ދުނިޔެ / އޮސްޓްރިއާ

އޮސްޓްރިއާ އަނެއްކާވެސް ފުރަބަންދަކަށް

ނޮވެމްބަރ 20، 21: ކޮވިޑުން ދިފާއުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅު ހެދުމުގެ ގޮތުން އޮސްޓްރިއާގެ އާންމުންގެ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ. --އޭއެފްޕީ

22 ނޮވެމްބަރ 2021 - 15:29

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ވިލާތުގެ ގައުމުތަކުގައި އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް އެ ގައުމުތަކުގައި މުޒާހަރާތައް ކުރަމުން ދަނިކޮށް، މުޅި އޮސްޓްރިއާ މިއަދުން ފެށިގެން ފުރަބަންދު ކޮށްފި އެވެ.

ރޭ މެންދަމުން ފެށިގެން ފުރަބަންދުގެ ހާލަތަށް އަމަލުކުރަން ފަށައި، ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި މަސައްކަތް ކުރާ މީހުން ވެސް ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ވަނީ އަންގައިފަ އެވެ. ހަމައެއާ އެކު، ޒަރޫރީ ބޭނުންތަކަށްޓަކައި ހުޅުވާފައި ބަހައްޓަންޖެހޭ ފިހާރަތައް ނޫން ހުރިހާ ވިޔަފާރިތަކެއް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ޔޫރަޕްގެ ގައުމުތަކަށް ފިނި މޫސުން ލައިގަންނަމުން ދާއިރު، ފިނި މޫސުމުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވާނެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރިން ވެސް އޮތީ އިންޒާރު ކޮށްފަ އެވެ. ފިނި މޫސުން ކައިރިވަމުން އައި އިރު، ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް މައްޗަށް ދާން ފެށުމުން، ވިލާތުގެ ގައުމުތަކުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާތާ މިހާރު ދެ ހަފުތާވެއްޖެ އެވެ.

އެ ފިޔަވަޅުތަކާ ދެކޮޅަށް މިދިޔަ ހަފުތާ އިން ފެށިގެން، ވިލާތުގެ ބައެއް ގައުމުތަކުގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. ނެދަލޭންޑްސް އާއި ބެލްޖިއަމްގައި ހުކުރު ދުވަހުން ފެށިގެން ކުރަމުން އަންނަ މުޒާހަރާތަކުގައި، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ނޮވެމްބަރު 20، 21: ކޮވިޑުން ދިފާއުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅު ހެދުމުގެ ގޮތުން އޮސްޓްރިއާގެ އާންމުންގެ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ. --އޭއެފްޕީ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސަރަހައްދީ ޑިރެކްޓަރު ޑރ. ހާންސް ކްލޫގް، މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި ކޮވިޑުން ދިފާއުވުމަށް ހަރުކަށި ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ކުރިއަށް އޮތް ހަ މަސް ތެރޭގައި ބައި މިލިއަނެއްހާ މީހުން މި ބަލީގައި މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ވެކްސިން ޖެހުމާއި، ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ވަންނަ އިރު، ކޮވިޑް ވެކްސިން ޖެހިކަމުގެ ފާހެއް އޮންނަން މަޖުބޫރު ކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް، އޭނާ އެދިވަޑައިގެންނެވި އެވެ.

އޮސްޓްރިއާގައި ކޮވިޑް ވެކްސިން ޖަހަން ފެށި ފަހުން އާންމުންގެ ފަރާތުން އެކަމަށް ލިބެމުން އައީ ވަރަށް ފިނި ތަރުހީބެކެވެ. އެހެންކަމުން، މިދިޔަ ހަފުތާގައި އޮސްޓްރިއާ ސަރުކާރުން ވަނީ، ކޮވިޑުން ދިފާއުވާ ވެކްސިން ޖެހުން މަޖުބޫރުކޮށްފަ އެވެ. އޮސްޓްރިއާއަކީ ވިލާތުގެ ގައުމުތަކުގެ ތެރެއިން، ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ކުރި ފުރަތަމަ ގައުމެވެ.

ޖަރުމަން ވިލާތުގައި ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އަނެއްކާވެސް މައްޗަށް ދާން ފެށުމާ ގުޅިގެން، އެ ގައުމުގައި ވެސް ކޮވިޑް ވެކްސިން މަޖުބޫރު ކުރުމާ ބެހޭ ގޮތުން، ސިޔާސީ ފަރާތްތަކުގެ މެދުގައި މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ރެއިން ފެށިގެން އޮސްޓްރިއާގައި އިއުލާންކުރި ފުރަބަންދަކީ، މިދިޔަ އަހަރުގެ ކުރީކޮޅު އެ ގައުމުގައި ކޮވިޑް ފެތުރެން ފެށި ފަހުން އިއުލާން ކުރި ހަތަރު ވަނަ ފުރަބަންދެވެ. މިފަހަރުގެ ފުރަބަންދުގެ ހާލަތުގައި ބޭރަށް ނުކުމެ އުޅެވޭނީ މަސައްކަތް ކުރުމަށާއި، ކަސްރަތު ކުރުމަށާއި، ގެއަށް ބޭނުންވާ ތަކެތި ގަތުމަށް އެކަންޏެވެ.

ރެސްޓޮރަންޓްތަކާއި ބާތަކާއި ބޯކޮށާ ތަންތަނާއި ސިނަމާތަކާއި، ޒަރޫރީ މުދާ ނުވިއްކާ ފިހާރަތައް ހުޅުވުން މަނާވާނެ އެވެ. މިހާރު އިއުލާން ކޮށްފައިވާ ފުރަބަންދު ދެމިއޮންނާނީ ޑިސެމްބަރު 12 ވަނަ ދުވަހަށެވެ. އަދި މިއަދުން ފެށިގެން 10 ދުވަސް ފަހުން ކޮވިޑްގެ ހާލަތު ވަޒަން ކުރުމަށް ފަހު، ލުއިތަކެއް ދޭން ފެންނަ ނަމަ ލުއިތައް އިއުލާން ކުރާނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454