ވިޔަފާރި / ރިޕޯޓް

އެޑްވާންސްކޮށް ފްލެޓްތައް ވިއްކުމުގައި އާ އުކުޅެއް، ހުރިހާ ގެއްލުމެއް ގަންނަ މީހާ އަށް!

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓް އިމާރާތެއް. އެތަނުގައި އަޅާ ގިނަ އެޕާޓްމެންޓްތައް ހުރީ ނިންމަން ޖެހޭ ތާރީހަށް ނުނިންމިފައި--

ފްލެޓްތައް އެޑްވާންސްކޮށް ވިއްކައިގެން، އެތައް ބަޔަކަށް ލަނޑު ލިބުމާ އެކު އެޗްޑީސީއާ އެކު ހަދާ އެއްބަސްވުން ބުނާ ގޮތުން އިމާރާތުގެ 20 ޕަސެންޓް ނުނިމެނީސް އިތުރަށް އެއްވެސް ފައިސާއެއް ނުނެގެ އެވެ. އެކަމަކު، އެ އެއްބަސްވުންތަކުގެ ދަށުން މިހާރު ހަދަން ފަށައިފައިވާ އިމާރާތްތަކުގައި އެއްވެސް ފްލެޓެއް ލިބޭކަށް ނެތެވެ. ބައެއް މީހުންް ހުރީ އެޑްވާންސްކޮށް ފައިސާ ދައްކައި، ގަނެ ނިންމައިފަ އެވެ.

މިއީ ކިހިނެއް ވީ ކަމެއް ހެއްޔެވެ؟ އިމާރާތުގެ ބިންގާ ނުވެސް އަޅާއިރު، ވުޖޫދުގައި ނެތް ތަނަކަށް ފައިސާ ދައްކަން ޖެހެނީ ކީއްވެ ހެއްޔެވެ؟

"އަދި ވުޖޫދުގައި ނެތް ފްލެޓް އިމާރާތެއް، އިހަކަށް ރޭ އެ އިފްތިތާހު ކުރީ. އަޅުގަނޑު ގަތް ފްލެޓަށް ދައްކައިފިން މިހާރު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ،" އެޕާޓްމެންޓެއް ގަތް މީހަކު، ނޫހުގައި ނަން ނުޖަހަން އެދި ބުންޏެވެ.

"މިގޮތަށް ފައިސާ ނެގުން އެއީ މަނާކަމެއް. އެއީ ނެގިގެން ވާނެ ފައިސާއެއް ނޫން."

ހަމަ އެގޮތަށް، ހުޅުމާލޭގައި އިމާރާތްކުރާ ލަގްޒަރީ އެހެން ފްލެޓް އިމާރާތަކުން ވެސް، އެތަނުން ފްލެޓް ގަތް ބައެއް މީހުންގެ އަތުން ވަނީ އިތުރަށް ފައިސާ ނަގައިފަ އެވެ. އެތަނަށް ފައިސާ ދެއްކި މީހަކު ބުނި ގޮތުގައި ބުކިން ފީގެ އިތުރުން ފްލެޓްގެ އަގުގެ ވަރަށް ގިނަ ފައިސާ ވަނީ ދައްކައިފަ އެވެ. އޭނާ ބުނާ ގޮތުން، އޭނާ އެޑްވާންސްކޮށް ފައިސާ ދެއްކީ، އެ ކުންފުންޏާ ދޭތެރޭ އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ.

ދެއްކޭނެ ހެއްކެއް ނެތް، އެކަމަކު އޮތީ މަޖުބޫރީ ހާލަތު!

ފްލެޓަށް ފައިސާ ދެއްކި މީހާގެ އަތަކު އޭނާ ސީދާ އެ ފްލެޓަށް ފައިސާ ދެއްކި ކަމުގެ އެއްވެސް ރިސިޓެއް ނެތެވެ. އެކަމަކު، އެ ތަން އިމާރާތް ކުރާ ކުންފުންޏަށް އޭނާ ފައިސާ ދެއްކި އެވެ.

"މީގައި މި ވާގޮތަކީ، އެޗްޑީސީ އާއި އެ ކުންފުންޏާ ދެމެދު އޮތް އެގްރިމެންޓް ބުނާ ގޮތުން ބުކިންް ފީގެ އިތުރަށް އެއްވެސް ފައިސާއެއް ނުނެގޭ. އެހެންވެ، ކުންފުންޏަށް ނުވަތަ ކުންފުނީގެ ކޮންމެވެސް އެހެން ޕްރޮޕަޓީއަކަށް ފައިސާ ނަގަނީ،" މި ރިޕޯޓަށް ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

"އެކަމަކު އަޅުގަނޑުމެން ފައިސާ މި ދައްކަނީ އަސްލު އެޕާޓްމެންޓް ގަންނަން. ކޮންމެ ނަމެއް ކިޔާފައި އެ ފައިސާ ނެގިޔަސް އެއީ ހަމަ އަޅުގަނޑު ގަތް އެޕާޓްމެންޓަށް ދެއްކޭ އެޑްވާންސް ފައިސާ."

އެކަމަކު އޭނާ އެ ތުހުމަތު ކުރި ކުންފުނިން ބުނީ އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. މިކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކާކަށް އެ ކުންފުނިން ބޭނުމެއް ނޫނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓުތަކެއް:--. ފޮޓޯ؛ އަހުމަދު އަވްޝަން/ މިހާރު

ހުޅުމާލޭގައި ފްލެޓް އަޅަމުން އަންނަ ޑިވެލޮޕަރަކު ވިދާޅުވީ، ބުކިން ފީގެ އިތުރުން އެ ކުންފުނިން އެއްވެސް ފައިސާއެއް ނުނަގާ ކަމަށެވެ. އެކަމަކު އިތުރަށް ފައިސާ ދައްކަން ބައެއް މީހުން އެދޭ ކަމަށާއި އެ ފުރުސަތު ދޭ ކަމަށެވެ. އަދި ހާއްސަ އުސޫލެއްގެ ދަށުން އެ ފައިސާ ބަލައިގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ފަރާތަކަށް އަޅުގަނޑުމެން މަޖުބޫރެއް ނުކުރަން އިތުރަށް ފައިސާ ދައްކާކަށް. އަޅުގަނޑުމެން އޮންނާނީ އިމާރާތުގެ 20 ޕަސެންޓް ނިމެންދެން ފައިސާ ދައްކަން ވަގުތު ދީފައި. މި ވަގުތު ހަމައެކަނި ނަގަނީ ބުކިން ފީގެ ގޮތުގައި ނަގާ 50،000ރ." އޭނާ ވިދާޅުވި އެވެ.

ފްލެޓެއް ގަތް މީހަކު ބުނީ ޑިވެލޮޕަރުންް އެހެން ބުންޏަސް، ކަން ހިނގަނީ އެހެން ނޫން ކަމަށެވެ. އޭނާ ބުނީ ފްލެޓްތައް ވިއްކަން އިއުލާންކޮށްލާ ތަނުން އެ ތަންތަން ގަންނަން ދިގު ކިޔޫއެއް އޮންނަ ކަމަށާއި ޑިވެލޮޕަރު އިސްކަން ދެނީ އެޑްވާންސް ފައިސާ ގިނައިން ދޭ ބަޔަކަށް ކަމަށެވެ.

"މިއީ ހާލަތުގެ ފައިދާ ނެގުން. ތެދެއް، އަޅުގަނޑުމެންގެ އަމިއްލަ އިޚުތިޔާރުގައި ފައިސާ މި ދައްކަނީ. އެކަމަކު އެ ފައިސާ މި ދައްކަނީ ދިރިއުޅޭނެ ތަނެއް ނެތިގެން އޭގެ ހާސްކަމުގެ ތެރޭގައި ތިބެގެން،" ފްލެޓް ގަތް މީހަކު ބުންޏެވެ.

"އެ ތަންތަނަށް ފައިސާ ދެއްކި ކަމުގެ އެއްވެސް ލިޔެކިޔުމެއް ނޯވެ ހިނގައިދާނެ. ގޮސް މައްސަލަ ޖެއްސޭނެ ގޮތެއް ވެސް ނެތިދާނެ. އެކަމަކު މިއީ އަޅުގަނޑު ގަބޫލެއް ނުކުރަން މިކަން ހިނގަން ޖެހޭ ގޮތް ކަމަކަށް. މިހެން ހެދީމަ ފައިސާ ހުރި މީހާ އަށް ހުރިހާ ފްލެޓެއް މި ލިބެނީ. ލޯނު ނަގައިގެން ފައިސާ ދައްކަން ބޭނުންވާ މީހާ އަށް އެ ފުރުސަތު އެބަ ގެއްލޭ."

"މިހާރު" އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ އޭނާ ގަތް ފްލެޓަށް ކުރިއަށް އޮތް 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި 70 ޕަސެންޓް ފައިސާ ދައްކަން ޖެހޭ ކަމަށެވެ.

"އެއްވެސް ފަރާތަކަށް އަޅުގަނޑުމެން މަޖުބޫރެއް ނުކުރަން އިތުރަށް ފައިސާ ދައްކާކަށް. އަޅުގަނޑުމެން އޮންނާނީ އިމާރާތުގެ 20 ޕަސެންޓް ނިމެންދެން ފައިސާ ދައްކަން ވަގުތު ދީފައި. މި ވަގުތު ހަމައެކަނި ނަގަނީ ބުކިން ފީގެ ގޮތުގައި ނަގާ 50،000ރ."--ޑިވެލޮޕަރެއް

"އަދި އެތާނގެ ބިންގާ ނާޅާ. މިހާރު ފައިސާ ދައްކަން ފަށައިފިން. އެގްރިމެންޓާ އެކު ޕޭމަންޓް ހަދަން ޖެހޭ ގޮތުގެ ޕްލޭނެއް ވެސް ދީފައި އެބައޮތް،" އޭނާ ކިޔައިދިނެވެ.

"އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި ހަމައެކަނި އަގު ކޮންޓްރޯލްކޮށްފައި ހުރި ފްލެޓްތަކުން ވެސް 50 މިލިއަނެއްހާ ރުފިޔާ މިހާރު ހުންނާނީ ނަގާފައި."

އިތުރަށް ފައިސާ ނަގަންޏާ މައްސަލަ ޖައްސާ: އެޗްޑީސީ

އިމާރާތް ކުރުމުގެ ކުރިން ފްލެޓްތައް ވިއްކައި، އެތަންތަން ނުނިމިގެން އެތައް ބައިވަރު މައްސަލަތަކެއް މިހާރު ވެސް އޮތި ކުރިމަތިވެފަ އެވެ. ބައެއް ތަންތަން ނުނިމި ހަތް އަހަރު، ފަސް އަހަރު، އަދި ތިން އަހަރު ވެފައިވާ ތަންތަންް ވެސް އެބަހުއްޓެވެ. ހުރިހާ ގެއްލުމެއް ލިބުނީ އެތަންތަން ގަތް މީހުންނަށެވެ. އޭގެ އެއް މައްސަލަ މިހާރު ވެސް ކޯޓުގައި އެބަ ހިނގަ އެވެ. އޭގެ އެހެން މައްސަލައެއްގައި، އެތަނުން ފްލެޓް ގަތް މީހުންް ރުޅިގަދަވެގެން އުޅޭތަން އެބަ ފެނެ އެވެ. އެހެންވެ، އެޗްޑީސީން މިހާރު ނިންމައިފައި އޮތީ، އިމާރާތުގެ 20 ޕަސެންޓް ނުނިމެނީސް ނެގޭނީ އެކަނި ބުކިންްފީ އެކަނި ކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް ވިދާޅުވީ، ކޮމާޝަލް ބޭނުމަށް އަލަށް އަޅާ ހުރިހާ އެގްރީމަންޓެއްގައި ވެސް އިމާރާތުގެ 20 ޕަސެންޓް ނުނިމެނީސް ބުކިން ފީއަށް ނަގާ 50،000ރ. ގެ އިތުރަށް އެއްވެސް ފައިސާއެއް ނުނެގޭނެ ކަމަށް އެގްރީމަންޓްގައި ބުނެފައިވާނެ ކަމަށެވެ.

"މިގޮތަށް އަމަލު ކުރާ ނަމަ އެގްރީމަންޓާ ހިލާފުވާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، އިތުރަށް ފައިސާ ނަގާކަމުގެ ޝަކުވާއެއް ލިިބިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިފަދަ އެއްވެސް ކަމެއް ފަހުން ސޮއި ކުރި އެއްވެސް ބަޔަކާ މެދު ހުށަހެޅިފައިނުވާ ކަމަށެވެ. އެގޮތަށް މައްސަލައެއް ހުށަހަޅައިފި ނަމަ އެކަން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ހިނގާ ނަމަ މައްސަލަ ހުށަހެޅުމަށް އޭނާ އެދިވަޑައިގަތެވެ.

މިކަމަށް އޮތް ހައްލަކީ ކޮބާ؟

ސީލައިފް ފަދަ ކުންފުނިތަކުން ވަނީ އެތައް މިލިއަނުން އާންމުންގެ އަތުން ފައިސާ ނަގައިގެން ފިލައިފަ އެވެ. އާންމުންގެ އަތުން ގެއްލުނު ފައިސާއެއް އަދިވެސް ނުލިބެ އެވެ. އަނެއްކޮޅުން ރާއްޖޭގެ ނަން މަޝްހޫރު ކުންފުނިތަކަށް ވެސް އެ އުޅެނީ އެތައް އަހަރެއްވީ އިރު ވެސް ފްލެޓްތައް ހަވާލުނުކުރެވިގެންނެވެ.

"މިހާރު" އަށް ވާހަކަ ދެއްކެވި ބޭންކިން ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވީ، މިފަދަ ކަންކަމަށް އޮތް ހަމައެކަނި ހައްލަކީ އެޗްޑީސީން މިހާރަށް ވުރެ ބޮޑަށް މިކަންކަން މޮނިޓާކޮށް ބެލެހެއްޓުން ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެޗްޑީސީ އަށް ނޭންގި ކުންފުނިތަކަށް މިގޮތަށް ފައިސާ ނެގޭނެ ހެނެއް. މިއީ ސިއްރުން ކުރާ ކަމެއް ނޫން. އާންމު ކަމެއް. އެތައް ބަޔަކަށް އެނގޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

"ފްލެޓް ގަންނަ މީހާ އެއްވެސް ފައިސާއެއް އެޗްޑީސީ މެދުވެރި ނުވެ ނުދެއްކޭ ގޮތް ވެސް ހެދިދާނެ."

އެޗްޑީސީ އަށް ފިޔަވަޅެއް ނޭޅޭ ނަމަ ކުރިއަށް އޮތްތަނުގައި ވެސް އަމިއްލަ ކުންފުނިތަކުން ފްލެޓް ގަންނަ މީހުންނަށް ލިބޭނީ ލަނޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސްލު މިވާގޮތަކީ މި މީހުން 50 ޕަސެންޓް އަގު ނެގިއަސް، ބާކީ ބެލެންސް ދާނީ ބޭންކް މެދުވެރިކޮށް. ބޭންކް މެދުވެރިކޮށް ލޯނު ނަގާ ހިސާބުން، ބޭންކަށް ކަސްޓަމަރުން ގްރޭސް ޕިރިއަޑް ފައިސާ ދައްކަން ފަށަން ޖެހޭނެ. އޭރުން މި ތަންތަން ގަތް ފަރާތްތަކުން މިހާރު ދިރިއުޅޭ ތަނަށް ކުލި ދައްކަމުން ބެންކަށް ވެސް ފައިސާ ދައްކަން މި ޖެހެނީ. ޖާހު ނުވަތަ އެންސިސް ކަސްޓަމަރުންނަށް ވީގޮތް ވާނީ،" އޭނާ ވިދާޅުވި އެވެ.

އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ހެސް ކިޔާފައި ޑިމާންޑް އޮތް ކަމެއްގައި މިކަން ހިނގާނީ މި ގޮތަށެވެ. އޭނާ ވިދާޅުވީ މިކަން ހުއްޓުވުމުގެ ބާރު އޮތީ އެޗްޑީސީ އަށް ކަމަށެވެ.

"ފްލެޓް ގަންނަ މީހާ އެއްވެސް ފައިސާއެއް އެޗްޑީސީ މެދުވެރި ނުވެސް ނުދެއްކޭ ގޮތް ވެސް ހެދިދާނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، ހަގީގަތަކީ މިއީ ވަރަށް ބޮޑު ވިޔަފާރިއެއް ކަމެވެ. މި ވިޔަފާރި އަކީ މިލިއަން ޑޮލަރުގެ ބޮޑު ވިޔަފާރިއެކެވެ. އެޗްޑީސީއާ އެކު ބިމުގެ އެގްރިމެންޓް ހަދާ ހިސާބުން، ޑިވެލޮޕަރު އެއްވެސް ކަމެއް ނުކޮށް ހުރެ މުއްސަނދިވީ އެވެ.

48 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 4%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހަން

19 November 2021

ބުކިންގފީ އެކަނި ދެއްކީމާ ދުވަހަކު ވެސް ސްލްޓެއް ލިބޭ ވަރެއް ނުވޭ. މުޅިންވެސް ފުލްވެފަ. އެކަމް އޭގެ ފަހުން ވެސް ގިނަ ލާރި ދައްކާގޮތައް މީހަކު ލާއިރައްލިބިފަ އޮންނަނީ

The name is already taken The name is available. Register?

އަލީ

19 November 2021

ވަގުން ވައްކަން ނުކުރެވިގެން މިއޮއް ތެޅެނީ. ބިރުވެތިވޭ

The name is already taken The name is available. Register?

އެޗްޑި

19 November 2021

އެޗްޑީ ސީ އަކީ ބަޔަކު މުއްސަނދި ކުރާ ބަޔެއް

The name is already taken The name is available. Register?

ކާޓީ

18 November 2021

މޮޅު ސްކީމެއްގެ ތެރެއިން ގެންދިއައީމަ މިސަރުކާރުގަ ނުވާނެ މި ކަހަލަ ކަންކަން ކޮރަޕްޝަންކަމަކަށް.

The name is already taken The name is available. Register?

ކޮރަލް

18 November 2021

އެޗް ޑީ ސީ ގަ ކޮރަޕްޝަން ވ ބޮޑެވެ. އޭގެ އަސަރު ޕްރޮޖެޓް ނަގާ މީހާ އަށް ކުރެ އެވެ. އޭގެ އަސަރު ޕްރޮޖެކްޓް ނިމުމުން އޭ ގެ ބޭނުން ކުރާ މީހުންނަށް ކުރެ އެވެ. ބޯޑް ވެސް ވ ފައިސާ ހަދައިފި އެވެ. ސިނާއީ ސަރަހައްދުގަ ކުލި ނުދައްކާ އެތައް ބަޔަކު އެބަ އުޅެ އެވެ. އަޅަ އެއް ނުލަ އެވެ.

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

18 November 2021

އެޗް ޑީ ސީ އަކީ ހުޅުމާލޭ ރައްޔިތަކަށް އަދި ކީއްކުރަން އެތާނެ ޗައިނާ ފުލެޓެއްގެ މެއިންޓެނެންސް ކަމެއްގައި ވިޔަސް އާދޭސް ކުރިޔަސް އެއްވެސްކަމެއް ކޮށްދޭ ތަނެއްނޫން. ހަމައެކަނި ވިޔަފާރިވެރިން މަހުޖަނުންނަށް ހަދާ ސިޔާސީ ކަނޑުކޮހުންނަށް މުސާރަދޭން ހުންނަތަނެއް. އޮނަރަބަލް ސޯލިހު ތިބޭފުޅާ އަށް ކެރޭނެތަ ތިތަން ބަންދުކޮށް ކައުންސިލާއި ހަވާލުކުރަން. !!!!!!

The name is already taken The name is available. Register?

ހުސެން3242342134

18 November 2021

މިއީ އެޗްޑީސީ އަޑީގައި އޮވެގެން ހިންގާ ބޮޑު ޖަރީމާއެއް . ފްލެޓް އަޅަން ބޭރުގައި ބަހައްޓާ ބޯޑު ނުބަހައްޓަނިސް އެފްލެޓް ހަދާ ތަނައް ގުޅާލާއިރު އެބަ ބުނޭ މިހާރު ފުލީ ބުކްޑްއޭ ! ރެއިންބޯގެ އެންމެ ފަހުން އެހަދާ ރެއިންކްރެސަންޓް ގެ ބޯޑު ބެހެއްޓި ދުވަހު ގުޅިން ބުނީ ފުލީ ބުކްޑްއޭ! ހަގީގަތުގައި ބުކިންގް ފީ ނަގާފައި ފައިސާގެ ހުރިހާ ކަމެއް ކުރަން ޖެހޭނީ އެޗްޑީސީން

The name is already taken The name is available. Register?

ގާޗީމް

18 November 2021

ކޮބާތަ ގާސިމް އިބުރާހިމަށް ދީފަ ހުރި ބިންތަކުގަ އަޅާ ފުލެޓްތައް. 20 އަހަރުވީ އިރު އަދިވެސް އެއްކަމެއްވެސް ނުކުރޭ. ބިންތައް މިލްކު ކޮށްގެން ގައުމަށް ގެއްލުން ކުރާ މީހެއް

The name is already taken The name is available. Register?

ލޯބިން

18 November 2021

ގައުމަށް ގެއްލުން ދޭންވެގެންނު ލޯބިން އޭނަ މިނިވަންކުރަން އުޅުނީ އޭނައަށް އަނިޔާވާތީ. ދެން ކޮން ވާހަކައެއް؟

The name is already taken The name is available. Register?

އުދުހޭ

18 November 2021

މަކަރާ އޮޅުވާލުމަކީ ވަރަށް ގިނަ ގައުމުތަކުގައި ކުށެއް. ރާއްޖޭގައި އޮންނަ ގޮތެއް ނޭންގޭ. އެނގޭކަމަކީ ސިޔާސީ މީހަކު ގޮޅިއަކަށް ފައްތަން ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ ސަރުކާރެއްގައިވެސް ގާނޫނުގެ އެކިއެކި މާއްދާތަށް ބޭނުންކޮށްގެން މަތިމައްޗަށް ދައުވާ ކުރާކަން. އާދައިގެން ރައްޔިތުމީހާ ދިފާއުކޮށް ސަލާމަތްކޮށްދޭނެ ފަރާތެއް ނެތް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 November 2021

ބޯހިޔާވަހިކަމުގެ ހައްލު ހޯދޭނީ ބިމާއި ގެދޮރުގެ ޤާނޫނު އިސްލާޙްކޮށް މިފަދަ ތަންތަނުން ޓެކްސް ނެގޭނެ ހަރުދަނާ އުސޫލެއް ހަދައިގެން. މިއީ އެއްވެސް ޙާލެއްގައި "ދައުލަތަށް އާމްދަނީހޯދުމުގެ މަޤުސަދަށްޓަކާ" ނަގާ ޓެކްހެއްނޫން. # މިގޮތުން ފުރަތަމަ ބިމާއި ފްލެޓް ޓެކްސް ފްރީވެފައި އޭނާގެ ނަމުގައި މިލްކުކުރާ ދެވަނަ ބިމާއި ފުލެޓުން %50 ޓެކްސް އަދި 3 ވަނަ ފުލެޓާއި ބިމުން ފެއްޓިގެން އިތުރަށް ހޯދާ ކޮންމެ ބިމަކަށާއި ފުލެޓަށް %100 ޓެކްސް ނަގާން ޤާނޫނު ފާސްކުރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454