ކަންގަނާ ޕަދުމާ ޝްރީ އެވޯޑާ ހަވާލުވަނީ.
10 ނޮވެމްބަރ 2021 - 06:47
އެކި ދާއިރާތަކުން ގައުމުގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރަން އިންޑިއާގެ ސަރުކާރުން ދޭ މަތީ ޝަރަފުގެ ތެރެއިން ހަތަރު ވަނަ އަށް އެންމެ މަތީ ޝަރަފު ކަމަށްވާ ޕަދުމާ ޝްރީ އެވޯޑް ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތަށް ލިބިއްޖެ އެވެ.
ބޮލީވުޑްގެ މިހާރުގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަންގަނާ، 34، އަށް އެ އެވޯޑް ލިބުނު އިރު، އޭނާ އަށް ފިލްމު ކުޅެގެން ލިބުނު ހަތަރު ވަނަ ނެޝަނަލް އެވޯޑް ލިބުނީ މިދިޔަ މަހު އެވެ. އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ކަންގަނާ އަށް ލިބުނީ މިދިޔަ އަހަރު ރިލީޒްކުރި "ޕަންގާ" އާއި 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގައި ކުޅެފައިވާ ރޯލުތަކުންނެވެ.
އޭނާ އަށް ކުރިން ނެޝަނަލް އެވޯޑް ލިބުނީ 2008 ގެ "ފެޝަން" އާއި 2014 ގެ "ކްއީން" ގެ އިތުރުން 2015 ގެ "ތަނޫ ވެޑްސް މަނޫ ރިޓާންސް" އިންނެވެ.
މި އަހަރު ޕަދުމާ ޝްރީ އެވޯޑް ހަފުލާ ހޯމަ ދުވަހު ބޭއްވި އިރު، އެކި ދާއިރާތަކުން 119 މީހަކަށް އެވޯޑް ލިބުނެވެ. އޭގެ ތެރޭގައި ހިމެނޭ މުނިފޫހި ދާއިރާގެ ފަންނާނުންގެ ތެރޭގައި ޑައިރެކްޓަރު ކަރަން ޖޯހަރާއި ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ އިތުރުން އިންޑިއާގެ ރަށްވެހިކަން އޮންނަ ޕާކިސްތާންގެ ލަވަކިޔުންތެރިޔާ އަދުނާން ސާމީގެ އިތުރުން މިދިޔަ އަހަރު ކޮވިޑް-19 ގައި މަރުވި މަޝްހޫރު ލަވަކިޔުންތެރިޔާ އެސްޕީ ބާލަސުބްރަމާނިއަމް ހިމެނެ އެވެ.
ޕަދުޝާ ޝްރީ އެވޯޑްގެ ހައްގުވެރިންނާ އެވޯޑް ހަވާލު ކޮށްދެއްވީ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލްޒާރު
10 November 2021
މީ ފަލަސްތީނުރައްޔިތުން ކުޑައިމީސްކުރި މީހާ.