ކުރިއަށް އޮތީ މާ ހަނދުގެ ފޯވަހިތަކެއް

މި ދުވަސްވަރު ފެންނަމުން މި ދަނީ މާ ހަނދެކެވެ. ސުޕާ މޫންއެކެވެ. އާދައިގައި ފެންނަ ވަރަށް ވުރެ ބޮޑު ހަނދެކެވެ.


ފަލަކީ މާހިރުން ބުނާގޮތުގައި، މި އަހަރަކީ، މި ކަހަލަ ހަނދުތަކުގެ ނުވަތަ މާ ހަނދުގެ ފޯވަހިތަކެއް އަންނަ އަހަރެކެވެ. މި އަހަރު ބައެއް މަސްމަހުގެ ހަނދުބޮޑުވާ ދުވަސްވަރު ތިން މާ ހަނދު ފެންނާނެ އެވެ. އެއީ، މި ހިނގާ މާރިޗު މަހުގެ 9 ވަނަ ދުވަހުގެ ރޭ (ރަޖަބު މަހުގެ 15 ވިލޭރެ) އާއި، އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ (ޝަޢުބާން މަހުގެ 16 ވިލޭރެ) އާއި މެއި 7 ވަނަ ދުވަހުގެ ރޭ (ރަމަޟާން މަހުގެ 15 ވިލޭރެ) އެވެ.

މި އަހަރު ހުޅެވި ހަނދުގެ މާ ހަނދުގެ ފޯވައްސެއް ވެސް އަންނާނެ އެވެ. އެއީ، ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ރެ އާއި އޮކްޓޯބަރު 16 ވަނަ ދުވަހުގެ ރެ އާއި ނޮވެމްބަރު 15 ވަނަ ދުވަހުގެ ރެ އެވެ.

ހަނދު ސުޕާ މޫންއަކަށް ނުވަތަ މާ ހަނދަކަށް ވަނީ ކިހިނެއް؟

ދުނިޔޭގެ ވަށައިގެން (މި ދެންނެވީ އަޅުގަނޑުމެން ދިރިއުޅެމުން މި ގެންދާ ޕްލެނެޓް އާތުގެ ވަށައިގެން) ހަނދު ދައުރުކުރާ ފަލަކަކީ، ވަށް ބުރު ހަމަ ފަލަކެއް ނޫނެވެ. އެހެންކަމުން ކޮންމެ ހަނދު މަހަކު ވެސް، ހަނދު ދުނިޔެއާ ކައިރިއަށް އަންނަ ވަގުތަކާއި ދުނިޔެއާ ދުރުގައި ހުންނަ ވަގުތެއް އަންނާނެ އެވެ. ހަނދު ދުނިޔެއާ އެންމެ ކައިރީގައި ހުންނަ މަންޒިލަށް ކިޔަނީ [ޕެރިޖީ] އެވެ. ހަނދު ދުނިޔެއާ އެންމެ ދުރުގައި ހުންނަ މަންޒިލަށް ކިޔަނީ [އެޕޮޖީ] އެވެ.

އެއްވެސް ހަނދު މަހެއްގެ ހަނދު ބޮޑުވާ ދުވަސްވަރު ޕެރިޖީއާ ދިމާވެއްޖެ ނަމަ، ހަނދު ފެންނާނީ އާދައިގެ މަސްމަހު ހަނދު ފެންނަ ވަރަށް ވުރެ ބޮޑުކޮށެވެ. އެހެންކަމުން، އެ ހަނދު ވާނީ މާ ހަނދަކަށެވެ. ހަމަ އެފަދައިން، އާ މަހެއްގެ ހުޅެވި ހަނދު ފެންނަ ދުވަސްވަރު ހަނދު ހުރީ ޕެރިޖީގައި ކަމަށްވާ ނަމަ، އެއީ ވެސް މާ ހަނދެކެވެ. އެހެން ދިމާވެއްޖެ ނަމަ އެ މަހެއްގެ ހުޅެވި ހަނދު ފެންނާނީ، އެހެން މަސްމަހުގެ ހުޅެވި ހަނދު ފެންނަ ވަރަށް ވުރެ ބޮޑުކޮށެވެ.

ހަނދާއި ދުނިޔެއާ ދެމެދުގައިވާ އެވްރެޖް ދުރުމިނަކީ 238,906 މޭލެވެ. ހަނދު ދުނިޔެއާ އެންމެ ކައިރީގައި ހުންނައިރު ހުންނަ އެވްރެޖް ދުރުމިނަކީ، 225,623 މޭލެވެ. ހަނދު އެންމެ ދުރުގައި ހުންނައިރު ހަނދު ހުންނާނީ އެވްރެޖްކޮށް 252,088 މޭލު ދުރުގަ އެވެ.

މި ދުރުމިންތަކަށް ބަލާއިރު، ހަނދު ދުނިޔެއާ އެންމެ ކައިރީގައި ހުންނަ ދުރުމިނުގެ 90 ޕަސެންޓްގެ ދުރުމިނުގައި ހަނދު ހުރެއްޖެ ނަމަ، އެއީ މާ ހަނދަކަށް ވާނެ އެވެ. މީގެ މާނަ އަކީ، ހަނދު ބޮޑުވާ ދުވަސްވަރު، ނުވަތަ ހުޅެވި ހަނދުގެ ދުވަސްވަރު، ހަނދާއި ދުނިޔެއާ ދެމެދު ހުންނަ ދުރުމިނަކީ 224,865 މޭލު ކަމަށް ވެއްޖެ ނަމަ، ނުވަތަ އެ އަށް ވުރެ ކައިރިވެއްޖެ ނަމަ އެ ވާނީ މާ ހަނދަކަށެވެ. ފަލަކީ މާހިރުން ބުނާގޮތުގައި، އެވްރެޖް ފުލް މޫނަކަށް ވުރެ، އެވްރެޖް މާ ހަނދެއް ފެންނާނީ 15 ޕަސަންޓް ބޮޑުކޮށެވެ.

މި އަހަރު ފެންނަ ތިން ފުލް މޫން މާ ހަނދު ދުވަސްވަރު، ހަނދު ހުންނާނެ ކަމަށް ފަލަކީ މާހިރުން ބުނާ ދުރުމިންތަކަކީ، މާރިޗު 9 ގައި 222,081 މޭލު، އޭޕްރީލް 8 ގައި 221,851 މޭލު، އަދި މޭ 7 ގައި 224,429 މޭލެވެ.

މި ދުރުމިންތަކަށް ބަލާއިރު، މި ހިނގާ މާރިޗު 9 ވަނަ ދުވަހުގެ ރެ އާއި އޭޕްރީލް 8 ވަނަ ދުވަހުގެ ރެ އާއި މެއި 7 ވަނަ ދުވަހުގެ ރޭ ހަނދު ހުންނާނީ ޕެރިޖީގެ އެވްރެޖް ދުރުމިނަށް ވުރެ ކައިރީގަ އެވެ. ވަކިން ޚާއްޞަކޮށް، އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ހުންނާނީ އާދަޔާ ޚިލާފަށް ކައިރީގަ އެވެ. އެއީ، 221,851 މޭލުގެ ދުރުމިނެވެ. އެހެންކަމުން، އެރޭ ހަނދު ފެންނާނީ، އާދަޔާ ޚިލާފަށް ބޮޑުކޮށެވެ.

ހަނދުބޮޑުވާ މޫސުމުގައި ދިޔަވަރަށް ވެސް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. ދިޔަވަރު ހިކޭއިރު، އާދަޔާ ޚިލާފަށް ބޮޑަށް ދިޔަވަރު ހިކެ އެވެ. ދިޔަވަރު ބޮޑުވާ ވަގުތު އާދަޔާ ޚިލާފަށް ދިޔަވަރު ބޮޑުވެ އެވެ. ގައިގައި ރިއްސާ މީހުންގެ ރިއްސުން ވެސް ބޮޑުވެ އެވެ. މޮޔަވާ މީހުންގެ މޮޔަކަން ވެސް ބޮޑުވެ އެވެ. އިނގިރޭސި ބަހުން މޮޔަވުމަށް ކިޔަނީ ލިޔުނަސީ އެވެ. އެބަސް ނެގިފައި އެއޮތީ ލިޔުނާ (ހަނދާ ބެހޭ) މި ބަހުންނެވެ. ނުވަތަ ފަރަންސޭސި [ލޫން] ހަނދު މި ބަހުންނެވެ. މިގޮތުން، ހަނދުގެ ޙަރަކާތާއި އިންސާނުންގެ ދިރިއުޅުން ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ހަނދުބޮޑުވާ ދުވަސްވަރަކީ، ހަމައެކަނި ލޯބިވެރިންނަށް ޚާއްޞަ އުފާތަކެއް ގެނެސްދޭ ދުވަސްވަރެއް ނޫނެވެ. އޭގެ އިތުރުން، އިންސާނުންގެ ޙަޔާތަށާއި ޞިއްޙަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭ ދުވަސްވަރެއް ވެސް މެއެވެ.

އެޑިޓަރުގެ ނޯޓު

ކުރީގެ ރައީސް މަޢުމޫން އަބްދުލްގައްޔޫމަކީ ފަލަކީ އިލްމުގެ ދާއިރާއަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ދެއްވައި އަދި އެކަމާ ބެހޭ ތަފާތު މައުުލޫއުތަކަށް ގިނަ ލިއުއްތަކެއް ވެސް ލިއުއްވާ ބޭފުޅެކެވެ. ހަނދުކޭތަ އާއި އިރުކޭތަ ހިފާ ދުވަސްވަރު، އެކަމުގެ ގިނަ މައުލޫމާތުތަކެއް ނޫސްތައް މެދުވެރިކުރައްވާ، ކިއުންތެރިންނާ ހަމަޔަށް ގެނެސްދެއްވަ އެވެ.