މޫސަގެ ކޮލަމް: ރެކިގަތުމުގެ އުޒުރަކަށް ކޮމަންވެލްތު

ރާއްޖޭގައި މި އޮތީ ޑިމޮކްރަސީއެއް ހެއްޔެވެ؟


ކޮމަންވެލްތުން ވަކިވާން ކެބިނެޓުން ނިންމި ނިންމުމާ ގުޅިގެން ނެރުނު ބަޔާނުން ބުނަނީ އެހެންނެވެ. ދެން ރާއްޖޭގެ ގާނޫނުއަސާސީގައި އޮތީ އެހެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކޮންމެ ފަސް އަހަރަކުން މީހަކު އިންތިހާބުކުރަން ރައްޔިތުން ވޯޓުލަ އެވެ. ރައްޔިތުންގެ މަޖިލިހަށް، ކޮންމެ ފަސް އަހަރަކުން މެމްބަރުން އިންތިހާބުކުރަނީ ވެސް ރައްޔިތުންގެ ވޯޓަކުންނެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް އެކުވެގެން ސުޕްރީމް ކޯޓަށް ފަނޑިޔާރުން ލައި، އެއީ ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒުން އެއްކިބާވެ، މުޅިން މިނިވަން ބާރެއް ކަމަށް، ކަނޑައަޅާފައިވެ އެވެ.

އެވަރަކުން އަދި ނުފުދެ އެވެ. ތިން ބާރަށް ވެސް ނުޖައްސާ ބައެއް ކަންކަން، ރައްޔިތުންގެ ހައްގުގައި، ހިންގުމުގެ ގޮތުން މިނިވަން މުއައްސަސާތަކެއްގެ ނަމުގައި އެތައް މުއައްސަސާއެއް ވަނީ އުފައްދައިފަ އެވެ. އެ ތަންތަން މަސައްކަތްކުރަން ޖެހެނީ، އަނެއް ތިން ބާރުގެ ޖެއްސުން ކުރުމެއް ނެތި އެވެ.

އާއެކެވެ؛ މަތީގައި އެވާ ކަންކަމަށް ބަލާއިރު ރާއްޖޭގައި މި އޮތީ ޑިމޮކްރަސީއެކެވެ. އެކަމަކު ބާރުތައް މިއަދު މަސްހުނިވެފައި ހުރިލެއް ބޮޑުކަމުން، އެހުރިހާ ހިތްގައިމުކަމެއް އޮތީ ހަމައެކަނި ކަރުދާހުގަ އެވެ. މިކަން ދިވެހި ރައްޔިތުންނަށް އެނގެނީ ކޮމަންވެލްތު ކިޔާ ޖަމާއަތަކުން ބުނީމައެއް ނޫނެވެ. އދ. ގެ ނަމުން އަހަރެމެން މުޚާތަބުކުރާ ދުނިޔޭގެ އެންމެ ބިޔަ ޖަމާއަތުން ބުނީމައެއް ވެސް ނޫނެވެ. މިއީ މިހާރު "ކަރުދާހުގެ ޑިމޮކްރަސީއެއްކަން" އެންމެ ބޮޑަށް އެނގި، ދަސްކޮށްފައި މިވަނީ އަހަރެމެން ދިވެހިންނެވެ.

ރައީސް ޔާމީން، ކެރުމެއް ނޫން، ރެކިވަޑައިގަތުން

ރައީސް އަބްދުﷲ ޔާމީންގެ މިޒާޖުފުޅު ހުންނަނީ މިކަހަލަ ގޮތަކަށް ބާވަ އެވެ؟ މަށެއް އިނގިރޭސި ވިިލާތަކަށް ނުދާނަމެވެ. އެމެރިކާ އަކީ މަ ދާން ބޭނުންވާ ގައުމެއް ނޫނެވެ. ވިސާ ނުދިނަސް، ދަތުރުނުކުރެވޭ ގޮތް ހެދިޔަސް މަށަށް ވަރިހަމަ އެވެ.

ބައެއް މީހުން "ވައި އަޑުން" ބުނެލާ އެއްޗެހިން ޔަގީންވަނީ އެކަހަލަ ގޮތެކެވެ. ގައުމުގެ ހުރިހާ ބާރުތަކެއް އެކަހަލަ ވެރިއެއްގެ އަތްމައްޗަށް ހިނގައްޖެ ނަމަ، އެ ބާރުތައް ހިންގުމުގެ ޒިންމާއާ ހަވާލުވެ ތިބި މީހުން، ހީހީފައި، އާދެ! އާދެ! ކިއުން ނޫން ތަނެއް ނުފެންނާނެ އެވެ. އެފަދަ މީހުންގެ ބަލިފައިތަކާއި ކޮންޓްރޯލްކުރާނެ ގޮތް ވެރިޔާ އަށް ރަނގަޅަށް އެނގޭނެ އެވެ. އަހަރެމެން މިތިބީ އެ ހާލަތުގަ އެވެ. އެ މީހުން އާންމުންނާ ހަމައަށް ގެނެސްދޭނީ، ޔޫރަޕްގެ ގައުމުތަކާއި އެމެރިކާގައި ވެސް ކުރާ ނުބައި ކަންކަމުގެ ވާހަކަތަކެވެ. ރާއްޖޭގައި ހުރި ނުބައިތައް އިސްލާހުކުރަން ހެޔޮހިތުން ބަޔަކު ދައްކާ ވާހަކަ ވެސް ގުޅުވާލާނީ ގައުމުގެ އިސްތިގުލާލާއި މިނިވަންކަމާއި މާތްވެގެންވާ އިސްލާމް ދީނާ އެވެ.

ސަރުކާރުގެ އިސް ބައެއް ވެރިން: ރައީސް ޔާމީން ވަރުގެ ވެރިއެއް ނުލިބޭނެ ކަމަކަށް އަބަދު ވިދާޅުވޭ

ރައީސް ޔާމީނަކީ ކެރިވަޑައިގަންނަވާ ރައީސެއްކަން އެމަނިކުފާނުގެ އަރިސް ބޭފުޅުން އެދަނީ ސިފަކުރަމުންނެވެ. އެވަރުގެ ރައީސެއް ރާއްޖެ އަށް ނުލިބޭނެއޭ އެ ބުނަނީ ވެސް ދިވެހި ރައްޔިތުންގެ ކުރިމަތީގަ އެވެ. އެހެންކަމުން އެ ކެރުން ރައީސް ވެސް، އެމަނިކުފާނު ބޭނުންފުޅުވާ ކަންކަމުގައި، ދައްކަވަ އެވެ. އެކަމަކު ކޮމަންވެލްތުން ވަކިވާން ކެބިނެޓުން ނިންމުމަކީ ކެރިވަޑައިގަތުމެއް ނޫނެވެ. އެއީ ރެކިވަޑައިގަތުމެކެވެ.

އެތައް ބައިވަރު ސަބަބުތަކެއް ދެއްކިދާނެ އެވެ.

ކޮމަންވެލްތުން އެދޭ މައިގަނޑު ކަންކަމަކީ ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމުގެ އަސާސީ ބައިތަކެވެ. ރާއްޖޭގެ ޝަރުއީ ނިޒާމް އޮތް ހާލު ދިވެހިންނަކަށް ނޯޅެ އެވެ. އެކަމަކު ރައީސް ޔާމީނަށް، ރާއްޖޭގެ މިހާރުގެ ޝަރުއީ ނިޒާމަށް ވުރެ މޮޅު ޝަރުއީ ނިޒާމެއް ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ފެނިވަޑައިނުގަތުން އެކަށީގެންވެ އެވެ. އެހެންކަމުން އެ ނިޒާމް އިސްލާހުކުރަން ކޮމަންވެލްތުން އެދޭ އެދުންތަކަށް ރެކިވަޑައިގަތުން ނޫން އެހެން ގޮތެއް ނޯންނާނެ އެވެ.

ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައޭ ސަރުކާރުން ބުނާ އިރު، އެންމެ ކުޑަވެގެން ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވެސް އެކަން ގަބޫލެއް ނުކުރެ އެވެ. ރައީސް ޔާމީން އަންގަވާ ގޮތަކަށް ބިލްތައް ފާސްކޮށް، މިނިވަން މުއައްސަސާތައް "ކޮށާމަށާ، ހިމުންކުރުމު"ގެ މާނަ އަކީ ހިތުގެ އަޑިން އެއަށް ތާއީދުކުރުމެއް ނޫނެވެ. ތިން ބާރު މަސްހުނިވެފައި ހުރިލެއް ވަރުގަދަކަމުން، އެނޫން ގޮތެއް ނުފެންނަނީ އެވެ. "ތިމަންނަ ވޯޓު ނުލައިފިއްޔާ ހުނި ޖެހޭނެކަން" އެ މެމްބަރުންނަށް އެނގެ އެވެ. އެހެންކަމުން މިނިވަން މުއައްސަސާތަކަށް ބާރު ދޭން ކޮމަންވެލްތުން ބުންޏަސް، ރައީސް ޔާމީނަށް އޮތީ ރެކިވަޑައިގަތުމެވެ.

އިދިކޮޅު ލީޑަރެއްގެ ގޮތުގައި ރައީސް ޔާމީން ހުންނެވި އިރު، ޑީއާރުޕީ އާއި އޭގެ ފަހުން ޕީޕީއެމް މާލޭގެ މަގުތައް ކުޑަކުރި ގޮތް ހަނދާނަކުން ނުފޮހެވެ އެވެ. މީޑިއާތަކުގެ މިނިވަންކަން ހިމާޔަތްކުރަން އުޅުނު ގޮތުން ހީވީ، އެއަށް ވުރެ ޑިމޮކްރަސީ ދެކެ ލޯބިވާ ބަޔަކު ނެތް ހެންނެވެ. އެކަމަކު މިއަދު، މާލޭގައި މުޒާހަރާކުރުމަކީ އާންމުންނަށް އުނދަގޫވުމެވެ. ސިޔާސީ އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާ މެދު ކުރެވޭ ތުހުމަތުތައް މީޑިއާގައި ހާމަކުރުމަކީ އަބުރަށް އަރައިގަތުމެވެ.

ކޮމަންވެލްތުން އެދުނީ އެ ހައްގުތައް ކަށަވަރުކޮށްދޭށެވެ. ނަމަވެސް ރައީސް ޔާމީނުގެ ކުރިފުޅު މަތީގައި އެ އެދުމަކީ، ރާއްޖޭގެ އެތެރޭގެ ކަންކަމާ ބެހުމެވެ. އެހެންކަމުން އެމަނިކުފާނު، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައި، ރެކިވަޑައިގަންނަވަނީ އެވެ.

ޑިމޮކްރަސީގެ އަސާސީ ތަނބުތައް ފުނޑުކޮށްލުން

ކޮމަންވެލްތުން ވަކިވެއްޖެ އެވެ. އެކަމަކު ރާއްޖޭގެ ޑިމޮކްރަސީގެ ހައްގުގައި ރައީސް ޔާމީނަށް ގެންނެވުނު އިސްލާހެއް ނުފެނެ އެވެ. ކާޑުގެ ބާވަތްތަކުން ދޭ ސަބްސިޑީ ކުއްލިއަކަށް ކަނޑާލުމުގެ ހިތްވަރު އެމަނިކުފާނަށް ލިބިވަޑައިގަތީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދިން ލަފާގެ މަތިން ކަމަށް، އެކަމުގެ ދިފާއުގައި ސަރުކާރުން އެދަނީ ބުނަމުންނެވެ. ސަރުކާރުން ބޭނުންވާ ކަމެއްގެ މަތި އަޅަން މި ދައްކަނީ ބޭރުގެ ލަފަ އާއި އިރުޝާދެވެ.

ކޮމަންވެލްތުން ދިވެހި ސަރުކާރުގެ ކިބައިން އެދުނު މައިގަނޑު ގިނަ ކަންކަން ގުޅެނީ ދިވެހި ރައްޔިތުންގެ ހައްގުތަކާ އެވެ. މި ދައްކަނީ ދީނީ މިނިވަންކަމާއި އެއް ޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަމުގެ ވާހަކައެއް ނޫނެވެ. މި ދައްކަނީ، ކުށެއްގެ ތުހުމަތުގައި ކޯޓަށް ގެންދާ ދިވެހި ރައްޔިތު މީހާގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ވާހަކަ އެވެ. ގައުމުގެ މަސްލަހަތުގައި މަސައްކަތްކުރަން ޖެހޭ މުއައްސަސާތަކަށް އެހެން ބައެއްގެ ނުފޫޒު ނުފޯރުވުމުގެ ވާހަކަ އެވެ. ގާނޫނުއަސާސީ ހިމާޔަތްކޮށްދޭ ރައްޔިތުންގެ މަޖިލިހެއްގެ ވާހަކަ އެވެ. އިދިކޮޅު ހިޔާލާއި ހަރަކާތްތަކަށް ފުރުސަތު ދިނުމަކީ، ވެރިކަން ހިންގާ ފަރާތުން ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމުގެ ވާހަކަ އެވެ.

މާލީ އެހީތެރިކަން ހޯދަން ވޯލްޑް ބޭންކާއި އައިއެމްއެފްގެ އިސްލާހީ ފިޔަވަޅުތައް ގަބޫލުކުރާ ގޮތަށް، ރާއްޖޭގެ ޑިމޮކްރަސީގެ ހައްގުގައި، ބޭރު ފަރާތްތަކުގެ ގޮވާލުންތަކަށް އިޖާބަ ނުދެނީ ކީއްވެގެންތޯ އެވެ؟

ކޮމަންވެލްތުން ރާއްޖެ ވަކިވިކަން ފޮރިން މިނިޓަރު މުހައްމަދު އާސިމް (ވ) އަދި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އިއުލާންކުރައްވަނީ: ހާދަ ވަރުގަދަ ނިންމުމެއް!

ކޮމަންވެލްތުން އެދުނީ ޑިމޮކްރަސީގެ މައިގަނޑު ރުކުންތައް ފުރިހަމަކޮށްދިނުމުގެ އިސްލާހުތަކަކަށް ކަން ދިވެހިންނަށް އެނގެ އެވެ. އެ އިސްލާހުތައް ގެންނަ ނަމަ އޭގެ ފަހަތުން ރަނގަޅު އެތައް ކަމެއް ފެންނާނެ އެވެ. އެއީ ރައީސް ޔާމީނަށް ވެސް ކުރިމަގުގައި ހިމާޔަތް ލިބިވަޑައިގަންނަވާނެ އިސްލާހުތަކެކެވެ. އެކަމަކު މިއަދު ސަރުކާރަށް ކޮމަންވެލްތުގެ ބާރުއެޅުން ތަރުޖަމާކުރެވުނީ ރާއްޖޭގެ އެތެރޭގެ ކަންކަމާ ބެހުމުގެ އަމަލެއްގެ ގޮތުގަ އެވެ.

ބޭރުގެ ޖަމާއަތްތަކުގެ ފައިބުޑަށް ނުވެއްޓޭ ވަރުގެ ގައުމަކަށް ރާއްޖެ ވެއްޖެ ނަމަ، ކޮމަންވެލްތުން، އަދި ކީއްކުރަން، އދ. އިން ވަކިވުމަކީ ވެސް މައްސަލައެއް ނޫނެވެ. އެކަމަކު ސުވާލަކީ ރާއްޖެ މި އޮތީ ސުވިޒަލެންޑްގެ ފެންވަރުގައި ހެއްޔެވެ؟

ބައިނަލްއަގުވާމީ މުއާހަދާތަކުގައި ސޮއިކޮށް، ބައިނަލްއަގުވާމީ ވިޔަފާރީގައި ބައިވެރިވެ، ބައިނަލްއަގުވާމީ ގުޅުންތަކުގެ ތެރޭގައި ރާއްޖެ އޮތްހާ ހިނދަކު، އެހެން ގައުމުތަކާއި ޖަމާއަތްތަކުން ރާއްޖެ ދުލެއް ނުކުރާނެ އެވެ. އެކަހެރިވެގެން އުޅުނު ޒަމާން މާޒީ ވެއްޖެ އެވެ. އެދުވަސް އަލުން ގެންނަން އުޅުމަކީ ޕްރެޝަރުތަކުން ސަލާމަތްވުމެއް ނޫނެވެ، އެއީ އިތުރު ޕްރެޝަރަކަށް ވެއްޓުމެވެ.

"ކަރުދާހުގެ ޑިމޮކްރަސީއަކަށް" ރާއްޖޭގެ ނިޒާމް ބަދަލުވެއްޖެ ކަން ކޮމަންވެލްތާއި އދ. އިން، ހަގީގަތުގައި ދިވެހިންނަށް ބުނެދޭކަށް ނުޖެހެ އެވެ. ދިވެހިންނަށް ގާނޫނުއަސާސީގެ ހިމާޔަތް ލިބި، ބީވެގެން މިދަނީ އަހަރެމެންގެ ކުރިމަތީގަ އެވެ. ގައުމުގެ މުއްސަނދިކަން ވަކި ބަޔަކު "ފޭރޭ އިރު" އެއިން ކަމަކާ ފިޔަވަޅު ނޭޅޭތަން ބަލަމުން މިދަނީ ހަމަ އަހަރެމެންނެވެ. ސަރުކާރާ ގުޅިފައި ތިބި މީހުންގެ މުއްސަނދިކަން ބޮޑުވެ، ނާޖާއިޒު ފައިދާތަކުގެ ހާއްޔަކަށް ވަމުން އެދަނީ އަހަރެމެން ބަލަބަލާ ތިއްބަ އެވެ. މިއިން ކަމަކާ ދެކޮޅަށް ފިޔަވަޅު ނޭޅެނީ ކީއްވެގެން ހެއްޔެވެ؟ ކޮމަންވެލްތުން އެ ފާހަގަކުރާ އިސްލާހުތައް ނުގެނެވި، މުއައްސަސާތައް ކުޅޭކުޅޭ ތަންތަނަށް ބަދަލުވުމުން، އެޅޭނެ ފިޔަވަޅެއް ނޯންނާނެ އެވެ.

ކޮމަންވެލްތުން ވަކިވުމަކީ، ރާއްޖެ އަށް ދުއްތުރާތަކެއް ކުރުމަތިކުރާތީ ނިންމި ނިންމުމެއް ކަމަކަށް، ވެރިކަމުގެ ޖާހަތާއި އުފާ ހޯދަމުން އަންނަ މީހުން ނޫން އެހެން ދިވެހިން ގަބޫލެއް ނުކުރާނެ އެވެ. ކޮމަންވެލްތުން ވަކިވީ ދިވެހިންގެ ހައްގުގައި އެދުނު ކަންތައްތަކުން ސީދާ ރެކިގަންނާށެވެ. ޑިމޮކްރަސީގެ އެންމެ އަސާސީ ތަނބުތައް ފުނޑުކުރަމުން ދާ ދިއުން ކުރިއަށް ގެންދިއުމުގެ ބޭނުމުގަ އެވެ.