އެމްޑީޕީން މާލެ ރައްޔިތުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އެމްޑީޕީ
21 ޑިސެމްބަރ 2021 - 19:49
ދައުލަތުން ބޮޑު ދަރަންޏެއް ނުއުފުލައި، ބޯހިޔާވެހިކަން ކަށަވަރު ކުރެވޭނެ ގޮތަކީ މާލޭގެ މީހުންނަށް ގޯތި ދީގެން ކަމަށާއި އެކަން ހާސިލު ވަންދެން މަސައްކަތްޕުޅު ހުއްޓާ ނުލައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ އެމްޑީޕީ މެންބަރުންނާއެކު، ސަޕްޓަން ޕާކުގައި ނަޝީދު ބޭއްވި ބައްދަލުވުމުގައި، މާލޭގެ މީހުންނަށް ގޯތި ދިނުމާ ގުޅޭ ގޮތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ގަރާރަށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މާލޭގެ ހިއްކި ބިމުގައި ކަޑަ ޖަހައި، ގޯތި ދިނުމުން 15-10 އަހަރުގެ ތެރޭގައި އެ ތަންތަން ހަދައި ނިންމި ކަމަށާއި ހުޅުމާލެ އިން ވެސް ފުރަތަމަ ދޫކުރި ބިންތައް ދެ އަހަރުގެ ތެރޭގައި ނިންމި ކަމަށެވެ.
އޭގެ ސަބަބުން ދައުލަތަށް ބުރައެއް އުފުލާކަށް ނުޖެހޭ ކަމަށާއި މިހާރު ވެސް މީހުންނަށް ގޯތި ދީފި ނަމަ އެ ތަންތަން ހަދައި، ދައުލަތަށް އޮންނަ ބުރަ ކުޑަ ވާނެ ގޮތަށް އެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ހުޅުމާލޭގެ ބިން ކަނޑާފައި ދެވިއްޖެ ނަމަ އެ މީހުން އެ ތަން އަރާސްތު ކުރާނެ. އެ މީހުން އެ ތަނުން އާމްދަނީ ހޯދައިގެން އެ އާމްދަނީ ޓެކްސްގެ ގޮތުގައި ފޯރުކޮށްދޭނެ. އޭގެން އަޅުގަނޑުމެންނަށް ލޯނު ދެއްކޭނެ،" އެމްޑީޕީގެ ރައީސް ވިދާޅުވި އެވެ.
އެމްޑީޕީން މާލެ ރައްޔިތުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އެމްޑީޕީ
ގޯތި ދިނުމުގެ ބަދަލުގައި، ސަރުކާރެއް އިންތިހާބުވާ ފަސް އަހަރުގެ ތެރޭގައި ފްލެޓު އިމާރާތްކޮށް، އެ ތަންތަނަށް މީހުން އާބާދު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަން މިދިޔަ 15 އަހަރުގެ ތެރޭގައި ސާފުވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު އިމާރާތްކުރަން ފެށި ބައެއް ފްލެޓްތައް މީހުންނާ ހަވާލުކުރީ ނަޝީދުގެ ސަރުކާރުންނެވެ. ނަޝީދުގެ ވެރިކަމުގައި އިމާރާތްކުރި ފްލެޓްތައް ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުންނެވެ. އަދި ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ފެށި ހިޔާ މަޝްރޫއުގެ ފްލެޓުތައް ދޫކުރީ މި ސަރުކާރުންނެވެ.
ނަޝީދު ވިދާޅުވީ، ފްލެޓަކަށް މީހުން ވެއްދުމަށް 7-10 އަހަރުގެ މުއްދަތެއް ނަގާ ކަމަށާއި އެކަމަށް އިންތިހާ އަށް ފައިސާ ވެސް ހަރަދު ކުރަން ޖެހޭ ކަމަށެވެ. އަދި ފްލެޓަށް ވަންނަ ގިނަ މީހުންނަށް އެ ފައިސާ ދައުލަތަށް ނުދެއްކޭ ކަމަށާއި އެކަމާ ގުޅިގެން ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވާ ކަމަށް ވިދާޅުވި އެވެ.
"މިއަދު ހުޅުމާލޭގެ ދަރަންޏަކީ 1.2 ބިލިއަން ޑޮލަރު. އެ ފައިސާ ދައުލަތުން އަނބުރާ ދައްކަން ޖެހޭނެ. މިދަނީ ދައްކަމުން،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ދަރަނި ނަގައިގެން ހުޅުމާލޭގައި 7،000 ފްލެޓު [ހިޔާ މަޝްރޫއު] އިމާރާތްކުރި ނަމަވެސް އެ ތަނުން ލިބޭ ކުލީގެ ފައިސާ އިން އެ ދަރަނި އަނބުރައި ނުދެއްކޭނެ އެވެ. އަދި ހުޅުމާލެ އިން އިތުރު ބިން ހިއްކައިގެން ވެސް އެ ފައިސާ އަނބުރާ ނުދެއްކޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޗައިނާ ލޯނަކީ ބިޒްނަސް ޕްލޭން ދެކޮޅު ނުޖެހޭ ގޮތަށް، އަގު ބޮޑުވާ ގޮތަށް އުފެއްދިފައި ހުރި ދަރަނި. އެ ހަރު މުދަލުން ދަރަނި އަދާ ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.
މާލޭގެ މީހުންނަށް ގޯތި ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުންޏަސް އެކަން ނުވާ ކަމުގެ ޝަކުވާ އެމްޑީޕީގެ މެންބަރުން ކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމާ ދެބަހެއް ނުވާ ކަމަށާއި ނަމަވެސް އެ ވާހަކަ ދެއްކުމާއި އެ މަސައްކަތް ކުރުން ހުއްޓާ ނުލާނެ ކަމަށް ވިދާޅުވި އެވެ.
ގޯތި ދިނުމާ ބެހޭ ގޮތުން އާޒިމްގެ ހުށަހެޅުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. ނަޝީދު ވިދާޅުވީ އެ މަސައްކަތަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމާ މެދު އެ މަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޅިވާހަކަ
22 December 2021
ހައްލަކީ މާލެ ނޫން އެހެން ސަރަހައްދެއް މާލެއާ އެއް ފެންވަރަށް ތަރައްގީ ކުރުން. އެކަމު އެކަން ނުކުރަން އެންމެންވެސް ތިބީ.
ފައިބަބަލަ
22 December 2021
ޗައިނާއިން ނަގާފައި ހުރި ލޯންތައް ދައްކާނެ ގޮތް ނޭނގޭނަމަ ޔާމީން ވެރިކަމަށް އަރުވާފަ ފައިބަބަލަ. ޔާމީން ލޯނުތައް ނެގީ އެ އަނބުރާ ދައްކާނެ ގޮތުގެ ޕްލޭންވެސް ކޮށްފަ. ކަލޭމެން ވެރިކަމަށް އަރާފަ އެ ލާރިކޮޅުވެސް ތަޅާ ބުރުއްސާލައިފި. ޗައިނާ ލޯނުގެ ވާހަކަ ތިހެންވެސް ދެއްކޭނީ. އިންޑިއާއިން ނެގިހާ ލޯނުގެ ވާހަކަ ދައްކާކަށް ނުކެރޭނެ.
ޚަަލްމޭރާ
22 December 2021
މިޔައް ވުރެބޮޑުޖޯކެއްނެތް 50 އަހަރުވީމާލޭގެ ރައްޔިތަކައް ގޯތިނުދޭތާ ރައްފުށުގަ އިހައްދުވަހުވެސް ގޯތިދީފި މާލޭމީހުންނާއި ދޭތެރޭގަ މިހިންގަނީ ނަސްލީ އިމްތިޔާޒެއް ގާނޫނީ ހަމަހަމކަން ކޮބާ ދިވެހިރައްޔިތކައްވީތީ ވޯޓް ހޯދަންވީމައަނގައިން ބިން ދޫކުރާގޮތައް ވޯޓްހޯދަނީ
ލުއިމޭން
22 December 2021
ކިތަށް ގޯތިބާ ހުޅުމާލޭން، ތިޔަ މާލޭ ބޭކަލުންނަށް ހިލޭދީފަހުރި، ނުހަދާ ހުރީ؟
ޖޯން
22 December 2021
ތިޔަ ބުނާ މާލޭ މީހެއް އަމިއްލައަށް ހަދާފަ ހުރި ގެއެއް ނުހުންނާނެ. ރާއްޖެތެރޭ ސޮރަކު ޑައުންޕޭމަންޓް ދައްކާ ކޮންމެސް ވަރެއް ހެދީމަ ރަޖިސްޓަރީ ބާއްވައިގެން ލޯނު ނަގަނީ. ޖަޒީރާ ރާއްޖެއޭ ކިޔާފަ ވެރިކަމަށް އައި ބަޔަކު މިއުޅެނީ އަދިވެސް މާލެ ތޮއްޖައްސަން. މީހުން މޮޔައެއް ނޫން ކޮޔާ. ދެން ނުވެސް ދޭނެ ވޯޓެއް
ހަސަނު123
22 December 2021
ޒަމާނުއްސުރެ ރަށްފުށު މީހުންނާ ގެންގުޅެމުންއައި ތަފާތު ކުރުން އަދިވެސް މި ސިޔާސީ މީހުން ގެންގުޅުން މީ ބޮޑު ޖޯކެއް. ދިވެހި ރައްޔިތުންގެ ލާރިން ހިއްކި ބިމަކަށް ބަކި ބަޔަކަށް ހައްގުވާންވީ އެއްވެސް ހަމައެއް ނެތް. ރާއްޖެތެރޭ މީހުން މިކަހަލަ ސިޔާސީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ސިޔާސަތު ތަކަށް އެބަޖެހޭ ނޫނެކޭ ބުނަން. ހޭ އަރަން އެބަޖެހޭ ކުދިންނޭ. މާލެ މީހުނާ އެއްވަރަށް އެހެން ރައްޔިތުންނަށް ވެސް މި ބިން ހައްގު.
ވޯލް
22 December 2021
ވިސްނުން ރަގަޅު. އަދި ދިރިއުޅުމަށް ދޭ ގޯތީގައި ބޮޑެތި އިމާރާތް އަޅާ އިތުރަށް ތަން ތޮށްޖައްސާ ވިޔަފާރި ކުރުމުގެ ފުރުސަތު ނޯންނާނެގޮތައް ގިނަ ވެގެން 1 ބުރިއަށް ހެދޭގޮތައް ޝަރުތުކޮށްފަ ދޭންވީ. އަދި ގްރައުންޑްގައި ޕާކިން އަދި ކުނި ބަހައްޓާނެ ޖާގަ ހުންނާނެހެން އިމާރަތް ކުރުމަށް ޝަރުތު ކުރެވިދާނެ.
ހުތްއާދަނު
22 December 2021
ދަޢުލަތަކީ ހަމައެކަނި މާލޭ މީހުންތަ ؟
ާެއަހްމަދު
22 December 2021
މީނަ މީ ދެން ހާދަ ދެފުއްދެގޮތް ބޭފުޅެއް ..ދެފަހަރު އެކައްޗެއް ނުކިޔާނެ....ކަމެއްބޭނުމިއްޔާ މާލެމީހުން ހައްދަން ކޮންމެ އެއްޗެއްވެސް ކިޔާފާނެ...
ހަމްޒާކައި
22 December 2021
އެއްކަލަ މޑޕ “ލަޝްކަރު”ން ސަލްޓަން ޕާކް ފުރާލައިފި.