އިދިކޮޅުގެ މުޒާހަރާއެއްގައި ފުލުހުން ބަޔަކު ހައްޔަރުކޮށްގެން ގެންދަނީ.
24 މާޗް 2022 - 21:23
"ނޭވާ ހޮޅިއަށް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މާދަމާ އިންޑިއާއާ ދެކޮޅު ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވަނިކޮށް، ހާރިޖީ ސިޔާސަތުތަކާއި ހާރިޖީ ގުޅުންތަކަށް އިހުތިރާމުކޮށްގެން ސިޔާސީ ހަރަކާތް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްްކޮށްފި އެވެ.
"ނޭވާ ހޮޅިއަށް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަކަށެވެ. މިއީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތް ފަހުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.
އެ އެއްވުމާއި ގުޅިގެން އިއްޔެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ޕީޕީއެމް އޮފީސް ސަރަހައްދާއި، ރަސްފަންނު ސަރަހައްދާއި، ބޮޑުތަކުރުފާނު މަގާއި އުސްފަސްގަނޑު ސަރަހައްދުގައި ޕީޕީއެމް އިން ބޭއްވުމަށް ރާވާފައިވާ އެއްވުމަކީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫން ކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރި ކަމަށް ބުނެފަ އެވެ. އެހެންވެ އެ ޕާޓީއަށް ފުލުހުން އެންގީ އެއްވުން ނުބޭއްވުމަށެވެ.
އެ ހަރަކާތާ ގުޅިގެން އިލެކްޝަނުން ނެރުނު ބަޔާނުގައި ވަނީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގު ފަހިކޮށްދީފައި ވަނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގައި އަމަލުކުރަމުންދާ ކަމާ ބެހޭ އެހެން ގާނޫނުތަކާއި ގަވާއިދުތަކާއި ހުދޫދުތަކުގެ ތެރެއިން ކަމަށެވެ. އަދި ޕާޓީތަކުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ސިޔާސީ ހަރަކާތްތައް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ދައުލަތުގެ ހާރިޖީ ސިޔާސަތުތަކާއި ހާރިޖީ ގުޅުންތަކަށް އިހުތިރާމުކޮށްގެން ކުރިއަށް ގެންދަން އީސީން އިލްތިމާސްކުރި އެވެ.
"ދައުލަތުގެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން މި ކޮމިޝަނުން އިލްތިމާސްކުރަން،" އީސީގެ ބަޔާނުގައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް އެ ކޮމިޝަނުން އެއްބާރުލުން ދޭނެ ކަމަށެވެ.
ހާރިޖީ ގުޅުންތަކަށް އިހުތިރާމުކޮށްގެން ސިޔާސީ ހަރަކާތް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން އެދުނުއިރު އިދިކޮޅު ކޯލިޝަނުން ދަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތެއް ހިންގަމުންނެވެ. މިފަހުން ބާއްވާ ކޮންމެ ހަރަކާތެއްގައި އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާތަކުގައި ބެނާތައް ޕީޕީއެމްގެ ހަރަކާތްތަކުގައި ބޭނުންކުރަމުން އަންނައިރު އެކަމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަސަރުކޮށްފާނެ ކަމަށް ބުނެ ސަރުކާރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިދިކޮޅުން މާލޭގައި ބޭއްވި އިންޑިއާ އައުޓް ހަރަކާތެއް-- އެ ހަރަކާތަށް ވެސް ފުލުހުން ހުރަސް އެޅި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުލުހުން ނެރުނު ބަޔާނުގައި ބުނީ "ނޭވާ ހޮޅިއަށް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމަށް ރަށްރަށުން ގިނަ ބަޔަކު ގެންނަ ކަމަށާއި އަދި ދުއްވާތަކެތި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކުކޮށް، ރައްޔިތުންނާއި އާންމުންގެ ދަތުރުފަތުރުގެ ހިދުމަތައް ހުރަސް އަޅަން ވެސް ރާވާފައިވާ ކަމަށެވެ.
އެހެންވެ ފުލުހުން ވަނީ އެއްވުމުގައި އެއްވެސް މީހަކު ބައިވެރިނުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެ އެއްވުމުގައި ބައިވެރިވެ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހި ކުރުވާ ކަމަށް ތުހުމަތު ކުރެވޭ އެއްގަމު އުޅަނދުފަހަރުތަކާއި ކަނޑު އުޅަނދުތައް ބަލައި ފާސް ކުރާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ އެންގުމާ ގުޅިގެން އެއީ އެއްވެ އުޅުމުގެ ގާނޫނަށް ހުރަސް އެޅުން ކަމަށް ބުނެ އިދިކޮޅުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުކު
25 March 2022
އިންތިހާބަށް ނުފޫޒު ފޯރާގޮތަށް ޕުރޮޖެކުޓް ތައް ހިންގާއިރު އީސީ ކޮބާ؟
ފުއަދާދީ ޖިޒަފޫދީ
26 March 2022
ބަރާބަރު ވާހަކައެއް. އިންތިހާބަށް ނުފޫޒު ފޯރުވަން ރާއްޖޭގެ ކުޑަކުޑަ އެއް ސަރަހައްދަށް މެގަ ޕުރޮޖެކްޓު އަޅައިލައިގެން ރައްޔިތުންގެ ލާރީގައި އެތަނަށް މުޅި ކެބިނެޓު ދަތުރުފުޅު ކޮށްގެން އުޅުނުއިރު ފުއާދު ހަމަ ހިނިތުންވެލާފަ ހައްޕު! ފުއާދު އިސްތިއުފާ
ރަދީފު ބިން ރަފައިދާ
25 March 2022
އީސީ ސަރީފެކޭ އީސީ ފުއާދެކޭ މަށަކަަށް މާބޮޑުތަފާތެއްނެތް.
މިއަދު
25 March 2022
ފުއާދޫ އިންޑިޔާއިން ރާއްޖެ އަރާ ރާއްޖެ ހިފުމަށްގޮވާލި މިނިސްޓަރުންވެސް އެއީ ޤާނޫނާ ހިލާފަށް ތިބިބައެއް އެފަދަމީހުންނަށް ފިޔަވަޅު އަޅަންވީނު
ބޯބުރާންތި
25 March 2022
އިލެކްޝަން ކޮމިޝަން ތިއީ އެމްޑީޕީ ސަރުކާރުގެ މައުތުޕީސްތަ؟؟ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރާ މުޒާހަރާއަކީ ގާނޫނުތަކާ ޚިލާފަށް ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ގެއްލޭގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ މުޒާހަރާއެއް. އެއީކީ އިންޑިއާއާ ދެކޮޅަށް ކުރާ މުޒާހަރާއެއް ނޫން. އިލެކްޝަން ކޮމިޝަނަށް މިކަން ރަނގަޅަށް އެނގިތިބެ އެމްޑީޕީ ސަރުކާރުގެ މައުތުޕީސްއަކަށް ވުމަކީ ދެރަވަރުކަމެއް.
އަހުމިއްޓެ
25 March 2022
އެހެންވިއްޔާ “އިންޑިއާ މިލިޓަރީ އައުޓް” ލިޔެބަލަ މުޒާހަރާގަ.
ނަމެއްނެތި
25 March 2022
ރިޔާސީ އިންތިޚާބުގެ ތެރޭގައި މިހާރުގެ ރައީސް ގެންނަވަން ވަޢުދުވި ޑިމޮކްރަސީ މިހިރަދަނީ ފައްކާވަމުން.
ހޯރަބޭ
25 March 2022
ފީފީއެމް ޖޫރިމަނާ ކޮށްލަ ބަލަ ނޭވާހޮޅިއަށް އެޅޭވަރަށް
އައްބެ
25 March 2022
ހުރިހާ ދިވެހިން މިއަދުންފެށިގެން "އިންޑިޔާ މިލިޓަރީ ބޭރުކުރޭ" ލާންގެންގުޅޭ ހެދުމުގައި އާއި ވެހިކަލްތަކާއި ގޭގެ ފާރުތަކުގައި ޖަހައިގެން އަބަދުވެސް އުޅެގެން މިމީހުން ބޭރުކުރަންއެބަޖެހޭ. މިކަމަކީ ވަކިޕާޓީއެއްގެ ކަމެއްނޫން، ޤައުމުދެކެ ލޯބިވާ އެންމެންގެ މަސްއޫލިއްޔަތެއް.
އަލީި
25 March 2022
މިނިވަން މުއައްސަސާތަށް މިނިވަންކުރަންޖެހޭ ގޮތަށް މިނިވަންކޮށްފަ އެއޮތީ!!! ދެން ބާރަށް އަތް ޖަހާ. ނުކުރަން ބުނި ހުރިހާކަމެއް ކޮށް ތި ނިމުނީ. އެމްޑީޕީއަށް ވަރަށް ސަލާމް.
އިސްތިއުފާ
25 March 2022
ފެއިލްވެއްޖެ. މާބޮޑައްވެސް ފެއިލްވެފައޮތީ. ބޯހިޔާވަހިކަން ބަހާލީވެސް ބޭނުން ބަޔަކައް. ފުރަތަމަ ބަލަންވީ މިހާރު ހިޔާ ފުލެޓުގަ އުޅެނީ ކުލި ދައްކައިގެން ކިތައް މީހުންތޯ. އެތަނަކީ ދިރިއުޅޭނެ ތަނެއް ނެތިގެން ކޮމިޓީއެއް ނަގައިގެން އެކަން ބަލާފަދިން ތަނެކޯ. ކިހާބޮޑު ޖަރީމާއެއްތޯ. ހެޔޮވާނީ ކިހިނެއް. ތިފަދަ ނުބައި އިބިލީހުން މިގައުމުގަ ތިތިބީ. ބިރުވެތިވޭ މީ ދުނިޔެެެއްނޫން. އަބަދު މަކަރުވެރިކަމުގަ ނޫޅެވޭނެ. ހެޔޮވިސްނުން ދެއްވާތޯ ދުއާކުރޭ. ކިތައް މީހުންގެ ހައްގު ގެއްލުވާލާފަތޯ އެތަން ދީފަ އެހުރީ. މިކަން ބަލާނެ މީހަކު ނެއް. މަޖިލީސް މެމްބަރުން މީ ކީއްކުރާ ބައެއްތޯ. ނުކިޔަވާ ތިބި މީހުން އެތަނައް ހޮވީމަ ވާނެގޮތް މިގައުމައްވެފަ މިއޮތީ. އެތަނުން ކީއަތޯވާނީ ބަލަން މިހާރު އެތަން ދީފަ ހުރީ ރަގަޅައް ހައްގުވެރިންނައްތޯ. 65 މެމްބަރުން ޕާޓީގަ ތިބެ ތި ކުރައްވަނީ ކޮން ކަމެއްތޯ. ހަމަ ބޮޑުތަނުން ތިއޮތީ ފެއިލްވެފަ.
އަލް އުސްތާޒު
24 March 2022
އިންޑިއާ ސިފައިން މިތަނުން ބާލަބަލަ. އޭރުން އެމީހުން ތި ހަރަކާތެއް ނުބާއްވާނެއްނު