ސައުދި އަރަބިއްޔާ އިން މި އަހަރު ރާއްޖެ އަށް ހަދިޔާކުރި ކަދުރު ދިވެހި ސަރުކާރާ ހަވާލުކުރުމަށް މެއި 12، 2022 ގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީ އާއި ސައުދީ އެމްބަސީގެ އިސްވެރިން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
18 މެއި 2022 - 11:34
ސައުދީ އަރަބިއްޔާ އިން މިދިޔަ ރޯދަ މަހަށް ރާއްޖެ އަށް ހަދިޔާކުރި ކަދުރު އާންމުކޮށް ބަހަނީ ފަގީރުންނަށް ކަދުރު ދިނުމަށް ފަހު ކަމަށާއި އޭރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕެކެޓް ކަދުރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިދިޔަ ހޯމަ ދުވަހުން ފެށިގެން ކަދުރު ބަހަމުން އަންނަނީ ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އިސްކަންދީގެން، ކޮންމެ ގޭބިސީއަކަށް ޕެކެޓެއް ދޭ އުސޫލުން ކަމަށެވެ.
އެ މިނިސްޓްރީން މި އަހަރު އަލަށް އެކުލަވާލައި، އާންމުކުރި ފަގީރުންގެ ލިސްޓުގައި 9،041 މީހެއް ހިމެނެ އެވެ.
ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށް ފަހު ބާކީވާ ކަދުރު ބަހާނީ އެންމެ ފުރަތަމަ ދާ މީހުންނަށް އިސްކަންދޭ އުސޫލުން ކަމަށް ވެސް ބުންޏެވެ. އެ އުސޫލުގެ ދަށުން ވެސް ބަހާނީ ގޭބިސީއަކަށް ޕެކެޓެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި ފަގީރުންގެ ގޭބިސީތަކަށް ބެހުމަށް ފަހު، ކޮންމެ 100 ގޭބިސީއަކަށް 26 ޕެކެޓް ކަދުރު ބެހޭނެ ކަމަށެވެ. ގޭބިސީތަކަށް ކަދުރު ބަހާނީ، ހަވާލުވާން ދާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ބެލުމަށް ފަހު އެވެ.
ސައުދީން މި އަހަރު ރާއްޖެ އަށް 50 ޓަނުގެ (25،000 ޕެކެޓް) ކަދުރު ހަދިޔާކުރި އެވެ.
ސައުދި އަރަބިއްޔާ އިން މި އަހަރު ރާއްޖެ އަށް ހަދިޔާކުރި ކަދުރު ދިވެހި ސަރުކާރާ ހަވާލުކުރުމަށް މެއި 12، 2022 ގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އާއި ސައުދީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީ ސޮއިކުރައްވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ކަދުރު ބާހާނީ އިސްލާމިކް މިނިސްޓްރީން، އިސްލާމީ މަރުކަޒުގަ އެވެ. ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ އެ ރަށެއްގެ ކައުންސިލްތަކުންނެވެ.
- ހެނދުނު 8:45 އިން މެންދުރު 14:00 އަށް.
- ކަދުރު ބަހާނީ މި މަހު 16 އިން ފެށިގެން 31 ގެ ނިޔަލަށް.
އާންމު ގޮތެއްގައި، ކޮންމެ އަހަރަކު ވެސް ސައުދީން ހަދިޔާކުރާ ކަދުރު ރޯދަމަސް ފެށުމުގެ ކުރިން ލިބެ އެވެ. އެކަމަކު މި އަހަރު ރޯދަ މަސް ނިމުނު އިރު ވެސް ކަދުރެއް ނުލިބެ އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ކަދުރު ލިބުން ލަސްވީ، މި އަހަރުގެ ކަދުރު މޫސުން ވެސް ލަސްވެ، ސައުދީން ކަދުރު ފޮނުވުމުގައި ވެސް ލަސްތަކެއް އުޅުމުން ކަމަށެވެ.
ކަދުރު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސައުދީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީ ވިދާޅުވީ ރޯދަމަހަށް ކަދުރު ފޮނުވަން ނިންމި ގައުމުތަކަށް އެ މަސް ތެރޭ ކަދުރު ލިބޭނެ ކަމަށް އުންމީދުކުރެއްވިޔަވެސް ރާއްޖެއެކޭ އެއްގޮތަށް އެހެން ގައުމުތަކަށް ވެސް ކަދުރު ލިބުން ބޮޑަށް ލަސްވީ ދަތުރުފަތުރާއި ގުޅިގެން ދިމާވި ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅެފަހެ
18 May 2022
ސައުދީއަށް އަންގާލަބަލަ މިގައުމަށްވެސް ރޯދަމަސް ނިމުނުކަން. ދެން އަންނަ އަހަރުގެ ރޯދަމަހަށް ކަދުރު ހޯދަން އަދި ތަންކޮޅެއް އަވަސްކަން. އެހެންޏާ ރޯދަމަހަށް ދޭން ގަސްތުކުރާ އެއްޗެއް ދެވެން ނެތްނަމަ އެއަހަރަކު ނުދިނުން މާ ރަގަޅުހެން ހީވަނީ.
ރޯޒަސް
18 May 2022
ތިހުރިހާ ކަދުރެއް ފަގީރުންނަށް ދިނުން ކިހިނެތްވާނެބާ؟
ސޯލިބ
18 May 2022
އައިޑީކާޑު ހިފައިގެންދިޔައްމާ ކޮންމެމީހަކަށް 2ކަދުރުދިނީމާ އެންމެނަށް ކަދުރު ލިބޭވަރުވާނެ. އެއީ އިންސޯފަކީ.
މައުލޫމާތު
18 May 2022
50 ޓަނު ކަދުރު ލިބުނު. 25000 ޕެކެޓު ލިބިފަހުރީ ޕެކެޓެއްގަ ހުންނަނީ 1 ކިލޯ. މި ވީ ކިހިނެއް. ޢަސްލު ލިބުނީ ކިތައް ޕެކެޓު؟؟؟
ޝުކުރިއްޔާ ސައުދީ
18 May 2022
ދިވެހިންނަކީ ތިހާ ނިކަމެތި ބަޔެއް ނޫން.. މި ރޯދަމަހު މާލޭ ބާޒާރުން ކަދުރު ހުހެއް ނުވޭ.. ސައުދީ އަށް ކަދުރު މޫސުން ނަޔަސް ރާއްޖެއަށް ބޯކޮށް ކަދުރު އެތެރެކޮށް ވިޔަފަރިވެރިން ވިއްާފަ ވޭ..ރޯދަ ނިމިގެން ކަދުރު މޫސުންއައިސްގެންކަދުރު އަޅާ ދޮންވެ ފަޢްކަވެ އެ ބިނދެގެން ޕެކްކޮށްފަ ޤައުމު ޤައުމަށް ފޮނުވަން ހާދަ ކުދަ ވަގުތު ކޮޅެކޭ ދޯ ތިނެގީ... ތިހުރިހާކަމަކަށް 1 މަސް. ސާބަސް
ޗާލު ޕަރީ
18 May 2022
އޯކޭ. ތިޔަ މަދުވެގެނެއް ނޫޅެން. ފިހާރަތަކުގައި ބައިވަރު އެބަހުރި ސުޓޮކު، ރޯދަ ނިންމާފައިވެސް ގިނަވެގެން ނުވިކި. ލާރި ހުރި މީހުން ގަންނަންވީ. ލަދުވެތިކަމެއް ސޮދަގާތަށް އަތް ދިއްކުރަން ޖެހުމަކީ.
އަސާސީ ކަދުރު
18 May 2022
ސައުދީން ހިލޭ ބަހާ ކަދުރު ނުލިބިގެން ރޯދަ ނުހިފާ ބަޔަކު މިރާއްޖޭގައި އުޅޭތަ... 20 ރުފިޔާއަށް 200ގ ޕެކެޓެއް ގަންނަންވެސް ލިބޭ..
ސަނީް
18 May 2022
މީ ދިވެހިންނަށް އެހާ މުހިއްމު ހިލޭ އެހީއެއް ނޫން އިގޭތޯ! ސަރުކާރުންވެސް މިކަމަށް ނޯ ބުނަން ދަސްކުރަން ވީނު
ހަސަނުު
18 May 2022
ޖީޑީޕީ ޕާކެޕިޓާ ބޮލަކަށް 10000 ޑޯލަރު ޖެހޭ ގައުމުން މިހާރު ބޭނުންވަނީ ކޭސް ދޯ؟
ދޮންބެއަލީ
18 May 2022
ދާދި އެއްފާޑަކަށް ހުރިހާކަމެއްވެސް ކުރިޔަށް ދަނީ ކަދުރުވެސް ޓީޗަރުންގެ މުސާރަވެސް އޮޅުން ބޮޅުން ވެފައި..ކީކޭދެން ބުނާނީ
މުހައްދު އަހްމަދު
18 May 2022
މި ސަރުކާރު އައިފަހުން އަދި އަތޮޅު ތެރެއަށް ކަދުރެއް ނުފޮނުވާ.