ކުރެންދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީޕީއެމަށް ކާމިޔާބުވުމުން އެރަށުގައި އެ ޕާޓީން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ--
30 މާޗް 2022 - 13:00
މި ސަރުކާރުގައި ވެސް "ބްރޯއަކަށް ބްރޯއެއް އެބަހުރި" ކަމަށާއި ކުންފުނިތައް މެދުވެރިކޮށް ވެސް ވައްކަން ކުރަމުންދާ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ތުހުމަތު ކުރައްވައިިފި އެެވެ.
ބްރޯ ނިސްބަތް ކުރަނީ ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ނައިބު ރައީސްގެ މަގާމު ފުރުއްވި އަހުމަދު އަދީބަށެވެ. ސިޔާސީ ބާރުވެރިކަމާއި ނުފޫޒު ގަދަކަމުން "ބްރޯ" ގެ ގޮތުގައި އަދީބު މަޝްހޫރުވެ، އެ މަނިކުފާނަކީ ޔާމީންގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ އެންމެ އިސް ބޭފުޅާ ކަމަށް ތުހުމަތު ކުރެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ ބައި އިލެކްޝަން ޕީޕީއެމަށް ކާމިޔާބުވުމުގެ އުފަލުގައި އެ ރަށުގައި ރޭ އޮތް ޖަލްސާއެއްގައި ޔާމީން ވިދާޅުވީ، އެމްޑީޕީ އިދިކޮޅުގައި އޮތްއިރު ބުނަމުންދިޔައީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަނާއި ފަސާދަ ކަމަށް ވިޔަސް އެ މީހުންގެ ވެރިކަމުގައި އެއްވެސް ބަދަލެއް ނުުފެންނަ ކަމަށެވެ.
ކުރެންދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީޕީއެމަށް ކާމިޔާބުވުމުން އެ ރަށުގައި އެ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ޕީޕީއެމް
ދައުލަތުގެ ފައިސާ ނުހައްގު ގޮތުގައި ވެރިކަން ކުރަން ތިބޭ މީހުންނާއި އެ މީހުންގެ ގާތް މީހުން ނަގާ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުގައި ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވަނީ އެކަކު ދެ މީހަކު ނޫން ކަމަށެވެ. އެކަމަކު އޭގެ މާބޮޑު ތަފްސީލަކަށް އެ މަނިކުފާނު ވަޑައެއް ނުގަންނަވަ އެވެ.
"ބްރޯއަކަށް ބްރޯއެއް އެބަހުރޭ މި ސަރުކާރުގައި ވެސް. ނަގަނީ އެކަކު ދެ މީހަކު ނޫން. މި ސަރުކާރުގެ ކަންތައްތަކާ ހަވާލުވެގެން ތިބި މީހުން، ކުންފުނިތައް ހިމެނޭ ގޮތަށް. ނުނަގާ [ފައިސާ ނުނަގާ] މީހަކު މަދުވާނެ،" ޔާމީންގެ ތުހުމަތުގައި ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މުއައްސަސާތައް ފެއިލްވެފައިވާ ކަމަށް ވިދާޅުވިޔަސް އެކަމާ ގުޅިގެން މާބޮޑު ވާހަކައެއް އެ މަނިކުފާނު ނުދައްކަވަ އެވެެ. ހަމައެކަނި ވިދާޅުވީ ދައުލަތުގެ ތިޖޫރިން މުއްޖަހާފައި އެއްވެސް މީހަކަށް ފައިސާ ނުނެގޭނެ ކަމަށެވެ.
ޔާމީން، އިއްޔެ ހަވީރު ކުރެންދު އަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ.---ފޮޓޯ: ޕީޕީއެމް
"މީހަކަށް ދައުލަތުގެ ތިޖޫރިއަކުން މުއްޖަހާފައި ފައިސާ ނެގޭނެ ގޮތެއް ނޯންނާނެ. އެ ވާހަކަ މިރޭ ދައްކާކަށް ނެތިން. "މިއީ ވިސްނާ މީހުންނަށް ދޫކޮށްލި ވާހަކައެއް،" އެ މަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައިގެން ޔާމީން ވިދާޅުވި އެވެ.
މި ސަރުކާރާ ގުޅުވައިގެން ހިޔާނާތާއި ވައްކަމުގެ ތުހުމަތު ޔާމީން ކުރެއްވިއިރު، އެ މަނިކުފާނުގެ ތުހުމަތުކުރެވޭ، އެމްއެމްޕީއާރުސީގެ ހިޔާނާތުތަކާ ގުޅުން ހުރި ދެ ދައުވާއެއް މިހާރު ވެސް ކޯޓުގައި ކުރިއަށް އެބަދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
31 March 2022
ޔާމީނުގެ ވެރިކަން ދިވެހިން ބަދަލުކުރީ ކޮރަޕްޝަނާއި ފަސާދައާއި ނާއިންސާފު ހުއްޓުވަން. އެކަމަކު އެބުނާހެން ކޮރަޕްޝަން އެންމެ ތަންކޮޅެއްވެސް މަދެއްނުވޭ. ނާއިންސާވެސް އެހާވަރު. މިހުރިހާ ކަމަކާއިއެކު ރައްޔިތުން އެދޭ ތަރައްގީއެއްވެސް ނުގެނެވުނު
ވަގު ފާތުމާ
31 March 2022
މެޑަމް އަކަށް މެޑަމް އެއް ނެތް
ހަމަތެދު
31 March 2022
އެއްވެސް މީހަކަށް ނުނެގޭނެ. ނެގޭނީ ތިބޭޅާއަށް ބައިއެޅޭގޮތަށް. އެޢީ ގިނަދިވެހިންވެސް ގަބޫލުކުރާގޮތް.
ދޮން ރަ ހ
30 March 2022
ބުރޯ އުފަން ކުރީ ވަގު މެތެމެޓިކުސް ބޭނުން ކޮށްގެން ވައްކަން ކުރަން
ހީހީހީހީ
30 March 2022
ސަހަލު ތަފާތު އެކަކުވެސްނެތް. ފައިސާގައިނުޖެހުނުނަމަވެސް އަރިސްބޭކަލުންގެބާލީސްތަކަށް ކަފަގަންނުވާލާށާއި ރަށްރަށުން ބޮޑެތިބިންނަގަައި އެއްވެސްކަމެއްނުކޮށް އެއިން ޑީލުއެޅުވޭތޯބަލަން ޖާގަދީ، ކޮރަޕްޓް ކަންތައްތައްކުރުމުން އަޅާނުލައި ތިބުމުގެ ހިތިނަތީޖާ ރައީސް ނަޝީދަށްއޮންނާނީ ތަޖުރިބާކުރެއްވިފައެވެ. ރައީސް ޔާމީނަށް ތިއެއްބަސްވެވުނީ ބުރޯއަކު އުޅުނުކަމާއި އޭނާއަށް ފުރުސަތުދެވުނުކަންކަމުގައި ނުވެހިނގައިދާނެބާވައެވެ؟
ދަތުރު
30 March 2022
ޔާމިން ބުނިކަމަށް ވިޔަސް ތެދެއްވާނީ ހަމަތެދަކާށެވެ. މިސަރުކާރުގައި ވެންޓިލޭޓާ ފައިސާ ދައްކާ އެ މުދާނުލިބުނީ ކީއްވެތޯ ؟ޒިންމާ ނަގާނެ މީހަކު ނެތީދޯ ؟ ހަނދާނަށް އަންނަނީ އެސް އީ އެޒް ފާސްކުރުމަށްޓަކައި އޭރުގެ ޕީޕީއެމް މަޖުލިސް މެމްބަރުން ބުރޯ ފަހަތުގައި ކުރުނީސް ކޮއްގެން އުޅުނުގޮތެވެ. މިއަދު ވެސް ބުރޯއެއްގެ ފަހަތުގައި އެމްޑީޕީ މަޖުލިސް ގިނަމެމްބަރުން ކުއްލިއަކަށް ކުރިނީސްކޮށް އެވަރެއްނެތިގެން އުޅޭތަން ފެނެއެވެ. ޔާންޓޭ އެބުނަނީ ރަގަޅު ވާހަކައެކެވެ.
ޖިންނި ޖިނާ
30 March 2022
މަނިކުފާނުންނަކީވެސް ބުރޯއެއް ނޫންތޯ؟
ބޮޑުހުސޭނު
30 March 2022
ރައްޔިތުންގެލާރި ހަލާލުވާނީ ޔާމީނަށްްއެކަނި
ސިކުނޑި
30 March 2022
އެހެންވީމާ ކުރީ ސަރުކާރުގައިވެސް އެފަދަ ކަންކަން ހިނގިތާ؟! އަހަރުން ހީކުރީ އެއީ އެމްޑީޕީމީހުން ހެދި ދޮގެއް ކަމަށް!
ސޭކުބެ
30 March 2022
ތީ ވަރަށްބޮޑު ތެދެއް! ފައިސާ ނެގޭނެގޮތް އެގޭނީ ފައިސާ ނެގި މީހަކަށް!. މަނިކުފާނަކީ އެކަމަށް އަބަދުވެސް ފަރިތަ ބޭފުޅެއްވިއްޔަ!