ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ރަސްމިއްޔާތެއްގައި އެކުގައި: އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ އެކު ޕާޓީގެ އަރައިރުން އޮތީ ބޮޑުވެފައި. -- ފޮޓޯ/ މިހާރު
18 އެޕްރީލް 2022 - 09:20
އެމްޑީޕީގެ ބިޔަ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެ ވިދާޅުވަނީ ކަން އޮތް ގޮތަށެވެ؛
ޗެއާޕާސަންގެ މި އިންތިހާބުގައި ދެ ޕާޓީއެއްގެ ދެމެދުގައި ވާދަވެރިކަން ބާއްވާވަރަށް ވުރެ ވެސް އެމްޑީޕީގެ އެތެރޭގައި ހިނގާ ކަންކަމުގެ ހޫނު ބޮޑެވެ. ވޯޓު ގާތްވި ވަރަކަށް ރުޅިވެރިކަމާއި ނަފްރަތުގެ ހުޅުގަނޑު ހައްތަހާ ގަދަވަނީ އެވެ.
"އެކަކު އަނެކަކަށް ވަގަށް ގޮވައި ހެއްދެވި ނެހެއްދެވި އަށް ގޮވަނީ. މިއީ އެއްގޮތަކަށް ވެސް ޕާޓީގެ ތެރޭގައި އޮވެގެން ވާނެ ކަމެއް ނޫން," ސ. ފޭދޫގައި އަސްލަމް އިއްޔެ ވިދާޅުވި އެވެ.
ފޭދޫގައި އަސްލަމް، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަނީ: ވާދަވެރި ކެމްޕޭނަކަސް ފަހުން އެކުގައި މަސައްކަތް ނުކުރެވޭ ހިސާބަށް ނުދާން އޭނާ އެދިވަޑައިގަންނަވާ. -- ފޮޓޯ/ އެމްޑީޕީ
އޭނާ ޕީޖީ ލީޑަރަކަށް ހުންނަވައި އެމްޑީޕީގެ ތެރޭގައި ބައިބައިވުން އޮންނަން ބޭނުން ނުވިޔަސް 16 އަހަރުވީ ޕާޓީގައި މިހާރު އޮތީ ފަސޭހަ ހާލަތެއް ނޫނެވެ. އެމްޑީޕީގެ ދެ ފެކްޝަން ބޭރަށް ހާމަވެ އެންމެ ފަހުން ޕާޓީ "ރޫޅި ކުދިކުދި ވެއްޖެ" ކަމުގެ އަޑުތަކާއި މަންޒަރުތައް ދަނީ ފެންނަމުންނެވެ. ކޮންމެ ގުރޫޕަކަށް ވެސް އެ ޕާޓީއަށް އެންމެ ތެދުވެރިވަނީ އެ ބައެކެވެ. ވާދަވެރިޔާ ވަނީ ޕާޓީގެ ސިޔާސަތާ އިދިކޮޅު ފިކުރުގެ ކެންޑިޑޭޓަކަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އަބަދުވެސް ވާދަވެރިކަން އޮވެ އެވެ. ހިޔާލު ތަފާތުވުން ބޮޑުވާ ފަހަރު އާދެ އެވެ. މި ވެރިކަމާ އެކު ޕާޓީގައި އުފަންވި ދެ ފެކްޝަނުގެ ކޯޅުން ވެސް ބޮޑެވެ. އެ ކަންކަމަކީ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ޕާޓީއެއްގެ ސިޔާސީ މަސައްކަތް ކަމަށް ސިފަކޮށް، ފަހުން އެކުގައި މަސައްކަތް ވެސް ކުރެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ މިސާލެކެވެ. ދައުލަތުގެ ބަޖެޓުން މިލިއަނުން ހޭދަކުރާ ކަމުގެ ތުހުމަތު އިދިކޮޅު ޕީޕީއެމުން އަޅުވަމުން ދަނިކޮށް ވެސް މަޖިލީހުގައި އެމްޑީޕީގެ 65 މަދުވިޔަ ނުދީ ގޮނޑި ދިފާއުކުރަން މުޅި ޕާޓީ ނުކުތީ އެކުގަ އެވެ.
އެކަމަކު ޗެއާޕާސަންގެ މި ކެމްޕޭނާ ހަމައިން އެމްޑީޕީގެ އިންތަކާއި މިންތަކާއި އިހްތިރާމް ފަހަނައަޅައި ހިނގައްޖެ އެވެ.
ވައްކަމާއި ހިޔާނާތުގެ ޓެގެވެ. ޕާޓީގެ ބައެއް މެމްބަރުން ސިޔާސީ ބޯވަތަކަށް ހަދައިފި އެވެ. އަނެއް ބަޔަކަށް ބަޣާވާތުގެ ބައިވެރިންގެ ގޮތުގައި އިނގިލި ދިއްކޮށްފި އެވެ.
އެމްޑީޕީގެ އަސާސްތަކާ އެއްގޮތަށް ސަރުކާރު ނުހިނގާ ކަމަށް ބުނެ މަޖިލީހުގައި ފިއްތުންތަކެވެ. އިދިކޮޅު ޕާޓީއަކަށް ވުރެ ސަރުކާރަށް ޕްރެޝަރު ބޮޑުކުރާ ފަހަރުތައް ހިނގައްޖެ އެވެ.
އަނެއް ބަޔަކަށް ކަމުނުދަނީ ލީޑަރަކު ވަށައި އެނބުރޭ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ކޮންޓްރޯލް ކޮށްގެން ހިންގަން މަސައްކަތް ކުރުމެވެ. ވަކި ލީޑަރެއްގެ ނިންމުންތަކަށް ބޯނުލަނބާ ނަމަ ޕާޓީން ބާކީވެ އެކަހެރިވުމުގެ ބިރު އޮންނަ ކަމުގެ ވާހަކަތަކެވެ. ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތެވެ. ބާރު ނުލިބިއްޖެ ނަމަ 2023 އަށް އިދިކޮޅާ ބައިއަތު ހިފައިގެން ވެސް ބާރުވެރިކަން ހޯދަން އުޅޭ ކަމުގެ ވެސް ތުހުމަތެވެ.
އެމްޑީޕީ ތެރޭގައި އުފެދިގެން މި އުޅޭ ވާދަވެރިކަމުގެ ފަހަތުގައި އޮތީ 2023 ގެ ރިޔާސީ އިންތިހާބެވެ. މިއީ ސާފުކޮށް ތިލަވެފައި އޮތް މަންޒަރެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް ކުރިމަތި ލައްވާނެ ކަން ގާތް ބޭފުޅުންގެ ވާހަކަތަކުން ބެލެވޭ އިރު ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އޮތީ އިއުލާން ކުރައްވައިފަ އެވެ.
ޕާޓީގެ ކޮންޓްރޯލް، ޗެއާޕާސަން ކަމަށް ކެމްޕޭންކުރާ ދެ ފެކްޝަނަށް ވެސް އެހާ މުހިއްމުވާ އެއް ސަބަބަކަށް ވަނީ މިކަމެވެ. އެކަމަކު ޕާޓީ މިހާރު އޮތް ހިސާބަށް ދިއުން މިކަމާ ނުގުޅުވައި ދައްކަނީ އެއް ބަޔަކު އަނެއް ބައެއްގެ ގޯސްތަކެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ގަޕޯ ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ވިދާޅުވަނީ މި ކެމްޕޭނުގައި މާ "ބޮޑުވަރުވެއްޖެ" ކަމަށް. -- ފޮޓޯ/ މިހާރު
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު (ގަޕޯ) ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅުން ބޭނުންވާ ގޮތަށް ވޯޓުދޭ ހިސާބަށް ގެންދިއުމަކީ "ތަންކޮޅެއް ބޮޑުވަރެ"ވެ.
އޭނާ އަށް ގަބޫލު ނުކުރެއްވެނީ އެމްޑީޕީގެ ސަރުކާރެއް އޮވެމެ މަޖިލީހާއި ޕާޓީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ކުރިމަތިކުރާ ފިއްތުންތަކެވެ. ރައީސަކު ހޮވީ އެންމެންގެ ވޯޓުން ކަން ފާހަގަކުރައްވައި ވިދާޅުވީ ދައުރުގެ ވަކި ހިސާބަކުން އެކަން ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ވެސް ވަކި ބަޔަކު ބޭނުންވާ ހުރިހާ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ އަކަށް ހުރިހާ ކަމެއް ވަރިހަމަވެގެން ހުންނެވުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. މައްސަލަތައް ޖެހެން ފެށީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ ފުރުސަތު ނުލިބެން ފެށުމުންނެވެ.
މި މައްސަލަ މި އިންތިހާބާ ހަމައަށް ބޮޑުވެފައި އޮތް އިރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 65 މެމްބަރުންގެ ތެރެއިން އަޣުލަބިއްޔަތަކީ ޕާޓީގެ ވިސްނުމުގައި މަސައްކަތް ކުރައްވާ ބައެއް ނޫން ކަމަށް ދައްކަން އުޅޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ކަންކަން އޭގެ ޒާތުގައި ދާ ގޮތް ފެނުނީމާ އެއް ބަޔަކަށް ހަޖަމް ނުކުރެވެނީ. އެގޮތް އެއީ ރަނގަޅު ގޮތް ވެއްޖިއްޔާ ތިމަންނާގެ ބާރު އެއަކަށް ނުފޯރާނެއޭ ހިތާ ބައިވަރު ކަންކަން ކުރަން ބޭނުންވަނީ. އެއީ އަސްލު މައްސަލައަކީ," ގަޕޯ ވިދާޅުވި އެވެ.
"ވަކި މީހަކަށް ވީތީ ޕާޓީގެ ހުރިހާ ކަމެއް އޭނަ އަށް ދީފައި އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ ބަޔަކު ވެސް އެބަތިބި."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިފާއުކުރައްވައި ގަޕޯގެ ފާޅުވިދާޅުވުން އަމާޒުކުރެއްވީ އެމްޑީޕީގެ ރައީސް ނަޝީދާއި އެ މަނިކުފާނާ އެކު ތިއްބެވި މެމްބަރުންނަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އިންތި ވާހަކަ ދައްކަވަނީ.-- ފޮޓޯ/ މިހާރު
ގަޕޯ ވިދާޅުވި ގޮތުގައި އެމްޑީޕީ ހިނގަމުން އައި ގޮތް ވޭތުވެދިޔަ އިންތިހާބުތަކުގައި އާއްމު މެމްބަރުންގެ ވޯޓާ އެކު ވަރަށް ބޮޑަށް ބަދަލުކޮށްފި އެވެ. ފަހުން ނެގި ގައުމީ މަޖިލީސް ވޯޓާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަޝިޕް ވޯޓުގައި ވެސް ނަޝީދުގެ މައްޗަށް ކުރި ލިބިވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަން ގަޕޯ ފާހަގަކުރެއްވި އެވެ.
ދެން ވިދާޅުވީ އެ ހަގީގަތް ގަބޫލުކުރަން ވެއްޖެ ކަމަށެވެ. ދެ ލީޑަރުންނަށް އެއްފަހަރާ ވެރިކަން ނުކުރެއްވޭނެ ކަމަށާއި އެއް ބޭފުޅަކު ދޫދެއްވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދާ އެކު ތިއްބެވި މެމްބަރުން މި ވާހަކަ ގަބޫލެއް ނުކުރައްވަ އެވެ. އެމްޑީޕީގެ ސަރުކާރަކަސް ބަސް ބުނެ އަޑު އުފުލަން ޖެހެނީ ޕާޓީ އުފެއްދި އަސާސްތަކާ މުޅިން ފެއަށް ސަރުކާރު ހިންގައި އެމްޑީޕީން ދެކޮޅު ހަދައި ވަކާލާތުކުރި ކަންކަން ވަރިހަމަ ކޮށްފައިވާތީ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ. އެ މީހުން ދައްކަނީ އެމްޑީޕީގެ ވެރިކަމުގައި އޮވެ ޕާޓީގެ މެނިފެސްޓޯ ސަރުކާރުން ތަންފީޒު ނުކުރާ ކަމުގެ ކަންބޮޑުވުންތަކެވެ.
އެމްޑީޕީން މި ގައުމުން ނައްތާލަން ވަކާލާތުކުރި ކަންކަން މި ސަރުކާރުގައި އިޔާދަވާތީ އެ ވާހަކަ ކަމަށް ވެސް މެމްބަރުން ވިދާޅުވެ އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕޭނުގައި އަދި ކުރިން ވެސް ފާޅުކުރަމުން އައީ އެމްޑީޕީގެ އާއްމު މެމްބަރުންގެ ހުރި ކަންބޮޑުވުންތައް ކަމަށެވެ. ބަލައި ނުގަނެވޭނެ ކަމަށް ބުނާ ވާހަކަ ތަކެވެ. ޕާޓީން ނުވަތަ ޕާޓީގެ ސަރުކާރަކުން ރަނގަޅު ކުރަން އެދޭ ކަންކަމެވެ.
އިންތިގެ ކެމްޕޭން ޖަލްސާއެއްގައި ހަސަން ވާހަކަ ދައްކަވަނީ: ކެމްޕޭންގައި އިންތިގެ ޓީމުން ދައްކަވަނީ އާއްމު މެމްބަރުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ކަމަށް ވިދާޅުވި.
އާއްމު މެމްބަރުންގެ ވިސްނުނަތަކާ އެކު މަސައްކަތް ކުރައްވާފައިވާ އިންތިގެ ކެމްޕޭނުގެ މުޅި ވިސްނުމާއި ފިކުރަކީ އާއްމު މެމްބަރުން ޕާޓީ ބާއްވަން އެދޭ ގޮތް ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް ވެންޓިލޭޓަރުގެ ކަންތައް ނުބެލި އޮންނަ އޮތުމާ މެދު ކަންބޮޑުވެގެން ހާއްސަކޮށް ސަރުކާރު އެކަމާ ނޫޅޭކަން އަޅުގަނޑުމެންނަށް ފާހަގަކޮށްދެނީ އާއްމު މެމްބަރުން. އެމްޑީޕީ ވެރިކަމަށް 2018 ގައި އައީ ވަރަށް ބައިވަރު ކަންކަން ކުރާނެ ކަމަށް ވައުދުވެގެން. ޖުމްލަކޮށް ދަންނަވަންޏާ ކޮރަޕްޝަނާއި އިންސާފު ގާއިމްކޮށްދިނުން ފަދަ ބައިވަރު އެތައް މަސައްކަތެއް ކޮށްދޭނެ ކަމަށް އަޅުގަނޑުމެން ބުނީމަ ދިން ވޯޓަކުން ސަރުކާރު އުފެދިފައި އޮތީ،" ހަސަން ވިދާޅުވި އެވެ.
"މިހެން މި ކަން ވެފައި އޮއްވައި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް މި ކަންކަމުގެ ވާހަކަ ދައްކަން މި ކަންކަން ކުރަން އުޅޭ މެމްބަރުން ވަރަށް މަދުވެއްޖެ. އެކަން ފާހަގަވާނެ އިނގޭތޯ ޕާޓީގެ އާއްމު މެމްބަރުންނަށް."
ހަސަން ވިދާޅުވި ގޮތުގައި އާއްމު މެމްބަރުން ބޭނުންވާ ކަންކަމުގެ ވާހަކަ ދެއްކުމަކީ މީހެއްގެ ބޮލުގައި ބަދުނާމު އެޅުވުމެއް ނޫނެވެ.
"އަޅުގަނޑުމެން މިދައްކާ ވާހަކައަކީ ހިނގާށޭ މި މައްސަލަތައް ބަލަން ރަނގަޅަށް. މި ކަން ކޮށްފައި ތިބި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަން ހިނގާށޭ. އެއީއޭ އަޅުގަނޑުމެންނަށް 2023 ވެސް ކާމިޔާބު ކުރެވެނެ އޮތް ގޮތަކީ. އަޅާނުލައި ތިބެގެން އިންތިހާބަށް ގޮސް އަޅުގަނޑުމެން ބަލިވާތަން ފެންނާތީ ރަނގަޅު ކުރަން ޖެހޭ ވާހަކަ ދައްކަނީ. އެ ވާހަކަ ދެއްކީމާ ރުޅި އަންނަ ކމަށް ވަންޏާ އެއީ ވަރަށް ދެރަ ކަމެއް." ހަސަން ވިދާޅުވި އެވެ.
ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރައްވާނީ އިންތި ކަމަށާއި ކެމްޕޭނުގައި މުޅި އަމާޒަކީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވައިގެން ގޮސް 2023 ކާމިޔާބު ކުރުން ކަމަށް ހަސަން ވިދާޅުވި އެވެ. އެ ހިސާބަށް ވެސް އެމްޑީޕީގެ އަސާސީ ކަންކަން ދޫނުކޮށްލައި ހިފަހައްޓަން ވަކާލާތު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މި ޕާޓީ އިންތި އަށް އެއް ނުކުރެވޭ ހިސާބަކަށް ދިޔަ ތަނެއް އަޅުގަނޑަކަށެއް ނުފެނޭ. މިސާލެއްގެ ގޮތުން ވޭތުވެދިޔަ ފަސް އަހަރު އަޅުގަނޑު ޗެއާޕާސަނަކަށް ހުރިއިރު ވެސް ޕާޓީގެ ނިންމުންތައް ނިންމާފައި ހުންނާނީ އިންތިގެ މަޝްވަރާއާ ވެސް އެކީގައި. އިންތިގެ ހިޔާލާއި ލަފަޔާ ވެސް އެކުގައި."
ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒްގެ ކެމްޕޭން މެނޭޖަރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެ ޓީމުން ޕާޓީގެ މެމްބަރުންނަށް ފާޑުކިޔައި އިލްޒާމް އަޅުވަމުން ނުދާ ކަމަށެވެ. މުޅިން ވެސް ދައްކަނީ އެމްޑީޕީ "ހިންގަން" ޖެހިފައި އޮތް ވާހަކަ ކަމަށާއި އެ ކަމަށް ފައްޔާޒް ގެންގުޅުއްވާ ވިސްނުންތަކުގެ ވާހަކަ ކަމަށެވެ.
ފައްޔާޒް އާ އެކު ކެމްޕޭން ޖަލްސާއެއްގައި އިބުރޭ: އޭނާ ވިދާޅުވަނީ ފާޑުކިޔައި ކެމްޕޭން ކުރަން ބޭނުން ނުވާ ކަމަށާއި ދައްކަނީ ޕާޓީ އާއި ގައުމަށް ކޮށްދޭ ކަންކަމުގެ ވާހަކަ ކަމަށް.
"ޕާޓީގެ މެމްބަޝިޕް އިތުރުކުރުމާއި އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީ ހިންގުމާއި ގޮފިތައް ހަރުދަނާ ކުރުމާއި ޕާޓީއަށް ލިބޭ ފައިސާ ގޮފިތަކަށް ބެހުމާއި ޖަގަހަތައް ހުޅުވުމާއި ޒުވާނުންނަށް ފުރުސަތު ދިނުމާއި އެންމެންގެ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހަދައި 2023 މި ޕާޓީއަށް ކާމިޔާބު ކުރުމުގެ ވިސްނުންތަކުގެ ވާހަކަ" އިބްރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ މި އިސްލާހުތައް ގެނެވޭނީ ފައްޔާޒަށް ކަން އާއްމު މެމްބަރުން ގަބޫލުކުރެ އެވެ. ނޫން ނަމަ މިހާ ދުވަސް ވި އިރު ޕާޓީ އޮންނާނީ އެ ބަދަލުތަކާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"މި ކެމްޕޭނުގައި ވެސް އަޅުގަނޑުމެން މިތިބީ ކައިރިވެވޭ ވަރުގައި," ސުލްހަވެރި ކެމްޕޭނަކުން ވޯޓާ ހިސާބަށް ދާން ބޭނުންވާ ކަން ފާހަގަކުރައްވައި އިބުރޭ ވިދާޅުވި އެވެ.
ފައްޔާޒަށް ތާއީދު ކުރައްވާ އަސްލަމް ދެކެވަޑައިގަންނަވާ ގޮތުގައި ޕާޓީ އިސްލާހު ވާން ޖެހެ އެވެ. އެ ބަދަލު ޒަމާނުއްސުރެ ނުގެނެވި އޮތަސް މިހާރު އޮތީ ވަގުތު ޖެހިފަ އެވެ. އެ ކަމުގައި ވަކި ކެންޑިޑޭޓެއްގެ ފަހަތަށް އަރާ ތިބި އެންމެންނަކީ ޕާޓީ އަށް އިހްލާސްތެރި ނޫން ނަމަ އިސްލާހަށް މަސައްކަތް ނުކުރާ މީހެއްގެ ޓެގު އެޅުވުން ވެސް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވެ އެވެ.
"ވަކި މީހަކަށް ތާއީދުކޮށް, ވަކި މީހަކު ވިދާޅުވާ ގޮތް ހަދާ އެންމެން ބޯވައަކަށް ނުވޭ. ދެން ތިބީ ހުސް ބޯވައިން ކަމަށް ވަނީ," އަސްލަމް ވިދާޅުވި އެވެ.
އެ އިލްޒާމު ނޭޅުވޭނެ ކަމަށާއި ޕާޓީއަށް އަލަށް ގުޅޭ ކޮންމެ މީހަކު ބަލަން ޖެހޭނީ މެމްބަރެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ވެރިކަމުގައި އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދުން މައްސަލައެއްގެ ގޮތުގައި ނަގައި ސަރުކާރަށް ފާޑުކިޔާއިރު, އަސްލަމް ވިދާޅުވި ގޮތުގައި, ކޯލިޝަން ނުހަދައި އެމްޑީޕީ އެކަނި ވެރިކަން ލިބޭ ވަރެއް އަދި ނުވެ އެވެ.
ކެމްޕޭނުގައި އެމްޑީޕީގެ ދެ ފެކްޝަނުގެ އަރައިރުން މިހާ ބޮޑުވެފައި އޮތަސް 2023 އަށް އެމްޑީޕީ ނުކުންނާނީ އެކުގައި ކަމަށް ގިނަ މެމްބަރުން ގަބޫލުކުރައްވަ އެވެ. ގާތް ނުވެވޭ ވަރަށް ދުރުވެއްޖެ ކަމަށް ދެކެން ބޭނުން ނުވާ މެމްބަރުންތަކެއް އެބަތިއްބެވި އެވެ.
ހަސަން ވެސް ވިދާޅުވީ އިންތިހާބުގެ ޖޯޝާއި ފޯރީގައި ވާހަކަ ދެއްކުމަކީ އެމްޑީޕީގައި އަބަދުވެސް ހިނގާފައި އޮތް ކަމެކެވެ. އަލުން އަނބުރާ ވެރިކަމަށް ނާދެވޭނެ ގޮތަށް ޕާޓީގެ މެމްބަރުން އެއްވެސް ކަމެއް ކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
"އިންތިހާބު ނިމުނީމާ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮންނަން ބޭނުން ނުވާނެ މެމްބަރުންނެއް ނުތިބޭނެ. އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ އެހެން އެކަން ވާނެ ކަމަކަށް. އަދި އެކަން ކުރާކަށް ފުރުސަތެއް ނުވެސް ދެއްވާނެ އިންތިއެއް،" ހަސަން ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އަލީ ނިޔާޒް ބައިވެރިވެވަޑައިގަންނަވަނީ: ގައުމީ އިންތިހާބަކަށް ދާ އިރު އެމްޑީޕީ އޮންނާނީ އެކީގައި ކަަމަށް ދެކެވަޑައިގަންނަވާ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް (ނިޔާ) ގަބޫލުކުރައްވާ ގޮތުގައި އިންތިހާބަށް ފަހު އެމްޑީޕީ އޮންނާނީ އެކަތިގަނޑެއްގެ ގޮތުގަ އެވެ. ކެމްޕޭންގެ ވާދަވެރިކަން އިންތިހާބާ އެކު ނިމޭނެ އެވެ.
"މިހާ ބޮޑު, 94,000 މެމްބަރުން ހިމެނޭ ޕާޓީއެއްގެ އިންތިހާބެއް މި ދަނީ. އެއް ހިޔާލަކަށް އެއް ފިކުރަކަށް އެއް ލީޑަރެއްގެ ފަހަތުގައި ނުތިބެދާނެ މެމްބަރުން," ނިޔާ ވިދާޅުވި އެވެ.
ތަފާތު އެކި ޕާޓީތަކުގައި އޮންނަ ވާދަވެރިކަމުގެ ތެރެއިން ވެސް ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރެވޭ އުސޫލު އެމްޑީޕީގެ ތެރޭގައި ނުހިނގާނެ ސަބަބެއް އޮތް ކަމަކަށް ވެސް އޭނާއަށް ގަބޫލެއް ނުކުރެއްވެ އެވެ.
"އެހެން ޕާޓީތަކުގެ ލީޑަރުންނާ ވާހަކަ ދައްކައިގެން ވެސް އަޅުގަނޑުމެންނަށް ކަންކަން ހައްލުކުރެވޭ. އެހެންވީމާ ސިޔާސީ ގޮތުން އެހާ ތަސައްރަފް ފުދިފައި ތިބޭ ބައެއް އަޅުގަނޑުމެންގެ ލީޑަރުންނަކީ،" އޭނާ ވިދާޅުވި އެވެ.
ނިޔާ ދެން އެދިވަޑައިގަތީ ގައުމީ އިންތިހާބަކަށް ދާއިރު އެމްޑީޕީ އޮންނަ ގޮތް ބެލުމަށެވެ. މިސާލެއްގެ ގޮތުން ދެއްކެވީ ކޮމަންޑޫގެ އިންތިހާބެވެ. އެ އިންތިހާބު ކާމިޔާބު ކުރަން ނުކުތީ އެމްޑީޕީ އެކުގައި ކަން ފާހަގަކުރެއްވި އެވެ. ގައުމީ އިންތިހާބަކަށް ދެން ދާއިރު ވެސް އެމްޑީޕީ އޮންނާނީ އެހެން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (ވ-2) ކުރީގެ ރައީސް ނަޝީދު (ކ-2) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ
ނިޔާ މިހެން ވިދާޅުވި ނަމަވެސް ގަޕޯގެ ވިސްނުން ތަފާތެވެ.
ސަރުކާރާއި ޕާޓީ ނުހިނގާ ކަމަށް އެއް ބަޔަކު އަނެއް ބަޔަކަށް އިލްޒާމް އެޅުވުމަށް ފަހު ގައުމި އިންތިހާބަކަށް ދާ އިރު ވެސް އެކައްޗެއް ކިޔައި އެކުގައި މަސައްކަތް ކުރަން އުނދަގޫވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އުނދަގޫވާނެ. އެކީގައި މަސައްކަތް ކުރެވުން ހަމަ ވަރަށް ނާދިރު ކަމެއް. މިހާރު ބޯޑަރު ހުރަސްކޮށް މާބޮޑަށް ނުކުމެގެން އެ ދަނީ. މީހުންނާ ރުޅިވާން ވެސް ޖެހޭނީ ރައްޓެހިވާން ވެއްޖިއްޔާ އެކަން ވެސް ކުރެވޭ ވަރަށް. އެ އަށް ވުރެ މާބޮޑަށް ފަހަނައަޅައި މި ދަނީ އެމްޑީޕީ," އޭނާ ވިދާޅުވި އެވެ.
"މި ކަންކަން ނިމިގެން އަލުން އެއް މޭޒު ދޮށަށް އަރައި ވާހަކަ ދެއްކުން އެއީ އުނދަގޫ ކަމަކަށް ވާނީ. ދެން މޮޅުވާ ކޮޅަކަށް އެންމެން ވެސް އަރާނެ. އެކަމަކު ހަނދާން ނައްތާލާފައެއް ނޫން އެންމެން އަރާ އެއްކޮށް މަސައްކަތް ކުރިއަސް ކުރާނީ. ޕާޓީ ތެރޭގައި އެ މައްސަލަ އޮންނާނެ."
އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ފެށުމަށް ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް
ގަޕޯ ވިދާޅުވި ގޮތުގައި މި ފަހުން އެމްޑީޕީގެ "އޮޑި މިސްރާބު" ހިފާފައި ވަނީ އާއްމު މެމްބަރުން ބޭނުންވާ ގޮތަށެވެ. އާއްމު މެމްބަރުން ތިބީ އެގޮތުގައި ޕާޓީ ހިންގާލަން ތައްޔާރަށް ކަމަށް އިންތިހާބުގައި ފައްޔާޒަށް ތާއީދު ކުރައްވާ އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކެމްޕޭންތައް ވާދަވެރިވާން ޖެހެ އެވެ. އޭގެ މާނައަކީ އެކަކު އަނެކަކުގެ އަބުރު ކަތިލައި އަލުން އިސް އުފުލާލައި ބަލާލަން ނުކެރޭވަރަށް އެއްޗެހި ގޮވުން ނޫން ކަން އެމްޑީޕީގެ މެމްބަރުންނަށް ވިސްނައި ދެއްވަން އަސްލަމް މަސައްކަތް ކުރެއްވީ އެމްޑީޕީ އަށް ކުރިއަށް އޮތް އިމްތިހާންތަކެއްގެ ބޮޑުކަމުންނެވެ.
"އޭރުން އެދެވެނީ އަލުން އަނބުރާ މަސައްކަތް ނުކުރެވޭ ވަރަށް ދުރަށް. ހިތްހަމަނުޖެހޭ ނުވަތަ ދެކޮޅަށް ތިބޭ ނަމަ ވެސް ތިބެން ޖެހޭނީ އަލުން އަނބުރާ އެކުގައި މަސައްކަތް ކުރެވޭ ހިސާބުގައި," އޭނާ ވިދާޅުވި އެވެ.
އެކަމަކު ތިބެން އެ ވިދާޅުވާ ރޮނގު ފަހަނައަޅައިފި އެވެ: ސުވާލު އުފެދިފައި އޮތީ އެމްޑީޕީގެ މި ހޫނާއި މި ބައިބައިވުމުގެ މިސްރާބު 2023 ގައި ފެންނާނެ ގޮތަކާ މެދުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަނީނީ
06 May 2022
ޤުދުރަތީ ޤާނޫނުގައި އެއެއްޗެއް ހަލާކުވާފަނި އަޅަނީ އެއެއްޗެއްގެ ތެރެއިންނެވެ. ރައީސް ނަޝީދު އެކިކަންކަމުގެތެރެއަށް ފަނިވައްދާވާހަކަ ދައްކަވައެވެ. ތިއޮތީ ތިޕާޓީގެތެރޭގައި ޤުދުރަތީގޮތުން ފަނިއަޅާފައެވެ. ފަނިއަޅުވާމީހުންގެތެރޭގައި ފަނިއެޅީމަ ވާނެގޮތް ވިސްނާލަބަލީމަ އެނގޭނެއެވެ. މާގިނަދުވަހެއްނުވެ، ވާގޮތް އެނގިދާނެތާއެވެ.
މައިކަލް
05 May 2022
ނަޝީދު އިބޫ އަކީ ޗޮއިސްއެއް ނޫން. ބޭނުމީ އާމޫނެއް
ވަހީދުބެ
20 April 2022
ކެނެރީ ތަރި އަސުރުން ތިރިވެ އޮށްސެނީ އެވެ.
އޮނަރަބްލް އަފީފު ދީދީ
20 April 2022
މަޖިލީހުގައިހޭދަކުރި 15 އަހަރުގެދައުރުގައި އައްޑުއަށް ކަމެއްކޮށްނުދެވުނުތާގައި ހުށަހެޅިޤާނޫނެއް އަދި މަޖިލީހުގައިދެއްކި އޮތްޓަރުހުރިވާހަކައެއްނެތް މީހަކު ލަދުގަންނާންޖެހޭނެ ތިކަހަލައެއްޗެހި ކިޔަން. # އަސްލަމަކީ އަބަދުވެސް މަޑުމައިތިރިކޮށް ހުރިކަމުގައިވިޔަސް މަކަރުވެރިކަމުގެތެރެއިން މީހުނަށް އެހެން ސިފަ ދައްކައިގެން އައްޑޫ ގޮނޑިއެއް 3 ދައުރު ހޯދިމީހެއް. އަދި ޔާމީނުގެ ނައިބް އަދީބުގެ މަދަދު ބޮޑުތަނުން ލިބުނު ފަރާތެއް. މިޙަޤީގަތް ބަދަލު ނުކުރެވޭނެ.
ޙެހެހެ
19 April 2022
އެމްޑީޕީއަކީ ރާއްޖޭގަ އެންމެ ދުވަސްވީ އެންމެ ޑިމޮކްރަޓިކް ޕާޓީ! އެމްޑީޕީ ތެރޭ އަބަދުވެސް ދެބަސްވުން ތަކާއި ޒުވާބުވެސް އޮވޭ! އެތެރޭގެ އިންތިހާބު ތަކުގައި ވާދަވެރިކަން އަބަދުވެސް ބޮޑު! އެކަމު، އޭގެ މާނައަކީ އެމްޑީޕީ ފުނޑެނީއެކޭ ނޫން! ޑިމޮކްރަސީ ނުދަންނަ މީހުން އަބަދުވެސް އެމްޑީޕީ ފުނޑެނީއޭ ކިޔާ! އެއީ އެމްޑީޕީ އަށް އާކަމެއް ނޫން! އެމްޑީޕީގެ މެންބަރުންނަށް އިނގޭނެ ޖެހޭ މައްސަލަތައް ހައްލު ކުރަންވެސް!
ރުޅިގަދަ އާބިދު
18 April 2022
ފައްޔާޒުގެ ކެމްޕޭނު މެނޭޖަރަކަށް ހުންނަނީ އެޑިއުކޭޝަން މިނިސްޓްރީ ގައި ވަޒީފާ އަދާކުރަމުންދިޔައިރު ލެޕްޓޮޕެއް ވަގަށް ނަގައިގެން ހުކުމްކުރި މީހެއް. ވެންޓިލޭޓަރު މައްސަލާގައި ހިމެނޭ ބައެއް މީހުން ވެސް ފޮޓޯތަކުން އެބަފެނޭ
ހިންގާލަން
19 April 2022
މަބުނީ ހަސަންކޮގެ ބޯވަ ކަމާއި ޝިއްޕެގެ ކީބޯޑު ވާހަކަޔާ ހޯރައިއްބެ ދޫކުރަން ބަންދުކުރި ގޯޅި ގެއިން އައި ފޯނުކޯލާ ކުރީގެ ރައީސަކު ބަންދުން ވީއްލުމަށް ގާނޫނު އަސާސީ ބަދަލުކޮށް ބޭރުމީހުނަށް ބިންވިއްކަން އެެއްބަސްވެ އަންބޮނޑިއަށް ހޭރިޔާކޮށްލި ކަޅު ދަބަސްތަކުގެ ވާހަކަ ނުދައްކާނަން؟؟!! އިރެއްގަ ވިޕާ ޚިލާފުވީމަ ޕާޓީން ބޭރު! މިހާރު މަހާ ވަގު ޔާންޓޭވެސް ހަމަ އޯކޭ!؟؟؟
ވާންހުރި
18 April 2022
އެއްވެސްކަމެއް މިދުނިޔޭގައި ތާއަބަދަކަށް ދެމިގެނެއް ނުދޭ. ތިޔަ ހޫނުގަނޑުވެސް މަޑުވާނެ. އެއްބައިވާނެ. އަދި ޕާޓީވެސް ކޮންމެސް ދުވަހަކުން ރޫޅޭނެ. އަދި އުވޭނެ. އެހެން ޕާޓީތައްވެސް އުވޭނެ
ބޮޑުމީހާ
18 April 2022
އެމްޑީޕީ ވޯޓާއި ރައްޔިތުންނޭ ކިޔައިގެން ލަދުގަންނަންޖެހޭ. ޚާއްސަކޮށް ވެރިކަމުގަ ހުރި ސްލޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލާން ވިސްނާލާއިރު ފުރަތަމަ ދައުރުގަ ވީ ވައުދުތައް ފުއްދުނުވަރެއްވެސް ބަލާލަންޖެހޭ. ރައްޔިތުން އިބޫއަށް ވޯޓްދިނީ ނަހުލާ އިމްރާން ކަހަލަ މީހުންނަށް ވަޒީރުކަންދޭކަށް ނޫން. ގައުމީ މައްސަލަތައް ހައްލުކުރަން. ހުދު ޕާޓީ މީހުން އެކިޔަނީ ފެއިލްވެއްޖޭ...
ޟަޒްނާ
18 April 2022
ޕާޓީ ފުނޑާލަން ކުރާ ކަންކަން ހުއްޓުވާން ޖެހޭ. ޢިންތިހާބު ކައިރިވީމާ މެމްބަރުން އިތުރު ކޮށް ވޯޓަަށް ނުފޫޒު ފޯރުވާ. މިކަންކަން ހުއްޓުވަ ޕާޓީއަށް ވަފާތެރި މެމްބަރުން ހޯދަން ޖެހޭ. ސަރުކާރުގެ ބާރާ ނުފޫޒު އޮތީމާ އޭގެ ފައިދާ ވާ މީހުން ތިބޭނީ ސާރުކާރުފަޅީގަ. ޥަޒީފާ، ކުލިނުކު ހިންގަން ބިން، ރިޒޯޓް ހަދަން ފަޅު ރަށް 6 މިލިއަންރުފިޔާ އަށް ގަންނަން ލިބުން. ސިއްރިއްޔާތުގައި ލިބޭ ފައިދާ ކިހާ ބޮޑުވާނެ.
އަލީމާ
18 April 2022
މީހާދަ ފައްކާ ބައެކޭ!!