އެމްޑީޕީގެ ބައްދަލުވުމުގައި ފަލާހު ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްޑީޕީ
21 ޑިސެމްބަރ 2021 - 20:52
އިދިކޮޅުން ހިންގާ އިންޑިޔާއާ ދެކޮޅު ހަރަކާތްތަކުގައި "އިންޑިޔާ އައުޓް" ގޮވާ ނަމަ އެ މީހަކަށް ހަމަލާ ދޭން ޖެހޭ ކަމަށް ވިދާޅުވެ، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހު މިއަދު އިންޒާރު ދެއްވައިފި އެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން، އެ ޕާޓީގެ މާލޭގެ މީހުންނަށް ބޭއްވި ބައްދަލުވުމެއްގައި ފަލާހު ވިދާޅުވީ، "އިންޑިޔާ އައުޓް" ނުކިޔޭނެ ކަމަށާއި އެއީ ރާއްޖެ އަށް ގެއްލުމެއް ލިބޭ ކޮންމެ ފަހަރަކު އެހީތެރިވާ ގައުމެއް ކަމަށެވެ.
"އިންޑިޔާ އައުޓް" ގޮވާ ކަމަށް ވާ ނަމަ އެ ދެވެނީ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ކަމަށާއި ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އެކަން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޑިޔާ އައުޓެކޭ ނުގޮވޭނެ. އެ ގޮވާ ކަމަށް ވަންޏާ އަޅުގަނޑުމެން ޖެހޭނެ އެ މީހެއްގެ ކަންފަތް މަތީ ޖަހަން ވެސް. އެ ނޫން ގޮތަކަށް މި ނުހުއްޓުވޭނެ. އެއީ ކުރަން ޖެހޭ ކަމެއް މިހާރު. ނުކުރެވޭނެ [އިންޑިއާ އައުޓް ނުގޮވޭނެ] އެ ކަމެއް،"ސަޕްޓަން ޕާކުގައި އޮތް ބައްދަލުވުމުގައި ފަލާހު ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅު ހަރަކާތުގައި މިހާރު އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަމާޒު ކުރައްވައި ފަލާހު ވިދާޅުވީ، "އިންޑިޔާ އައުޓް" މޭމަތީގައި ޖައްސަވައިގެން އުޅުއްވަނީ ތަހުޒީބު ބޭފުޅެއް ނޫން ކަމަށާއި އެއީ އެ ބަސް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.
ކުރީގެ ރައީސް ޔާމީން "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން މިދިޔަ ހަފުތާ ބަންދުގައި ތުލުސްދޫގައި.---ފޮޓޯ: ޕީޕީއެމް
ފަލާހު ވިދާޅުވިގޮތުގައި، ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން އުޅުއްވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ކޮމަންވެލްތުން ރާއްޖެ ވަކިވި ކަހަލަ ކަމެއް ކުރެއްވުމަށެވެ. އެހެންވެ، "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވި އެވެެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި، "އިންޑިޔާ އައުޓް" ނުގޮވޭނެ ކަމަށް ފާސް ކުރަން ޖެހޭ ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި އެހެން ގޮވާ މީހުންނަށް ސަރުކާރުން ފިޔަވަޅު އެޅުމަށް އެ މަޖިލީހުން ވެސް ފާސް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ މިއަދުގެ ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދު ވެސް ވަނީ "އިންޑިއާ އައުޓް" ގޮވާ މީހުންނާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، ފުލުހުން ނުކުމެ އެ ހަރަކާތް ހުއްޓުވަން ޖެހޭ ކަމަށެވެ.
"އިންޑިޔާ އައުޓް" އަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތެއް ކަމަށް ވާއިރު، ފަލާހުގެ ވާހަކަ ޔާމީނަށް އަމާޒުވީ އެ ބަސް ބޮޑު އަކުރުން ޓީޝާޓުގައި ޖައްސަވައިގެން ޔާމީން އެ ތުރުކުރައްވައިގެން ކެމްޕެއިން ކުރައްވާތީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަރަނގަޅަށް
22 December 2021
ކަންފަތްމަތީ ޖަހަން ބުނާ މީހުންގެ ކަންފަތްމަތީ އިހަށް ޖަހަންވީ.
ނާމްދި ކާނޫ
22 December 2021
މިއީ އިޒަތްތެރިންގެ ފެންވަރު! އެއްވެސް ހާލަތެއްގައި މާރާމާރި ހިންގާ ގަޔަށް އަތްލާ ހެދުމަށް ގޮވާގެން ނުވާނެ!
ބިސް
22 December 2021
ޔާމީނު ވެރިކަމުގަ ރީތިކޮއް ތަރަށް ގީ ކުރި ސަލްޓަންޕާކުގަ ދޯ މިޖަލްސާއެއް މި އޮތީ...ވަށަވައިގެން ޔާމީނު ކުރި ތަރައްގީ ފެންނަން އޮތީމަ ރުޅިގަދަަވާނެ ދޯ ކަމެއްކުރަން ނުދަންނަ މިހުންދެން...
ހަސަނު
22 December 2021
މީ ކަމުދާ ކަމެއް ނޫން.. އިންޑިއާ އައުޓް ގޮވާ މީހުންނަށް އިތުރު ހަތިޔާރު ހިއްވަރެއް ލިބޭ ގޮތަށް ކަންކަން ކުރުން ރަނގަޅެއްނޫން..
ކަރުނަބޭލި
22 December 2021
މިވަރަށް ގައުމެއްގެ އިސްފަޑީގައި ތިބި ބައެއްގެ ކަންކަން ދިއުން މީ ބިރުހުރި ކަމެއް ދިވެހި ރައްޔިތުންގެ ހައްގުގައި ހަދާފައިވާ ސިޔާސީ ޕާޓީތަކާ ސިޔާސީ އިސްވެރިން މިވަރަށް އެހެން ގައުމެއްގެ މަސްލަހަތު ކުރިއަށް ނެރެގެން ނުކުތުން މީބަލައިގަނެވޭނެ ކަމެއް ނޫން މިކަމުން މިނިވަންކަމަށް ބުރޫއެރުމުގެ ބިރު އެބައުފެދޭ
ސައިޚް
22 December 2021
ހަގީގަތުގަ މީ ގައުމީ ބޮޑު މައްސަލައެއް، މިކަން ޖެހޭނެ ހުއްޓުވަން ފުލުހުންވެސް، މަޖިލީހުންވެސް، ސިފައިންވެސް، އިންޑިއާއެއް، ވަކި ގައުމެއްނޫން، އެއްވެސް ގައުމެއް އައުޓްއެއް ނުކުރެވޭނެ، މީކީ އެޒަމާނެއްނޫން، ލާދީނީ ނުވިއްކުނީމަ، ދެން އެހެން ކަމެއް، މީގައުމައްހުރި ބޮޑެތި ޣައްދާރުންގެ އުސޫލު، މިއުސޫލު ޖެހޭނީ ހުއްޓުވަން،
8899
22 December 2021
ދީންވެރިކަމެއް ނެތްނަމަވެސް، ފުރާނަ ހުރިހާ ހިނދަކު މިނިވަންކަމާއެކު ދިރިއުޅޭނެ ތަނެއް މުހިންމުކަން ގަބޫލުކުރާނެ މީހުން ތިބޭނެ. ބޭރުގެ މިލިޓަރީ އަރާތިބޭ ގައުމުތަށްކަމުގައިވާ ހެއިޓީއާއި، ސެންޓްރަލް އެފްރިކާއާއި، ޔަމަންއާއި އިރާގާ ލީބިޔާ ފަދަ ގައުމުތަކުގެ ރައްޔިތުންއުޅޭ ހާލުފެންނާނެކަމަށް ގަބޫލުކުރެވޭ. ކީރިތި ޤުރުއާނުގައިވާ "އެބައިމީހުންގެ ހިތްތައްވޭ، އެކަމަކު އެބައިމީހުކަށް ނުފެންނާނެ" ﷲ ތައާލާގެ ހައްޤު ބަސްފުޅު. ޕާޓީ ފިކުރުގައި ކަނުވެފައިތިތިބީ
ސޭކާ
22 December 2021
ޣައްދާރުންގެ އުސޫލެއް ނޫންތަ އެއީ މިގައުމަށް އަރާ ހިފާށޭ ބޭރު ގައުމެއް ކައިރީ ބުނުން؟ މިގައުމުގެ ލޭނާރު ކަމުގައިވާ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވުން އެއީ މާ ރައްޔިތުން ދެކެ ލޯބިވާތީ ދޭން އުޅުނު ގެއްލުމެއްތަ؟ ޗައިނާއިން މިގައުމުގަ ނުވެސް ކުރާ ކަންކަމުގެ ދޮގު ވާހަކަ އެއީ ޒަމާނީވެގެން ދައްކާ އުޅޭ ކަހަލަ ވާހަކަތަ؟ ބޭރު ގައުމެއްގެ ސިފައިން ބައިތިއްބައިގެން އެކަމާ ދޮގުހަދާ އެއްބަސްވުންތައް ހާމަނުކޮށް ތިބުމަކީ ގައުމަށް ޣައްދާރުވުމެއްނޫންތަ؟
ޑޮކްޓާރ. ބަނާނާ
22 December 2021
ތިބޭޅުން ގާނޫނު ހަދާ މަޖިލީހުގައި ހުދުގަމީސް ތުރުކުރައްވައިގެން ތިއްބަވާ އަހަރެމެން ގެ ޓެކްސް ފައިސާ އިން ޕެންޝަން އެލަވަންސް މެޑިކަލް އަދި ބޮޑު މުސާރަ ނަގާ އަހަރުމެންނަށް ބިރުދައްކާ އަދި އެއްޗެކޭ ބުނުމުން ގަޔަށް ބޮލަށް އަރާ އަނިޔާ ކުރަން ގޮވާއިރު ކަލޭމެން ރައޔިްތުންގެ މަޖިލިސް ކިޔާ ތަނެއްގައި ތިބެ ތިހަދާ ގާނޫނާއި އެތަންފީޒް ކުރާ ތަންތަނުގެ ބޭނުމަކީ ކޮބައިތޯ؟ ވަރަށް ސަލާމް!
އިމަނާ
22 December 2021
މަޖިލީހުގެ މެމްބަރުންނަށް "ޢިއްޒަތްތެރި" ކިޔާފަ، މިމީހުން "ގުންނާން"ނަށް ވާންޖެހޭތަ. ފެންނަން އޮންނަ އެއްޗަކަށް ނެތޭ ބުނެވޭތަ. ނުބުނެވޭކަމަށް ނަންޏާ، އިންޑިއާ އައުޓޭ ގޮވޭނެ. ފުރަތަމަ އިންޑިޔާގެ މިލްޓަރީ ސިފައިން ބާލަންވީނުންތޯ. ދެވަނައަށް ސިއްރުއެއްބަސްވުން ހާމަކުރަންވީނުންތޯ. އޭގަަފަހުން ނުގޮވޭނޭ ބުނަންވީނުންތޯ. ހަމަލާދެވޭނީ އެއްބަޔަކަށް ނޫންދެއްތޮ. ތިޔަބަހަކީ ގޯހެއް. ތިޔައީ ވަކިމީހެއްގެ ބަހެއް. "ތަޅާނެ ކުދިންކޮޅެއް ހޯދުން". ތިޔައީ ވެއްޓުމެއް.
ކުށެއް
22 December 2021
ޖިސްމާނީ އަނިޔާ ދިނުމަށް އިންޒާރުުދިނުމާއި އަނިޔާ ދިނުމަށް ހިއްްވަރު ދިނުމަކީ ޤާނޫނީ ކުށެއް. ޤާނޫނީ ކުށަކަށްް އަރައިގަނެވޭ އިރުވެސް ނޭނގޭ ތަންދޮރު ނުދަންނަ މީހުން ޤާނޫނު ހަދާ މަޖިލީހަށް ހޮވާފަ މިތިބެނީ.
މާދަމާގެ އުންމީދު ބޮޑު
22 December 2021
ތަހުގީގު ކުރަންޖެހޭ ޖިނާއީ ކުށެއް ކޮށްފަ އެހުރީ، މިއަދު ޕޮލިހުން އެކަން ތަހުގީގު ނުކުރިއަސް މާދަމާ އެކަން ތަހުގީގު ކުރެވޭނެ. އިންޝާﷲ
ސަޑުހަސަނު
22 December 2021
ހަހަހަހައް ބަޔަކު ހަމަ ރަނގަޅަށް ވެސް ރާޑިވެއްޖެއެވެ. ގޮތް ހުސްވެފައިވާކަން ތިޔަ ދެއްކި ވާހަކަ ތަކުން އެނގޭ.