަށް ލިބިދޭން ޖެހޭ މަސައްކަތު މާހައުލުގެ ހުނަރުތަކަކީ ކޮބައި ހެއްޔެވެ؟ މި ކަމާ ބެހޭ ގޮތުން ކުރު ގޮތަކަށް ނަމަވެސް ހިމަނާލުމަކީ މި ލިޔުމުގެ އެއް ބޭނުމެވެ.

މަސައްކަތުގެ މާހައުލަށް ބޭނުން ވަނީ ކޮން ކަހަލަ ހުނަރުތަކެއް ހެއްޔެވެ؟

ދަސްވެނި ހުނަރުގެ ތަފާތު ބާވަތްތައް އިލްމުވެރިން ލިސްޓް ކުރައްވާފައިވެ އެވެ. ޚާއްސަކޮށް ކޮގްނިޓިވް ސްކިލްސް (މަސައްކަތަކަށް ބޭނުންވާ ފަންނީ މައުލޫމާތު (ޓެކްނިކަލް ނޮލެޖް) ކަމުގެ ކޮލިފިކޭޝަން/އެކްސްޕަޓީސް (ފެންވަރު ނުވަތަ ހުނަރުވެރިކަން) އަދި އެބިލިޓީސް/ގާބިލިއްޔަތުތައް) އެ އަށް ފަހު މީހާގެ ހުންނަ އެހެނިހެން ސިފަތައް (ހެޔޮ ޚުލުގު، ހިފަހައްޓާ އުސޫލުތައް، ޝައުގުވެރިކަން ހުންނަ ކަންތައްތައް، ކަންކަމާ މެދު ދެކޭ ގޮތްތައް، ކަންކަމުގައި މުއާމަލާތް ކުރުމުގެ ސިފަތައް) ހިމެނެ އެވެ. މިއީ ވަޒީފާ އަކަށް މީހަކު ވަންނަ އިރު އެ މަސައްކަތެއްގެ މާހައުލަށް ނުހަނު ބޭނުންތެރި ކަންކަމުގެ ގޮތުގައި ދިރާސާވެރިން ހާމަކުރައްވާފައިވެ އެވެ (ހޮޖްސް އެންޑް ބާޝެލް، 2003). މީހެއްގެ ކިބައިގައި ހުންނަ މި ޚާއްސަ ސިފަތަކުގެ ސަބަބުން ވަޒީފާގެ މާހައުލަށް ފަރިތަވުމާއި އަދި މަސައްކަތުގައި ކުރިއަރައި ދިޔުމުގެ އިތުރުން ވަޒީފާ އަށް ބޭނުންވާ އެންމެ މުހިންމު ފަންނީ މައުލޫމާތު އިތުރަށް ހަރުދަނާވެ ކުރި އެރުވުމަށް އެހީތެރިވެދެ އެވެ.

މިހެންކަމުން ގިނަ އިލްމުވެރިން ހާމަކުރައްވާ ގޮތުގައި، ވަޒީފާގެ މާހައުލަށް އެންމެ ބޭނުންވާ ހުނަރުތަކުގެ ތެރޭގައި މީހެއްގެ އަމިއްލަ ޒާތުގައި (ޕާސަނަލިޓީގައި) އެކުލެވޭ ގޮތްތައް ނުވަތަ މީހާގެ ހުންނަ ސޮފްޓް ސްކިލްސް ނުވަތަ ދޭދޭ ގުޅުން ގާއިމް ކުރާ ގޮތާއި އުޅުން، ގުޅުމުގެ ގޮތްތައް ފަދަ އެކަކު އަނެކަކާ މުއާމަލާތު ކުރުމުގައި ބޭނުން ކުރަން ޖެހޭ ހުނަރުތައް މާ މުހިންމެވެ.

ކޮލް، ޒިގްވާޑް އަދި އެހެން ފަރާތްތައް (2002) ހެއްދެވި ދިރާސާއެއްގައި ހާމަކުރައްވާފައި ވަނީ މަސައްކަތުގެ މާހައުލަށް ބޭނުން ވަނީ ހަމައެކަނި ފަންނީ މައުލޫމާތު ނޫން ކަމަށެވެ. އެހެނީ، މިއާ އެއްވަރަށް ފަންނީ މައުލޫމާތު ތެރޭ ނުހިމެނޭ ނޮން ޓެކްނިކަލް ނޮލެޖު ވެސް މުހިންމު ވާ ކަމުގެ ތަފާތު މިސާލުތަކާ އެކު ދިރާސާގައި އިޝާރާތް ކުރައްވާފައިވެ އެވެ. މި ދިރާސާވެރިންގެ މައިގަނޑު ހޯދުންތައް ގުޅިފައި ވަނީ އިންޖިނިއަރިން، އަދި ސައިންސް ފަދަ ދާއިރާތަކުގައި މަސައްކަތް ކުރާ ކުދިންނަށް ވެސް ފަންނީ މައުލޫމާތާއި (ޓެކެނިކަލް ނޮލެޖާއި) އެއްވަރަށް ފަންނީ މައުލޫމާތުގައި ނުހިމެނޭ (ނޮން ޓެކްނިކަލް ހުނަރުތައް ވެސް ބޭނުންތެރިކަމުގެ ވާހަކަ އެވެ. ޚާއްސަކޮށް މި އިލްމުވެރިން ހާމަކުރައްވަނީ ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މުވާސަލާތު ކުރުމުގެ ގާބިލްކަން، ލިޔުމުންނާއި އަނގަ ބަހުން ފަރިތަކަމާ އެކު ކިޔައި ދޭން އެނގުމަކީ އެންމެ އިސްކަމެއް ދެވޭ ހުނަރު ގޮތުގަ އެވެ. އަދި މީގެ އިތުރުން، ޓީމްވާކް ސްކިލްސް، ނުވަތަ ޓީމެއްގައި އެއްކޮށް މަސައްކަތް ކުރުމުގެ ހުނަރު ބައިވެރިވެގެން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅޭ ހުނަރުތަކުގެ ވާހަކަ ވަކިން ޚާއްސަކޮށް މި ދިރާސާގައި އަލި އަޅުއްވާލައްވާފައިވެ އެވެ.

ދެހާސް ދެވަނަ އަހަރު ބޭނުންކުރި ހުނަރުގެ ލިސްޓް، ކެމްބެލް އަދި ޒިގްވާޑްގެ ބައިވެރިން 2015 ވަނަ އަހަރު އަލުން ދިރާސާ ތަކުރާރު ކުރައްވާފައިވެ އެވެ. މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ދަރިވަރުން ދެކޭގޮތުގައި އެ މީހުންނަށް އެންމެ މުހިންމު ވަނީ ފަންނީ (ޓެކްނިކަލް) މައުލޫމާތެވެ. އެއާ ޚިލާފަށް ވަޒީފާ ދޭ ފަރާތްތަކުން ބަޔާން ކުރައްވައިފައި ވަނީ ދަސްވެނިންގެ ކިބައިގައި ހުންނަ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު (ޓީމްވާކް ސްކިލްސް)، މުވާސަލާތު ކުރުމުގެ ހުނަރު (ކޮމިއުނިކޭޝަން ސްކިލްސް)، އަދި އިސްނެގުމުގެ ހުނަރުތައް މާ ބޮޑަށް މުހިންމު ކަމަށެވެ. މި ދިރާސާގައި ދަރިވަރުންނާއި ސިނާޢަތްތަކުގެ މީހުންގެ ޚިޔާލު މުޅިން ތަފާތެވެ. މިއިން، ވަރަށް ބޮޑަށް ފާހަގަ ކުރެވުނީ ދަރިވަރުން އެ މީހުންގެ ކިޔެވުމުގައި ބޮޑަށް ސަމާލުވަނީ ތަފާތު ފަންނީ މައުލޫމާތު (ޓެކްނިކަލް ނޮލެޖް) ރަނގަޅަށް ދެނެގަތުމާއި އެ ބައިތަކުން ރަނގަޅަށް މާކްސް ހޯދުމަށް ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަސައްކަތު މާހައުލަށް ބޭނުންވާ އެހެނިހެން ހުނަރުތައް ހޯދުމަށް ކުރެވޭ މަސައްކަތް މަދުވެ އެވެ.

ދިރާސާގެ ބޭނުންތެރިކަން ބޮޑުކަން ހާމަވީ ސިނާއަތްތަކުގެ (އިންޑަސްޓްރީގެ) މީހުންގެ ޚިޔާލު މިވިސްނުމާ ތަފާތުކަން ފާހަގަ ކުރެވުމުންނެވެ. މީގެ ސަބަބުން ނިއުޒީލޭންޑް ފަދަ ގައުމުތަކުގައި މުޅި ޔުނިވާސިޓީގެ ޕްރޮގްރާމްތައް އަލުން ފަރުމާ ކުރަން ފެށި އެވެ. ޚާއްސަކޮށް ސިނާއަތްތަކުގެ (އިންޑަސްޓްރީގެ) މީހުން ބައިވެރި ކޮށްގެން ޕްރޮގްރާމްތަކުގައި ކުރިން އިސްވެ ދެންނެވުނު މުވާސަލާތު ކުރުމުގެ (ކޮމިއުނިކޭޝަން ސްކިލްސް) އަދި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރުތައް (ޓީމްވާކް ސްކިލްސް) ފަދަ ބައިތައް ޕްރޮގްރާމް ތެރެއަށް ލާމެހިގެންދާ ގޮތަށް ފަރުމާ ކުރި އެވެ.

އެމްއެންޔޫގެ ގްރެޖުއޭޝަން ހަފްލާއެއްގެ ތެރެއިން.---ފޮޓޯ: މިހާރު

އިސްވެ ދެންނެވުނު ރައުޔުތަކަށް ބަލާލާއިރު، ފާހަގަ ކުރެވެނީ މިހާރުގެ މަސައްކަތު މާހައުލަށް ބޭނުންވަނީ ހަމައެކަނި މައުލޫމާތުތަކެއް އެނގޭ މީހާ ނޫން ކަމެވެ. އެއާ އެކު، އެނގިފައިވާ މައުލޫމާތުތައް ބޭނުން ކޮށްގެން ކުރަން ޖެހޭ ކަންކަމުގެ ހުނަރު ލިބިފައިވާ މީހާ މާ މުހިންމެވެ. މިކަމާ ބެހޭގޮތުން ވާހަކަ ދައްކާ މީހުން އެންމެ އާއްމު ބަހެއް ގޮތުގައި، މި ޒަމާނުގެ ވިސްނުމުން ކިރާ ނަމަ، ބުނަނީ، މައުލޫމާތަކީ އިނގިލި ކުރީގައި ވާ އެއްޗެއް ކަމަށެވެ. އިނގިރޭސި ބަހުން ބުނާ ނަމަ، 'އިންފޮމޭޝަން އިޒް އެޓް ޔޯ ފިންގަ ޓިޕްސް' ނުވަތަ ކޮންމެ ވަގުތެއްގައި ވެސް މައުލޫމާތަކީ އިނގިލި ކުރިން ފިތާލައިގެން ހޯދާލެވޭ އެއްޗެކެވެ. މިއީ މައުލޫމާތަކީ ހޯދަން ފަސޭހަ އެއްޗެކޭ ބުނުމަށް އިޝާރާތް ކޮށް މީހުން ބުނާ އިބާރާތެކެވެ. ނަމަވެސް މީގެ ހަމައެކަނި މާނަ އަކީ މައުލޫމާތު ނުލިބި ހުނަރު ލިބިދޭނެ ވާހަކައެއް ނޫނެވެ. އެއާ ޚިލާފަށް، އެ މައުލޫމާތު ބޭނުންކޮށްގެން ކަން ކުރާނެ ގޮތް ނޭނގޭ ނަމަ ވަޒީފާގެ މާހައުލެއްގައި އެ އިން މާބޮޑު ފައިދާއެއް ނުފެންނާނެ ވާހަކަ ވެސް މެ އެވެ. ހަގީގަތުތުގައި މައުލޫމާތެއް ރަނގަޅަށް އެނގޭ ނަމަ އެ ބޭނުން ކުރަން ވެސް އެނގެން ޖެހޭނެ އެވެ. މާނަ އަކީ ފޮތެއްގައި އޮތްގޮތަށް އެއްޗެއް ހިތުދަސްކޮށް ނުވަތަ ތަކުރާރުކޮށް ސުވާލުތަކެއް ހަދާ އެންމެ ރަނގަޅު ޖަވާބު ލިޔަން ދަސްކޮށްގެން ހަދާ އިމްތިހާނަކުން މޮޅު މީހަކަށް ނުވެވޭނެ ކަމެވެ. އަދި ހަމަ އެހެންމެ، ރަނގަޅު މާކްސް ލިބުމަކުން އެއީ ކިޔެވި ބައިތައް އެނގުނު ކަމަށް ބެލެވޭ އެންމެ ފުރިހަމަ މިންގަނޑަކަށް ނުވެ އެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމައުގައި މުޅި ތައުލީމީ ނިޒާމަށް ދިމާވެފައިވާ ވަރަށް ބޮޑަށް ގޮންޖެހުމެކެވެ. ގިނަ ދަރިވަރުންނަށް އެއްޗެއް ދަސްވި ކަމަށް ނުވަތަ އެނގުނު ކަމަށް މި ބެލެވެނީ އިމްތިހާނެއް ހަދައިގެން ރަނގަޅު މާކްސް ލިބޭ ނަމަ އެވެ. އަޅުގަނޑުގެ ޚިޔާލުގައި މިއީ މުޅިއަކުން އެންމެ ރަނގަޅު ގޮތޭ ދެންނެވޭކަށް ނެތެވެ. ކުރިއަރާފައިވާ ވަރަށް ގިނަ ގައުމުތަކުގައި އިމްތިހާނަކީ ކުދިންގެ ފެންވަރު ބަލާ ހަމަ އެކަނި މިންގަޑެއް ނޫނެވެ. އެއާ ޚިލާފަށް ދަރިވަރުންގެ ކިބައިގައި ހުނަރުތަކެއް އަށަގެންނެވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެ އެވެ. މި ދެންނެވި ގައުމުތަކުގައި ކިޔަވައިދޭ ހުރިހާ މަރުހަލާއެއްގައި ވެސް މި ކަމަށް ޚާއްސަ ސަމާލުކަމެއް ދެ އެވެ.

މިހާރު ވަޒީފާ އަކަށް އެދި ހުށަހަޅާ ކޮންމެ މުއައްސަސާއަކަށް ބަސްދީގަތުމަކަށް ދިޔަ ނަމަވެސް އެ ވަޒީފާއަކަށް ބޭނުންވާ ހުނަރާއި މަސައްކަތުގެ ތަޖުރިބާ ހުރީ ކިހާ މިންވަރަކަށްތޯ ބަލައި ކަށަވަރު ކުރެވެ އެވެ. އެކަމުގެ ހެކި، ވަޒީފާ އަށް އެދޭ ފަރާތް ދައްކާ ވާހަކައިންނާއި ހިއްސާކުރާ ތަފާތު މަސައްކަތްތަކުގެ ތަޖުރިބާގެ ތެރެއިން ދޭހަކޮށް ނުދެވިއްޖެ ނަމަ ވަޒީފާ ލިބުމަކީ ދަތި ކަމެކެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ ޙާސިލް ކޮށްފައިވާ ސަނަދުތަކަށް ވުރެ، ވަޒީފާ އަކަށް އެދޭ ފަރާތުގެ ހުރި ތަޖުރިބާގެ މިންވަރާއި ވަޒީފާގެ މާހައުލަށް މީހާ އަހުލުވެރިވެ ކުރިޔަށް ދެވިދާނެ ކަމުގެ ގާބިލްކަން ހުރީ ކިހާ މިންވަރަކަށްތޯ މާބޮޑަށް ބަލަ އެވެ.

މި މައުލޫއުގައި ކުރިއަށް ހުރި ބައިތަކުގައި މައުލޫއާ ގުޅޭގޮތުން އަޅުގަނޑާއި ޒިގްވާޑް ބައިވެރިވެގެން ނިއުޒީލޭންޑްގައި ހަދާފައިވާ ދިރާސާއެއްގެ ހޯދުންތައް ވެސް ހިމަނާ ނަމެވެ. މި ދިރާސާ އަކީ ނިއުޒިލޭންޑްގައި ހަދާފައިވާ ދިރާސާއެއް ނަމަ ވެސް ދިވެހިރާއްޖެ އަށް ވަރަށް މުހިއްމު ޚިޔާލުތަކަކާއި ހޯދުންތަކެއް ހިމެނޭ މަސައްކަތެކެވެ. ޚާއްސަކޮށް މި ޒަމާނުގެ މަސައްކަތު މާހައުލަށް ބޭނުން ވަނީ ކޮން ކަހަލަ ހުނަރުތަކެއްކަން އިތުރު ތަފުސީލާ އެކު މީގެ ތެރެއިން އަލިއަޅުވައިލާ ނަމެވެ.

އެޑިޓަރުގެ ނޯޓު:

ޑރ. އާމިނަތު ޝާފިޔާ އާދަމަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. މިއީ ސިލްސިލާކޮށް ލިޔެވޭ މައުލޫ އެކެވެ. އެހެން ކަމުން މި މައުލޫއުގެ އެކި ބައިތަކާއި ތަފުސީލްތައް އެކި ހަފުތާތަކުގައި މި ސަފްހާގައި ހުށަހަޅަމުން ދާނެ ވާހަކަ ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.