މުނިފޫހިފިލުވުން / އަމީތާބް ބައްޗަން

ރަންބީރަކީ ވަރަށް މޮޅު އެކްޓަރެއް: އަމީތާބް

13 ޑިސެމްބަރ 2021 - 06:47

ރަންބީރް ކަޕޫރަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށާއި އޭނާއާ އެކީ ފިލްމު "ބުރައްމަސްތުރާ" ގައި މަސައްކަތް ކުރަން ލިބުމަކީ ލިބުނު ކުރިއެރުމެއްގެ ގޮތުގައި ދެކޭ ކަމަށް މަޝްހޫރު ސުޕަސްޓާރު އަމީތާބް ބައްޗަން ބުނެފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި 78 އަހަރުގެ އެކްޓަރު ބުނީ ކުރީގެ އެކްޓަރު ރިޝީ ކަޕޫރްގެ ދަރިފުޅަކީ ގުދުރަތީ ގޮތުން ވެސް އެކްޓް ކުރުމުގެ ހުނަރާއި ތަރިއެއްގެ ކޮލިޓީ ލިބިފައިވާ މީހެއް ކަމަށެވެ.

"ރަންބީރްގެ ފަރާތުން އަހަންނަށް ވަރަށް ފާހަގަ ކުރެވުނު އެއް ކަމަކީ މޫނުމައްޗަށް ގެންނަ އެކްސްޕްރެޝަންތަކުން ވެސް އެތައް ވާހަކައެއް އޭނާ ކިޔައިދޭތީ. އެއްވެސް ޑައިލޮގެއް ނެތި، މޫނުމައްޗަށް ގެންނަ ހަރަކާތްތަކުން އެކަނި ވެސް މުއާމަލާތް ކުރަން އޭނަ ވަރަށް ކުޅަދާނަ،" އަމީތާބް ބުންޏެވެ. "ހަގީގަތުގައި އެއީ ވަރަށް މަދު އެކްޓަރުންނަށް ނޫނީ ނުލިބޭ ހުނަރެއް."

އަމީތާބް ބުނި ގޮތުގައި އަޔާން މުކަރްޖީ ޑައިރެކްޓް ކޮށްފައިވާ ފެންޓަސީ/ސުޕަހީރޯ ފިލްމުގައި ރަންބީރާ އެކު މަސައްކަތް ކުރަން ލިބުމުން އޭނާގެ ހުނަރު ވަރަށް ގާތުން ފެނި ބައެއް ފަހަރު ރަންބީރް ދެކެ ހަސަދަވެރިވާ ގޮތް ވެސް ވި އެވެ.

"އޭނައާ އެކީ އަހަރެން ނަގަން ޖެހުނު ބައެއް ސީންތަކުގައި އަހަންނަށް ރަނގަޅަށް ޝޮޓް ނުދެވޭ ފަހަރު މަދެއް ނޫން. ރަންބީރަކީ ގިނަ ފަހަރަށް އެއްބުރުން ޝޮޓް ފުރިހަމަކުރާ އެކްޓަރެއް. އޭނަ މަސައްކަތަށް އަބަދުވެސް 100 ޕަސެންޓް ދޭ ތަން އަހަންނަށް ފެނުނީ." ރަންބީރަށް ތައުރީފު ކުރަމުން އަމީތާބް ބުންޏެވެ.

އޭނާ ވަނީ ޑައިރެކްޓަރު އަޔާން އަށް ވެސް ވަރަށް ސަނާ ކިޔައިފަ އެވެ. ޒުވާން ޑައިރެކްޓަރާ އެކު އެޑް ފިލްމުތަކެއްގައި އަމީތާބް ކުރިން މަސައްކަތް ކޮށްފައިވާ އިރު، އަމީތާބް ބުނީ އަޔާން އަކީ ވަރަށް ގަޔާވެގެން، ޝައުގުވެރިކަމާ އެކު މަސައްކަތްކުރާ ޑައިރެކްޓަރެއް ކަަމަށެވެ.

"ވޭކަޕް ސިދު" އާއި "ޔެ ޖަވާނީ ހޭ ދީވާނީ" ގެނެސްދިން ޑައިރެކްޓަރު އަމީތާބް ސިފަކުރީ ދެވަނައެއް ނެތް ފަދަ މީހެއްގެ ގޮތުގަ އެވެ.

"ވަރަށް އުފާކުރަން އަޔާން އާއި ރަންބީރު ކަހަލަ ޒުވާން ޓީމަކާ އެކީ މަސައްކަތް ކުރަން ލިބުނީމަ." އާލިއާ ބަޓް ބަތަލާގެ ރޯލު ކުޅެފައިވާ "ބުރައްމަސްތުރާ" އާ ބެހޭ ގޮތުން އަމީތާބް ބުންޏެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި ފިލްމަކީ އެ ސްޓޫޑިއޯ އިން ހަދަން ފަށައި، ނުނިމި މިހާތަނަށް އެންމެ ބޮޑަށް ދިގުލައިގެން ދިޔަ ފިލްމެވެ. މީގެ ތިން އަހަރު ކުރިން މަސައްކަތް ފެށި "ބުރައްމަސްތުރާ" ގެ ޝޫޓިން މިހާރު އެއްކޮށް ނިންމާލައި މިހާރު ތައްޔާރު ވަނީ ފިލްމުގެ ޕޯސްޓަރުތަކާ އެކު ފިލްމު ރިލީޒްކުރާ ތާރީހު އިއުލާން ކުރުމަށެވެ. އެ ފިލްމު ރިލީޒްކުރާނެ ކަމަށް ބުނެ އެންމެ ފަހުން އިއުލާންކުރި ތާރީހަކީ މިދިޔަ އަހަރުގެ ޑިސެމްބަރު 4 އެވެ. އެކަމަކު ކޮވިޑް-19 ހެދި އެކަން ނުވީ އެވެ.

ދަރުމާ އިން މިހާރު ވަނީ މި މަހުގެ 15 ގައި "ބުރައްމަސްތުރާ" ގެ އެންމެ ފަހުގެ އަޕްޑޭޓް ދޭނެކަން ވެސް އިއުލާންކޮށްފަ އެވެ.

އިންޑިއާގެ އިތުރުން ބަލްގޭރި އާއި އެމެރިކާ އަދި އިނގިރޭސިވިލާތުގައި ވެސް މަންޒަރުތަކެއް ނެގި ފިލްމުގެ ކާސްޓްގައި ޑިމްޕަލް ކަޕާޑިއާ، ނާގުރްޖުނާ އަކިނޭނީ އަދި މޯނީ ރޯއި ހިމެނެ އެވެ. އަދި މީގެ ހާއްސަ ފެނިލުމެއްގައި ޝާހްރުކް ޚާން ވެސް ހިމެނޭނެ އެވެ.

"ބުރައްމަސްތުރާ" އަކީ އަޔާން ހަދަން ނިންމާފައިވާ ޓްރިލޮޖީއެއްގެ ފުރަތަމަ ބައެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454