ޚިޔާލު / ސާވިސް ޗާޖް

ސާވިސް ޗާޖު ނެގުން: ހައްލަކަށް ވުރެ ބޮޑަށް ސުވާލުތަކެއް؟

އެއާޕޯޓުގެ ރެޕުން ގެސްޓުންނަށް މަރުހަބާ ކިޔަނީ: ޓޫރިޒަމް ހިދުމަތްތަކުން ސާވިސް ޗާޖު ނަގަން މި މަހުން ފެށިގެން ލާޒިމް ވޭ --.ފޮޓޯ:ނިޝާން އަލީ/މިހާރު

މަރްޔަމް ރަފާ ރަޝީދު

03 ޖެނުއަރީ 2021 - 08:20

9 comments
informative icon 94%

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ހަވަނަ އިސްލާހުގެ ދަށުން، ސާވިސް ޗާޖާ ގުޅިގެން އަމަލުކުރާނެ އާ އުސޫލުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ވެސް ނަގަމުން އަންނަ ސާވިސް ޗާޖު ހަމަޔަށް ނުބަހާ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުން ދިން ހައްލެކެވެ. މި ގޮތުން ޖަނަވަރީ 1، 2021 އިން ފެށިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށް ވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނެގުން ލާޒިމުކޮށްފައިވެ އެވެ.

ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުންގެ މެދުގައި މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ސާވިސް ޗާޖު ބަހަން ޖެހޭނީ ކޮން ބަޔަކަށްތޯ އެވެ. އަދި ވަޒީފާ ދޭ ފަރާތްތަކުގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައިވަނީ ސާވިސް ޗާޖު ނަގަން ޖެހޭނީ ކޮން ހިދުމަތަކުންތޯ އާއި ސާވިސް ޗާޖުގެ ގޮތުގައި ނަގާ އަދަދުތައް ބެހުމުގައި އަމަލުކުރަންވީ ކޮން އުސޫލަކުންތޯ އެވެ. މި ކަމާ ގުޅިގެން ވަކި ގޮތެއް ނިންމުމުގެ ކުރިން ވަޒީފާއާ ބެހޭ ގާނޫނުގައި އޮތީ ކީކޭތޯ ބަލައިލާނަމެވެ.

މި އިސްލާހުން އައި ބަދަލަކީ ކޮބާ؟

ވިޔަފާރީގެ ހިދުމަތްތަކުން، ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން، ސާވިސް ޗާޖު ނެގުމަކީ އައު ކަމެއް ނޫނެވެ. ނަމަވެސް މީގެ ކުރިން ސާވިސް ޗާޖު ނެގުން ވަކި ބައެއްގެ މައްޗަށް ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން މަޖުބޫރުކޮށްފައެއް ނެތެވެ. މަޖުބޫރުކޮށްފައި އޮތީ ސާވިސް ޗާޖުގެ ގޮތުގައި އަދަދެއް ނަގާ ހާލަތުގައި އޭގެ ތެރެއިން މަދުވެގެން 99 ޕަސެންޓް މުވައްޒަފުންނަށް ބެހުމަށެވެ. ވަޒީފާއާ ބެހޭ ގާނޫނަށް މި ގެނައި އިސްލާހުގެ ދަށުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން މަދުވެގެން 10 ޕަސެންޓްގެ ސާވިސް ޗާޖެއް ނެގުމަކީ މި ސިނާއަތުގައި ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކަށް ވެސް މަޖުބޫރު ކަމެކެވެ. އަދި މިފަދައިން އަމަލުނުކުރާ ފަރާތްތައް ޖޫރިމަނާކޮށް، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ލިބެ އެވެ.

މީގެ މާނައަކީ ފަތުރުވެރި ކަމުގެ ސިނާއަތް ފިޔަވައި އެހެން ވިޔަފާރިތަކުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ސާވިސް ޗާޖުގެ ގޮތުގައި އަދަދެއް ނުނެގޭނެ ވާހަކައެއް ނޫނެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތައް ފިޔަވައި އެހެން ވިޔަފާރިތަކަށް އެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތަކުން ސާވިސް ޗާޖު ނެގުމުގެ އިހްތިޔާރު ލިބެ އެވެ. ނަމަވެސް މި ހާލަތުގައި ވެސް ސާވިސް ޗާޖުގެ ގޮތުގައި އަދަދެއް ނަގައިފި ނަމަ އެ އަދަދު މުވައްޒަފުންގެ މެދުގައި ބެހުން ލާޒިމެވެ.

މި ބަދަލު ގެނައީ ކީއްވެ؟

މުވައްޒަފުންނަށް ސާވިސް ޗާޖު ނުލިބޭ ކަމަށް ބުނެ މީގެ ކުރިން ވެސް ވަނީ އެތައް މައްސަލައެއް ފެންމަތިވެފަ އެވެ. އެ ގޮތުން، ސާވިސް ޗާޖު ނަގަމުން ނުދާ ކަމަށާއި އަދި ނަގާ ބައެއް ފަރާތްތަކުން މުވައްޒަފުންގެ މެދުގައި އެ ފައިސާ ބަހަމުން ނުދާ ކަމަށް ބަޔާންކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ މުވައްޒަފުންތަކެއްގެ ކަންބޮޑުވުން މި ދިޔަ އަހަރު ވެސް ސަރުކާރުގެ އިސް ފަރާތްތަކަށް ހުށައެޅި އެވެ.

ނަތީޖާއެއްގެ ގޮތުން، ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ދޭ އުސޫލާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާކޮށް 2019 ގައި ރިޕޯޓެއް އެކުލަވާލި އެވެ. އެގޮތުން، ހުރިހާ ރިޒޯޓެއްގައި އެއް ހަމައަކުން އަމަލުކުރަން ބާރު އެޅުމުގެ ގޮތުން، ރިޒޯޓުތަކުން ސާވިސް ޗާޖު ނެގުން ލާޒިމްކުރަން ފެނިވަޑައިގެންނަވާ ކަމަށް ކޮމިޓީގެ ނިންމުމުގައި ބަޔާންކުރި އެވެ. އަދި ސާވިސް ޗާޖުގެ ގޮތުގައި ނެގޭނެ އެންމެ މަދު މިންވަރަކީ 10 ޕަސެންޓް ކަމަށް ކަނޑައަޅައި، ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހު ގެންނަން ލަފާ ދިނެވެ.

ނަމަވެސް ކުރި ދިރާސާތަކުންނާއި އެކުލަވާލި ރިޕޯޓަށް ރިއާޔަތްކޮށް ވަޒީފާއާ ބެހޭ ގާނޫނަށް މި ގެނައި އިސްލާހުގެ ދަށުން، ސާވިސް ޗާޖާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބުނުތޯ އެއީ އުފެދޭ ބޮޑު ސުވާލެކެވެ.

ސާވިސް ޗާޖު ނެގުން ލާޒިމުވަނީ ހިދުމަތުން އެކަނި

ސާވިސް ޗާޖުގެ އުސޫލުތަކަށް މި އައި ބަދަލާ އެކު، ފަތުވެރިކަމުގެ ސިނާއަތުގައި ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުން ސާވިސް ޗާޖުގެ ގޮތުގައި މަދުވެގެން 10 ނަގަން މި މަހު އެއް ވަނަ ދުވަހުން ފެށިގެން ލާޒިމު ވާނެ އެވެ. މާނައަކީ، ފަތުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުން، ވަކި ހިދުމަތެއް އިސްތިސްނާނުވެ، ސާވިސް ޗާޖު ނަގަން ޖެހުމެވެ. މީގެ މިސާލަކީ ރިޒޯޓަކަށް އަންނަ ފަތުރުވެރިންނަށް ވިއްކާ ހޮލިޑޭ ޕެކޭޖުގެ އިތުރުން ސްޕާއިން ފޯރުކޮށްދޭ ހިދުމަތްތަކާއި، އެކްސްކާޝަންގެ ހިދުމަތުން ވެސް މަދުވެގެން 10 ޕަސެންޓްގެ ސާވިސް ޗާޖެއް ނަގަން ޖެހުމެވެ. ނައިޓް ފިޝިން އާއި ޑައިވް ދަތުރުތަކުގެ އަގުން ވެސް ސާވިސް ޗާޖު ނަގަން ޖެހޭނެ އެވެ. ނަމަވެސް ރިޒޯޓުގެ ގެސްޓް ޝޮޕުން ވިއްކާ ތަކެތީގެ އަގުން ސާވިސް ޗާޖު ނެގުން ލާޒިމެއް ނުކުރެ އެވެ.

ގާނޫނުގައި އޮތް ގޮތުން ސާވިސް ޗާޖު ނެގުން ލާޒިމުވަނީ ހަމައެކަނި ހިދުމަތުންނެވެ.

މި ކަމުގައި ބޮޑު ތަފާތެއް ފެންނާނީ ޖީއެސްޓީ ނެގުމުގެ އުސޫލުތަކާ އަޅާބެލުމުންނެވެ. ޖީއެސްޓީ ނަގަނީ މުދަލާއި ހިދުމަތުގެ އަގުންނެވެ. ނަމަވެސް ސާވިސް ޗާޖާ ގުޅިގެން ގާނޫނުގައި މުދަލުގެ ވާހަކަ ނުގެނައުމުގެ ހިކުމަތް ސާފެއް ނޫނެވެ.

ސާވިސް ޗާޖާ ގުޅިގެން ހުރި އާއްމު އުސޫލުތައް

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ސާވިސް ޗާޖާ ގުޅިގެން މުހިންމު ތިން ކަމެއް ބަޔާންކޮށްފައިވެ އެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި، ސާވިސް ޗާޖުގެ ގޮތުގައި ނަގާ އަދަދުތައް ބަހަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވަނީ ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުންގެ މެދުގަ އެވެ. އެހެންކަމުން ސާވިސް ޗާޖު ހައްގުވާނީ މުވައްޒަފުންނަށް އެކަންޏެވެ. ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދުތައް، މުވައްޒަފުންގެ ގޮތުގައި ނުހިމެނޭ ފަރާތްތަކަށް ބަހަން ވަޒީފާއާ ބެހޭ ގާނޫނު ހުއްދައެއް ނުކުރެ އެވެ.

ޑައިވް ފެސިލިޓީތަކުގެ މުވައްޒަފުން ވެސް ހިމަނައިގެން ސާވިސް ޗާޖު ބަހާ ރިޒޯޓުތައް ވެސް މަދެއް ނޫނެވެ. އެހެންކަމުން އައު އުސޫލުތަކަށް އަމަލުކުރަން ފެށުމާ އެކު ސާވިސް ޗާޖު ކުރިން ލިބެމުން އައި ބަޔަކަށް އެ މިންވަރަށް ނުލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ދެވަނަ ކަމެއްގެ ގޮތުން، ފާއިތުވި މަހު ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އަދަދުތައް ހިނގަމުންދާ މަސް ނިމުމުގެ ކުރިން ބެހުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ. މިފަދައިން ސާވިސް ޗާޖު ބެހުމުގައި ވަޒީފާ ދޭ ފަރާތަށް އުނިކުރެވޭނީ އިދާރީ ހަރަދުގެ ގޮތުގައި އޭގެ އެއް ޕަސެންޓަށް ވުރު އިތުރުނުވާ އަދަދެކެވެ. މި އިދާރީ ހަރަދު އުނިކުރުމުން ބާކީވާ އަދަދަކީ ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުންގެ މެދުގައި އެއްކޮށް ބަހަން ޖެހޭ އަދަދެކެވެ. އެހެންކަމުން، މި މަހު ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދު އަންނަ ފެބުރުވަރީ މަސް ނިމުމުގެ ކުރިން، މުވައްޒަފުންގެ މެދުގައި ބަހައި ނިންމަން ޖެހޭނެ އެވެ.

ތިން ވަނަ ކަމެއްގެ ގޮތުން، ސާވިސް ޗާޖު ބެހުމުގައި އެ ތަނެއްގައި ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅުމަކީ މަނާކަމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ސާވިސް ޗާޖު ބަހާއިރު ތަނުގައި މަސައްކަތްކުރާ ޖޫނިއަ މުވައްޒަފުން ފެށިގެން، އިދާރީ މުވައްޒަފުން، ފަންނީ މުވައްޒަފުން އަދި ތަނުގެ ސީނިއަ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖުގެ ގޮތުގައި ލިބޭނީ އެއްވަރެކެވެ.

ގާނޫނުން ސާފުނުވާ ބައެއް ކަންތައް

ސާވިސް ޗާޖާ ގުޅިގެން ގާނޫނީ އުސޫލުތަކެއް އެކުލަވާލީ ގިނަ މައްސަލަތަކާ ކުރިމަތިވެގެން ނަމަވެސް މިއާ ގުޅިގެން އުފެދޭ ގިނަ ސުވާލުތަކެއް އެބަ ހުއްޓެވެ. ބައެއް ކަންކަން ހުލާސާކޮށްލާނަމެވެ.

[އައުޓްސޯސްޑް ފެސިލިޓީތަކު]ގެ ސާވިސް ޗާޖާ ގުޅިގެން އަމަލުކުރާނީ ކިހިނެއް؟

ގާނޫނުގައި އޮތީ ސާވިސް ޗާޖު ބެހުމުގައި އެ ތަނެއްގައި ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި މަސައްކަތްކުރާ މުވައްޒަފުން ހިމަނަންވާނެ ކަމަށާއި، އަދި ހިދުމަތް ދިނުމުގައި ސީދާ އަދި ނުސީދާކޮށް ބައިވެރިވާ އެންމެހައި މުވައްޒަފުން ހިމަނަންވާނެ ކަމަށެވެ. މި ތަނުގައި މުހިންމު ލަފުޒަކީ [މުވައްޒަފު] އެވެ. ރިޒޯޓުތަކުގައި ހިންގާ ޑައިވް ސްކޫލްތަކާއި ސްޕާތައް ފަދަ އައުޓްސޯސްޑް ފެސިލިޓީތަކުގެ ސާވިސް ޗާޖާ ގުޅިގެން އުފެދޭ ސުވާލަށް ޖަވާބެއް ދެވެނީ މި ލަފުޒުންނެވެ.

މިސާލަކަށް ޖެހިލާ ނަމަ، އޭބީސީ ރިޒޯޓުގައި ހިންގާ ޑައިވިން ފެސިލިޓީ އޮޕަރޭޓްކުރަނީ ތިން ވަނަ ފަރާތެއް ކަމަށްވާ ޒެޑް އިންވެސްޓްމަންޓުންނެވެ. މާނައަކީ، އެ ޑައިވިން ފެސިލިޓީގައި އުޅޭ މުވައްޒަފުންނާ އަދި އެތަނުގައި ގެންގުޅޭ ސާމާނުތަކާ އޭބީސީ ރިޒޯޓާ ގުޅުމެއް ނެތެވެ. އެ ތަނުގެ މަސްއޫލުވެރިޔަކަށް ވާނީ އެ ތަން އޮޕަރޭޓްކުރާ ތިން ވަނަ ފަރާތެވެ. އެއީ ޒެޑް އިންވެސްޓްމަންޓެވެ.

އެހެންކަމުން، ޑައިވިން ފެސިލިޓީން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅިގެން ނަގާ ސާވިސް ޗާޖަކީ ޑައިވިން ފެސިލިޓީގެ މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭ އަދަދެކެވެ. މިއީ އޭބީސީ ރިޒޯޓުގެ މުވައްޒަފުންނަށް ލިބޭނެ އަދަދުތަކެއް ނޫނެވެ. ހަމަ އެހެންމެ، ރިޒޯޓުން ނަގާ ސާވިސް ޗާޖަކީ ޑައިވް ފެސިލިޓީގެ މުވައްޒަފުންނަށް ބެހޭނެ އެއްޗެއް ވެސް ނޫނެވެ.

އެކަމަކު ޑައިވް ފެސިލިޓީތަކުގެ މުވައްޒަފުން ވެސް ހިމަނައިގެން ސާވިސް ޗާޖު ބަހާ ރިޒޯޓުތައް ވެސް މަދެއް ނޫނެވެ. އެހެންކަމުން އައު އުސޫލުތަކަށް އަމަލުކުރަން ފެށުމާ އެކު ސާވިސް ޗާޖު ކުރިން ލިބެމުން އައި ބަޔަކަށް އެ މިންވަރަށް ނުލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެއް ކުންފުނީގެ ދަށުން ހިންގާ އެކިއެކި ތަންތަން ހުންނަ ހާލަތުގައި އަމަލުކުރާނީ ކިހިނެއް؟

ހުރިހާ މުވައްޒަފުންގެ މެދުގައި ސާވިސް ޗާޖު ބަހަންވާނެ ކަމަށް ބުނުމުގެ އިތުރުން، ސާވިސް ޗާޖު ބެހުމުގައި (އެ ތަނެއްގައި) ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި ބައިވެރިވާ އެންމެހައި މުވައްޒަފުންނަށް ސާވިސް ޗާޖު ބަހަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މިސާލަކަށް ބަލާލަމާ ހެއްޔެވެ. އޭބިސީ އިންވެސްޓްމަންޓަކީ ތިން ރިޒޯޓު ހިންގާ ކުންފުންޏެކެވެ. ތިން ރިޒޯޓުގައި މަސައްކަތްކުރާނީ ތަފާތު މުވައްޒަފުންތަކެކެވެ. މީގެ އިތުރުން، ކުންފުނީގެ އިދާރީ ބޭނުންތަކަށް މާލޭގައި ކުންފުނީގެ އޮފީހެއް ގާއިމުކޮށްފައި ހުރެ އެވެ.

މާލެ އޮފީހުގެ މުވައްޒަފުން ތިން ރިޒޯޓާ ގުޅޭ މަސައްކަތްތައް ވެސް ކުރާނެ އެވެ. މި ހާލަތުގައި ސާވިސް ޗާޖު ބެހުމުގައި އަމަލުކުރާނީ ކިހިނަކުން ހެއްޔެވެ؟ އެ ރިޒޯޓަކުން ނަގާ ސާވިސް ޗާޖު ބަހާނީ އެ ރިޒޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަނި ހެއްޔެވެ؟ މި ފަދައިން އަމަލުކޮށްފި ނަމަ މާލޭ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ލިބޭނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ރިޒޯޓަކުން ވެސް، ސާވިސް ޗާޖުގެ އަދަދުތައް ބެހުމުގައި މާލެ އޮފީހުގައި މަސައްކަތްކުރާ މީހުން ހިމަނާނީ ހެއްޔެވެ؟ ނުވަތަ ރިޒޯޓުން ސާވިސް ޗާޖު ބަހާނީ ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަނި ހެއްޔެވެ؟ އެހެން ނޫން ނަމަ، ތިން ރިޒޯޓުން ނަގާ ސާވިސް ޗާޖުގެ އަދަދުތައް [ޕޫލް] ކުރުމަށް ފަހު، ހަމަހަމައަށް ކުންފުނީގެ ހުރިހާ މުވައްޒަފުންގެ މެދުގައި ބަހާނީ ހެއްޔެވެ؟ އަދި މި ގޮތަށް ތިން ރިޒޯޓަކީ ތިން ފެންވަރެއްގެ ރިޒޯޓު ކަމަށްވާ ނަމަ ސާވިސް ޗާޖުގެ ބެހުމުގައި އަމަލުކުރަން ޖެހޭ ގޮތް ތަފާތުވާނެ ހެއްޔެވެ؟ މިއިން އެއްވެސް ސުވާލެއްގެ ޖަވާބު ގާނޫނުން އެހާ ސާފެއް ނޫނެވެ.

މި ބަޔާންކުރި ކޮންމެ ހާލަތަކުން ވެސް ނުކުންނަ ނަތީޖާ ތަފާތެވެ. އަދި ވަކި ގޮތަކަށް އަމަލުކޮށްފި ނަމަ، ބައެއް މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބި ދިއުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. މިސާލަކަށް، ސާވިސް ޗާޖު ދޭން ޖެހެނީ ހިދުމަތް ދޭ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަނި ކަމަށްވާ ނަމަ އެއާޕޯޓް ރެޕުންނަކަށް ސާވިސް ޗާޖެއް ނުދެވޭނެ އެވެ. ހަމަ އެހެންމެ ހިދުމަތް ދިނުމުގައި ނުސީދާ ގޮތުން ހަރަކާތްތެރިވާ މީހުންނަށް ދޭން ގާނޫނުގައި ބުނި ނަމަވެސް މާލެ އޮފީހުގައި މަސައްކަތްކުރާ މީހުންނަށްކަށް ވެސް ނުލިބޭނެ އެވެ. ހަމަ މިއާ އެކު، ގިނަ ރިޒޯޓުތަކުން މިހާރު ސީނިއާ މެނޭޖްމަންޓަށް (މިސާލަކަށް ރިޒޯޓުގެ ޖެނެރަލް މެނޭޖަރަށް) ސާވިސް ޗާޖު ނުދިން ނަމަވެސް ހުރިހާ މުވައްޒަފުންނަށް ހަމަހަމަކޮށް ބަހަން ޖެހޭތީ ދެން ސާވިސް ޗާޖު ބަހަން ޖެހޭނީ ޖެނެރަލް މެނޭޖަރު ވެސް ހިމަނައިގެންނެވެ.

މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ މިހާރަށް ވުރެ މި މާއްދާ ސާފުކޮށް ލިޔުމެވެ. އެހެން ނޫން ނަމަ، ސާވިސް ޗާޖު ބެހުމުގައި އެކި ފަރާތްތަކުން އެކި ގޮތަށް އަމަލުކުރުމުގެ ފުރުސަތު އެބަ އޮތެވެ. އަދި މި ކަން މި ގޮތަށް ވެއްޖެ ނަމަ، މި ގެނައި އިސްލާހުގެ ދަށުން ހާސިލްކުރަން ބޭނުންވި ނަތީޖާ ހާސިލުނުވެ، މި ކަމާ ގުޅިގެން މުވައްޒަފުންގެ އިތުރު ކަންބޮޑުވުންތަކެއް ކުރިމަތިވެދާނެ އެވެ. އެކަމަކު އިތުރު މައްސަލަތަކެއް ނުނިކުންނާނެ ފަދަ ހައްލެއް ރައްޔިތުންގެ މަޖިލީހަށް ހޯދައިދެވެން އެބަ އޮތެވެ.

އެޑިޓަރުގެ ނޯޓު

ރަފާ ރަޝީދަކީ ސީޓީއެލް ސްޓްރެޓެޖީސްގެ ގާނޫނީ ވަކީލެކެވެ. އެ ފާމުގެ ފަރާތުން ތަމްސީލުކުރާ ވަޒީފާއާ ބެހޭ ގިނަ މައްސަލަތަކެއްގައި ވަކީލެއްގެ ހައިސިއްޔަތުން ރަފާ ގެންދަވަނީ ހަރަކާތްތެރިވަމުންނެވެ.

9 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައްވާޅު ގޯތި

04 January 2021

ވިއްކާ މުދަލުގެ 10 ޕަސެންޓުން ސާވިސްޗާ ނަގާށޭ........... މުދާ މުދާވިއްކާފައި ނަގާ ފައިސާއަށް ކިޔަނީ ޓެކުސް. ޓެކުހާ ސާވިސްޗާ މި ލިޔުން ލިޔުން ފަރާތަށް އޮޅުމެއް ނުފިލާ ! އެވަރުން ވެސް ލިޔާތި

The name is already taken The name is available. Register?

ތިލަފަޅު މޫސަ

04 January 2021

މިސާލަކަށް އޭބީސީ 3 ރިސޯޓު މުސާރަ އެކަކަށް ނުދޭނެ .........ސާވިސްޗާޖް އަކީ ފިހާރައިން ޝޮޕުން ވިއްކާ މުދަލުން ނަގާ 10 ޕަސެންޓެއްނޫން. މުދަލުންނަގާނީ ޓެކުސް ! . ހިދުމަތުން ނަގާ 10 ޕަސެންޓު.... ރިސޯޓު ކޮންމެ ހިދުމަތަކަުން ވެސް ސާވިސްޗާޖް ނަގާނެ.... ޝޮޕްތަކުން ވެސް ސާވިސްޗާޖް ނާގާނެ.. ވާނުވާގައި ލިޔުނީމާއި މިލިޔުން ދެކޮޅެއް ނުޖެހޭ ! މި ގާނޫނު ޕަބްލިކް ކޮމަންޓަށް 3 މަސްވަންދެން ހުޅުވާފައިއޮތް.

The name is already taken The name is available. Register?

ސިޓިޒަން

03 January 2021

އެއަރޕޯރޓު ޓެކްސް ވެސް މީ އަޖައިބެއް ކަހަލަ އެއްޗެކޭ. ޓިކެޓުނަގާއިރު ޓެކްސްނަގަނީ އަސްލު އަދަދަށްވުރެން ބޮޑުކޮށް. ދެން ބުނަނީ ރިފަންޑުކުރާނެ އޭ. ކޮން ރިފަންޑެއް ކުރާކަށްތަ؟ ކީއްކުރަންތަ ނަގަނަން އޮންނަވަރަށްވުރެން ބޮޑުކޮށްނަގަނީ. މީ އެއަރލައިނުތަކުން ހިންގާ ބޮޑު ޖަރީމާއެއް. މިކަން ބަލައިދީބަލަ.

The name is already taken The name is available. Register?

ނުރަބޯ

03 January 2021

ގާނޫނުގަ ލިޔެފައޮތަސް ސާވިސްޗާޖު ދޭގޮތް މޮނިޓާކޮށް ނުބެލެންޔާ ތީގެ އެއްވެސް ބޭނުމެއް ނެތް.

The name is already taken The name is available. Register?

މުހައްމަދު ހާސަރު

03 January 2021

ސާބަހޭ ރަފާ ރަޝީދު އަދި ސީޓީއެލް ޓީމް ތިޔަ ކުރައްވާ މަސައްކަތްތަކަށް.

The name is already taken The name is available. Register?

ގައުމުގެ ދޫ

03 January 2021

ޤާނޫނަށް އިސްލާހު ގެންނަވާއިރު ގެނެވޭ އިސްލާހުގެ ސަބަބުން ސިދާގޮތުންނާއި ނުސީދާގޮތުން އަސަރުކުރާ ފަރާތްތަކާއި މަޝްވަރާކުރުމުގެ މުހިންމުކަން ސަރވިސް ޗާޖާއިގުޅޭގޮތުން ގެނެވުނު އިސްލާހުން އެކަނިވެސް ސާފުވޭ. ޤާނޫނު ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަށް ދުރާލާ ދެނެގަނެ، ޕްރެކްޓިކަލީ އެކަންކަން ކުރެވޭނެ ގޮތް ޤާނޫނުހަދާމަޖިލީހުން ދެނެގަތުން އިންތިހާއަށް މުހިންމު. ނުއުފުއްލޭވަރުގެ ޤާނޫނީބުރައެއް އެއްވެސް ފަރާތެއްގެމަށްޗަށް ލާޒިމުކުރުން ތަހުޒީބުގޮތެއް ނޫން!

The name is already taken The name is available. Register?

ވެރިޔާގެ

03 January 2021

މިސާލަކަށް ކުރިން ފިކްސްޑ ސާވިސްޗާޖު ދިން އިރު ކުރެއްދޫގަ ލިބޭ 570ޑޮލަރު މިހާރު ޤާނޫނީ ބަދަލު އައިމަ ލިބުނީ 423ޑޮލަރު ނެގިގޮތް ބަލާނެ އިދާރާއެއްނެއް ހުރިހާގެއްލުމެއް މުވައްޒަފުންނަށް

The name is already taken The name is available. Register?

މުދިމު ކަތީބު

04 January 2021

ފަތުރުވެރިޔާ އަތުން ނެގޭ ސާވިސްޗާޖް ގާނޫނާއި އެއްގޮތަށް ބަހާކަން ކަށަވަރު ކުރުމަށް ބެހިގޮތުގެ ރިޕޯޓު ވަޒީފާޢައި ބެހޭ އޮތޯރިޓީއާއި މީރާއަށް ހިއްސާކުރަން ޖެހޭނެ ކަމަށް އަލަށް އެކުލަވާލި ގާނޫނުގައި ވަނީ ބަޔާންކޮށްފައި ....މިހާރު އޮޅުވާލީމައި ޖޫރިމަނާ ވެސް ކުރަން އޮތީ.... މިހާރު މިއޮތީ ރަންގަޅަށް... މި ގާނޫނަށް އަމަލުކުރަން ފެށީ ޖެނުއަރީ 1 އިންފެށިގެން.... 1 އޮފީހުން ފަސްރިސޯޓު ބަލަހައްޓާ މީހާ ސާވިސްޗާޖް؟.. 5 ރިސޯޓުން އޭނާއަށް މުސާރަ ދޭބާ؟

The name is already taken The name is available. Register?

އޭނަ މީނަ

03 January 2021

ޤާނޫނަކުން ހުރިހާ ކަމަކަށް ހައްލެއް ނުލިބޭނެ. މިސަބަބާހުރެ ޕްރިންސިޕަލްތައް ރިޒޯރޓްތަކުން ތަޢާރަފްކުރަންވީ. ދެރައީ މިޤައުމުގައި މުއްބާރުކޮށްގެންނޫނީ ކަންކަން ރަނގަޅުނުވާތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454