ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

މަހްލޫފްގެ މައްސަލާގައި ހައި ކޯޓުގައި ހިނގީ ޒާތީ ދައުވާއެއްކަމުގެ ބަހުސް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުގައި އޭނާ މިއަދު ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނާ ހެދި އުނދަގޫވާ ކަމަށް. ފޮޓޯ: ނިޝާން އަލީ/މިހާރު

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާއަަކީ އޭނާއާ މެދު ޒާތީ ދައުވާއެއް ކަމުގެ ތުހުމަތުތައް ހައި ކޯޓުގައި މަހްލޫފްގެ ފަރާތުން ކުރުމުން ދެ ފަރާތުން ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ. އެއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއް ކަމަށް ބެލެވޭނެ ހެއްކެއް މަދަނީ މިންގަނޑުން ބަލާއިރު ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައި، މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.

އެ މައްްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މަހްލޫފްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އެ މައްސަލައަކީ ކޮން ގޮތަކަށް ދައުވާކުރި މައްސަލައެއްކަން ސޯޝަލް މީޑިއާއިން ހާމަވާން އޮންނާނެ ކަމަށެވެ. އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ފަނޑިޔާރުންގެ ބެންޗުން އެންގެވީ އެކަން ސާފުކޮށް ވިދާޅުވުމަށެވެ. ދެން އެ ވާހަކަތައް ކުރިއަށް ގެންދެވީ މަހްލޫފެވެ.

މަހްލޫފް ވިދާޅުވީ މި މައްސަލައިގައި އޭނާގެ ޕާސަނަލް އެސިސްޓެންޓް އަޒްމޫން އަހުމަދާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ ދެމެދު ކޮށްފައިވާ މެސެޖްތަކުގައި އެއީ ކިހިނެތް ކުރި ދައުވާއެއްކަން ސާފުވާން އޮންނާނެ ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމްކުރުމުގެ މުހިންމު މަގާމެއްގައި ހުރި ބޭފުޅަކު އެފަދަ ގޮތަކަށް މެސެޖްގައި ވާހަކަ ދައްކާފައި އޮތުމުން އެއީ ވަރަށް ޒާތީކޮށް ހިނގާ މައްސަލައެއްކަން ސާފުވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ މައްސަލަތަކުގައި ގިނަވެގެން ހަ ދުވަސް ތެރޭގައި ދައުވާ ކުރާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައި އޮތަސް، އޭނާއަށް ދައުވާކުރީ ހަ މަސް ފަހުން ކަމަށެވެ. އަދި ޕީޖީ އޮފީހުގައި އެ މައްސަލަ ދިރާސާކުރި ކޮމެޓީން އޭނާއަށް ދައުވާ ނުކުރެވޭނެ ކަަމަށް ފުރަތަމަ ނިންމުމުން އެ ކޮމެޓީ ވެސް އުވާލީ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މަހްލޫފް ޕްރެސް ކޮންފަރެންސެއްގައި. --- ފޮޓޯ/މިހާރު

އެ ހިސާބުން ދައުލަތުން އިއުތިރާޒްކުރި އެވެ. އަދި ހައި ކޯޓުގައި ވާހަކަ ދެއްކޭނީ ގާނޫނީ ނުކުތާތަކާ ބެހޭގޮތުން އެކަނި ކަމަށް ދައުލަތުން ބުންޏެވެ. ފަނޑިޔާރުންގެ ބެންޗުން ވެސް ވިދާޅުވީ އެ ކޯޓުގައި ވާހަކަ ދެއްކޭނީ ދަށު ކޯޓުގެ ނިންމުމާ ބެހޭގޮތުން ކަމަށެވެ.

"މި ނޫން ކޮން ތަނެއްތޯ އޮތީ އަޅުގަނޑުގެ ހައްގުގެ ވާހަކަ ދައްކަން. އެހެންވީމަ މި ވާހަކަ މި ދައްކަނީ،" ޖަވާބުގައި މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ އޭނާ އެސްއީޒެޑް ބިލަށް ވޯޓު ދިނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އޭރު ހުންނެވުމުން ޕާޓީގެ ވިޕްލައިނާ އެއްގޮތަށް ކަމަށެވެ. އަދި މަޖިލީހުގައި ވޯޓު ދިން ގޮތަކާ މެދު ދައުވާ ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި އޮންނަކަން ފާހަގަ ކުރައްވައި، މަހްލޫފް ވިދާޅުވީ އޭނާގެ އަމިއްލަ ފައިސާއެއް އޭނާ ބޭނުންކުރި ގޮތާއި ރިޝްވަތުގެ އަމަލަކާ ނުގުޅުވޭނެ ކަމަށެވެ.

"އެއީ އަޅުގަނޑުގެ އަމިއްލަ ކްރެޑިޓް ކާޑެއް. އަޅުގަނޑު އެމެރިކާއަށް ނުވަތަ ކީއްކުރަންތޯ ޒިމްބާބުވޭއަށް ގޮސްގެން ވެސް ބޭނުން ކުރެވިދާނެ،" މަހްލޫފްގެ ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގައި މުއާމަލާތްކުރި ކަމަށް ދައުލަތުން ބުނާ ބުނުމަށް ރައްދު ދެއްވައި، ވިދާޅުވި އެވެ.

ދައުލަތުން ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުންހުރި މައްސަލަތައް ޕީޖީ އޮފީހުގައި ދިރާސާކުރަނީ ޚާއްސަ ކޮމެޓީއަކުން ކަމަށެވެ. އަދި މަހްލޫފްގެ މައްސަލާގައި ވަކި ގޮތަކަށް އަމަލުކުރަން އެ ކޮމެޓީން ކުރިން ނިންމާފައި ނުވާ ކަމަށާއި އެކަމުގައި ވެސް ޒާތީ ކަމެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މަހްލޫފާ މެދު ޒާތީވެފައިވާ ކަމުގެ ތުހުމަތަކީ އެ ކޯޓުން އެ މައްސަލައިގެ ތެރެއިން ބަލާނެ ކަމެއް ނޫން ކަމަށެވެ. ހަމައެކަނި ބަލާނީ ދައުލަތުން ހުށަހެޅި އިސްތިއުނާފް ނުކުތާއަށް އެކަނި ކަމަށް ބެންޗުން ވިދާޅުވި އެވެ.

"މައްސަލަ ބޭރުކޮށްލީ ގާނޫނާ ޚިލާފަށް"

ދައުލަތުން ބުނީ މަހްލޫފްގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފަށް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ އިބްތިދާއީ މަރުހަލާގައި ހެކި ވަޒަން ކުރަނީ މަދަނީ މިންގަނޑުން ބެލުމަށް ފަހު ކަމަށް ވިޔަސް، މަހްލޫފްގެ މައްސަލަ ބޭރުކޮށްލީ ހެކިތައް ފުނަށް ވަޒަން ކުރުމަށްފަހު އަދި ހެކިތަކުން ނެރެވޭނެ ނަތީޖާ ބުނެދިނުމަށްފަހު ކަމަށެވެ. އަދި ކުށުގެ އުންސުރުތަކާ ހެކިތައް ގުޅުވާފައިވާ ކަމަށާއި އެއީ އެ މަރުހަލާގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

މަހްލޫފްގެ މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުން: އެ މައްސަލައަކީ ޒާތީ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި

ދައުލަތުން ބުނިގޮތުގައި މަދަނީ މިންގަނޑުން ހެކި ވަޒަން ކުރުމާ ބެހޭގޮތުން ހައި ކޯޓުގެ ކުރީގެ ނިންމުމެއް ވެސް އެބައޮތެވެ. އަދި އެ މަރުހަލާގައި ހެކިތަކުގެ އެންމެ ފުނަށް އަދި މަތީ ދަރަޖައިން އެ މަރުހަލާގައި ހެކި ވަޒަން ނުކުރެވޭނެ ކަމަށް އެ ނިންމުމުގައި އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ މަހްލޫފަށް ފައިސާ ލިބުނީ ރިޝްވަތުގެ ގޮތުގައިކަން މަދަނީ މިންގަނޑުން ބެލެވޭނެ ހެކި އެބަހުރި ކަމަށެވެ. ފައިސާ ލިބުނު ތާރީޚުތައް ދިމާވުމުގެ އިތުރުން ޑޮލަރު ގަތުމުގެ ނަމުގައި ހޯދި އެ ފައިސާ މަހްލޫފްގެ އަމިއްލަ ބޭނުމަށް ރާއްޖެއިން ބޭޭރުގައި ބޭނުން ކޮށްފައި ހުރުމަކީ ހެއްކެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި މަދަނީ މިންގަނޑުން ގޮތެއް ނިންމާއިރު އެ މަރުހަލާގައި ދިފާއުން ދައްކާ ހެކިތަކަށް ބަލަން ނުޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.

"އެއީ ރިޝްވަތެއް ކަމުގެ ހެއްކެއް ނެތް"

މަހްލޫފްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ޝީނާ މުހައްމަދު ވިދާޅުވީ މަސްތުވާއެއްޗެއް ހުރި ޕެކެޓުގެ ބޭރުން އިނގިލީގެ ނިޝާން ފެނުމުން ވެސް، އެއީ މަދަނީ މިންގަނޑުން ބަލާއިރު އެކަށީގެންވާ ހެއްކެއް ނޫން ކަމަށް ހައި ކޯޓުން ނިންމާފައި އެބައޮތް ކަމަށެވެ. އަދި ދައުލަތުން ބުނާހާ ލުއިކޮށް މަދަނީ މިންގަނޑުން ގޮތެއް ނިންމަން ޖެހޭ ނަމަ، ކުރިއަށް ނުގެންދެވޭނެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި އެކަމަކު އެއީ ގާނޫނުގެ ރޫހެއް ނޫން ކަމަށް ޝީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަހްލޫފަށް ފައިސާ ލިބުނީ ރިޝްވަތުގެ ގޮތުގައި ކަން ސާބިތުކުރަން ހުށަހެޅި ހަމައެކަނި ހެއްކަކީ އަދީބު ކަމަށެވެ. އަދި އަދީބުގެ ހެކިބަސް ކޯޓުން ވަޒަންކުރީ ވެސް އޭނާއަކީ އަދުލުވެރި މީހެއް ކަމަށް ނިންމައިގެން ކަމަށް ޝީނާ ވިދާޅުވި އެވެ. އެހެންވުމުން ދަށު ކޯޓުން ހެކިތަކުގެ އެންމެ ފުނަށް ވަޒަން ކުރީ ކަމަށް ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޝްވަތުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ހެކި އެބަހުރިތޯ އާއި އެއީ ކޮން ހެކިތަކެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ސީދާ ހެއްކެއްގެ ގޮތުގައި އަދީބު ހުށަހެޅި ކަމަށެވެ. ނުސީދާ ހެއްކެއްގެ ގޮތުގައި މަހްލޫފްގެ ތަހުގީގު ބަޔާން ހުށަހެޅި ކަމަށެވެ. އަދި ތަހުގީގުގައި މަހްލޫފް ދެއްކި ވާހަކަތައް ދިމާ ނުވާއިރު، އޭނާ އަމަލުކުރި ގޮތުގެ ހެކި ހުށަހެޅި ކަމަށް ދައުލަތުން ބުންޏެވެ. ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުންޏަސް، ފައިސާ ބޭނުންކުރީ މަހްލޫފްގެ އަމިއްލަ ބޭނުމަށް ރާއްޖެއިން ބޭރުގައި ކަމަށް ދައުލަތުން ބުންޏެވެ. އަދި މިފަދަ މައްސަލަތަކުގައި ހެކި ލިބޭނީ ހުރިހާ ހެކިތައް ގުޅުވާލައިގެން ކަމަށް ދައުލަތުން ބުންޏެވެ.

"ދައުލަތަށް ގަބޫލެއް ނުކުރެވޭ ރިޝްވަތު ދިނީއޭ، ރިޝްވަތު ބޭނުމޭ ކިޔާފައި މެސެޖްކޮށް، އެކަމަށް ޝުކުރު އަދާކުރާނެ ހެނެއް،" ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދިފާއީ ވަކީލް ނޫރު ވިދާޅުވީ ކުރިން ނުދައްކާ ވާހަކަތަކަކާއި ހެކިތަކެއް މިހާރު ދައުލަތުން ދައްކަމުންދާ ކަމަށެވެ. ރިޝްވަތުގެ ފައިސާއެއް ކަން ސާބިތުކުރަން ހުށަހެޅީ އަދީބުގެ ހެކިބަސް އެކަނި ކަމަށް ދައުލަތުން ކުރިން ބުނުމަށްފަހު މިހާރު މަހްލޫފްގެ ތަހުގީގު ބަޔާން ވެސް އެކަމަށް ބޭނުންކުރާ ކަމަށް ވަކީލް ނޫރު ވިދާޅުވި އެވެ. އަދި އިސްތިއުނާފް ފޯމްގައި ނެތް އާ ވާހަކަތަކެއް ވެސް ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަދަނީ މިންގަނޑުން ބަލާއިރު ހެކިތައް ގުޅިފައިވާ ގޮތް އެ މަރުހަލާގައި ވަޒަން ކުރެވޭނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ ހައި ކޯޓުގެ ކުރީގެ ނިންމުން އޮތްގޮތުން މި މަރުހަލާގައި އެކަން ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.

4 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަރަވާޒު

13 March 2022

ޒާތީވާވާހަކައިން ތަރަވާޒާގަނޑުދިގުކޮށް އޮއްޓަރެއްނެތްވާހަކައިގަ ވަގުތުނަގާލައި އޯވަރޓައިމްނަގާފަ ތާކުންތާކު ނުޖައްސައި މައްސަލަ ބޮނޑުނަގުލަށްދުއްވާލީމަ ނިމުނީނު.

The name is already taken The name is available. Register?

ބޮޑުމީހާ

13 March 2022

މި މަހްލޫފަށް ޑޮލަރުކޮަޅެއް ގަންނަން ލިބުނީ ހަމައެކަނި އަދީބު އަތުން!

The name is already taken The name is available. Register?

ވަހީދު

13 March 2022

" ޝޯސަލް މީޑިއާއިން ހާމަވާން އޮންނާނެ " ނޫރުއްސަލާމް ވިދާޅުވިއެވެ. މިވަރުން ފުދޭ މަހުލޫފުގެ ވަކީލު.

The name is already taken The name is available. Register?

ވަކީލްވައިބްސް

13 March 2022

'ފަނޑިޔާރުންދެން ސޯޝަލްމީޑިއާ ސްކްރޯލްކޮށްލާ ފޯރ މޯ ފެކްޓްސް. މަށަކާވާ ކަމެއް ނޫން. 'ވަކީލްވައިބްސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454