އާޒިމާ: ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައިވާތީ އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވި. --- ފޮޓޯ/މިހާރު
13 މާޗް 2022 - 12:05
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވާތީ އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ދައުލަތުން ކުރަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލާގައި ޔާމީނަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނިންމައި، އެމަނިކުފާނު ވަނީ މިނިވަންކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާއާ ގުޅިގެން އާޒިމާ ވިދާޅުވީ އޭނާގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ދެެއްކެވީ ޔާމީންގެ މައްސަލާގައި މަނީ ލޯންޑްރިންގެ ކުށުގެ އުންސުރުތައް ހަމަނުވާތީ އެމަނިކުފާނުގެ ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވުމެވެ.
އާޒިމާ ވިދާޅުވީ އަސްލު ކުށްކުރި މީހާ (ޕްރިންސިޕަލް) މައްޗަށް ކުށް ސާބިތު ނުވަނީސް، އެކަމުގައި ބައިވެރިވި މީހާ (އެކްސެސަރީ) މައްޗަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.
މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރަނީ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު އެސްކްރޯ އެކައުންޓެއް ހަދަން އާޒިމާ ލަފާ ދެއްވި ކަމަށް ބުނެ އެވެ. އެކަމަކު، އެފަދަ އެއްވެސް ލަފައެއް އޭސީސީއަށް ދީފައި ނޯންނާނެ ކަމަށާއި އެފަދަ ހެއްކެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވި ގޮތުގައި އޭނާއަކީ އޭރު އޭސީސީއަށް ލަފާ ދެވޭ ފަދަ މަގާމެއްގައި ވެސް ހުރި ބޭފުޅެއް ނޫނެވެ. އޭސީސީން ގަބޫލުކުރަންޖެހޭނީ އެޓާނީ ޖެނެރަލްގެ ލަފާ އެކަނި ކަމަށާއި އެހެންވެ، އޭނާ ލަފައެއް ދިނަސް އޭސީސީން އެ ލަފާ ގަބޫލުކޮށްގެން ނުވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި އެއް ކަމަކާ ގުޅިގެން ދެ ދައުވާއެއް ކޮށްފައިވާތީ އެކަން ވެސް އާޒިމާ ފާހަގަ ކުރެއްވި އެވެ.
ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން އާޒިމާގެ ފަރާތުން ދައުލަތާ ބައެއް ސުވާލުތައް ކުރިމަތިކުރި އެވެ. އެގޮތުން މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރަނީ ރަސްމީ ހައިސިއްޔަތުން އޭނާ ކުރިކަމަކާ ގުޅިގެންތޯ ނުވަތަ ނޫންތޯ އޭނާގެ ފަރާތުން ސުވާލު ކުރި އެވެ.
ދައުލަތުން ބުނީ އާޒިމާ ހުންނެވީ ރަސްމީ މަގާމެއްގައި ކަމަށް ވިޔަސް، އޭނާއަށް ދައުވާ ކުރަނީ އަމިއްލަ ހައިސިއްޔަތުން ކުރި ކަމަކާ ގުޅިގެން ކަމަށެވެ.
ކުރިން އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު އެ މައްސަލައިން ތަނާޒުލްވުމުން އެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަލީ އާދަމެވެ.
ދައުލަތުންނާއި އާޒިމާގެ ފަރާތުން ހެކި ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި އެވެ.
ގާޒީ ވިދާޅުވީ އޭގެފަހުގައި ދެން އޮންނާނީ ހެކިތަކަށް މަދަނީ މިންގަނޑުން ބެލުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ގޮތެއް ނިންމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޓުމީހާ
15 March 2022
ކޯޓް ތަކުގެ ޙުކުމް އަންނަނީ މިވެނި މީހަކު އެވެނި މިވެނި ކަމެއް ނުކުރެޔޭ ކިޔާފައެއް ނޫން. އޭގެ ބަދަލުގައި ޘާބިތުވާ ވަރަށް ހެކިނެތް ކަމަށް ބުނެ ޙުކުމް ކުރަނީ. އޭގެ މާނައަކީ އެމީހަކު އެކުށަކުން ބަލާލޯތަކަށް ސަލާމަތްކަން ލިބުން. ކުށް ނުކުރުމެއް ނޫން. އަދި ފަހުން ލިބޭ ހެކިތަކަކުން ކުށުގައި ބެދުމުގެ ފުރުޞަތުވެސް އޮންނާނެ. އެހެން ވީމާ ކޮންމެ ވަކި މައްސަލަ އަކީ އޭގެ ޒާތުގައި މިނިވަން އަމިއްލަ މައްސަލައެއް. އެހެނަސް އިސްތިސްނާ އެއްގެ ތެރެއިން.
ޓޮއްގޮވާއީސަދަރި
14 March 2022
ޔާމީނުގެ ކުށް ސާބިތުނުވުމުން މިހާރު ޖަލުތަކުގައި ބަންދުވެގެން މިތިބަމީހުންވެސް ނުހިފެހެއްޓޭނެ. ކުށެއް ކުރޭތޯވެސް ދެން ނުބެލެވޭނެ. ކަށިމިޔަރު ތެލުން ބޮނޑިތާން އަޅަންވެފައި މިތިބީ
ޢަރުތަ
14 March 2022
ޔާމީނަށް ކުށް ސާބިތުނުވުމުން އަޅުގަނޑުގެ މައްޗަށް ދައުވާ ނުކުރެވޭނެ: އާޒިމާ، އެހެންތަވަނީ! ޤާނޫނަށްވުރެ މަތީގަ އުޅޭ މީހުންގެ ތެރެއިން މީހެއްތަ ތިވެސް!
ޚިޔާލު2
13 March 2022
ޝަރީއަތް ކުރެވޭނީބޭރުފުށަށް ވައްކަން ކުރިނަމަ އެކަން އެކުރީ ބޭރުފުށަށްް ނުފެންނަ ގޮތަށް ވާނަމަ ސާބިތެއްވާނުވާނެތާއި ހިގިކަމެއް ކުރިކަމެއް ނުކުރާކަމަކަށް ނުވާނެއެވެ.މެލޭސިއާގެ މަތިންދާބޯޓު ގެއްލުނެއްނޫންތޯ އެކަމަކު އެ އަދި ނުފެނޭނޫންތޯ. ނުގެއްލޭކަމަށްވާނެތޯ ފައިސާވެސް އެ ފޮލައިޓިބެސް ޒިންމާ އުފުލުވާނެ.
ހުއްޖަތު
13 March 2022
މިރާއްޖޭގެ ހުރިހައިނިޒާމެއްވަނީ ތަޣައްޔަރުވެ ގަޑުބަޑުވެފަ. ކުރިލިބޭނީ ރަޖިސްޓްރީފީ ބޯކޮށްދެއްކިފަރާތަކަށް. ޙައްޤުހޯދަން ތިބޭބަޔަކު ތިބެންވީ. ޖަންކުޝަނުގެ ޒަރިއްޔާއިން ތިއެންމެންތިބޭނީ ގުޅިފަ. ތިދައްކާ ހުރިހައިވާހަކައަކީ ރައްޔިތުންނަށް ދަޅަދައްކަން ތަރުތީބުކުރެވި، ރޭވިގެން ދެއްކޭ އަދި ދައްކާވާހަކަ. ތިހެންވިދާޅުނުވިނަމަވެސް ވަރިހަމަވީސް. ސަރުކާރު އޯކޭ! ޕީޖީ އޯކޭ! ކޮބާ މައްސަލައެއް؟
ބޮޑުމީހާ
13 March 2022
އަދީބާއި އައްލާމާއި ދެންވެސްހުރި މީހަކު މިނިވަންކޮށް ގޭގަ ލަންޑަނުގަ ބަހައްޓާފަ ތި މައްސަލައެއް ނުބެލޭނެ. ފުރަތަމަ އެ ވައްކންކުރި މީހުން ގެނެސް ހައްޤު އަދަބުދީ ދެން އެހީތެރިވިމީހުންނާއި ފައިސާ ހޯދި މީހުންނަށް ފިޔަވަޅު އަޅަންވީ. މިސަރުކާރުގެ ސިޔާސަތަކީ ހަސަނާއި ހުސައިން ދެމީހުން އެއްކޮށް ވައްކަންކުރިޔަސް ފިޔަވަޅު އަޅާ އަދަބުދޭންޖެހެނީ ހަސަނަށް އެކަނި
ސައޫދީ
13 March 2022
ޢާޒިމާ ޝަކޫރު އާ ވާދަކޮށް ތިމައްސަލައިގައި ދައުލަތުގެ ވަކީލުންނަށް ކާމިޔާބު ވެއްޖެނަމަ ތިޔަ ވެވުނީ ކާމިޔާބު ފުރިހަމަ ވަކީލުންނަށް. ބަލަންތިބެމާ، ވަރަށް ޗެލެންޖިންގ ވާނެ ދައުލަތުގެ ވަކީލުންނަށް.
ޢަޙުމަދު.
13 March 2022
މީ ހާދަ ބޮޑު މޮޔައެކެވެ. ޠާމީނުގެ މައްޗަށްވެސް ކުއްސާބިތުނުވަނީކީ ނޫނެވެ. ވައްކަން ނުކުރަނީކީ ނޫން. މިކަން ކަމަށް މަގުފަހިކޮށްދިނުމުގަ ތިމާ މީހާވެސް އުޅެފަ މިހާރު ދައްކާ ވާހަކަ. ވައްކަން ކުރިކަމަށް ވާނީ ކޮންމެހެން ފަޑިޔާރަކު ކަލޭތިހުރީ ވައްކަން ކޮށްގެނޭ ބުނުމަކުން ނޫން. ކޮށްފަ ހުރި ވައްކަން އިތުރަށްވެސް އެހުރީ ފެންނަން.. ތިމާގެ މަށްޗަށް ކުއްސާބިތު ވެދާނެތީ އަވަހަށް ރަޖާލަނީތާ. ؟
ހަސަނުު
13 March 2022
އާޒިމާ ވައްކަން ކުރިކަމަކަށް އެއްވެސް އިރެއްގައި ދައުވާއެއް ނުކުރޭ އަދި ކޮމިޝަނަކުންވެސް ނުބުނޭ. އޭނާއަށް ދައުވާ ކުރަނީ ރައީސް އޮފީހުގެ މިނިސްޓަރކަށް ހުރެ ޔާމީނަށް މިކަމާ ގުޅޭގޮތުން ލަފައެއް ދީގެން.
ގޯޕާލް
13 March 2022
މިއޮތީވާ ގައުމެއް. ޔާމީން މަނީ ލައުންޑަރއެއް ނުކުރޭ ސުޕްރިން ކޯޓުން ބުނާގޮތުން. ނަމަވެސް އާޒިމާއަށް ތުހުމަތު މިކުރަނީ ޔާމިން ނުކުރާ މަނީ ލައުންޑަރިން އަށް އެހީތެރިވިކަމަށް. ނުކުރާ ވައްކަމެއްކުރަން އެހީތެރިވުމުގެ ކުށް. މިއުޅެވެނީ ސަދޫމަށްވުރެ 6 ސްޓެޕް ކުރީގަ.
ޑަންޑަނާސް
13 March 2022
ބަރާބަރު ވާހަކައެއް. އެންމެ މައްސަލައެއްއޮތީ. ބިލިޔަނުން ބައިތުލްމާލުން ގެއްލުނުކަމަށް އެންމެންވެސް އެއްބަސްވޭ. ނެގިމީހެއް އެކަމުގައި އުޅުނު މީހެއް ވާގިވެެރިވި މީހެއް ނެތް. ދުނިޔޭގެ އަށްވަނަ އަޖައިބު.
ބަޑިތަކުރު
13 March 2022
އާޒިމާ ބުންޏަސް އެއީ ހަމަ ރަނގަޅު ވާހަކައެކެވެ. 5 އަހަރު ވަންދެން ފާޅުކޮށް ހިންގި ކޮރަޕްޝަނާ ފަސާދަ އެންމެ މަތީކޯޓުން ސާބިތުނުވީމާ ދެން މިގައުމުގައި ކުށެއް ސާބިތުވާންޖެހޭނެ މީހަކު ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.