ރާއްޖެ އާއި ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު މެޗުގައި ބަންގްލަދޭޝްގެ ސަޕޯޓަރުން އެޓީމަށް ތަރުހީބު ދެނީ: މާދަމާ ރޭ މި ދެޓީމު ކުޅޭ މެޗުގެ ޓިކެޓް މިއަދު ވިއްކަން ފަށާނެ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
23 މާޗް 2022 - 10:41
ބައިނަލްއަގްވާމީ އެކުވެރި ކަމުގެ މެޗުގައި މާދަމާ ރޭ ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗުގެ ޓިކެޓް ވިއްކާ އަގުތައް އެފްއޭއެމުން އިއުލާން ކޮށްފި އެވެ.
ގޮނޑިބަރިން ޓިކެޓް ވިއްކަނީ 100ރ. އަށެވެ. ސިޑިބަރިން 75ރ. އަށެވެ. ދިވެހިންނަށް ޓިކެޓް ވިއްކާނީ އޮލިމްޕަސް ކަންމަތީ ގޭޓުންނެވެ. ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކާނީ ގޭޓް 3 އިންނެވެ. މިއަދު ހަވީރު 4 ޖަހާއިރު ޓިކެޓް ވިއްކަން ފަށާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.
އޮކްޓޯބަރު މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ޓިކެޓް ވިއްކުމުގެ އުސޫލު ހަމަޖެއްސި ގޮތުން އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑު ކިއުން އަމާޒުވި އެވެ. އަދި ގިނަ ބަޔަކަށް ޓިކެޓް ނުލިބުމުގެ ޝަކުވާ ބޮޑުވި އެވެ.
މާދަމާ ރޭ ކުޅޭ މެޗަކީ ބަންގްލަދޭޝްއާ ދެކޮޅަށް ހަ މަސް ތެރޭ ރާއްޖެއިން ކުޅޭ ތިން ވަނަ މެޗެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝްއިން ރާއްޖެ ބަލި ކުރި އެވެ. އެއީ ސީނިއާ ފުޓުބޯޅައިގައި 18 އަހަރު ތެރޭ ބަންގްލަދޭޝް އިން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. ލަންކާ މުބާރާތުގެ ކުރިން ބަންގްލަދޭޝް އިން ރާއްޖެ ބަލި ކުރީ 2003 ގައި އަމިއްލަ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ.
ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝް ކުޅޭ މެޗަކީ ޓީމުގެ އާ ކޯޗު ސްޕެއިންގެ ހާވިއޭ ކަބަރޭރާ އެ ޓީމާ ހަވާލުވުމަށް ފަހު ޓީމަށް އިރުޝާދު ދޭ ފުރަތަމަ މެޗެވެ. ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ޓީމަށް އިރުޝާދު ދިނީ އެ ގައުމުގެ ލީގު ޗެމްޕިއަން ބޮށުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބުރުޒޮން ބަރޭރަސް އެވެ. މަހިންދަ ރާޖަޕަކްސަ މުބާރާތުގައި އިރުޝާދު ދިނީ ޑާކާ އަބަހާނީގެ ކޯޗު މާރިއޯ ލެމޯސް އެވެ.
އޭނާގެ ކޯޗު ކަމުގެ ދަށުން ކުޅުނު ބިނަ ކުޅުންތެރިންތަކެއް މިހާރުގެ ކޯޗު ކަބަރޭރާ ވަނީ އޭނާ އެކުލަވާލި ފުރަތަމަ ސްކޯޑުން ބާކީ ކޮށްފަ އެވެ. އަދި ކުރިން ގައުމީ ޓީމަށް ކުޅުނު 10 ކުޅުންތެރިންނަށް އޭނާ ވަނީ އަލުން ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ހަ އަހަރު ފަހުން އަލުން ގައުމީ ޓީމުން ޖާގަ ހޯދި ނާސިރުލް އިސްލާމް، 32، ހިމެނެ އެވެ. ކަބާރާގެ ސްކޮޑުން މުޅިން އަލަށް ޒުވާން ދެ ކުޅުންތެރިޔަކަށް ފުރުސަތު ދީފައިވެ އެވެ. އެއީ 22 އަހަރުގެ ޑިފެންޑަރު އީސާ ފައިސަލް އާއި 21 އަހަރުގެ މިޑްފީލްޑަރު މަރާޒު ހުސައިން އޮޕީ އެވެ.
ރާއްޖޭގެ ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ވެސް ވަނީ އޭނާގެ ސްކޮޑަށް ބަދަލު ގެނެސްފަ އެވެ. ލީގުގެ ފުރަތަމަ ބުރުގައި ކްލަބް އީގަލްސްގައި މޮޅު ކުޅުމެއް ދެއްކި އަހްމަދު ހަސަން (އަންމަޑޭ) އަށް ވަނީ ފުރަތަމަ ފަހަރަށް ގައުމީ ޓީމުން ޖާގަ ދީފަ އެވެ. އަދި ދިގު މުއްދަތަކަށް ފަހު ގައުމީ ޓީމުން އަލުން ޖާގަ ދިން ކުޅުންތެރިންގެ ތެރޭގައި މާޒިޔާގެ މިޑްފީލްޑަރު ހަސަން ޝިފާޒު (ޑުންގާ) އާއި ވެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އަދި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
6897643
23 March 2022
ޑިގިޓަލްކޮއް ތިކެެޓް ކަންތައް ފޯނައް ބަރޯސާވާ ފެންވަރަކަށް ދިވެހި ކުޅިވަރު އަދިނުދޭ ދެއްތޯ.ހިޔެއްނުވެ މިލިނިއަނުން ހަރަދު ކުރަންޖެހޭހެނެއް އެވަރުގެ ކުރިއެރުމެއް ގެންނާކައް.ެ
48343
23 March 2022
ޓިކެޓަށް މަކަރުނަހަދާތި. ބަނގުލަދޭޝްމީހުންނަށްވެސް އެބައިމީހުންނަށް ހައްގުވާވަރުދޭތި. އެމީހުން މުޒާހަރާއެއްކޮށްފިއްޔާ އެމީހުންގެކޮޅު ވަކި ދެރައެއްނުވާނެކަން ހަނދާންކޮށްގެން އޮމާންކަމާއެކު މިކަން ނިންމާލެވޭތޯ ބަލާތި.
ރަދީފްއޮފިޝަލް
23 March 2022
ކޮބާ ކިއު ދަމާލައިފަ ބާ؟؟ އަހަރުމެންގެ ނެތް އެެއްވެސް ޝައުގުވެރިކަމެއް ތިޔަ މެޗް ބަލަން ގޮސް ތިޔަ ސްޓޭޑިއަމްގަ އިންނަން.ބޮޑު ފޫއްސެއް. ވ.ވެދުން