ކޮލަމް ކޯދު: ފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބޭ ބައެއް ފިލާވަޅު

(ސެޕްޓެމްބަރ 29، 2016 ދުވަހުގެ އަދަދާ ގުޅޭ)


ދެން އާމީން ގެ މައްޗަށް ބަލާލަމާތޯ އެވެ. އާމީން އާ ބެހޭ ގޮތުން މުފައްސިރުން ވާހަކަ ދައްކަވާއިރު، އެބޭކަލުންގެ ވާހަކަތައް، އާއްމު ގޮތެއްގައި، އަމާޒުވަނީ ތިންކަމެއްގެ މައްޗަށެވެ. އާމީން ކިޔުމަކީ ޝަރުޢު ކުރެވި ކަނޑައެޅިފައިވާ ކަމެއްތޯ އާއި އާމީން ކިޔަނީ ކިހިނެއްތޯ އާއި އަދި އާމީންގެ މާނައިގެ މައްޗަށެވެ. މިތަނުގައި މިތިންކަމުގެ އިތުރުން، އާމީން މިލަފްޒުގެ އަސްލުގެ މައްޗަށްވެސް ބަލައިލާން ގަސްދުކުރަމެވެ.

އެންމެ ފުރަތަމަ 'އާމީން' މިލަފްޒުގެ އަސްލުގެ މައްޗަށް ބަލާލަމާ ތޯއެވެ. ކީރިތި ޤުރްއާން ބާވާލެއްވުނު އިރު މިލަފްޒަކީ އަރަބި ބަހުގައި ބޭނުން ކުރެވެމުން އައި ލަފްޒެކެވެ. މިލަފްޒުގެ އަސްލާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ. ބައެއް ބޭކަލުން ދެކިލައްވާ ގޮތުގައި މިލަފްޒަކީ ޚާލިސް އަރަބި ލަފްޒެކެވެ. މިބޭކަލުންގެ ރައުޔު ބިނާވެފައިވަނީ ސާމީ ބަސްތަކުގެ އަސްލަކީ އަރަބި ބަސްކަމާއި މިބަހުގެ ފެންކޮށްޓަކީ އަރަބި ކަރަކަމުގެ މައްޗަށެވެ. އަދި ސާމީ އެހެން ބަސްތަކަށް މިލަފުޒު ގޮސްފައިވަނީ އަރަބި ބަހުންކަމެވެ.

އަރަބި ބަހުގެ ބައެއް އިލްމުވެރިން، މިބަހުގެ އަސްލު ސީރިއެކް ބަހާ ވެސް ގުޅުވާލައެވެ. ސީރިއެކް ބަހަކީ އަރަމައިކް ބަހުގެ ބަހުރުވަތަކުގެ ތެރެއިން ބަހުރުވައެކެވެ. ހީބްރޫ ބަސް ނުވަތަ ޢިބްރާނީ ބަހުގެ ވެސް އަސްލު ކަމުގައި ބެލެވިފައިވަނީ އަރަމައިކް ބަހެވެ. އަރަމައިކް ބަހާއި ސީރިއެކް ބަހާއި ހިބްރޫބަހާއި އަދި އަރަބި ބަހަކީ ވެސް ސާމީ ބަސްތަކުގެ ތެރޭގައި ހިމެނޭ ބަސްބަހެވެ. މިރައުޔުގެ މައްޗަށް ބަލާއިރު 'އާމީން' މިލަފްޒު ސާމީ ބަސްތަކަށް ގޮސްފައިވަނީ އެ ބަސްތަކުގެ އަސްލު ސީރިއެކް ބަހުންނެވެ.

'އާމީން' މި ލަފްޒު، އައިސްފައިވަނީ ހިބްރޫ ބަހުން ކަމަށް ވެސް ބައެއް އިލްމުވެރިން ދެކިލައްވަ އެވެ. މުގައްދަސު ފޮތްތަކަށް (ތައުރާތައި އިންޖީލާއި އަދި ޤުރްއާން އަށް) ބަލާލާއިރު، ތާރީޚީ ގޮތުން، އާމީން، މިލަފްޒު އެންމެ ކުރިން ބޭނުން ކުރެވިފައިވަނީ ހީބްރޫ ބައިބަލްގައި ކަމަށް ވާތީ އެވެ. ހީބްރޫ ބައިބަލް އަށް ޔަހޫދީން ކިޔާއުޅެނީ ތަނަޚް އެވެ. ތަނަޚް އެކުލެވިގެންވަނީ ތިން ބައިގެ މައްޗަށެވެ. އެއީ ތައުރާތާއި (އިރުޝާދުތައް ނުވަތަ ޝަރުއީ ގާނޫނުތައް) ނެވިއީމް (ނަބީބޭކަލުންގެ ވާހަކަ) އާއި ކެތުއީމް (ލިޔުންތައް) މިތިން ބައެވެ. އަދި ކްރިސްޓިއަނުން ހިބްރޫ ބައިބަލް އަށް ކިޔާއުޅެނީ އޯލްޑް ޓެސްޓަމެންޓް އެވެ. ހިބްރޫ ބައިބަލްގައި އާމީން ބޭނުން ކުރެވިފައި އޮތުމުގެ މާނައަކީ ހީބްރޫ ބަސް ނުވަތަ އަރަމައިކް ބަސް އަރަބި ބަހަށް ވުރެ ދޮށިވުން ލާޒިމެއް ނޫނެވެ. ސަބަބަކީ، މިހުރިހާ ސާމީ ބަހެއްގެ އަސްލު މައި ބަހަކީ ކޮބައިކަން ސާފުކޮށް އެނގިފައި ނެތުމެވެ.

އަދި މީގެ އިތުރުން، ބައެއް އިލްމުވެރިން، 'އާމީން' މިލަފްޒުގެ އަސްލު ގިބްތީ ބަހާ ވެސް (ކޮޕްޓިކް، މިސުރުގެ އަސްލު އަހުލުވެރިންގެ ބަސް) ގުޅުވާލަ އެވެ. މިފަދަ އިލްމުވެރިންގެ ރައުޔުގައި 'އާމީން' މިލަފްޒު އައިސްފައިވަނީ ޤިބްޠީ ބަހުގެ 'އާމޫން' ނުވަތަ 'އާމޫން-ރާ' އިންނެވެ. އެއީ ގިބްތީންގެ އިލާހެކެވެ. މި ގުޅުވާލުން ބިނާ ކުރެވިފައިވަނީ 'އާމީން' އާއި 'އާމޫން" މި ދެލަފުޒުގެ ސޫރައިގެ އެއްގޮތްކަމުގެ މައްޗަށް ބެލެވިގެންނެވެ. މިދެންނެވި ފަދަ އިލްމުވެރިން ދެކިލައްވާ ގޮތުގައި މޫސާގެފާނާއި އަދި އިސްރާއީލުގެ ދަރިކޮޅު މިސުރުގައި ހޭދަކުރި ދުވަސްތަކުގައި އާމޫން-ރާ އަށް މިސުރުގެ އަހުލުވެރިން އަޅުކަން ކުރާތަން ފެނިފައި އޮންނާނެ ކަމާއި އެހެން ކަމުން، އެލަފުޒު ހިބްރޫ ބަހަށް ވެސް ވަދެފައިވާނޭ ކަމަށްވެސް އެބޭކަލުން ދެކެލައްވަ އެވެ.

ސޫރަތުލް ފާތިޙާ: ައެއް މުފައްސިރުން ވިދާޅުވާގޮތުގައި މިސޫރަތަށް 'އަލްފާތިޙާ' އޭ ކިއެނީ އެއީ ނަމާދު 'ހުޅުވައިލަދޭ'، އާދެ، ނަމާދުގައި ފުރަތަމަ ކިޔެވޭ ސޫރަތްކަމަށް ވުމުން.

ނަމަވެސް، ހީބްރޫ ބައިބަލްގައި މި ލަފްޒު އެންމެ ފުރަތަމަ ބޭނުން ކުރެވިފައިވާ ގޮތަށް ބަލައިލާ އިރު، އާމީން ބޭނުން ކުރެވިފައިވަނީ އާމޫން-ރާއާ މުޚާތަބު ކުރާކަށް ނޫނެވެ. މާތްﷲއަށް ކަމެއް ވަކި ގޮތަކަށް ދެންނެވޭ ދެންނެވުމެއްގަ އެވެ. 'އާމީން' މިލަފްޒު ހީބްރޫ ބައިބަލްގައި އެންމެ ފުރަތަމަ ވާރިދުވެފައިވަނީ އަދަދުތަކުގެ ނަމުން ނަންދެވިފައިވާ ފޮތުގެ ފަސް ވަނަ ބާބުގެ ބާވީސް ވަނަ އާޔަތުގައެވެ.

މި އާޔަތުގައި އައިސްފަނީ ޒިނޭ ކުރިކަމަށް ތުހުމަތު ކުރެވުނު އަންހެނެއްގެ ވާހަކައެކެވެ. އޭނާ ޒިނޭ ކުރި ކަމަށް އިންކާރު ކުރުމުން އެކަމުން އޭނާ ބަރީއަ ވުމަށްޓަކައި، އޭނާ އަށް ހިތި ރަހަ ލާ ފެނެއް ބޯންދީ، އޭނާ ޒިނޭ ކުރި ކަމަށް ވާނަމަ، އެފެން ބުއިމުގެ ސަބަބުން، އޭނާ ހަލާކުވެ ދިޔުން، މާތްﷲ އިރާދަކުރެއްވިޔަސް އެންމެ ރަނގަޅު ކަމަށް ބުނެ 'އާމީން' ކިޔުމަށް އޭނާ އަށް އިރުޝާދު ދެވިފައިވެ އެވެ. އެއާޔަތުގައިވަނީ "ލައުނަތް ގެނެސްދޭ މިފެން، އިނބަގެ ހަށިގަނޑު ތެރެއަށް ވަދެގެން ދާ ހުށިކަމެވެ. އަދި އޭގެ ސަބަބުން އިނބަގެ ބަނޑު ދުޅަވެ ނޫނީ އިނބަގެ ރަހިމު (ގައި ދަރިއެއް އޮތްނަމަ އެދަރި) ބައިގެން ދާހުށިކަމެވެ." 'ދެން، (މިވާހަކަ މުޚާތަބު ކުރެވޭ) އަންހެންމީހާ ބުނަން ޖެހޭނީ 'އާމީން، އެހެން ވާ ހުށިކަމެވެ،" މިހެންނެވެ. މިތަނުގައި އެއަންހެން މީހާ މުޚާތަބު ކުރަނީ މާތްﷲއާއެވެ. އަދި 'އާމޫން' އިލާހުއާ ނޫން ކަމެވެ. އެހެންވެ، 'އާމިން' ހިބްރޫ ބައިބަލްގައި ބޭނުން ކުރެވިފައިވަނީ ޤިބްތީން 'އާމޫން' ބޭނުން ކުރި މާނައާ ގުޅޭ މާނައެއްގައި ނޫންކަމާއި އަދި 'އެކަން އެގޮތަށް ވާހުށިކަމެވެ' މި މާނައިގައި ކަން ބައިބަލްގެ މިއާޔަތުން އެނގެއެވެ.

ދެން އަލްފާތިޙާ ސޫރަތް ކިޔެވުމަށްފަހު އާމީން ކިޔުމުގެ މައްޗަށް ބަލައިލަމާތޯ އެވެ. އެންމެ ފުރަތަމަ އެލަފުޒު ކިޔާ ގޮތާ ބެހޭ ގޮތުންނެވެ. އެލަފްޒު ކިޔުމުގައި ސައްހަ ދެގޮތެއް ވާރިދުވެފައި ވެއެވެ. ފުރަތަމަ ގޮތަކީ އަލިފުގައި އަބަފިލި ޖަހައި 'އަމީން' ކިޔުމެވެ. ދެވަނަ ގޮތަކީ އަލިފުގައި އާބާފިލި ޖަހައި އަލިފަށް ދަމާފައި 'އާމީން' މިގޮތަށް ކިޔުމެވެ. މިދެގޮތް ވެސް އެންމެ ރަގަޅު ކަމުގައި އިލްމުވެރިން އެއްބަސް ވެވަޑައި ގަނެއެވެ (އިބްނު މަންޡޫރުގެ ލިސާނު އަލްޢަރަބި 29/13)

ހުރިހާ އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އާމީން އަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއްނޫނެވެ. އަދި އާމިން މިލަފްޒު ކީރިތި ޤުރްއާނުގެ އެހެން ސޫރަތެއްގައި ވެސް ވާރިދުވެފައެއް ނުވެއެވެ. އެހެން ނަމަވެސް، ނަމާދުގައި، އަލްފާތިޙާ ސޫރަތް ކިޔެވުމަށް ފަހު، އާމީން ކިޔުމަކީ ޝަރުޢު ކުރެވި، ކަނޑައެޅިފައިވާ ކަމެއްކަމުގައި ގިނަ މުފައްސިރުންނާއި ފިޤުހު އިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ.

މި މައްސަލައާ ބެހޭ ގޮތުން ބައެއް ހަދީސް ވާރިދުވެފައިވެ އެވެ. އޭގެ ތެރެއިން އެއް ހަދީސެއްގައި ކީރިތި ރަސޫލާ ވިދާޅުވިކަމަށް އޮވެއެވެ. "އިމާމު މީހާ އާމީން ކިޔުމުން ކަލޭމެން (މައުމޫމުން) އާމީން ކިޔާށެވެ...' އަދިވެސް އެހެން ހަދީސެއްގައި ކީރިތި ރަސޫލާ އަޑުހަރުކޮށް، (މީމުގެ އިބިފިއްޔަށް) ދަންމަވާލައްވާފައި އާމީން ކިޔުއްވާކަމާއި އަދި އެއަށް ފަހު މައުމޫމުންގެ އާމީން ކިޔެވުމުން މުޅި މިސްކިތް ގުގުމާލައިގެންދާ ވާހަކަ ވެސް ހަދީސްގައި އައިސްފައި ވެއެވެ. މި ދެ ހަދީސާއި މި މާނައިގައި ވާރިދު ވެފައިވާ އެހެން ހަދީސްތަކަކީ ވެސް ސައްހަ ހަދީސް ކަމުގައި ހަދީސް އިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ (ތަފްސީރުލް މަނާރު 98/1)

އަދި ފިގުހު އިލްމު ވެރިއެއް ކަމުގައްޔާއި އަދި ހަދީސް އިލްމުވެރިއެއް ކަމަށްވާ އައްޝަޥްކާނީ އޭނާގެ ނައިލުލް އަވްޠާރުގައި، މިމައްސަލައާ ބެހޭ ހަދީސްތައް ބަޔާން ކުރައްވައި، އޭގެ މައްޗަށް ބިނާކޮށް، ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔެވުމަށް ފަހު އާމީން ކިޔުމަކީ ޝަރުއު ކުރެވިފައިވާ ކަމެއް ކަމަށް ވިދާޅުވެއެވެ. (ނައިލު އަލްއަވްޠާރު 225-222/1). އަދި، މިމާނައިގައި ސަތާރަ ޞައްޙަ ހަދީސް ވާރިދުވެފައިވާ ކަމަށް މުޙައްމަދު ޢަބްދުހް ވެސް ބަޔާން ކުރައްވައެވެ. (ތަފްސީރު އަލްމަނާރު 98/1). އިމާމު މާލިކާއި އިމާމު އަބޫ ޙަނީފާގެ ފަރާތުން އާމީން ކިޔުން ނެތްކަމަށް ރިވާކުރެވިފައިވާ ކަމާއި އަދި މިބާބުގައި ވާރިދުވެފައިވާ ހަދީސްތައް އެރިވާޔަތް ރައްދު ކުރާކަމުގައިވެސް އައްޝަޥްކާނީ ބަޔާންކުރައްވައެވެ. (ނައިލު އަލްއަވްޠާރި 222/1)

ސޫރަތުލް ފާތިޙާ: ކީރިތި ޤުރްއާނުގެ ކޮންމެ ސޫރަތެއްގެ ކޮންމެ އާޔަތަކުން ވެސް މުސްލިމުންނަށް އެތައް ޢިބްރަތްތަކެއް ލިބިގެންދޭ.

ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔެވުމަށްފަހު އާމީން ކިޔެވުން ޝަރުޢުކުރެވިފައި ވިޔަސް، އެކަމުގެ ޙުކުމާއި ދޭތެރޭ ފިޤުހުވެރިންގެ ރައުޔު ތަފާތެވެ. ޞަޙީޙު އަލްބުޚާރީގެ ޝަރަޙައެއް ލިޔުއްވި އިބްނު ޙަޖަރު ވިދާޅުވަނީ ގިނަ އިލްމުވެރިން ދެކެވަޑައިގަންނަވަނީ އެއީ މަންދޫބު (އެދެވިގެންވާ) ކަމެއްގެ ގޮތުގައެވެ. ޡާހިރީ މަޒްހަބުގައި އާމިން ކިޔުމަކީ ވާޖިބު ކަމެކެވެ. އަދި ޝައިޚު މުހައްމަދު ޢަބްދުހް ދެކެވަޑައިގަންނަވާ ގޮތުގައި އިމާމާ އާމީން ކިޔެވުމުން މައުމޫމުންގެ މައްޗަށް އާމީން ކިޔުން ވާޖިބު ވެގެންވެ އެވެ. މިޚިޔާލު ތަފާތުވުން ބިނާވެފައިވަނީ ކީރިތި ރަސޫލާ އާމީން ކިޔުމަށް ވިދާޅުވެފައި އޮތް އިބާރާތުގައި އަމުރުގެ ސީޣާ (ކަލޭމެން އާމީން ކިޔާށެވެ!) މާނަކުރެވުމާ އެވެ. އެއް ބަޔަކު މާނަކުރަނީ މިތާގައި އަމުރުގެ ޞީޣާ ދޭހަކޮށްދެނީ އެއީ އެދެވިގެންވާ ކަމެއްގެ ގޮތުގައެވެ. އަނެއްބަޔަކު ދެކެނީ އަމުރުގެ ޞީޣާ މާނަކުރެވެނީ ކޮންމެހެން ކުރަންޖެހޭ ވާޖިބު ކަމެއްގެ ގޮތުގައެވެ.

އާމީންއާ ބެހޭ ގޮތުން ދެން އޮތީ އެލަފުޒުގެ މާނައާ ބެހޭ މައްސަލައެވެ. އެލަފުޒުގެ މާނަ ބަޔާން ކޮށް ދިނުމުގައި ގިނަ އިލްމުވެރިން ވިދާޅުވަނީ އާމީންގެ މާނައަކީ 'اللهم فاستجب' މިއެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، (އަޅަމެންގެ ދުއާ) އިޖާބަ ކޮށްދެއްވާފާނދޭވެ' މިއެވެ. ބައެއް އިލްމުވެރިން ވިދާޅުވަނީ އާމީންގެ މާނައަކީ كذلك فليكن މިއެވެ. އެފަދައިން، (އެބަހީ، އަޅަމެން ދުއާގައި ދަންނަވާފަދައިން) އެކަން ވާހުށިކަމެވެ' މިއެވެ.

އާމީން އަކީ މާތްﷲގެ އިސްމުފުޅެއްކަމުގައި ވެސް މުޖާހިދު ފަދަ ބައެއް އިލްމުވެރިން ވިދާޅުވެއެވެ. މާނައަކީ 'ހައްގުވަންތަ ފަރާތް' މިއެވެ. މިމާނަ ލަފާ ކުރެވޭ ގޮތުގައި ނެގިފައިވަނީ ބައިބަލް އިންނެވެ. މުފައްސިރުންގެ އިސްތިލާހުގައި އިސްރާއީލީ ރިވާޔަތްތަކުންނެވެ. އާމީން އެއީ އަރަބި ބަހުގައި މާތްﷲގެ އިސްމުފުޅެއް ނޫންކަމަށް އަލްއަޒްހަރީ ފަދަ އިހުގެ އަރަބި ބަހުގެ އިލްމުވެރީން ވިދާޅުވެ، މިރައުޔު އަށް ރައްދު ދެއްވައެވެ. (އިބްނު މަންޡޫރު، ލިސާނު އަލްޢަރަބް 27/13)

މި ތަނުގައި ފާހަގަކޮށްލަން ޖެހެނީ ނަމާދުގައި މުސްލިމުން އެންމެ ފުރަތަމަ އާމީން ކީއިރު ކީ ކޮން މާނައެއްގައި ތޯއެވެ. މުސްލިމުން، އާމީން، މިލަފްޒު، އަބަދުވެސް ބޭނުން ކޮށްފައިވަނީ މާތްﷲ ހަޟްރަތުގައި ދުއާ ދެންނެވުމަށްފަހު އެދުއާ އިޖާބަކޮށްދެއްވުމަށް އަދައިދެންނެވުމުގެ މާނަ ދޭހަކޮށްދޭ އިބާރާތެއްގެ ގޮތުގައެވެ. އަދި ހަމަ އެހެންމެ، އެހެން ބައެއް ދީންތަކުގައިވެސް އާމީން ބޭނުން ކުރެވެނީ މިފަދަ މާނައެއްގައެވެ.

އާދެ، މިހިސާބުން އަލްފާތިޙާ ސޫރަތަށް އިތުރުކޮށްލުމުގެ ގޮތުން، އަޢޫޛު އާއި ބިސްމި އާއި އާމީން ކިޔުމާ ބެހޭގޮތުން ގެނެސްދެވުނު ވާހަކަތައް ނިމުނީއެވެ. ދެން ބަލައިލެވޭތޯ މަސައްކަތްކުރާނީ އަލްބަޤަރާ ސޫރަތުގެ މައްޗަށެވެ. އެންމެ ފުރަތަމަ އެސޫރަތުގެ ވަށަރޮނގެއް އަންނަ ހަފުތާގައި އިރާދަކުރެއްވިއްޔާ ހުށަހަޅާލެވޭތޯ ބަލާނަމެވެ.

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.