ޚަބަރު / އާޒިމާ ޝަކޫރު

އާޒިމާއަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ: ހައި ކޯޓް

މިއަދުގެ އަޑުއެހުމުގައި އާޒިމާ އޭނާގެ ވަކީލުންނާ އެކު: އޭނާއަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާކުރަން މަގުފަހިކޮށް ދިން ކަމަށް ބުނެ އާޒިމާގެ މައްޗަށް ކުރާ މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު އޮތީ ނިންމައިފަ އެވެ.

އެ މައްސަލަ އާޒިމާގެ ފަރާތުން އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ނިންމުން ދެމެހެއްޓީ ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

ހައި ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އާޒިމާގެ ފަރާތުން ފާހަގަކުރި ކަންކަމަކީ ދަށު ކޯޓުން ބަލާ އަސްލު މައްސަލާގެ ތެރެއިން ގޮތެއް ނިންމަންޖެހޭ ކަންކަން ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ މަދަނީ މިންގަނޑުން ނިންމާ ނިންމުންތައް އިސްތިއުނާފް މަރުހަލާގައި ވަޒަން ކުރަން ޖެހޭނީ މައްސަލާގެ އެންމެ ފުނަށް ހެކި ވަޒަންކޮށްގެން ނޫން ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާތީ އެވެ.

އިސްތިއުނާފް ކުރެވޭނެކަމާ މެދު ރައުޔު ތަފާތު

މި މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ އާޒިމާ ހުށަހެޅުއްވި އެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ. އެއީ ދައުލަތުން ނަގާފައިވާ އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ. އެހެންވެ، ކްރިމިނަލް ކޯޓުގެ ނިންމުމުގެ ސައްހަކަމާ މެދު މެދު ފަނޑިޔާރު ޝަފީއު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ދައުލަތުން އިޖްރާއީ ނުކުތާއެއް ނެގީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވާ ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެ ކަމަށް ހައި ކޯޓުގެ ކުރީގެ ނިންމުމެއްގައި އޮތުމުންނެވެ.

އާޒިމާގެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު ޝަފީއު -- ފޮޓޯ/މިހާރު

ފަނޑިޔާރު ޝަފީއުގެ ރައުޔަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެތީ އެ މައްސަލަ ބޭރުކޮށްލަންޖެހޭ ކަމަށެވެ. އެއީ ގާނޫނު އޮތްގޮތުން އިސްތިއުނާފް ކުރެވޭނީ ހުކުމްތަކާއި އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް އެކަނި ކަމަށްވާތީ އޭނާ ދެކެވަޑައިގަންނަވަ އެވެ.

ގާނޫނުގައި އެގޮތަށް އޮތީ ކޯޓުގެ ކޮންމެ ކޮންމެ ނިންމުމެއް އިސްތިއުނާފް ކުރެވޭ ނަމަ، އަސްލު މައްސަލަ ނުނިމި އިންސާފު ލަސްވެގެން ހިނގައިދާނެތީ ކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ.

މި ނުކުތާގައި ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ހައި ކޯޓުގެ އެ ނިންމުން އެގޮތަށް އޮތަސް، މަދަނީ މިންގަނޑުން ކުރިއަށް ގެންދަން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރެވޭނެ ކަމަށެވެ. ސަބަބެއް ގޮތުގައި ދެ ފަނޑިޔާރުން ދެއްކެވީ އެފަދަ މައްސަލައެއް އިސްތިއުނާފް ކުރުމުގެ ހުއްދަ ދޭން ސުޕްރީމް ކޯޓުން ނިންމާފައިވާތީ އެ ނިންމުމެވެ.

އެކަމަކު ފަނޑިޔާރު ޝަފީއު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ މި ނުކުތާގެ އެންމެ ފުނަށް ބަލައިގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ. އެއީ އެ ނިންމުން ނިންމީ އަޑުއެހުމެއް ބޭއްވުމަށްފަހު ނުވަތަ ދެ ފަރާތުން އެކަމާ މެދު ފުޅާކޮށް ބަހުސް ކުރުމަށްފަހު ކަމަށް ނުވާތީ އެވެ. އަދި މަތީ ކޯޓުތަކުގެ ކޮންމެ ނިންމުމަކީ ދަށު ކޯޓުތަކުން ތަބާވާން ޖެހޭ ނިންމުންތަކެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމަކާ ހަވާލާ ދެއްވައި، ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

21 April 2022

ހަދާނަށް އަންނަނީ ޔާމީނުގެ ވެރިކަމުގައި އިދިކޮޅު ލީޑަރުން ދޫކޮށްލުމަށް ސްޕްރީމް ކޯޓުން ކުރިއަމުރަށް ސަރުކާރުން ތަބާނުވުމުން ޤާނޫނީ ވަކީލު މައުމޫނު ޙަމީދު އެކަމަށް ފާޑުވިދާޅުވާތީ، މަޝްހޫރު ހިސާބު އިލްމުވެރިޔާ އަދި މިހާރު ޕީއެންސީގެ ލީޑަރ ވިދާޅުވި ވާހަކައެއް. # އެދުވަހު އޭނާ ވިދާޅުވީ މައުމޫނު ޙަމީދަށްވުރެން "އާޒިމާ އާއި އަނިލް ޤާނޫނުއަސާސީއަށް މާ މޮޅު" ކަމަށް. ކިމް ޖޮންގ އުން އެ ޤައުމުގެ ޤާނޫނުއަސާސީއަށް ކިހާ ފަރުތަކަން އަދުރޭއަށް އިގޭނެބާ؟!

The name is already taken The name is available. Register?

ފަހަތަށްއެޅި ފިޔަވަޅު

20 April 2022

މައްސަލަ ބެލޭނެކަމަށް ކުރިމިނަލް ކޯޓުން ނިންމާ ނިންމުން، އެ މައްސަލަޔެއް އެއްކޮށް ބަލަެި ނިމުމުގެ ކުރިން ހައިކޯޓައި ސުޕްރީމް ކޯޓަށް ހުށަހެޅެގޮތް މިއޮތީ ހަދާފަ. ކުރިޔަށް ހުރި މައްސަލަތައް ކުރިމިނަލް ކޯޓުން ފައިސަލާކޮށް ޙުކުމް ކުރުމަށް މިއޮތީ ބޮޑު ހުރަހެއް ކުރިމަތިވެފަ. ޙުޅުވިގެ މިދިޔަ ދޮރުގެ ސަބަބުން ދަށުކޯޓުތަކުން ޖިނާއީ މައްސައެއްގައި ޙުކުމާއި ހަމައަށް ދާން ދިގު މުއްދަތެއް އަހަރުތަކެއް ނަގާނެކަމަށް ބެލެވޭ.

The name is already taken The name is available. Register?

ބޮކި

20 April 2022

މިހާރު ހުންނާނީ ރާކަނިމަސްކެވިފަ !!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454