ރިޕޯޓް / ގެވެށި އަނިޔާ

ގެވެށި އަނިޔާ އާއިލީ މައްސަލައިގެ ގޮތުގައި އޮއްބާލަނީ!

ގެވެށި އަނިޔާ ފުލުހުންނަށް ރިޕޯޓްކުރުމުން، ފެމިލީ ކޯޓަށް ގޮސް އަމުރެއް ހޯދަން ބުނުން ވަރަށް އާންމު ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވޭ. ހެކި ނެތް ކަމަށް ބުނެ ނުބަލާ މައްސަލަތައް ގިނަ.

އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެނަކު ފޮޓޯއަކަށް ހުއްޓިގެން: ގެވެށި އަނިޔާގެ މައްސަލަތައް ނުބެލޭ މައްސަލަ ބޮޑު. -- ފޮޓޯ: އޭއެފްޕީ

ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރާ އަޑު އިވިގެން ފުލުހުން ވަދެ އެކަން ހުއްޓުވައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކުރީ އެވެ. ފުލުހުންގެ މި ހުޝިޔާރު އަމަލުގެ ވާހަކައިން މީޑިއާގައި ސުރުހީއެއް އަޅާލި އެވެ. ތައުރީފް ވެސް ލިބުނެވެ. އެކަމަކު ޖެހިގެން އައި ދުވަހު މައްސަލަ ފައިލްކޮށްފައި، ތުހުމަތުކުރެވޭ މީހާ ވެސް ދޫކޮށްލީ އެވެ. - އަނިޔާ ލިބުނު މީހާ ބަޔާން ދޭން އިންކާރުކުރީތީވެ ހެކި ނުލިބުނު ކަމުގެ ސަބަބު ދައްކައިފަ އެވެ!

ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާކަން އެނގިއްޖެ ނަމަ ކޯޓު އަމުރެއް ނެތި ވެސް ތަންތަނަށް ވަދެ މީހުން ހައްޔަރުކުރުމުގެ ބާރު ލިބޭ ހާލަތެއް ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފުލުހުންނަށް އޮވެ އެވެ. ފުލުހުން އެ ބޭނުންކުރީ އެ ބާރެވެ. އެކަމަކު މައްސަލަ ފައިލްކުރަން އެ ޖެހުނީ ގާނޫނުން ބާރު ދީފައި ނެތީމާ ހެއްޔެވެ؟

ނޫނެކެވެ. މި ކޭސްގެ ގޮތެއް ނޭނގެ އެވެ. އެކަމަކު ގެވެށި އަނިޔާއަށް ކެތް ނުކުރެވިގެން ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުމުން "ދެމަފިރިންގެ ދޭތެރޭ އޮތް މައްސަލައެއް" ގެ ގޮތުގައި ބެލުމަށް ފަހު، ތަހުގީގު ކުރުމުގެ ބަދަލުގައި ފެމިލީ ކޯޓަށް ގޮސް ރައްކާތެރިކުރުމުގެ އަމުރު ހޯދަން ބުނުން ވަރަށް އާންމު ކަމަށް އާއިލީ މައްސަލަތަކުގައި ގާނޫނީ މަސައްކަތްކުރައްވާ ބައެއް ބޭފުޅުންގެ ފަރާތުން އެނގުނެވެ.

ޖެނުއަރީ 24، 2017 ގައި، އަންހެނުންގެ ހައްގުތަކަށް ގޮވާލައި، އަލިމަސް ކާނިވަލުގައި ބޭއްވި އެއްވުމުގައި ޝުއޫރު ފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކައިވެނިކޮށްގެން އުޅޭ މީހާގެ ފަރާތުން އަނިޔާ ލިބޭތީ ފުލުހުންނަށް އެ ޝަކުވާ ހުށަހެޅީމާ ތިޔަ މައްސަލަ ފެމިލީ ކޯޓަށް ހުށަހަޅައިގެން [ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން] ރައްކާތެރިކުރުމުގެ އަމުރެއް ހޯދަން ފުލުހުން ބުނޭ. އުސޫލެއްގެ ގޮތުން މިއީ މިކަން އޮންނަ ގޮތް ކަމަށް ވިޔަސް އަނިޔާކުރުން އެއީ ޖިނާއީ ކުށެއް. އެހެންވެ ފުލުހުން މި ޖިނާއީ ކުށަށް ވެސް ސީރިއަސްކޮށް އެޓެންޑްވާންޖެހޭ އެބަ. އެކަމަކު މިހެން ބުންޏަސް ފުލުހުންނަށް ވެސް މިކަމުގައި އުނދަގޫތަކެއް ވެސް ހުރިކަން ގަބޫލުކުރަންޖެހޭ،" އާއިލީ މައްސަލަތަކުގައި ވަކާލާތުކުރައްވާ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ރައްކާތެރިކަމުގެ އަމުރެއް ހޯދަން ފުލުހުން "އެހާ ފަސޭހައިން" ބުނާ އެއް ސަބަބަކީ ގެވެށި އަނިޔާގެ މައްސަލަތައް ތަހުގީގުކޮށް ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތް އުނދަގޫވުމުން "މަގު ކުރުކޮށްލަން" ކަމަށް ވެދާނެ އެވެ.

"އަނިޔާކުރި ކަމަށް ބުނެ މައްސަލަ ހުށަހަޅާފައި ދެން އޭގެ ފަހުން އެކަމާ ގުޅޭ ގޮތުން ބަޔާނެއް ވެސް ނުދޭ މީހުން ވަރަށް ގިނަ. ދެން ފުލުހުން ހެކި ހޯދަން ބޮޑު ތަހުގީގެއް ހިންގަން އެބަ ޖެހޭ. އެކަމަކު ރައްކާތެރިކުރުމުގެ އަމުރެއް ހޯދާފައި އޮތިއްޔާ އެ އަމުރާ ހިލާފުވެގެން ދައުވާކޮށް އަދަބު ދޭން އެބަ ފަސޭހަވޭ،" ވަކީލަކު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ އަމުރާ ހިލާފުވިކަމުގެ ހެކި ވެސް އަނިޔާ ލިބޭ މީހާގެ މަސައްކަތުން ހޯދަންޖެހޭ އެއްޗެއްގެ ގޮތުގައި ބެލެވިފައި އޮންނަ ކަމަށެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވި މީހާ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނި ނަމަވެސް ހެކި ހުރި ނަމަ އެ މައްސަލައެއްގެ ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވަން ވެސް ޖެހޭނެ ކަމަށް ގާނޫނުގައި އޮވޭ

އަނިޔާކުރާ މީހާއާ އެއް ގެއެއްގައި އުޅެން މަޖުބޫރުވެފައިވާ އެތައް ބަޔަކު ވެސް އެބަ އުޅެ އެވެ. ރައްކާތެރިކުރުމުގެ އަމުރުގެ އަސާސީ ސިފަތައް ކަމަށްވާ، އާންމު ހާލަތުގައި ވެސް އެއް އިންސާނަކު އަނެއް އިންސާނަކަށް ކޮށްގެން ނުވާނެ ކަންކަން ބުނެފައި އޮންނަ އަމުރެއް ނެރުނަސް އެއީ ލިބޭ ރައްކާތެރިކަމަކަށް ނުވެ އެވެ. އެހެންވެ، އަނިޔާ ލިބުނު މީހާ އެއްބާރުލުން ނުދިނުމުން ހެކި ހޯދެން ނެތް ކަމަށް ބަލައި މިފަދަ މައްސަލަތައް ފައިލްކުރުން ނުވަތަ ބެލެން ނެތް ކަމަށް ނިންމުމަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް ބަލާއިރު ފުލުހުން އެކަން ކޮށްގެންވާނެ ގޮތެއް ނޫނެވެ.

ފެމިލީ ކޯޓުން ނެރެދޭ ރައްކާތެރިކުރުމުގެ އަމުރެއްގައި އާންމުކޮށް ހުންނާނެ ކަންކަމަށް ބެލިޔަސް މުޅިން ވެސް ހިމެނެނީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށްތަކެވެ. އަމުރުގައި، އަނިޔާ ނުކުރުމަށާއި ބިރު ނުދެއްކުމަށާއި ފާރަނުލުމަށާއި މުދަލަށް ގެއްލުން ނުދިނުމަށް ނުވަތަ އުޅޭ ތަނަކަށް ހުއްދަ ނުވަންނަން އޮވެދާނެ އެވެ. މިއިން ކޮންމެ ކަމަކީ ވެސް ގާނޫނުލްއުގޫބާތުގައި ކުށްތަކެވެ. އަމުރެއް އޮތަސް، ނެތަސް މިއިން ކަމެއް ކޮށްފި މީހަކަށް އަދަބު ލިބޭނެ އެވެ. އެކަމަކު ގެވެށި އަނިޔާއާ ޖެހުމުން މި ކަންކަން ހިނގި ކަމުގެ ހެކި ހޯދުން އަނިޔާ ލިބުނު މީހާއާ މަތިކުރުން އެއީ ހަމަޖެހޭ ކަމެއް ނޫނެވެ.

ފުލުހުން ބުނަނީ ޖިނާއީ މައްސަލަ ފެމިލީ ކޯޓަށް ހުށަހަޅަން ނުބުނާނެ ކަމަށް

ގެވެށި އަނިޔާ، ހާއްސަކޮށް ދެމަފިރިންގެ މެދުގައި ހިންގާ މާރާމާރީތައް ޖިނާއީ މައްސަލައިގެ ގޮތުގައި ބެލުމުގެ ބަދަލުގައި ފެމިލީ ކޯޓަށް ހުށަހަޅައިގެން ހައްލު ހޯދަން އަންގާތޯ އެހުމުން ފުލުހުން ބުނީ ޖިނާއީ މައްސަލައެއް ކޯޓަށް ހުށަހަޅަން ނުބުނާނެ ކަމަށެވެ.

"ޖިނާއީ މައްސަލައެއްގައި ފެމިލީ ކޯޓަށް ހުށަހަޅައިގެން ހައްލު ހޯދާކަށް ފުލުހުން ނުބުނާނެ. ހަޟާނާތު އަދި ހަރަދުގެ މައްސަލަތައް ކޯޓަށް ހުށަހަޅަން ބުނާނީ،" ފުލުހުންގެ މީޑިއާ އިން ދިން ޖަވާބުގައި ބުންޏެވެ.

މިފަދަ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ ގަވައިދެއް ހެދުމަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފުލުހުން ކުރަންޖެހޭ ކަމަކަށް ވާތީ އެ ގަވައިދު ހަދައި ފުލުހުން އަމަލުކުރަމުން އަންނަނީ އެ ގަވައިދާ އެއްގޮތަކަށް ކަމަށް ވެސް ބުންޏެވެ. އެކަމަކު ގެވެށި އަނިޔާގެ މައްސަލަތައް ޖިނާއީ މިންގަނޑުން ބެލުމާއި ނުބެލުން ވަޒަންކުރާ އުސޫލެއް ލިޔެވި އެޔަށް ފުލުހުން އަމަލުކުރަމުން އަންނަ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

ގެވެށި އަނިޔާއާ މެދު ކުރިއަށްވުރެ ބޮޑަށް ހޭލުންތެރިކަން އޮތަސް މިފަދަ މައްސަލަތައް ރަނގަޅަށް ތަހުގީގެއް ނުކުރެވޭ.

ފުލުހުން ހަދާފައިވާ ގަވައިދުގައިވާ ގޮތުން ގެވެށި އަނިޔާގެ މައްސަލާގައި ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ދައުވާ އުފުލޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ނަމަ އެ މީހަކާ މެދު ދައުވާކޮށް ޝަރީއަތް ހިންގަން ޕީޖީ އޮފީހަށް ފޮނުވަން ޖެހޭނެ އެވެ. ހެއްކާއި ގަރީނާ އަކީ ލިބޭ އެެއްޗަކަށް ވުރެ ބޮޑަށް، ހޯދަންޖެހޭ އެއްޗެކެވެ.

ގަވައިދުގައި އޮންނަ ގޮތުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވި މީހާ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނި ނަމަވެސް ހެކި ހުރި ނަމަ އެ މައްސަލައެއްގެ ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވަން ވެސް ޖެހެ އެވެ. އަދި ގެވެށި އަނިޔާގެ މައްސަލައެއްގައި، ޖިނާއީ ދައުވާކުރެވޭ ވަރަށް ހެކި ނެތް ނަމަވެސް އެ މައްސަލައެއްގެ ތަހުގީގު ނިމޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެކަމުގެ ރިޕޯޓް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ފޮނުވައި، ފުލުސް އޮފީހުގައި މައްސަލަ ފައިލްކުރަން ޖެހޭނެ އެވެ.

ފުލުހުން ހެކި ހޯދަންޖެހޭނެ، ދައުވާކުރަން ފޮނުވަން ވެސް ޖެހޭނެ

އަނިޔާ ލިބުނު މީހާ ތަހުގީގަށް އެއްބާރުލުން ނުދޭތީ ކަމަށް ބުނެ އަނިޔާގެ މައްސަލަތައް ހުއްޓޭ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އަނިޔާ ލިބޭ މީހާ އަކީ މުޅިން އެހެން ހާލަތެއްގައި ހުންނާނެ މީހެކެވެ. އެހެންވެ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި އޮތީ ފުލުހުން ހެކި ހޯދަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ޖެނުއަރީ 24، 2017 ގައި، އަންހެނުންގެ ހައްގުތަކަށް ގޮވާލައި، އަލިމަސް ކާނިވަލުގައި ބޭއްވި އެއްވުމުގައި ޝުއޫރު ފާޅުކުރަނީ: ގެވެށި އަނިޔާގެ ގިނަ މައްސަލަތައް ނުބަލަނީ ހެކި ނުލިބޭތީ ކަމަށްބުނެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގެވެށި އަނިޔާގެ މައްސަލަތަކުގައި ހެކި ހޯދަން އުނދަގޫވިޔަސް ގާނޫނުގައި ފުލުހުންނަށް މަތިކޮށްފައިވާ ކަންކަމުގެ ތެރޭގައި "މައްސަލައާއި ގުޅުންހުރި އެންމެހައި ފަރާތްތައް ހޯދައި، އެފަރާތްތަކާ ބައްދަލުކޮށް، އެ ފަރާތްތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، ހެކިބަސް ހޯދަންޖެހޭ މީހުންގެ ހެކިބަސް ހޯދައި، މައްސަލައިގެ ތަހްގީގު ނިންމައި ދައުވާކުރެވިދާނެކަމަށް ގަބޫލުކުރެވެން އޮތް މައްސަލަތަކުގައި ދައުވާކޮށްދިނުން އެދި ޕްރޮސިކިއުޓަ ޖެނެރަލަށް ފޮނުވުން" އޮވެ އެވެ.

މީގެ އިތުރުން؛

● ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ، އޭނާ ހިންގި ގެވެށި އަނިޔާގެ އަމަލު ހިންގުމުގެ ތެރޭގައި މާރާމާރީ ނުވަތަ ޖިސްމާނީ އަނިޔާ ނުވަތަ ގަދަކަމުން ޖިންސީގުޅުން ހިންގުން ނުވަތަ ޖިންސީ ގޯނާކުރުން ނުވަތަ މީހުން މެރުން ނުވަތަ މިނޫން ވެސް ޖިނާއީ ގާނޫނުތަކުގެ ދަށުން ކުށެއްކަމަށް ކަނޑައަޅާފައިވާ ޖިނާއީ ކުށެއްކޮށްފިކަމުގެ ތުހުމަތުކުރެވިއްޖެ ހިނދެއްގައި، އޭނާ އެ ހިންގި ގެވެށި އަނިޔާގެ އަމަލުގެ ސަބަބުން ގާނޫނުލްއުގޫބާތުގެ ދަށުން ނުވަތަ ޖިނާއީ ގާނޫނެއްގެ ދަށުން އޭނާއަށް ޖިނާއީ ކުށުގެ އަދަބެއް ލިބެންއޮތްތޯ ބެލުމުގެ ގޮތުން، ފުރިހަމައަށް މައްސަލަ ބަލައި ތަހުގީގުކުރުން.

● އަދި އެފަދަ ޖިނާއީ ކުށުގެ އަދަބެއް ލިބެންއޮތްކަމަށް ގަބޫލުކުރެވޭނަމަ، ޖިނާއީ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް އެ މައްސަލަ ފޮނުވުން ވެސް އެއީ ފުލުހުން ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބުނާ ކަންކަމެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ބުނާ ގޮތުން، އެ ގާނޫނުގައި ގެވެށި އަނިޔާގެ އަމަލެއްކަމުގައި ބަޔާންކޮށްފައިވާ އަމަލަކަށް، ޖިނާއީ ކުށުގެ އަމަލެއްކަމުގައި ކަނޑައަޅާފައިވާ އެހެން ގާނޫނެއްގެ ދަށުން އެ ކުށުގެ އަމަލަށް ލިބެންޖެހޭ ޖިނާއީ އަދަބު ލިބުމަކަށް މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އޮތް ހުރަހެއް ވެސް ނޫނެވެ. އަދި ގެވެށި އަނިޔާގެ އަމަލެއްކަމުގައި ބަޔާންކޮށްފައިވާ އަމަލަކަށް، ޖިނާއީ ކުށުގެ އަމަލެއްކަމުގައި އެހެން ގާނޫނަކުން ކަނޑައަޅާފައި ވިޔަސް އެ ކުށަކާ ގުޅިގެން ކުރާ ދައުވާކުރުމާއި ދޭ އަދަބުދިނުމުގެ އިތުރުން، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ވެސް ފިޔަވަޅު އަޅަން ޖެހޭނެ އެވެ.

މިހެން އޮންނާތީ ވެސް އެނގެނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އެކަނި ބަލައިގެން އަނިޔާގެ މައްސަލަތައް އޮބާލައިގެން ނުވާނެކަމެވެ. ގެވެށި އަނިޔާގެ ގާނޫނުގައި ބުނާ ކަންކަން ކުރުމާ އެކު ޖިނާއީ މައްސަލަ ވެސް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ އެވެ. ޖިނާއީ އެހެން މައްސަލަތައް ވެސް ތަހުގީގުކުރާ ގޮތަށް ގެވެށި އަނިޔާގެ ތެރެއިން ވެސް ޖިނާއީ ކުށްތަކުގެ ބަޔަށް އިސްކަން ދޭންޖެހެ އެވެ.

އަނިޔާވެރިކަމުގެ އަމަލު ހިނގަނީ ދެމަފިރިންގެ ދެމެދުގައި ނަމަ އަދި ކުށުގެ ދަރަޖަ މަތިވާކަން ވެސް ގަބޫލުކުރަން ޖެހެ އެވެ. އެއީ ކައިވެންޏެއް ކުރަނީ އެކަކު އަނެކަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ މަތިވެރި އަހުދެއްގެ ތެރެއިން ކަމަށް ވެސް ވާތީ އެވެ.

8 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 71%
icon angry icon angry 0%
icon wow icon wow 14%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަކުނި23

08 March 2022

މިކަމުގައި ފެމިލީ ކޯޓުގެ ބަސް ހޯދާލިނަމަ، ފުލުހުން ބުނޭ ފެމިލީ ކޯޓަށް ހުށަހަޅަން...... ފުލުހުން ދޮގު ހަދަނީ

The name is already taken The name is available. Register?

ބަލްލީ

06 March 2022

މަޖިލީސް ރައީސް، މަޖިލީސް މެންބަރުން، ވަޒީރުން، އަދި އެނޫންވެސް ދައުލަތުގެ ވެރިންގެ ގޮތުގައި ބޮޑެތި ޖިނާއީ (ބަނގުރާ އަދި ޑްރަގްސް ބޭނުންކުރާ) ކުށް ކުރާ މީހުން ތިބެ އެމީހުންނާއި މެދު ގާނޫނީ ފިޔަވަޅު ނޭޅި ދިޔާމަ ދެން މިފަދަ ކަންކަން ވެސް ގައުމުގަ ހުންނާނީ މިހެން! ހައިރާނެއް ނުވޭ!

The name is already taken The name is available. Register?

ދަނޖަހަލު

06 March 2022

ގެވެށި އަނިޔާގައި ސީރިއަސް ނުވާ ހިސާބަށް ކަންކަން ހިނގައްޖެ. ފިރިމީހާ އެހެން މީހާކާ އިންނަން އުޅެނީއޭ ހީވާ ހިސާބުން ބޮޑު ޑްރާމާއެއް ކުޅެފަ އަނިޔާ ކުރިއްޔޭ ކިޔާފަ އެބަދޭ. ދެން މި މައްސަލަ މި ހިފަހައްޓާލަނީ އެހެން މީހަކާ އިނަ ނުދޭން. މިހެން ބުންޏަސް އަނިޔާ ކުރިކަން ފެންނަން ހުރި މައްސަލަތައް ސީރިއަސްކޮށް ބަލަންޖެހޭ. އެކަމު ސަޕޯޓިންގ އެއްވެސް ހެއްކެއް ނެތި ހަމަ އަނިޔާ ކުރީމޭ ބުނީމަ ދެ ފަރާތުގެ ވާހަކަވެސް އަހަން ޖެހޭ

The name is already taken The name is available. Register?

ޖުއްބާ

06 March 2022

ގޭތެރޭ އަތްދަމާބަހައްޓާފަ ކަންކަށިމަތީ ޖެހީމަ، ކިހިނެއް އޭގެ ހެކިދައްކާނީ.....

The name is already taken The name is available. Register?

ބުރުގާ

06 March 2022

ހަގީގަތަކީ، ޔޫރަޕުން ރާއްޖެ ގެނެސްގެންއުޅޭ ތިކަހަލަ ފަރަންޖީ ޖިންސީ ފެމިނިސްޓު ގާނޫނުތަކެއް މި ކުޑަކުޑަ ރާއްޖެއަކު ނުހިނގާނެ، ނުވެސް ހިންގޭނެ، ތަންފީޒެއްވެސް ނުކުރެވޭނެ. އޭގެ ހަގީގަތް ތިހިރަ ފެންނަމުންދަނީ. ކިތަންމެ ވަރަކައްވެސް ފަރަންޖީ މީހުންގެ ގާނޫނުތައް ދިވެހި ބަހައް ތަރުޖަމާކޮއްގެން މަޖިލީހުން ފާސްކުރެވިދާނެ. އެކަމު ކުދިކުދި އަސާސީ ގަވާއިދުތައް ރަށުތެރޭ ތަންފީޒުނުކުރެވޭ ހާލު، ކޮން ގެވެށި އަނިއާއެއްތޯ ބެލޭނީ.

The name is already taken The name is available. Register?

ފެމިނިސްޓުގެދަރި

06 March 2022

މިފަދަ ގާނޫނުތައް ހިންގަންޖެހޭ. އެކަން ނުވަނީ މިގައުމުގެ ވެރިންނަކީ ފިޑި އަދި ގަޓުނެތް ބަޔަކަށް ވާތީ. އިދެގެންއުޅޭމީހާއަށް އިހުތިރާމާއި އަދި ގަދަރުވެރިކަމާއެކު އޭނާގެ ހައްގުތައްވެސް ނުގެއްލޭގޮތަށް އުޅެވޭވަރުގެ ފެންވަރުނެތިއްޔާ ތޯރާބޯރާއަށް ހިޖުރަކުރޭ. މިރާއްޖެ ފަނާކުރަން އުޅޭނެކަމެއްނެތް.

The name is already taken The name is available. Register?

ފޮރިއަލް

06 March 2022

ފެމިނިޒަމްއާ ޓޮކްސިކް ފެމިނިޒަމްގެ ތަފާތު ދެނެގަންނަން ޖެހޭ މިދައްކަނީ އަނިޔާގެ ވާހަކަ އަނިޔާއިން ސަލާމަތްވާން އަންހެނުން ހޭލުންތެރިކުރަންޖެހޭ ބާރުވެރިކުރަންޖެހޭ މިކަހަލަ ކަންކަމުން ދަރިންނަށްވެސް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ.

The name is already taken The name is available. Register?

ހެހެހެހެ

06 March 2022

ދޮން ބައްޕަޔަކު ދޮންދަރިޔަކާ ބެހުނީމަ ކުރިމިނަލް ކޯޓައް ގެންދޭ. އެއީވެސް ތިޔަ ކިޔާ އާއިލީ ކަމެކޭކިޔާފަ ގެޔައް ފޮނުވަން ވީނު. ގެވެށި އަނިޔާ އަކީ ބޮޑު ކުށެއް. ކުރިމިނަލް ކޯޓުން މައްސަލަ ބަލަން ޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454