ކުޅިވަރު / ބުންޑެސްލިގާ

ފުރަތަމަ މެޗުގެ ހިތްދަތިކަން މިއުނިކުން ފިލުވާލީ ލެވަންޑޯސްކީގެ ހެޓްރިކުން

ކޯން، ޖަރުމަން (ޖެނުއަރީ 15) - ޖަރުމަން ބުންޑެސްލިގާގައި އެފްސީ ކޯން ކޮޅަށް ރޮބާޓް ލެވަންޑޯސްކީ ހެޓްރިކް ހަދައި، ބެޔާން މިއުނިކުން އަހަރުގެ ފުރަތަމަ މެޗުން ބަލިވުމުގެ ހިތްދަތިކަން ފިލުވާލައިފި އެވެ.

ބެޔާން އިން ރަށުން ބޭރުގައި ރޭ ކުޅުނު މެޗު ފަސޭހަކަމާ އެކު ކާމިޔާބުކުރީ 4-0 އިންނެވެ. މިއީ ބެޔާން އިން މި އަހަރު ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ބެޔާން ވަނީ އަމިއްލަ ދަނޑުގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެފަ އެވެ.

ރޭގެ މެޗުގެ ނުވަވަނަ މިނިޓުގައި ލެވަންޑޯސްކީ ބެޔާން އަށް ލީޑު ނަގައިދިންއިރު، 25 ވަނަ މިނިޓުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ކޮރެންޓިން ޓޮލީސޯ އެވެ. މި ދެ ލަނޑު ވެސް ޖަހަން އެހީތެރިވެދިނީ ތޯމަސް މުލާ އެވެ. ލެވަންޑޯސްކީ ވަނީ ދެވަނަ ހާފުގައި އިތުރު ދެ ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ. ފަހު ހާފުގައި ލެވަންޑޯސްކީ ޖެހި ދެ ލަނޑު ވެސް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ލޮރޯއީ ސާނޭ އެވެ.

ލެވަންޑޯސްކީގެ ހެޓްރިކާ އެކު އޭނާ ވަނީ ބުންޑަސްލީގާގައި 300 ވަނަ ލަނޑު ހަމަކޮށްފަ އެވެ. ބެޔާން އަށް 226 ލަނޑު ޖަހައިދީފައިވާއިރު އޭގެ ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ހަތަރު ސީޒަނުގައި ވަނީ ލީގުގައި 74 ލަނޑު ޖަހައިފަ އެވެ. މިއީ ލެޖެންޑް ގާޑް މުލާ ލީގުގައި، 1976 ވަނަ އަހަރު މި އަދަދަށް ގޯލު ޖެހި ފަހުން ކުޅުންތެރިޔަކު 300 ލަނޑު ހަމަކުރި ފުރަތަމަ ފަހަރެވެ.

ލެވަންޑޯސްކީ ލަނޑު ޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބެޔާން ވެސް ވަނީ ލީގުގައި ޖެހިޖެހިގެން 66 މެޗުގައި ލަނޑު ޖަހައި އެ ޓީމުން 2020 ވަނަ އަހަރު ހެދި ރެކޯޑް އާކޮށްފަ އެވެ. ފެބްރުއަރީ 2018 އާއި ފެބްރުއަރީ 2020 އާ ދެމެދު ބެޔާން ވަނީ ޖެހިޖެހިގެން 65 މެޗުގައި ލަނޑު ޖަހައިފަ އެވެ.

މި ނަތީޖާއާ އެކު ބެޔާން އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވުރެ ހަ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މިހާތަނަށް ކުޅުނު 19 މެޗުން ބެޔާނަށް 46 ޕޮއިންޓް ލިބޭއިރު، ޑޯޓްމަންޑަށް ލިބެނީ 40 ޕޮއިންޓެވެ.

ޑޯޓްމަންޑް ވަނީ ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 5-1 އިން ފްރެއިބާގް ބަލިކޮށްފަ އެވެ. މި މެޗުގައި ޑޯޓްމަންޑުގެ ތޯމަސް މުނިއޭ އާއި އާލިން ބްރައުޓް ހާލަންޑް ދެ ލަނޑު ޖެހިއިރު މަހްމޫދް ދާހޫދު ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. ފްރެއިބާގް ގެ ހަމައެކަނި ލަނޑު ޖަހައިދިނީ އާމޭޑިން ޑެމިރޮވިޗް އެވެ.

ހާލަންޑް ލަނޑު ޖެހުމަށް ފަހު.--ފޮޓޯ: އޭއެފްޕީ

ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި މެންޗެސްޓާ ސިޓީ އާއި އަދިވެސް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ފާރަލަމުން އަންނަ ޑޯޓްމަންޑުގެ ތަރި ހާލަންޑު ވަނީ ކުލަބުން އޭނާގެ ކޮންޓްރެކްޓް އާކުރުމާމެދު ގޮތެއް ނިންމަން ޕްރެޝަރު ކުރަމުން ދާކަން ހާމަކޮށްފަ އެވެ.

"ވޭތުވެދިޔަ ހަ މަސްދުވަހު އަހަރެން މިހުރީ ޑޯޓްމަންޑަށް އިހުތިރާމު ކުރާތީ އެއްޗެކޭ ނުބުނާން. އެކަމަކު ކުލަބުން ޕްރެޝަރު ކުރޭ އަހަރެންގެ ކުރިމަގާ މެދު ގޮތެއް ނިންމަން. އަހަރެން ބޭނުންވަނީ ފުޓުބޯޅަ ކުޅެން،" މެޗަށް ފަހު ހާލަންޑް ބުންޏެވެ.

"އަހަރެން ފެށުނީއްސުރެން ބުނަމުން އައީ، އަހަރެން ފޮކަސް ކުރަން ބޭނުމީ ހަމައެކަނި ފުޓުބޯޅައަށް ކަމަށް. އޭރުން އަހަރެންނަށް އަހަރެންގެ ބެސްޓް ދެއްކޭނީ. އެހެން ކަންކަމާ ވިސްނަން ވެއްޖެނަމަ އެކަމެއް ނުވާނެ. މިހާރު ޕްރެޝަރު ކުރާތީ އަހަރެން އެބަ ޖެހޭ ގޮތެއް ނިންމަން."

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކުލަބު ދޫކޮށް ނުދާނެކަމަށް މީގެ ކުރިން ބުނެފައިވާ ހާލަންޑުގެ ކޮންޓްރެކްޓް ހަމަވާނީ 2024 ގަ އެވެ. ސީޒަން ނިމުމުން އޭނާގެ ކޮންޓްރެކްޓުގައިވާ ރިލީޒް ކްްލޯސް އެކްޓިވޭޓް ވާނެ އެވެ. ހާލަންޑުގެ ރިލީޒް ކްލޯސްއަކަށް ޑޯޓްމަންޑުން ހަމަޖައްސާފައި ވަނީ 64 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއެކެވެ.

ހާލަންޑް ވަނީ މި އަހަރު ޑޯޓްމަންޑް ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ބަލިވެފައި އޮއްވައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އަރައި، ޑޯޓްމަންޑް މޮޅު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

16 January 2022

ލެވަންޑޮސްކި އަށްވުރެ ހާލަންޑު މާގަދަ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454