ޚިޔާލު / ދީން

ދެމަފިރިންނަށް ވެސް އަދުލުވެރި ގޮތް އިސްލާމް ދީނުގައި އޮވޭ

ދެމަފރިންނަށް ވެސް އެންމެ އަދުލުވެރި ހައްގުތައް ކަށަވަރު ކޮށްދީފައިވަނީ އިސްލާމް ދީނުގައި

ޑރ. ސަޢުދުﷲ ޢަލީ

25 ނޮވެމްބަރ 2016 - 06:34

2 comments

އިސްލާމް ދީނަކީ ފިރިހެނުންނަށް ބޭއިންސާފުވުމެއް ނެތި ހައްގުތައް ދޭ ފަދައިން އަންހެނުންގެ ތަބީއަތާއި ފިތުރަތާއި އަންހެނުންގެ ޒިންމާތަކަށް ރިއާޔަތް ކުރެވިގެން އަންހެނުންނަށް ވެސް ހައްގު ދަރަޖަ ދޭ ދީނެކެވެ. މި ދަރަޖަ ލިބިގެން ދާއިރު ދެ ބާވަތެއްގެ ބޭއިންސާފުން ދެ ޖިންސުގެ މީހުން ސަލާމަތްވެ އެވެ. އެއީ އިސްލާމް ދީން ރަނގަޅަށް ދޭހަ ނުވުމުގެ ސަބަބުން އަންހެނުންނަށް ވެވޭ ބޭއިންސާފާއި، ބައެއް ފިކުރުތަކުގައި އަންހެނުންނާއި ފިރިހެނުން ހުރިހާ ގޮތަކުން އެއްވަރު ކުރަންވެގެން އެއްވެސް ގައިދެއް ނެތި ދޭ މިނިވަންކަމުގެ ސަބަބުން ފިރިހެނުންނަށް ވެވޭ ބޭއިންސާފެވެ.

މި ދެ ބާވަތުގެ ބޭއިންސާފުން، އިސްލާމް ދީން ދެ ޖިންސުގެ މީހުން ވެސް ސަލާމަތް ކޮށްދެ އެވެ. އެއީ ތަފާތު އެކި ހައިސިއްޔަތުތަކުން ދެ ޖިންސުގެ މީހުންނަށް ވެސް އިސްލާމް ދީން މާތްކޮށް ހިތައި އަދުލުވެރިވާތީ އެވެ. ވަކިން ޚާއްސަކޮށް އަންހެނުންނަށް އިންސާނެއްގެ ހައިސިއްޔަތުން ޖުމްލަ ގޮތެއްގައި އިސްލާމް ދީން މާތްކޮށް ހިތައި އަދުލުވެރިވާ އިރު ތަފާތު އެހެން ހައިސިއްޔަތުތަކުން ހާއްސަ ސަމާލުކަމެއް އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވެ އެވެ.

މިގޮތުން އަންހެނުންނާއި ފިރިހެނުންނަށް އިސްލާމް ދީނުގައި އަދުލުވެރި ގޮތްތައް ގެނެސްދޭ އެއް ހައިސިއްޔަތަކީ ދެމަފިރިކަމުގެ ހައިސިއްޔަތެވެ. މި ހައިސިއްޔަތުން ބަލާއިރު ފިރިމީހާ އަށް ހައްގުތަކެއް ލިބޭ ފަދައިން އަނބިމީހާ އަށް ވެސް އިސްލާމް ދީނުގައި ހައްގުތަކެއް ކަށަވަރު ކުރެ އެވެ. އެއީ ފިރިމީހާ އަށް ޓަކައި އަނބިމީހާ އަދާ ކުރަން ޖެހޭ ވާޖިބުތަކެއް އޮންނަ ފަދައިން އަނބިމީހާ އަށް ޓަކައި ފިރިމީހާ އަދާ ކުރަންޖެހޭ ވާޖިބުތަކެއް ވެސް ކަށަވަރު ކޮށްގެންނެވެ.

ނަމަވެސް ދެ މީހުންގެ މަސްއޫލުވެރިކަމުގައި އުފެދޭ މި އާއިލީ މުއައްސަސާގައި ވެސް ފަހުބަސް ބުނާނެ ފަރާތެއް ހުރުން ކޮންމެހެން ލާޒިމުވާތީވެ ތަބީއަތާއި ޒިންމާތަކަށް ބަލާފައި (ވަކިން ހާއްސަކޮށް ޤިވާމަތުގެ މަސްއޫލިއްޔަތާއި މާލީ ޒިންމާ އަދާކުރަން ޖެހޭތީވެ) ފިރިހެނުންނަށް އަންހެނުންގެ މައްޗަށް ދަރަޖައެއް ވެ އެވެ. އިސްލާމްދީނުގައި މިއީ ފިރިންނަށް ހައްގު ދަރަޖައެކެވެ. އަނބިންނަށް އޮތް ބޭއިންސާފެއް ނޫނެވެ.

އަނެއްކޮޅުން އިސްލާމް ދީނުގައި ފިރިންނަށް މި ދަރަޖަ ދެނީ ފިރިހެނުން އަންހެނުންގެ މައްޗަށް ގަދަބާރު ހިންގައި އަމިއްލަ ރައުޔަށް ކަން ކުރާކަށް ނޫނެވެ. އޭގެ ބަދަލުގައި މުއުމިނުންގެ ގޮތަކީ އަބަދުވެސް މަޝްވަރާގެ މަތިން ކަންކަން ނިންމުމެވެ. މިސާލަކަށް ދެ އަހަރުވުމުގެ ކުރިން ދަރިންނަށް ކިރުދިނުން ހުއްޓާލަން ބޭނުންވާ ނަމަ އިސްލާމް ދީން އެކަމަށް އިއުތިރާޒު ނުކުރާނީ މަޝްވަރާއާއި ދެ މީހުންގެ ރުހުމާ އެކު އެކަން ކުރާނަމަ އެވެ.

އިސްލާމީ ނަޒަރުން ބަލާއިރު ކައިވެނީގެ ގުޅުމަކީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހިމެނޭ މުގައްދަސް ގުޅުމެކެވެ. ނަފްސަށް ހަމަޖެހުން ލިބުމާއި ލޯތްބާއި އޯގާތެރިކަމާއި މި ތިން އަސާސްގެ މައްޗަށް ބިނާވެގެންވާ ގުޅުމެކެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ކީރިތި ޤުރުއާނުގައި ސިފަކުރަނީ އެއިން ކޮންމެ މީހަކީ އަނެކެއްގެ ފޭރާމެއްގެ ގޮތުގަ އެވެ. ހަށިގަނޑާ ގުޅިފައިވުމާއި ފިނިހޫނުކަން ހިފެހެއްޓުމާއި ޒީނަތްތެރިވުމާއި ފޮރުވުމާއި ރައްކާތެރިވުން ފަދަ އެތައްކަމެއް ފޭރާމުގައި ހިމެނެ އެވެ. ވީމާ ދެމަފިރިން އެކަކު އަނެކަކަށް ފޭރާމެއް ކަމަށްވާ ނަމަ ފޭރާމުގައިވާ މި ވަޒީފާތައް ދެމަފިރިންގެ ގުޅުމުގައި ވެސް އޮންނަން ޖެހޭނެ ކަމުގެ އިޝާރަތެއް މި އާޔަތުން ލިބެ އެވެ.

ދެމަފިރިންގެ ދިރިއުޅުން ހަމަހިމޭންކަމާއި އޮމާންކަން މަތީ ދިއުމަށް އިސްލާމް ދީން ބާރުއަޅަ އެވެ. އެ ދެމެދު ފަސާދަ ކޮށްލާނެ އެއްވެސް ކަހަލަ ކަމަކަށް ހިތްވަރެއް ނުދެ އެވެ. ދެމަފިރިން އެކަކު އަނެކަކަށް ހިޔާނަތްތެރި ނުވުމަށްޓަކައި އެހެން މީހުންނާ އެކު ހުއްދަ ނޫން ގުޅުންތައް ބޭއްވުން ހަރާމެވެ. ދެ މީހުން އެކަކު އަނެކަކުގެ ހައްގުތައް އަދާކޮށްދޭން ޖެހެ އެވެ. ދެ މީހުން އެކަކު އަނެކަކަށް އިތުބާރު ކުރަން ޖެހެ އެވެ.

ދެމަފރިންނަށް ވެސް އެންމެ އަދުލުވެރި ހައްގުތައް ކަށަވަރު ކޮށްދީފައިވަނީ އިސްލާމް ދީނުގައި

އެހެން ނަމަވެސް އިންސާނީ ތަބީއަތު ނިޔާ ކުރާ ގޮތުން މިކަން މި ގޮތުގައި އަބަދު ދެމި ނޯވެދާނެ އެވެ. އެހެންވެ މައްސަލަތައް ޖެހޭ ގޮތް ވެ އެވެ. ނަމަވެސް އިސްލާމް ދީނުގެ ފުރިހަމަ ކަމަކީ، މިފަދަ ހާލަތުގައި ވެސް އެންމެ ހިކުމަތްތެރި ގޮތުގައި މައްސަލަ ހައްލު ކުރާނެ ގޮތްތައް ހުށަހަޅައި ދިނުމެވެ. މިގޮތުން ތަރުތީބުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ގެންދާ ގޮތަށް ފިޔަވަޅުތަކެއް ބަޔާން ކޮށްފައިވެ އެވެ.

ހެޔޮ ނަސޭހަތުން ފެށޭ މި ފިޔަވަޅުތައް ނިންމާލަނީ އެނޫން އެހެން ހައްލެއް ދެން އެއަށް ނޯންނާނެ ވަރި ކުރުމުންނެވެ. ނަމަވެސް މި ދަރަޖަ އަށް ނުގޮސް ކެތްތެރިކަމާ އެކު އަދިވެސް ހތްވަރު ކުރެވޭތޯ ބަލަން އިސްލާމް ދީން ބާރުއަޅަ އެވެ. ނުރުހުމާއި ނަފުރަތުގެ ޖަޒުބާތަށް ޖާގަ ނުދޭން ގޮވާލަ އެވެ. މިހެންވެ މާތްﷲ އަންގަވަނީ އަނބިންނާ މެދު ހެޔޮ ގޮތުގައި މުއާމަލާތު ކުރުމަށެވެ. އަދި އަނބިންގެ ކިބައިގައި ނުރުހޭ ކަމެއް ހުއްޓަސް ފަހަރެއްގައި އެކަމުގައި މާތްﷲ އެތައް ހެޔޮ ކަމެއް ލައްވާފައި ވެދާނެ ކަމަށެވެ.

އެހެން ނަމަވެސް މި ކެތްކުރުން ވެސް ކޮޅުންލައި، ދެމީހުން އެއްފުރާޅުގެ ދަށުގައި ނޫޅެވޭނެކަން ކަށަވަރުވާ ހިސާބުން އެއަށް ނިމުމެއް ގެންނަން އިސްލާމް ދީން ފުރުސަތު ދެ އެވެ. މިފުރުސަތު ނުދީފި ނަމަ ދެމީހުންނަށް ނުވަތަ ހަމަ ޔަގީނުން ވެސް އެކަކަށް ބޭއިންސާފު ވެވޭނެ އެވެ. މިހެންވެ ވަރިކުރުން ޝަރުއު ކުރެ އެވެ. ނަމަވެސް މިވަރި ކުރުމުގައި ވެސް އަނބިމީހާ އަށް ބޭއިންސާފު ވެދާނެ ހުރިހާ ކަމަކުން އިސްލާމް ދީން އަންހެނާ ރައްކާތެރިކޮށްދެ އެވެ.

މިގޮތުން އެއްދާން ނުކުރާ ތުހުރެއްގައި ނޫނީ ވަރި ކުރަން ފުރުސަތު ނުދެ އެވެ. ވަރި ކުރުމުގައި ކުޅިވަރަކަށް އެކަން ނުގެންދިއުމަށްޓަކައި ސަމާސާ އަށް ކުރާ ވަރިއަކީ ވެސް ސައްހަ ވަރިއެއް ކަމަށް ބަލަ އެވެ. އަދި ތިން ފަހަރަށް ވުރެ ގިނަ ފަހަރު ވަރި ނުކުރެވޭ ގޮތަށް އޮވެ އެވެ. މަޖުބޫރީ ހާލަތުގައި ނުވަތަ ގަދަ ރުޅީގައި ހުރެ ކުރާ ވަރި، ވަރިއެއް ކަމުގައި ނުބަލަ އެވެ. ވަރި ކުރުމަށް ފަހު އިއްދާ ހަމަ ވަންދެން ހަރަދުބަރަދު ދޭންޖެހެ އެވެ. އަދި އުފާކުރުމުގެ ބަދަލު (މުތުޢާގެ ހައްގު) ދޭންޖެހެ އެވެ.

ފިރިމީހާ އަށް އަނބިމީހާއާ އެކު ނޫޅެވިގެން ވަރިކުރުމުގެ ހައްގު ދޭ ފަދައިން އަނބިމީހާ އަށް ވެސް ފިރިމީހާއާ އެކު އުޅެން އުނދަގޫވެއްޖެ ނަމަ ޚުލްޢު ކޮށްގެން ފިރިމީހާގެ ކިބައިން ސަލާމަތްވުމުގެ ހައްގު ދެ އެވެ. އަނބިމީހާއާ ނުރުހިގެން ފިރިމީހާ އޭނާ ދޫކޮށްލިއަސް ރަނުގެ ގޮތުގައި ކިތަންމެ ބައިވަރު މުދާތަކެއް ދީފައި ވިޔަސް އެއިން ހަމަ އެންމެ އެތިފުކެއް ވެސް އަތުލުމަކީ ބާތިލު ގޮތުގައިވާ ފާޅުވެގެންވާ ފާފައެކެވެ.

ދެމަފިރިންގެ ދެމެދުގައި ދެބަސްވުން އުފެދި އަރާރުމަކަށް ހިނގައްޖެ ނަމަ އެކަމުން ސަލާމަތްވާން ފިރިމީހާއެކޭ އެއްފަދައިން އަނބިމީހާ އަށް ވެސް ދެ މަގެއް ހުޅުވިފައިވެ އެވެ. އެއް މަގަކީ އާއިލީ ފައިސަލާ އެވެ. ދެފަރާތުގެ އާއިލާ އިން ކޮންމެ ފަރާތަކުން ހުކުމް ކުރަން މީހަކު ހަމަޖެއްސުމެވެ. ދެ ވަނަ މަގަކީ ފަނޑިޔާރު ގެއަށް ދިއުމެވެ. މިދެ މަގުން ކުރެ ކޮންމެ މަގަކުން ވެސް ނިންމާ ފަހުގެ ނިންމުމަށް ދެމީހުން ރުހެން ޖެހެ އެވެ.

އަނބިންނަށް އަދުލުވެރިވުމުގެ ވާހަކަ ދައްކާއިރު އެކެއްގެ ގިނަ އަނބިން ތިބުމަކީ އަންހެނުންނަށް ވެވޭ ބޭއިންސާފެއް ކަމަށް އިސްލާމް ދީނުގެ ހަގީގަތް ނޭނގޭ ވަރަށް ގިނަ މީހުން ބުނެ އުޅެ އެވެ. ނަމަވެސް ހަގީގަތުގައި އިސްލާމް ދީން ފިރިހެނުންނަށް މި ފުރުސަތު ދެނީ ވަރަށް ގިނަ މައްސަލަތަކެއްގެ ހައްލުގެ ގޮތުގަ އެވެ. މީގެ ތަފުސީލުތައް އެނގި ދޭހަ ވެއްޖެ ނަމަ މިކަމުގައި ވެސް އިސްލާމް ދީން ދެ ފަރާތަށް ވެސް އަދުލުވެރިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަ ވެގެންދާނެ އެވެ.

އެހެންކަމުން އަންބެއްގެ ހައިސިއްޔަތުން އިސްލާމް ދީން އަންހެނުންނަށް އަދުލުވެރިވެ އެވެ. ހަމައެއާ އެކު މި އަދުލުވެރިވުމުގައި އިސްލާމް ދީން ފިރިންނަށް ބޭއިންސާފެއް ނުވެ އެވެ. މި ބޭއިންސާފު ނުވުމަށްޓަކައި އަނބިންނާ ފިރިންނާ ދެމެދު ބައެއް ކަންކަމުގައި ތަފާތު ކޮށްފައި ވެސް ވެ އެވެ. އެއީ ހަގީގީ އަދުލުވެރިކަން ގެނެވޭނީ އެ މީހެއްގެ ނިސްބަތުން އެ މީހަކަށް ޒިންމާތަކާއި މަސްއޫލިއްޔަތު ދެވިގެން ކަމަށް ވާތީ އެވެ. މިކަން ހަނދާން ނައްތާލައި ހަމަހަމަ ކުރަން މަސައްކަތްކޮށްފި ނަމަ އަދުލުވެރިކަމުން އެއްކިބާ ވެވޭނެ އެވެ.

2 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 6%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގހހހ

25 November 2016

ޖެންޑާރ މިނިސްޓަރު އަރާ ކިޔަނީ ގެވެށި އަނިޔާ ހުއްޓާށޭ. އަނެއްކޮޅުން ދެން ތިބި ސަރުކާރުން ބޮޑުން (ޚާއްސަކޮށް ފިރިހެނުން) އަރާ މިކިއަނީ އެންމެން މާލެ އަރާށޭ ފްލެޓްވާން. ރަށު ގޯތި ދޫކޮށްލާފައި ގްރޭޓަރމާލޭ ޖަލުގޮޅީ ސިޓިންރޫމްގަ ކަންކަމުން، ކަމުން،ކުޅެމުން، ...ހިންގަމުން އެތައް އާއިލާތަކެއް ޑިއުޓީ ބަހައިގެން ނިދިއަސް އެންމެން އޮރެންޖްހެދުންލާ ޕާޓީކުރީމާ މައްސަލަ ހައްލުވީ! ނަމަނަމަ ރާއްޖެތެރޭ އަންހެނާ ނިކަމެތިކުރަން މާލޭ ސަރުކާރުން ހިންގާ ޕޮލިސީ ވާހަކަ ނުދައްކާތި!

The name is already taken The name is available. Register?

ނަޒީމް

25 November 2016

މީ ފަހަކަށް އައިސް މިމައުޅޫ އަށް ލިޔެފައިވާ އެންމެ ފުރިހަމަ ލިޔުމޭ ބުނުމަކީ ދޮގަކައްނުވާނެ! އެހާމެ ތިލަ އިބާރާތުން އެންމެނައްވެސް ފަސޭހައިން ދޭހަވާގޮތައް. މިލިޔުން ލިޔުއްވި ބޭފުޅާއަށް ޝުކުރު އަދާކުރަން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454