ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ރަންގްނިކްގެ ވަދާއީ މެޗުން ބަލިވިޔަސް ޔުނައިޓެޑަށް ޔޫރޮޕާ ލީގުގެ ޖާގަ ލިބިއްޖެ

ލަންޑަން (މެއި 22) - އިނގިރޭސި ޕްރިމިއާ ލީގު ފަހު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވިއަސް އަންނަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ޖާގަ ޔުނައިޓެޑުން ކަށަވަރު ކޮށްފި އެވެ.

މި ސީޒަންގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވިނަމަވެސް، ޗެމްޕިއަންސް ލީގު ޖާގަ ކަށަވަރު ކުރެވޭހާ ފެންވަރަކަށް ޔުނައިޓެޑަކަށް ނުދެވުނެވެ. މިމެޗަކީ ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ހަމަޖެއްސި، ފާފް ރަންގްިކް އެޓީމަށް އިރުޝާދު ދިން ފަހު މެޗެވ. މިއަދުން ފެށިގެން ޔުނައިޓެޑްގައި އޭނާ އަށް ހަމައެކަނި ޒިންމާއަކީ އެޑްވައިޒަރެއްެ ރޯލެވެ. އަންނަ މަހުން ފެށިގެން އެރިކް ޓެން ހަގް ރަސްމީކޮށް ޔުނައިޓެޑްގެ ކޯޗުގެ ޒިންމާއާ ހަވާލު ވާނެ އެވެ.

ޕްރިމިއާ ލީގުން ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ލިބުނީ ޓޮޓެންހަމް ހޮޓްސްޕާސް އަށެވެ. ނޯރިޗް ސިޓީ ބަލިކޮށޮ ޓޮޓެންހަމް ވަނަ ހަތަރުވަނަ މަގާމު ކަށަވަރުކޮށްފަ އެވެ.

ޔުނައިޓެޑް ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ކުޅުނު މެޗުން ބަލިވީ 1-0 އިންނެވެ. ޕެލަސްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ ވިލްފްރެއިޑް ޒާހާ އެވެ. ޔުނައިތެޑުން ނަތީޖާ ބަދަލު ކޮށްލެވޭތޯ މަސައްކަތް ކުރި ނަމަވެސް އެޓީމުގެ ޒުވާން ކުޅުންތެރިން ކަމަށްވާ ހަނިބާލް މެޖްބްރީ އަދި އަލިހަންދްރޯ ގަރްނާޗޯ އަށް ލިބުނު ފުރުސަތުތައް ކާމިޔާބެއް ނުވި އެވެ.

މި ނަތީޖާއާ އެކު ވެސް ޔުނައިޓެޑަށް ޔޫރޮޕާ ލީގު ޔަގީންވީ ހަތްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ބްރައިޓަން ބަލި ނުކުރެވުމުންނެވެ. ބްރައިޓަންގެ ދަނޑުގައި ވެސްޓް ހޭމް ބަލިވީ 3-1 އިންނެވެ. ފުރަތަމަ ހާފް ނިމެން ފަސް މިނިޓަަށް ވެފައި ވަނިކޮށް މިޝޭލް އެންޓޯނިއޯ ވެސްޓް ހޭމް އަށް ލީޑު ނަގައިދިން ނަމަވެސް ފަހު ހާފުގައި ބްރައިޓަން އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

ވެލްވެކް، ވެސްޓް ހޭމް ކޮޅަށް ބްރައިތަންގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު، ބްރައިތަން މިސީޒަން ނިންމާލީ ލީގުގެ ނުވަވަނައިގައި.-- ފޮޓޯ: އޭއެފްޕީ

މި މަހުގެ ކުރީކޮޅު އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވެސް 4-0 އިން ބަލިކުރި ބްރައިޓަން އަށް، ވެސްޓް ހޭމްއާ އެއްވަރު ކުރި ލަނޑު 50 ވަނަ މިނިޓުގައި ޖަހައިދިނީ ޖޮއެލް ވެލްޓްމަން އެވެ. އަދި މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ލީޑް ނަގައިދިނީ ޕާސްކަލް ގްރޮސް އެވެ. އަދި އިތުރު ވަގުތުގައި ތިންވަނަ ލަނޑު ޖަހައިދިނީ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޑެނީ ވެލްބެކެވެ.

މިއާ އެކު ޔުނައިޓެޑަށް ލިބުނު 58 ޕޮއިންޓާ އެކު އެޓީމު ލީގު ނިންމާލީ ހަވަނައިގަ އެވެ. ވެސްޓް ހޭމް ހޯދި 56 ޕޮއިންޓާ އެކު އެޓީމު ޖެހޭނީ ޔޫރޮޕާ ކޮންފަރެންސް ލީގު ކޮލިފައިން ކުޅޭށެވެ.

ޔުނައިޓެޑާ އެކު އާސެނަލް ވެސް އަންނަ ސީޒަނުގައި ކުޅެން ޖެހޭނީ ޔޫރޮޕާ ލީގެވެ. މިއީ ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު އާސެނަލް ޔޫރަޕުގެ ލީގަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

އެވަޓަންއާ ދެކޮޅަށް މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފަސޭހަ ކަމާ އެކު އާސެނަލް 5-1 އިން ކާމިޔާބު ކުރި ނަމަވެސް އެޓީމަށް ލީގު ނިންމާލަން ޖެހުނީ ފަސްވަނައިގަ އެވެ. ޓޮޓެންހަމް ވަނީ ފަސޭހަ ކަމާ އެކު 5-0 އިން ނޯރިޗް ސިޓީ ބަލިކޮށް، އާސެނަލްގެ ކުރީގައި ހޯދާފައިވާ ދެ ޕޮއިންޓުގެ ލީޑު ދަމަހައްޓައިފަ އެވެ.

ކޮން ޓޮޓެންހަމަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއާ އެކު އާސެނަލް އަށް ލިބިފައި ވަނީ 69 ޕޮއިންޓެވެ. އަދި ޓޮޓެންހަމަށް ވަނީ 71 ޕޮއިންޓާ އެކު ޗެމްޕިއަންސް ލީގު ޖާގައެއް ޔަގީން ކޮށްފަ އެވެ.

ރަށުން ބޭރުގައި ކުޅުނު މެޗް ޓޮޓެންހަމުން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލަނޑު ޑިޔާން ކުލުސެވްސްކީ ޖެހިއިރު ހެރީ ކޭން ވެސް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހައިފަ އެވެ. ޓޮޓެންހަމްގެ ތިންވަނަ ލަނޑު ފަހު ހާފުގައި ޖެހީ ކުލުސެވްސްކީ އެވެ. އަދި އެޓީމުގެ ފަހު ދެ ލަނޑު ގާތްގާތުގައި ޖަހައިދިނީ ސޮން ހެއުން މިން އެވެ. މި ދެ ލަނޑާ އެކު ސޮން ވަނީ ލިވަޕޫލްގެ މުހައްމަދު ސަލާހާ އެކު 23 ލަނޑު ހަމަކޮށްގެން ލަނޑު ލިސްޓުގެ އެންމެ ކުރި ހޯދައިފަ އެވެ.

އާސެނަލްގެ ލަނޑުތައް ޖަހައިދިނީ ގެބްރިއެލް މާޓިނެލީ އާއި އެޑީ ކެޓިއާ އަދި ސެޑްރިކް ސޯރެސްގެ އިތުރުން ގެބްރިއެލް މަގަޅޭސް އާއި މާޓިން އޮޑެގާޑެވެ. އެވަޓަންގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ޑޮނީ ވެން ޑި ބީކް އެވެ.

އާސެނަލްގެ ޑިފެންޑަރު ގެބްރިއެލް މަގަޅޭސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ތިންވަނައިގައި އޮތް ޗެލްސީން ވަނީ މެޗުގެ ފަހު ވަގުތުގައި ޖެހި ލަނޑުން މޮޅަކާ އެކު ސީޒަން ނިންމާލައިފަ އެވެ. ވަޓްފޯޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޗެލްސީ ކާމިޔާބުކުރީ 2-1 އިންނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ކައި ހަވާޓްޒް ޗެލްސީ އަށް ލީޑު ނަގައިދިން ނަމަވެސް ވަޓްފޯޑަށް އެއްވަރު ކުރީ 87 ވަނަ މިނިޓުގައި ޑޭން ގޮސްލިން ޖެހި ލަނޑުންނެވެ. އެކަމަކު ރޮސް ބާކްލީ ވަނީ އިތުރު ވަގުތުގައި ލަނޑެއް ޖަހައި ޗެލްސީ އަށް ތިން ޕޮއިންޓް ހޯދައިދީފަ އެވެ.

ވެސްޓް ހޭމްގެ ފަހަތުން އަށްވަނައިގައި ނިންމި ލެސްޓާ ސިޓީ ވެސް ވަނީ އަމިއްލަ ދަނޑުގައި 4-1 އިން ސައުތެމްޓަން ބަލި ކޮށްފަ އެވެ. ލެސްޓާގެ ލަނޑުތައް ޖަހައިދިނީ ޖޭމްސް މެޑިސަން އާއި ޖެމީ ވާޑީ އަދި އަޔޯޒީ ޕެރޭޒް އެވެ. ޕެރޭޒް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ސައުތެމްޓަން އަށް ސުން ކަނޑުވާލީ ޕެނަލްޓީއަކުން ޖޭމްސް ވާޑް ޕްރައުސް އެވެ.

ލީޑްސް އަށް ކާމިޔާބު، ރެލިގޭޓްވީ ބާންލީ

ލީޑްސް ޔުނައިޓެޑާއި ބާންލީ ފަހު މެޗަށް ނުކުތުމުގެ ކުރިން ދެ ޓީމު ވެސް އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރު ވެފަ އެވެ. ފަހު މެޗުގައި ލީޑްސް އިން ރަށުން ބޭރުގައި 10 ކުޅުންތެރިންނާ އެކު ކުޅުނު ބްރެންޓްފޯޑާ ދެކޮޅަށް ކުޅެ 2-1 އިން މެޗު ކާމިޔާބު ކުރި ނަމަވެސް، ބާންލީ ވަނީ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިތެޑް އަތުން 2-1 އިން ބަލި ވެފަ އެވެ.

ލީޑްސްގެ ރަފީނިއާ ލަނޑު ޖެހުމަށް ފަހު، މި ސީޒަނަށް ފަހު އޭނާ ބާސެލޯނާއާ ގުޅެން އުޅޭ އަޑުތަކެއް ވެސް ވަނީ ފެތުރިފައި.-- ފޮޓޯ: އޭއެފްޕީ

ލީޑްސްގެ ރަފީނިއާ ޕެނަލްޓީއަކުން 56 ވަނަ މިނިޓުގައި ލީޑު ނަގައިދިންއިރު 78 ވަނަ މިނިޓުގައި ބްރެންޓްފޯޑަށް އެއްވަރު ކޮށްދިނީ ސާޖީ ކޭނޯސް އެވެ. އޭނާ ލަނޑު ޖަހައި އުފާފާޅުކުރުމުގައި ޖޯޒީ ބޭލުމުން އޭނާ އަށް ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް އަލުން ކުޅުން ފަށައިގެން ފުރަތަމަ މިނިޓުގައި ރަފީނިއާ އަށް ފައުލް ކޮށްގެން އޭނާ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

އެކަކު މަދުކޮށް ކުޅެމުން ދިޔަ ބްރެންޓްފޯޑް ކޮޅަށް ލީޑްސް މޮޅުވި ލަނޑު، ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖެހީ ޖެކް ހެރިސަން އެވެ. މި ނަތީޖާއާ އެކު ލީޑްސް ވަނީ 38 ޕޮއިންޓާ އެކު 17 ވަނަ އާއެކު އަންނަ ސީޒަނުގައި ވެސް ޕްރިމިއާ ލީގު ފުޓުބޯޅަ ޔަގީން ކޮށްފަ އެވެ. ނަމަވެސް 35 ޕޮއިންޓާ އެކު 18 ވަނައިގައި އޮތް ބާންލީ ވަނީ ހަ ސީޒަނަށް ފަހު އީއެފްއެލް ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެފަ އެވެ.

މެޗަށް ފަހު ބާންލީގެ ޑިފެންޑަރު ޓާކޯސްކީ.-- ފޮޓޯ: އޭއެފްޕީ

ބާންލީ ކޮޅަށް ނިއުކާސަލްގެ ދެ ލަނޑު ވެސް ޖެހީ ކެލަމް ވިލްސަން އެވެ. އޭނާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖެހިއިރު، ދެވަނަ ލަނޑު ޖަހައިދިނީ 61 ވަނަ މިނިޓުގަ އެވެ. އަދި ބާންލީގެ ހަމައެކަނި ލަނޑު 69 ވަނަ މިނިޓުގައި ޖަހައިދިނީ މެކްސްވެލް ކޯނެޓް އެވެ.

ބާންލީގެ އިތުރުން، 19 ވަނައިގައި ނިންމި ވަޓްފޯޑާއި 20 ވަނައިގައި ނިންމި ނޯރިޗް ސިޓީ ވެސް ވަނީ ޗެމްޕޕިއަންޝިޕަށް ރެލިގޭޓް ވެފަ އެވެ. ޗެމްޕިއަންޝިޕުގެ އެއްވަނައާ އެކު ފުލަމް އަދި ރަނަރަޕްގެ ގޮތުގައި ބޯންމައުތު އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ވަނީ ޖާގަ ހޯދައިފަ އެވެ.

ޕްރޮމޯޓްވާ ތިންވަނަ ޓީމަކަށް ވާނީ އަންނަ ހަފްތާ ހަޑާސްފީލްޑް ޓައުން އާއި ނޮޓިންހަމް ފޮރެސްޓް ކުޅޭ ޕްލޭއޮފް ފައިނަލުން މޮޅުވާ ޓީމެކެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

23 May 2022

މަރުހަބާ @ޕޮގުބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454