ޚިޔާލު / އިންޓަނެޓް

އިންޓަނެޓަކީ އަސާސީ ހިދުމަތަކަށް ހެދުމުގެ ވަގުތު އަތުވެއްޖެ

ކޮވިޑް-19 ގައި ރާއްޖޭގެ އިގުތިސާދާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އަމީރު އޮންލައިންކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މިހާރު ހުރިހާ ކަމެއް ވެސް ބިނާވަނީ އިންޓަނެޓްގެ މައްޗަށް

10 މެއި 2020 - 10:05

23 comments

ދައުލަތް ހިންގައި، ވަޒީފާ އަދާކޮށް، ވިޔަފާރި މުއާމަލާތްތައް މިއަދު ހިންގަނީ އިންޓަނެޓް މެދުވެރިކޮށެވެ. އާއިލީ ގުޅުންތައް ދެމެހެއްޓުމަށާއި ކުދިންނަށް ކިޔަވައިދިނުމުގެ މެދުވެރިޔަކީ އިންޓަނެޓެވެ. ޚަބަރާއި މައުލޫމާތު ގެނެސްދީ، މުނިފޫހިފިލުވައި، ދީނީ ނަސޭހަތާއި، އަޚުލާގީ ފިލާވަޅުތައް ފޯރުކޮށްދެނީ އިންޓަނެޓްގެ ޒަރީއާއިންނެވެ.

ރާއްޖޭގައި އެކަންޏެއް ނޫނެވެ. މުޅި ދުނިޔޭގަ އެވެ.

ކޮވިޑް-19ގެ ކުރީގައި ވެސް، އިންޓަނެޓުގެ ޚިދުމަތަކީ އެހާމެ މުހިންމު އަދި އެ ޚިދުމަތަކާ ނުލާ ދުނިޔަވީ ކަންތައް ކުރަން އުނދަގޫ ޚިދުމަތަކަށް ވަނީ ވެފަ އެވެ. ކޮވިޑް-19 ގެ ސަބަބުން މުޖްތަމަ އާއި އިގްތިސާދު ބަނދެވިފައިވާ މިދުވަސް ކޮޅުގައި އިންޓަނެޓުގެ މުހިންމުކަން ބޮޑުވެ އިންޓަނެޓަކީ ޒަރޫރީ ޚިދުމަތަކަށް ވަނީ ވެފަ އެވެ. ﷲގެ މިންވަރުފުޅުން މި ރޯގާއިން އަރައިގަތުމަށް ފަހުގައި ދިރިއުޅުމުގެ ވައްޓަފާޅި އާއި އިގްތިސާދު ބައްޓަން ކުރެވޭނީ މިހާރަށް ވުރެ ބޮޑަށް އިންޓަނެޓަށް ބަރޯސާ ކުރެވިގެންކަން ޔަގީނެވެ. އެހެންކަމުން، އިންޓަނެޓަކީ ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތަކަށް މިއަދު މިވަނީ ބަދަލުވެފަ އެވެެ. މިކަމާ ދެކޮޅު ހެދުމެއް ނެތެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ 23 ވަނަ މާއްދާ "އިގްތިސާދީ އަދި އިޖްތިމާއީ ހައްގުތައް" ބަޔާންކުރާ ބާބުގައި "ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކަށް އެ ހައްގުތައް ހޯދޭނޭ މަގު ތަނަވަސް ކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރަންވާނޭ' ކަމަށް ބުނެ ކަނޑައަޅާފައިވާ ހައްގުތަކުގެ ތެރޭގައި ކާނާ އާއި ސާފު ފެނާއި، ފޭރާމާއި ހިޔާވަހިކަމާއި، ސިއްހީ ޚިދުމަތާއި، ނަރުދަމާ އާއި ކަރަންޓުގެ ޚިދުމަތްތައް، އަސާސީ ޚިދްމަތުގެ ގޮތުގައި ލިޔެފައިވެ އެވެ.

އަސާސީ ޚިދުމަތްތަކެއް ކަމަށް ގާނޫނު އަސާސީގައި ލިޔެވުމުން އެ ޚިދްމަތް ފޯރުކޮށްދިނުމަށް ދައުލަތުން މުހިންމު މަސައްކަތްތަކެއް، އިސްކަންދީގެން ކުރަން ލާޒިމްކުރުވަ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ފެންވަރެއްގައި ނޫނަސް އަސާސީ ޚިދްމަތް ފޯރުކޮށްދެވޭތޯ ބަލަން ސަރުކާރުތަކުން މަަސައްކަތް ކުރަން ޖެހެ އެވެ. ފެނާއި ނަރުދަމާގެ ނިޒާމް މުޅި ރާއްޖޭގައި ގާއިމްވެފައި ނެތަސް، ސަރުކާރުތަކުން ގެންދަނީ ހުރިހާ ރަށެއްގައި ވެސް އެފަދަ ޚިދުމަތް ފަށަން މަސައްކަތް ކުރުމުންނެވެ.

މިއަދު އިންޓަނެޓުގެ ޚިދުމަތަކީ، އަޅުގަނޑު ދެކޭ ގޮތުގައި، އަސާސީ ޚިދުމަތަކަށް ނޫނީ ނުވާނެ އެވެ.

ފުރިހަމަ ހިޔާވަހިކަމެއްގެ ޔަގީންކަމެއް ނެތި، އިރުގެ އަލިކަން ނުލިބޭ، ވައި ދަތުރު ނުކުރާ ހޮހޮޅައެއްގައި ހަނި އަރިއަށް އޮވެ ނިދުމުގެ އިންތިޒާމު ހަމަޖައްސަން މަޖުބޫރު އެތައް އައިލާއަކަށް ވެސް މިއަދު، އިހަށް މުހިންމީ އިންޓަނެޓްގެ ޚިދްމަތެވެ.

ކޮވިޑް-19ގެ ވިލާތައް ސާފުވެ، ދުނިޔެއަށް ހަމަ ވައި ޖެހެން ފަށާއިރު، ދައުލަތް ހިންގުމާއި، ވިޔާފާރި ކުރުމާއި، އިޖްތިމާއި ގުޅުންތައް ދެމެހެއްޓުމާއި، ތައުލީމާއި، ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމާއި ދަރުސް ދިނުމާއި މުނިފޫހިފިލުވަން އިންޓަނެޓްގެ މުހިންމުކަން އެތައް ތަނަކުން އިތުރުނުވެއެއް ނުދާނެ އެވެ. "ދަ ނިއު ނޯމަލް" އަކަށް ވާނީ އިންޓަނެޓް މެދުވެރިކޮށް، ގައިދުރުކޮށް ތިބެ، ވީހާވެސް ގިނަ މުއާމަލާތްތަކެއް ކުރުމުވެ.

އެހެންކަމުން ގާނޫނު އަސާސީގެ 23 ވަނަ މާއްދާއަށް (އ) އިތުރުކޮށް އިންޓަނެޓްގެ ޚިދުމަތް ހިމެނުމުގެ ވަގުތު މިވަނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޖެހިފަ އެވެ.

އަސާސީ ޚިދުމަތެއްގެ ގޮތުގައި ބަޔާންކުރުމުން އަންނަ ތަފާތު

އެވަގުތަކު އޮންނަ ސަރުކާރެއްގެ މެނިފެސްޓޯ ލިޔެފައިވާ ފޮންޓުގެ ސައިޒަށް ވުރެ ގާނޫނު އަސާސީން ބަޔާންކުރާ އަސާސީ ހައްގުތަކުގެ ހައިބައިތު ބޮޑުވެ އެވެ. އަމިއްލަ ކުންފުންޏަކަށް ނުވަތަ ކުންފުނިތަކަކަށް، އެ ކުންފުނީގެ ބެލެންސް ޝީޓުގެ ނިޔާމައަށް އެކަނި އަސާސީ ޚިދްމަތެއް ދޫކޮށް ލައިގެން ސަރުކާރުތަކަކަށް ނުތިބެވޭނެ އެވެ.

އިންޓަނެޓަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ލިޔުމުން، އެ ޚިދްމަތް ފޯރުކޮށްދިނުމުގައި ވެސް ދައުލަތުގެ ޒިންމާ އާއި މައްސޫލިއްޔަތު ބޮޑުވެ، އިތުރުވެ، ޚިދުމަތުގެ ފެންވަރާއިި، އަގުތައް ކަނޑައެޅުމުގައި ބާރުތަކެއް އިތުރަށް ލިބިގެންދާނޭ ކަން ޔަގީނެވެ.

އަސާސީ ޚިދްމަތްތައް ރައްޔިތުންނާ ހަމައަށް ރަނގަޅު ފެންވަރުގައި ފޯރުކޮށްދޭން ދައުލަތުގެ ބާރު ހިނގާ އިދާރާތަކާއި ކުންފުނިތަކުން ހަރަކާތްތެރިކުރުވުން ދައުލަތްތަކަށް މަޖުބޫރުވެ އެވެ. ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި އޭޑީކޭ އާއި ޓްރީޓޮޕާއި މެޑިކާ އާއި އޭއެމްޑީސީ އަދި އަމިއްލަ އެތައް ކްލިނިކްތަކެއް މަސައްކަތް ކުރުމަކުން އައިޖީއެމްއެޗަކަށް ޗުއްޓީއެއް ނުލިބެ އެވެ. ފެން ކުންފުނީގައި 20 ޕަސެންޓް ހިއްސާ އޮންނަނީ ޖަޕާނުގެ ހިޓާޗީ ކުންފުންޏަށް ވިޔަސް، 80 ޕަސެންޓަކީ ދިވެހި ދައުލަތުގެ ހިއްސާ އެވެ.

ނަރުދަމާ އާއި ކަރަންޓުގެ ޚިދުމަތް ފޯރުވައިދޭ ސްޓެލްކޯ އާއި ފެނަކައަކީ 100 ދިވެހި ކުންފުނިތަކެވެ. ބޯހިޔާވަހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު މަސައްކަތް ކުރާ ކުންފުނި ކަމަށް ވާ އެޗްޑީސީ އަކީ 100 ދިވެހި ކުންފުންޏެކެވެ. ހައުސިން ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ މައި ހިއްސާދާރަކީ ދިވެހި ދައުލަތެވެ.

ކާޑުގެ މުހިންމު ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމުގައި އެސްޓީއޯގެ ދައުރެއް ނުނިމޭނެ އެވެ. ނަމަވެސް ދިރާގުގައި މިއަދު ދިވެހި ސަރުކާރުގެ ހިއްސާއަކީ 41.8 ޕަސެންޓެވެ. ދިރާގުގެ ބޯޑުގެ ޗެއާމަންގެ މަގާމަކީ ޝަރަފުގެ ގޮނޑިއެކެވެ.

އެހެންކަމުން މިއަދު އިންޓަނެޓުގެ އަގާއި ޚިދުމަތުގެ ފެންވަރުގެ ޝަކުވާގެ ވާހަކަ ގިނަވުމަކުން، ދިރާގާ މެދު އަމަލު ކުރަން ޖެހެނީ އުރީދޫ ނުވަތަ އެނޫން ވެސް އަމިއްލަ އެހެން ވިޔަފާރިތަކާ މެދު އަމަލުކުރާ ބީދައިންނެވެ. "ދިވެހިންނާ މެދު، އިހުސާންތެރިކަމާ އެކު އަޅާލާ، އޯގާތެރި ފަރާތަކަށް ވެދެއްޗޭ' މަޑުމައިތިރިކަމާ އެކު ބުނުން ފިޔަވައި ދައުލަތަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތެވެ. "ރިޒޯޓްތަކުން މުވައްޒަފުން ނުކަނޑައްޗޭ' ކިޔާކިޔާ ތިއްބާ، ވިޔފާރިތަކުން އަމަލުކުރީ ވިޔފާރިތަކުން އަމަލުކުރާނޭ ފަދައިންނެވެ. ދިރާގުގެ މެނޭޖްމަންޓަކުން ވެސް ކުންފުނީގެ މައި ހިއްސާދާރު ކަމުގައިވާ، ބަހުރެއިންގެ ބަޓެލްކޯ ކުންފުނީގެ ފައިދާއަށް ނޫން ގޮތަކަށް އަމަލުކޮށްފާނޭ ކަމަށް އުންމީދު ކުރުމަކީ ކަޅުފޮއިގައި ހަނދުވަރު ހިނގަން ނުކުތުން ފަދަ ކަމަކަށް ނޫނީ ނުވާނެ އެވެ.

އަސާސީ ޚިދްމަތްތައް ރެގިޔުލޭޓް ކުރުމުގައި ދައުލަތުގެ އިންތަކާއި ދައުލަތަށް ލިބިދޭ ބާރުތައް އެކި ގޮތްގޮތުން ތަފާތުވެ ވިސްނުންތައް ބަދަލުވާނެ އެވެ.

އިންޓަނެޓަކީ އަސާސީ ޚިދުމަތެއް ކަމަށް ލިޔެވި، އެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ މައި ހިއްސާދާރަކީ ދިވެހި ދައުލަތް ކަމަށް ހަދަން ގަސްދުކުޅަ ހިނދު، އެކަމަށް މަގު ފަހިކުރެވޭނެ ކިތަންމެ ގޮތެއް ވެސް ރެގިއުލޭޓަރަށް ފެންމަތިކުރެވޭނެ އެވެ. މީގެ އިތުރުން ކުންފުންޏަކުން ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ރައްޔިތުންނަށް ބޭނުންވާ އަގުގައި ފޯރުކޮށް ދިނުމަށްޓަކައި ފެނާއި، ކަރަންޓާއި، ކާޑުގެ އަގު ސަބްސިޑައިޒް ކުރަން ކޮންމެ އަހަރަކު ބަޖެޓު ވެސް ކުރެ އެވެ.

އިންޓަނެޓަކީ ވެސް އަސާސީ ޚިދުމަތެއް ކަމަށް ކަނޑައެޅުމުން އެ މަގުން ހިނގުމުގެ ދޮރު ވެސް ހުޅުވޭނެ އެވެ.

ފުރަ ބަންދުގެ މި ދުވަސްވަރުގައި އިންޓަނެޓްގެ މުހިންމުކަން މިވަނީ އިތުރަށް ބޮޑުވެފަ އެވެ. އިންޓަނެޓުގެ މުހިންމުކަން މާ ބޮޑު ތަނުން މާދަމާ އުފުލޭނެ އެވެ. އިންޓަނެޓްގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއް ކަމަށް މިއަދު އެންމެން ވެސް ގަބޫލުކުރާކަމާ މެދު ޝައްކެއް ނުކުރެވެ އެވެ. ދެން އޮތީ އެ ޚިދުމަތަކީ އަސާސީ ޚިދުމަތެއް ކަމަށް ލިޔެ، އަސާސީ ޚިދުމަތެއްގެ ގޮތުގައި އިންޓަނެޓްގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތް ކުރަން ފެށުމެވެ.

އެޑިޓަރުގެ ނޯޓު

އާތިފަކީ ދިރާގުގެ ޗެއާމަންކަން ކުރެއްވުމުގެ އިތުރުން މިފްކޯ އާއި ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް ވެސް އަދާކުރެއްވި އަދި އިގުތިސާދީ އެކި މައުލޫއުތަކުގައި ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ އިނގިރޭސި ބަހުން ނެރޭ މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީ އެވެ. ދިވެހި އިގުތިސާދު ދިރާސާކުރައްވަން އޭނާ ހާއްސަ ސަމާލުކަމެއް ދެއްވަ އެވެ.

23 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

10 May 2020

ކޮރަޕްޝަނާއި ނުފޫޒު އޮތްހާ ހިނދަކު އެއްވެސް ކަމެއް ރަގަޅެއް ނުވާނެ. ފައިސާއަކީ ދުނިޔޭގައި އަދި ރާއްޖޭގަވެސް ވަކި ވަރަކަށް ހުރި އެއްޗެއް. ގިނަ މީހުން ބަލަނީ ހަެއްގަސް ނުހައްގަސް އަނެއް މީހާއަށް ލިބެން އޮންނަ އެއްޗެއް ނުފޫޒުން ހޯދޭތޯ. ގިނަ މީހުން މުއްސަދި ވަނީ މިހެން. އިންޓަރނެޓުވެސް އަގުހެޔޮ ނުވަނީ މިހާރު އޮތް ހާލަތުން މަދު ބަޔަކަށް ވަރށް ފައިދާކުރާތީ

The name is already taken The name is available. Register?

އޮރިޖިނަލް މޮހަނު

10 May 2020

ދިވެހު ސަރުކާރުގެ ދިރާގުގެ ކޮންޓްރޯލިންގ ޝެއާރ ނުއަގުގަ ޔޫކޭގެ ކޭބަލް އެންޑް ވަޔާރލެސްއަށް ނުވިއްކާ އޮތްނަމަ ލައްކަ ފައިދާވީސް ވަކިން ޚާއްސަކޮށް މިދަނޑިވަޅުގަ.

The name is already taken The name is available. Register?

ައަހުމަދު

10 May 2020

އިންޓަރނެޓު އަގުހެޔޮކޮށް ސުޕީޑު ރަނގަޅުކުރަން ބޭނުމިއްޔާ ސަރުކާރުން ޖެހޭނީ ބޭރުންވިޔަސް އެހެން ކުންފުންޏެއް ރާއްޖެގެންނަން އެނޫނީ ނުވާނެ ތިކަމެއް މިޤައުމުޤައި އޮތް ކުންފުންޏަކަށް ނުވާނެ ފެށިގެން މިހާތަނަށް އައިއިރުވެސް އެކުންފުނީގެ ޓާގެޓަކީ އޮޅުވާލައިގެންނާއި މަކްރުހަދައިގެން ހޯދުނު އެއްޗެއްހޯދުން މިކަން ރަނގަޅުކުރަން ރާއްޖެ ދެންގެނައި ކުންފުނިވެސް މިހާރު ކުރީގެ ކުން ފުންޏާ ގުޅިގެން ރައްޔިތުން ފެލަނީ ،ލަދެއްވެސް ނުގަނޭ ޚިދުމަތް ނުދީ ބިލްފޮނުވަން

The name is already taken The name is available. Register?

ޑުއޯޕޮލީ

10 May 2020

އެހެން ބޭރު ބަޔަކު ގެނެސް ތިކަން ވާނެކަމަށް ދެކުމަކީ ކުށް ހީއެއް. ރާއްޖޭގެ އާބާދީ ވަރަށް ކުޑަ. ތި ވިޔަފާރި ފަށައިގަންނަން އެހާ ބޮޑެތި ހަރަދުކުރަން ޖެހޭއިރު ތިން ބަޔަށް މިއިން ލިބޭއެއްޗެއް ބަހައިގެން ވަކި ކުޑަ އަގެއްގަ ދެވޭނެތަ؟ އޭރުންވެސް ވިއްޔާ ވާނެ ގޮތަކީ މިހާރުހެން އާ ކުންފުނިވެސް ގުޅިގެން ޕްރައިޒް ފިކްސް ކުރާނީ، ކޮންމެވެސް އެއްބަޔަކު ބޭރު ވަންދެން. އާޓިކަލްގަ އޮތްހެން އަސާސީ ހިދުމަތަކަށް ހަދާފަ ސަރުކާރުން މީގެ ތެރެއަށް ވަނުމަކީ ހައްލެއް.

The name is already taken The name is available. Register?

މިނިމަމް

10 May 2020

128kbps ގެ ބަދަލުގައި 2mbps ނުވަތަ 4mbps އަކީ މިނިމަމް ބްރޯޑްބޭންޑް ސްޕީޑްކަމަށް ގާނޫނަކުން ކަނޑައަޅަންޖެހޭ. މިވަރު ނުކުރެވެންޏާ ރާއްޖޭގައި ގާނޫނު ހަދާ މަޖިލިހެއް އޮތުމުގެ ބޭނުމެއް ނެތް. މިނިމަމް ބްރޯޑްބޭންޑް ސްޕީޑްއެއް ކަނޑައަޅާ. ކުރިޔަށް އޮތީ ހުރިހާ ކަމެއްގައި އިންޓަނެޓް ބޭނުން ކުރުން.

The name is already taken The name is available. Register?

ވޮޗްޑޯގް

10 May 2020

އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭނުން ނުކުރެވޭ ވަރަށް ސްޕީޑް ދަށްކޮށްލާތީ. މިއަދު މީ މަހުގެ 10 ވަނަ ދުވަސް މިހާރު ޕެކޭޖް ހުސްވެއްޖެ. ދެން ކުރާނެ ކަމެއް ނެތް. ސްޕީޑް އެންމެ ދަށްކޮށްލެވޭނެ ލިމިޓެއް ކަނޑައަޅަން ވެއްޖެ. އެންމެ ދަށްކޮށްލެވޭނީ 2 އެމްޕީބީއެސް

The name is already taken The name is available. Register?

އިންޓަނެޓުހަސަނު

10 May 2020

އަޅުގަނޑުގެ ވެސް އެންމެ ބޮޑު ޝަކުވާއަކީ ތިޔައީ. އަދުގެ އޮންލައިން ވަސީލަތްތަކަށް ބަލާފައި 4 މީހުންގެ ގެއަކަށް އަސްލު 2 އެމްބީޕީއެސް ވެސް ތަންކޮޅެއް ދެރަ. ރެގިއުލޭޓަރު ކުރަންވީހާ ވެސް ކަމަކީ 'ބްރޯޑްބޭންޑ' ނުވަތަ 'ފައިބަ ބްރޯޑްބޭންޑ" ގެ ނަމުގައި އެންމެ ދަށްވެގެން ވަކި ސްޕީޑެއް ކަނޑައެޅުން.

The name is already taken The name is available. Register?

ޙާމް1

10 May 2020

ދިރާގުގެ ހިއްސާ އަނބުރާ ގަތުން ނޫނީ ސީދާ ދައުލަތުން ބޭރުގެ ކުންފުންޏަކާ ޕާރޓްނާރވެ އާ ކުންފުންޏެއް ހަދަންވީ. އެނޫން ގޮތެއް ނެތް.

The name is already taken The name is available. Register?

ޢަލީހާން

10 May 2020

ސާބަހޭ....ދެން ނިކަން ދިރާގުން އަދި އުރީދޫން އިން ބުނެބަލަ ...އާދައިގެ ނޫސްވެރިޔަކު ލިޔެފަ އިން ވާހަކައެކޭ މި......

The name is already taken The name is available. Register?

ޙަކީމު

10 May 2020

އިންޓަރނެޓް އަކީ މިހާރު އެއްވެސް ފައިދާއެއް ނުލާ ފޯރުކޮއްދޭން ޖެހޭނެ ހިދުމަތެއް ކަމުގައި ދެކެން. ރާއްޖެއަކީ ނިސްބަތުން މުއްސަނދި ޤައުމެއް ސަރުކާރުން ބޭނުންނަމަ މިކަން ކުރެވޭނެ. މިހާރު ހިދުމަތްދޭން މިތިބި 3 ބައި މީހުން އަގު ފިކްސްކޮއްގެން ދެނީ މިސަރަހައްދާ ބަލާއިރުވެސް 7 ގުނަ 8 ގުނަ ބޮޑުކޮށް.

The name is already taken The name is available. Register?

މަޝްއަލީ ގިރާދު

10 May 2020

ދިރާގުގެ ޙިއްސާ އެއްކޮށް ވިއްކާލައިގެންނޫނީ އަގުތައް ތިރިއެއް ނުކުރެވޭނެ. ދެން އޮތް ގޮތަކީ ދިރާގަށް "ސަބްސިޑައިޒް" ކޮށްގެން އަގު ތިރިކުރުން. މިއީ ހަނޑޫ ހަކުރު ފުށް، އަދި ޑީސަލް ޕެޓްރޯލްގެ އަގުވެސް "ރެގިޔުލޭޓް" ކުރަން ހަދާގޮތް. ސަރުކާރުގެ ބޮޑު ޙިއްސާއެއް ދިރާގުގައި އޮންނާތީ ދައުލަތުގެ އަހަރީ ބަޖެޓުގައި ދިރާގަށް އިންޓަނެޓުން ލިބޭ ފައިދާ ހިމަނާފައި އެބައޮވޭ. ވަކިވަރަކަށް އަހަރީ ފައިދާ ބަހައްޓަން "ރެގިޔުލޭޓް" ކުރަން ސަރުކާރަށް މަޖުބޫރުވަނީ މިހެންވެ.

The name is already taken The name is available. Register?

އަހްމަދު7

10 May 2020

އެމްޑީޕީއަކަށް ތިޔަކަމެއް ނުވާނެ. އެމީހުންގެ ފަލްސަފާއަކީ މަދު ބަޔަކު މަހުޖަންކުރުން، އަސާސީ ޚިދުމަތުންވެސް. ނިކަންބަލަ. އައިއްސަ އެންމެފުރަތަމަވެސް ހިފާލީ ތައުލީމު ޕްރަވަޓައިޒްކުރަން. ސަރުކާޜު ސުކޫލެއް ދަމައިގަތީ ގިޔާސުއްދީން. ޖަޕާންމީހުން ރައްޔިތުންނަށް ދިން ހަދިޔާ. ބިލްޑިްނކޮސްޓް ނަގާނަމަ އެ ފައިދާނުވެސް ދެވޭނެ. އެމްޑީޕީންނަކީ ޔޫކޭގައި އޮންނަ ކާސްޓް ސިސްޓަމް ރާޢްޖެއަށް ތައާރަފްކުރަން ބޭނުންވާ ބޭފުޅު ސްޕްރީމަސީ ހިފައްހައްޓާ ބައެއް. ހެކިމިބުނީ

The name is already taken The name is available. Register?

އާދަނު5

10 May 2020

ނެޝަނަލައިޒް ޓެލެކޮމިއުނިކޭޝަން. އަސާސީ ޚިދުމަތަކީ ޕްރައިވެޓް ޕާޓީތކަަށް ދީގެން ފައިދާ ހޯދަން ކުރާކަމެއްނޫން. އޭގެ މުހިއްމީ ކޮސްޓް ކަވަރު ވެފައި ޑިވެލޮޕްކުރަން ކުޑަ އެއްޗެއް ލިބުން. މިހާރު ދިރާގާ އުރީދޫން ހަދާހެން ބިލިއަން ރުފިޔާގެ ޕްރޮފިޓް ނެގުމެއްނޫން. ކޮސްޓް ކަވަރު ވެފައި 200 މިލިއަން ލިބުނަސް ރަގަޅުވާނެ. އެއީ ތަރައްގީ ކުރުމަށް. އޭރުންވެސް އަގު ޑަބަލް ކުޑަވާނެ މިހާރަށްވުރެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454