ބޭސްފިހާރަތަކެއްގެ ނަން ބޯޑުތަކެއް: ދައުލަތުގެ ބަޖެޓުން ބޭހަށް ބޮޑު ހަރަދެއް ކުރޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
30 ނޮވެމްބަރ 2021 - 13:32
ބޭހަށް އެކަނިވެސް މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު 400 މިލިއަނެއްހާ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފި އެވެ.
އާސަންދަ ކުންފުނިން "މިހާރު" އަށް އިއްޔެ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިިދިޔަ ޖުލައި މަހުގެ ނިޔަލަށް ބޭސް ފިހާރަތަކަށް 393،969،371ރ. ހަރަދުކޮށްފައިވެ އެވެ. އެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ހޮސްޕިޓަލްތަކާއި ކްލިނިކް އަދި ހެލްތު ސެންޓަރުތަކަށް ހަރަދުކޮށްފައި ވަނީ 516،527،997ރ. އެވެ.
ބޭރުގެ ހޮސްޕިޓަލްތަކަށް މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު 87،241،451ރ. ހޭދަކޮށްފައިވެ އެވެ.
ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް 38 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި ލޮލުގެ ފަރުވާއާ މަސްނޫއީ އާލަތްތައް ގަތުމަށް 16.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އާސަންދައިން ހިއްސާކުރި މައުލޫމާތުތަކުގައިވެ އެވެ.
ބޭސް ވިއްކުމަށް އާސަންދައިން އާއްމު އަގުތަކެއް ހަމަޖައްސާފައިވެ އެވެ. އެކަމަކު އޭގެ ބައެއް އަގުތައް ބޮޑުވުމުން ސިސްޓަމެއްގެ ތެރެއިން އެކަން ހަމަޖެއްސުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާސަންދައިގެ ބަޖެޓުގެ ތެރެއިން ޑޮކްޓަރީ ބޭހަށް ވަރަށް ބޮޑު ހަރަދެއް ކުރެ އެވެ. ނަމަވެސް އަންނަ ޖެނުއަރީ މަހުން ފެށިގެން ބޭސް ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅައި، އޭގެ ފުރަތަމަ ފިޔަވައްސަށް އަމަލުކުރަން ފެށުމުން ވެސް ބަޖެޓުން ބޮޑު ހަރަދެއް ސަލާމަތްކުރެވޭނެކަމަށް، މި މަހުގެ 16 ވަނަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި މަރިޔަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން 2014 ވަނަ އަހަރު ބޭހަށް ހަރަދުކުރީ 251 މިލިއަން ރުފިޔާ އެވެ. އެ އަދަދު މިދިޔަ އަހަރު ވަނީ 752 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އޭގެ ކުރީ އަހަރު ބޭހަށް ކުރި ހަރަދު ހުރީ 58.4 ޕަސެންޓުގަ އެވެ.
އެ ހޭދަތައް ކުޑަކުރުމަށް ބޭސް ވިއްކާ ބްރޭންޑްތަކުގެ ނަން ބޭސް ސިޓީގައި ލިއުން ހުއްޓާލަން ވަނީ ނިންމައިފަ އެވެ. އޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އަސާސީ ބޭސްތައް ވިއްކާ އަގަށް އަމަލުކުރުމެވެ. އެއީ 357 ބޭހެކެވެ. ބާކީ ހުރި ބޭސްތަކުގެ ބައި ތަންފީޒުކުރާނީ ޖުލައި 1، 2022 އިން ފެށިގެންނެވެ.
މަރިޔަމް ވިދާޅުވީ ބަލި މީހާއަށް ދޫކުރަންޖެހޭ ބޭސް ނޫން އެހެން ބްރޭންޑެއްގެ ބޭސް ދޫކޮށްގެން އާއްމުންގެ ޝަކުވާތައް ލިބޭ ކަމަށެވެ. އެކަހަލަ ކަންތައް ދިމާވުމުން އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާސަންދައިން ވަނީ ބަލި މީހުންނަށް ދައުލަތުން ކުރާ ހަރަދުތައް އެ މީހަކަށް ފެންނާނެ ކަސްޓަމާ ޕޯޓަލެއް ވެސް ތައާރަފުކޮށްފަ އެވެ.
"ޕޯޓަލް ބޭނުންކޮށްގެން ބައެއް މީހުން ބުނެފައި ހުންނާނެ ތިމަންނައަށް މި ބޭހެއް ނޫނޭ ދިނީ. ކޮންމެ މީހެއްގެ އަމިއްލަ ޒިންމާއެއް ވެސް އެބައޮތް މީގައި. ބޭސް ދިނީމަ ކޮތަޅު ބަލާ ނުލައި ވެސް ނުދާށޭ. ފާމަސީގައި ތިން މަހަށް ބޭސް ދިން ކަމަށް ހަދާފައި ދެ މަހަށް އެބަ ދޭ. އެ މީހާ އަނެއްކާ މި ޖެހެނީ ބޭސް ސިޓީ ހޯދަން،" މަރިޔަމް ވިދާޅުވި އެވެ.
ބޭސްފިހާރައެއްގައި ބިދޭސީއަކު މަސައްކަތްކުރަނީ: އަންނަ ޖެނުއަރީ މަހުން ފެށިގެން ބޭސް ވިއްކޭ އެންމެ ބޮޑު އަގު ކޮންޓްރޯލްކުރާނެ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެފަދަ ޝަކުވާތަކަކާ ގުޅިގެން މި އަހަރު 6-7 ފާމަސީއެއް ސަސްޕެންޑުކޮށް އެ މައްސަލަތައް ބެލި އެވެ. ނަމަވެސް ވާހަކަދެއްކުމަށްފަހު މައްސަލަ ހައްލުކޮށް އެ ތަންތަނުގެ ސަސްޕެންޝަން އުވާލާފައިވެ އެވެ.
"ޕްރައިވެޓް ސެކްޓާއަށް ބޭސް ދޫކުރާއިރު ޕެކޭޖު ޕްރައިސިންއަށް މި ގެންދަނީ. މި ޕެކޭޖު މި ދެނީ. ރާއްޖެ ބޭރު ހޮސްޕިޓަލްތައް ވެސް ޕެކޭޖު ޕްރައިސިންއަށް ގޮސްފައި މި ހުންނަނީ ހަރަދުތައް ބައްޓަންކުރަންވެގެން. ބަލާ ބެލުންތައް އިތުރުވެފައި މި ވަނީ، އެއާ ހެދި އަންނަ ޝަކުވާ ވަރަށް ގިނަ، މާ ސްޓްރިކްޓު ވަނީއޭ ކިޔާފައި. އަޅުގަނޑުމެންގެ ވެސް ޒިންމާއެއް އެބައޮތް މީގައި ލިބިފައިވާ ބަޖެޓުން ކުރުމަށް."
ސިއްހީ ފަރުވާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވާ އެއް ކަމަކީ ރާއްޖޭގެ ފަރުވާގެ ކަންކަން ރަނގަޅުކުރުމުގެ ބަދަލުގައި ބޭރަށް ކުރާ ހަރަދުތައް ބޮޑުވުމެވެ.
ނަމަވެސް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު މި މަހުގެ 16 ވަނަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ބޭރުގެ ހޮސްޕިޓަލްތަކަށް ހޭދަކުރަނީ އެ ކުންފުނީގެ ބަޖެޓުގެ ހަ ޕަސެންޓް ކަމަށެވެ.
ބާކީ ހުރިހާ ހަރަދެއް ކުރަނީ ރާއްޖޭގެ ހޮސްޕިޓަލްތަކާއި ކްލިނިކް އަދި ޑޮކްޓަރީ ބޭހަށެވެ.
އެގޮތަށް ބޭރަށް ފޮނުވަން ޖެހެނީ ވެސް ރާއްޖޭގައި ލިބެން ނެތް ފަރުވާތަކަށް ކަމަށާއި، އޭގެ ބަދަލުގައި ރާއްޖޭގެ ސިއްހީ ހިދުމަތް ކުރިއެރުވުން މުހިއްމު ކަމަށް ގަބޫލުކުރައްވާ ކަމަށް މަރިޔަމް ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލު: އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާސަންދައިން މިހާރު ވެސް ވަނީ ދިވެހިންނަށް ބޭސްކޮށްދިނުމަށް ބޭރުގެ 45 ހޮސްޕިޓަލަކާއެކު ސޮއިކޮށްފަ އެވެ.
އޭނާ ވިދާޅުވިގޮތުގައި ބޭރުގެ ހޮސްޕިޓަލްތަކާ އެކު ސޮއިކުރަނީ ވެސް ވަކި އަގަކަށް އެއްބަސްވެގެންނެވެ. އޭގެ ވެސް އަގު ބޮޑެތި ހޮސްޕިޓަލްތަކުން އެއްބަސްވާ އަގުތަކެއް ވެސް ހުރެ އެވެ. އެހެންވެ، ފަރުވާ ދޭ ކޮންމެ ފަހަރަކު އެ ހޮސްޕިޓަލްތަކުން ހުއްދަ ހޯދަން ޖެހެ އެވެ. އެ ހުއްދަ ދެނީ ވެސް ބަލިމީހާ ބޭނުންވާ ފަރުވާތޯ ބެލުމަށްފަހު ކަމަށާއި އާސަންދައަށް ނޭނގި އޮޕަރޭޝަންތަކެއް ނުކުރާނެ ކަމުގެ ޔަގީންކަން މަރިޔަމް ދެއްވި އެވެ.
"ކޮންމެ ޕޭޝަންޓެއްގެ ކޮންމެ ސާޖަރީއެއް އަޅުގަނޑުމެން އޮތޮރައިޒްކުރާނެ. ވަރަށް ބޮޑަށް ބެލިގެން ދާނީ،" އޭނާ ވިދާޅުވި އެވެ.
"ބައެއް ފަހަރު ޑޮކްޓަރު ބޭނުންވާ ޓެސްޓުތައް ހަދައިފާނެ. ކުރީގައި ހުރޭ ހޮސްޕިޓަލްތަކުން ބޭނުން ނޫން އިތުރު ކަންކަން ކޮށްފައި. އެކަމަކު އޮޅުވާލުންތައް ނުލާނެ ތަންތަނަށް ފޮނުވޭތޯ ވެސް ބަލާ،"
މަރިޔަމް ވިދާޅުވީ ބޭރުގެ ހޮސްޕިޓަލްތަކަށް މިދިޔަ އަހަރު 124 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ. އެއީ އާސަންދައިގެ ބަޖެޓުގެ ހަ ޕަސެންޓެވެ.
"ބާކީ ހުރިހާ އެއްޗެއް އެއީ ރާއްޖެއަށް. ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ބޮޑު ބައި. ވަރަށް ބޮޑު ބައެއް ދޭ ބޭހަށް ވެސް،" މަރިޔަމް ވިދާޅުވި އެވެ.
ރާއްޖޭގައި ސިއްހީ ފަރުވާދޭ ތަންތަނަށް ހުންނަނީ އާސަންދައިގެ "ވިނަވި" ޕޯޓަލްގެ އެކްސެސް ދީފަ އެވެ. އެހެންވެ، ފަރުވާއާ ގުޅޭ ގޮތުން އެ ތަންތަން ކުރާ ކަންކަން ބަލަން، ބޭރުގެ ހޮސްޕިޓަލްތަކަށް ވުރެ އުނދަގޫ ކަމަށް އާސަންދައިން ބުނެ އެވެ. ނަމަވެސް ރެންޑަމްކޮށް ބަލާއިރު ފާހަގަވާ ކަންކަން ހައިލައިޓްކޮށް، ރަނގަޅުކުރާ ކަމަށް މަރިޔަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރައުޑް
01 December 2021
ފުރައުޑު ރިޕޯރޓްކުރިއަސް ވާކަމެއްނޯވޭ، ހަފްތާއެއްތެރޭ އެއްބޭސްސިޓީއަކަށް ބޭސްސިޓީގެއްލިއްޖޭ ކިޔައިގެންއެކި ތަންތަނުން ޑޮކްޓަރަށްދައްކައި ފަސް ހަފަހަރު ބޭސްނަގައިގެން ރިޕޯރޓްކުރީމަވެސް އަޅައެއްނުލި
އެއްކަލަ އިބުރާ
30 November 2021
ބޭހަކަށް ނޫން، ޖީބައް. ކޮންމެ ކަމެއްގަ ވެސް ވެންޓިލޭޓަރު އުސޫލް.
އާދައިގެ މީހާ
30 November 2021
މާނައަކީ 999,000,000ރ. ޖުމްލަ. ރާއްޖޭގެ އާބާދީގެ 350,000 މީހުން މި ހިދުމަތް ހޯދިކަމުގައި ވިޔަސް ބޮލަކަށް ޖެހޭނީ 2,900ރ. ވަރu... އެހެންވީމާ, އާސަންދައިން މީހެއްގެ މައްޗަށް ހަރަދު ކުރެވިފައި މިވަނީ ހާދަކުޑައެއްޗެކޭ..
ބޭރަށް ކުރާހޭދަ ރާއްޖެއަށް
30 November 2021
އާސަންދައިން ރާއްޖޭގައި ބޭސްކުރެވޭނޭ ނިޒާމަށް އިންވެސްޓްކުރުވުން މިހިންމެއް ނޯންތޯއެވެ ؟
ޖަމަލު
30 November 2021
ނަޝީދުއާއި މަޖުލިސް މެންބަރުންނާ ބޭކާރު ސިޔާސީ މަގާމުތަކަށް މަހެއްގެ މައްޗަށް ކުރާ ހަރަދާ އަޅާ ކިޔާލަމާ ދޯ
އޮނަރަބްލް އަފީފު ދީދީ
30 November 2021
އެއްކަމަކަށް ދައުލަތުން ދެޙަރަދު ކުރުމަކީވެސް މައްސަލައެއް. ދައުލަތާއި ދައުލަތް ޙިއްސާވާ ކުންފުނިތަކުގެ ތެރެއިން އިންޝްއަރަންސް ސްކީމްގައި ބައިވެރިކޮށްފައިވާ މުވައްޒަފުން އާސަންދަ ބޭނުން ކުރާންވާނީ އިންސްއަރަންސް ހުސްވެއްނަމަ ކަމަށް ކަޑައަޅުއްވާ. # އަދި ބިދޭސި ހުރިހާ ކުންފުނިތަކާއި، އަހަރަކު 1 ބިލިޔަން ޑޮލަރުގެ ވިޔަފާރި ހިންގާ ހުރިހާ ކުންފުންޏެއްގެ މުވައްޒަފުން މަދުވެގެން 50 ހާސް ޑޮލަރުގެ އިންސްއަރަންސް ސްކީމެއްގައި ބައިވެރިކުރަން ލާޒިމް ކުރޭ.
ބޮޑުމީހާ
30 November 2021
ބޭހަށް ކުރާ ޚަރަދު ކުޑަވާނެ ގޮތަކީ ސިއްޚީ ނިޒާމު އެއްވިއުގައަކުން ގުޅާލާ އެއްކަމަކަށް ދީފަ ހުންނަ ބޭސް އެހެން ޑޮކްޓަރަކަށް ނުދެވޭ ގޮތެއް ހެދުން. ގިނަ މީހޫން ތިން ހަތަރު ކުލިނަކަށް ދައްކައިގެން އެއް ބަޔަކަށް ހަތަރު ފަސް ފަހަރު ބޭސް ނަގާނެ
އެގާރަޕޮއިންޓް
30 November 2021
ހިތަށްއެރި އަގެއްގައި ބޭސްފިހާރަތަކުން ބޭސް ވިއްކަނީ. މިކަން ބަލާ ބައެއް ނެތް. މިގައުމުގަ ބޭސް ވިއްކާ މީހުންނަކީ އެންމެ ފައިދާ ނަގާ މީހުން. މާލޭގެ އެކި ހިސާބުގައި އެގާރަ ނަމްބަރާ ޖެހެންދެން ބޭސްފިހާރަ ހުޅުވައިގެން ރައްޔިތުންނަށް ބޮޑު އަގުގަ ބޭސް ވިއްކައިގެން އުޅޭ މީހުންގެ ވާހަކަތިދައްކަނީ.
އޮނަރަބްލް އަފީފު ދީދީ
30 November 2021
މައްސަލައަށް ހައްލުހޯދޭނީ ބޭސް އެތެރެކުރާ ދައުލަތުގެ ކުންފުނި އެސްޓީއޯއިން ޖަރުމަނާއި، ސްވިޓްޒަލެންޑް، ބެލްޖިއަމް، ފްރާންސް، ޔޫއެސްއޭ ސްޕެއިނަް އާއި އަޔަލެންޑް، ޔޫކޭ އަދި ނެދަލެންޑް، ކެނަޑާ އޮސްޓްރޭލިއާ އިން ބޭސް އެތެރެކޮށް އައިޖީއެމްއެޗް، ކުޅުދުއްފުށި، ތިނަދޫ އަދި އައްޑޫ އޭއީއެޗް އިން ލިބޭނެގޮތް ހަމަޖައްސައިގެން. # މީގެ ސަބަބުން ބޭހުގެ އަގު ކަންޓްރޯލްކުރެވި ފޭކް ބޭސްތައްގަތުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެ ދައުލަތަށް އޭގެ މަންފާ ލިބޭނެ.
އަފްރާސިޔާބު
30 November 2021
ތިހެން ހެދޭކަށްނެތް. އެއިރުން އެމީހުންގެ ޖީބަށް ވަންނަފައިސާއާއި މަޖްލީހުގެ އިއްޒަތްތެރި މެންބަރުން ޖީބަށް ފިޔަފާރިން ވަންނަ ފައިދާ ކުޑަވާނެ. މި ކޮވިޑް ތެރޭގައި 25 ރުފިޔާއަށް ލިބެން ހުންނަ ކޮންޒިއުމަބަލްސް އެސްޓީއޯ އިން ސަރުކާރަށް އެ ވިއްކާލަނީ 275 ރުފިޔާއަށް. މި އަގުގައި ވިއްކާލަނީ 50000 ގެ އަދަދުން ގުނާލެވޭ ތަކެތި. އަދި ކޮބާ ޖެހިގެން އަންނަ ދުވަހު އެއަގު ބޮޑުވެ ވިއްކާ އަދަދު ލައްކައަށް އެބައަރާ. ދެން ތިބައިމީހުންނާ ޙަވާލުކުރާންވީތޯ؟
ސަކީނާއްތަ
30 November 2021
މަރިޔަން ތި ދެއްވި މައުލޫމަތު ކޮޅަށް ޝުކުރިއްޔާ އަދި އަހަރެން ބޭނުންވޭ އަހަރެން ގެ ބޭހަށް އަހަރުދުވަހު ހޭދަވި ފައިސާ އެގެންވެސް. މިއުލޫމާތު ކޮޅުވެސް ލިބޭނަމަ ރައްޔިތުން ހިތްހަމަ ޖެހޭނެ. ޕްރައިވެޓް ކްލިނިކްތަކާއި ފާމަސީ ރަގަޅަށް ރެގިއުލޭޓްކުރެވޭނެ ގޮތްތަކެއްވެސް އެބަޖެހޭ އައްނަން
އަފްރާސިޔާބު
30 November 2021
ރެގިއުލޭޓް ކުރަން ގާނޫނާއި ގަވާޢިދު އެބަހުރި ރެޑީކޮށްފައި. ނެތީ އެކަން ތަންފީޒު ކުރާނެ އިޚްލާޞްތެރި ރައްޔިތެއް.